Sunday, November 24, 2013



މުސްލިމު ފިރިހެނުންނަށް 4 އަނބިން ހުއްދަވީއިރުގައި ރަސޫލާއަށް 11 އަނބިން ހުއްދަވީ އެއީ ކިހިނެތްވާނެ ކަމެއްތޯއެވެ؟

ޖަވާބު: ސޫރަތުއް ނިސާ: 3 ވަނަ އާޔަތުގައި މާތް ﷲ އަންގަވާފައިވެއެވެ.
"..... އަންހެނުންގެ ތެރެއިން ތިޔަބައި މީހުން ހިތްރުހޭ ބަޔަކާއި ކައިވެނިކުރާށެވެ! ދެމީހުންނާއެވެ. ނުވަތަ ތިންމީހުންނާއެވެ. ނުވަތަ ހަތަރު މީހުންނާއެވެ. ފަހެ ޢަދުލުވެރި ނުވެވޭކަމަށް ބިރުގެންފިނަމަ، އެކަކާއެވެ...."

ނަމަވެސް ހަމަ އެހެން އާޔަތެއްގައި ﷲ ވަޙީކުރައްވާފައިވެއެވެ.

"މީގެފަހުން، ކަލޭގެފާނަކަށް އިތުރަށް އަންހެނުން ހުއްދަވެގެން ނުވެއެވެ. އަދި އެކަނބަލުންގެ ރީތިކަން، ކަލޭގެފާނުން ޢަޖާއިބު ފުޅުވާ ދަރަޖައަށް ހުއްޓަސް، ކަލޭގެފާނުންގެ އަނބިއަނބިކަނބަލުންގެ ތެރެއިން ބައެއްގެ ބަދަލުގައި އެހެންބަޔަކާއި ކައިވެނި ކުރެއްވުންވެސް ކަލޭގެފާނަކަަށް ހުއްދަވެގެން ނުވެއެވެ..." ސޫރަތުލް އަހްޒާބް: 52
 

މިއާޔަތަކީ ﷲ ގެ ހަޟްރަތުން އެކަލޭގެފާނުންނަށް އެކަލޭގެފާނުންގެ އަނބިއަނބިކަބަލުން ދޫނުކޮށްލާ ބެހެއްޓުމަށް ދެއްވާފައިވާ ހުއްދައެކެވެ. އަދި އިތުރު ނުކުރުމަށް ނުވަތަ ބަދަލު ނުކުރުމަށް ކުރައްވާފައިވާ ޢަމުރެއްވެސްމެއެވެ.

އަހަރެމެން މިއާޔަތުގެ މާނައިގައިއެވާ އިތުރަށް އަންހެނުން ހުއްދަވެގެންނުވުމާއި އަދި ބަދަލުނުކުރުމަށް އަންގަވާފައިވަނީ ކީތްވެކަން ރަގަޅަށް ބަލައިލަމާށެވެ. ކީރިތި ޤުރުއާނުގެ އެހެން އާޔަތެއްގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

"....އަދި އެކަލޭގެފާނުންނަށްފަހު ދުވަހަކުވެސް އެކަލޭގެފާނުންގެ އަނބިކަނބަލުންނާ ކައިވެނިކުރުމެއް ތިޔަބައިމީހުންނަކަށް ހުއްދަވެގެނެއް ނުވެއެވެ. ހަމަކަށަވަރުން އެކަމަކީ ﷲގެ ޙަޟްރަތުގައި ބޮޑުވެގެންވާ ކަމެއްކަމުގައި (އެބަހީ: ފާފައެއްކަމުގައި) ވެއެވެ. ސޫރަތުލް އަހްޒާބް: 53

ވީމާ މިއާޔަތްތަކުން އިނގޭ އެއްޗަކީ އެކަލޭގެފާނުންނަށް އަނބިން އިތުރުކުރުމަށް ހުއްދަ ނެތްކަމާއި އަދި މީސްތަކުންނަށް އެކަލޭގެފާނުންގެ އަނބިކަނބަލުންނާއި ކައިވެނިކުރުން މަނާކުރެއްވުނުކަމެވެ.

އަދި އެކަލޭގެފާނުންގެ ކައިވެނިފުޅުތަކަކީ ސިޔާސީ ބޭނުމަކަށް ނުވަތަ މުޖުތަމަޢުގެ ހަމަޖެހުމަކަށް ކުރެއްވި ކައިވެނިފުޅުތަކެއްކަން އަހަރެމެންނަށް ރަގަޅަށް އިނގޭނެއެވެ. އެއީއަކީ ޝަހުވަތްތެރިކަމަކުން ކުރެއްވި ކަމެއް ނޫންކަންވެސް އިނގޭނެއެވެ.

އެކަލޭގެފާނުންގެ ފުރަތަމަ ކައިވެނިފުޅަކީ ސައްޔިދިނާ ޚަދީޖަތުގެފާނުގެ ޢުމުރުފުޅުން 40 ހުގައި އެކަމަނާއާއި ކުރެއްވި ކައިވެންޏެވެ. އެއިރު އެކަލޭގެފާނުންގެ ޢުމުރުފުޅަކީ އެންމެ 25 އަހަރުފުޅެވެ. އަދި އެއިރު އެކަމަނާއަކީ ދެފަހަރު ހުވަފަތްވެފައިވާ އަންހެންބެއިކަނބަލެކެވެ.

ވިސްނާލައްވާށެވެ. ކައިވެންޏަކީ އެކަލޭގެފާނުން ޝަހުވަތްތެރިކަމަށް ކުރެއްވި ކަމެއްނަމަ، ދެފަހަރު ހުވަފަތްވެފައި އިން އެކަލޭގެފާނުންނަށްވުރެ 15 އަހަރު ދޮށީ އަންހެން ބެއިކަނބަލަކާއި ކައިވެނިކުރައްވާނެތޯއެވެ؟

އަދި ބައްލަވާށެވެ. އެކަމަނާ ދުނިޔޭގައި އިންނެވިހާ ހިނދަކު އެކަލޭގެފާނުން އެހެން އަންހެން ބެއިކަނބަލަކާއި ކައިވެންޏެއް ނުކުރައްވައެވެ. އެކަލޭގެފާނުންގެ ޢުމުރުފުޅުން 50 ވަނައަހަރު ޚަދީޖަތުގެފާނުން އަވަހާރަވެވަޑައިގަތެވެ. ދެން އެކަލޭގެފާނުންގެ ޢުމުރުފުޅުން 53 އަހަރާއި 56 އަހަރާއި ދެމެދު އެހެން އަންހެން ބެއިކަނބަލުންނާއި ކައިވެނިފުޅުކުރެއްވިއެވެ. އެހެންކަމުން އެކަލޭގެފާނުން ޝަހުވަތައް އެދި ކުރެއްވި ކައިވެނިތަކެއްނަމަ، އެކައިވެނިތައް ކުރެއްވީހީ އެކަލޭގެފާނުންގެ ޅަދުވަސްވަރުގައެވެ. ސައިންސް އަހަރެމެންނަށް ބުނެދޭގޮތުން ދުވަސްވީ ވަރަކަށް ޝަހުވަތްެތެރިކަމާއި މީހުންދާނީ ދުރަށެވެ.

އެކަލޭގެފާނުންގެ ކައިވެނިފުޅުތަކަށް ބަލާއިރު ހަމައެކަނި ދެކައިވެންޏެއް (އެއީ ޚަދީޖަތުގެފާނުންނާއި އަދި ޢާއިޝަތުގެފާނުންނާއި ކުރެއްވި ކައިވެނިފުޅު ފިޔަވައި) އެހެނިހެން ކައިވެނިތަކަކީ އިޖްތިމާއީ މައްސަލައަކަށް ނުވަތަ ސިޔާސީބޭނުންފުޅަކަށް ކުރެއްވި ކަމެއްކަމުގައި އިނގޭނެއެވެ. އަދި އަހަރެމެން ރަގަޅަށް ބަލައިފިނަމަ އެކަލޭގެފާނުންގެ އަނބިއަނބިކަބަލުންގެ ޢުމުރު 36 އަކަށްވުރެ ދަށްވާނީ އެންމެ ދެބެއިކަނބަލެއްގެއެވެ. އެހެން ހުރިހާ ބެއިކަނބަލުންގެ ޢުމުރުފުޅުތަކަކީ ކައިވެނިކުރެއްވިއިރު 36 އަހަރާއި 50 އަހަރާއި ދެމެދުއެވެ.

އެކަލޭގެފާނުންގެ ކައިވެނިފުޅުތަކަށް ބަލާއިރު:
ސައްޔިދިނާ ޖުވައިރިއްޔާ މިސާލަކަށް ބަލާށެވެ. އެކަމަނާއަކީ ބަނޫ މުސްތަލިޤް ވަންހައިގެ ބެއިކަނބަލެކެވެ. އެއީ ވަރަށް ބާރުގަދަ ވަންހައެކެވެ. އެއްފަހަރަކު އެބައިމީހުންގެ ބަޔަކު ވަނީ މުސްލިމުންގެ ލަޝްކަރުގެ އަތްދަށުގައި ހައްޔަރުވެސް ވެފައެވެ. ދެން ފަހުން ރަސޫލުﷲ ގެފާނުން އެކަމަނާއާއި ކައިވެނިވުމުން އަޞްޙާބުބެއިކަލުން ވިދާޅުވިއެވެ: ތިމަންމެން ރަސޫލުﷲ ގެފާނުންގެ އަނބިކަނބަލެއްގެ އަޚުން އަޅުވެތިކުރާނީ ކިހިނަކުންތޯއެވެ. ދެން އެމީހުން ދޫކޮށްލެއްވިއެވެ. އަދި އެއަށްފަހުގައި އެވަންހައާއި މުސްލިމުން ރަޙުމަތްތެރިވިއެވެ.

އަނެއް މިސާލަކަށް ސައްޔިދިނާ މައިމޫނާ ރަޟިޔަﷲ ޢަންހެވެ. އެކަމަނާއަކީ ނަޖްދު ކަރައިގެ ވެރިއަކަށްހުރި މީހާގެ އަންހެނުންގެ އުޚްތެވެ. މި ނަޖްދު ކަރައިގެ މީހުން ވަނީ 70 މުސްލިމުން ޝަހީދުވެސް ކޮއްލާފައެވެ. ނަމަވެސް އެކަލޭގެފާނުން މައިމޫނާ އާއި ކައިވެނި ބައްލަވައިގެންފަހުން އެމީހުން އެމީހުންގެ ލީޑަރަކަށް އިތުރު މާތް ރަސޫލާ ޚިޔާރު ކުރިއެވެ. އަދި ވެރިރައްކަމުގައި މަދީނާ ޚިޔާރުކުރިއެވެ. އެކަލޭގެފާނުންގެ ކައިވެނިފުޅުތަކަކީ މިފަދަ ކައިވެނިފުޅުތަކެވެ.

އެކަލޭގެފާނުން އުއްމު ޙަބީބާއާއި ކައިވެނި ބައްލަވައިގަތީ އެކަމަނާއަކީ މައްކާއި ވެރިޔާ: އަބޫ ސުފްޔާންގެ ދަރިކަނބަލުންކަމުގައިވާތީއެވެ. މިކައިވެނި މައްކާ ފަތަޙަކުރުމުގައި ވަރަށް މުހިއްމު ކަމެއްކަމުގައި ވިއެވެ.

އަނެއް މިސާލަކަށް، ސައްޔިދިނާ ޞޮފިއްޔާ ރަޟިޔަﷲ ޢަންހް، އެކަމަނާއަކީ ޔަހޫދީންގެ ބޮޑުންކުރެ ބޮޑެއްގެ ދަރިކަނބަލެކެވެ. އެކައިވެންޏައްފަހު އެޔަހޫދީން މުސްލިމުންނާއި ރައްޓެހިކަމެއް އޮތެވެ.

އެކަލޭގެފާނުން ޢުމަރުގެފާނުންގެ ދަރިކަނބަލުން ޙަފްސާ ގެފާނުންނާއި ކައިވެނި ބައްލަވައިގަތެވެ. އެއިރުން އެކަލޭގެފާނުންގެ އަޞްޙާބުންނާއި އެކަލޭގެފާނުންނާއި ގާތްގުޅުން ބަދަހިވުމަށްޓަކައެވެ. މިފަދައިން އެކަލޭގެފާނުންގެ ކައިވެނިފުޅުތަކަކީ މިބޭނުންފުޅުތަކަށްޓަކައި ކުރެއްވި ކައިވެނިފުޅުތަކެކެވެ. ޝަހުވަތައް ކުރެއްވެވި ކަމެއްނޫނެވެ.

ޖަވާބުދެއްވީ: ޑރ. ޒާކިރު ނައިކް

0 comments: