Saturday, November 22, 2014


17. މިހިލާފަތުގައި އިސްލާމީ ދުނިޔޭގައި އަދުލުވެރިކަން ފެތުރުނީ ވަރަށްވެސް ބޮޑަށެވެ. މިތަނުގައި މި ކިޔައިދެނީ އެކަމަށް ހެކިދޭވާހަކަތަކެވެ. އެއްފަހަރަކު މިސްރުން އަންހެނަކު ޚަލީފާކައިރިޔަށް އައެވެ. އާދެ މިސްރުން ދިމިޝްގަށް އައީ ކީއްކުރަންކަން އެނގޭތޯއެވެ؟ އެ އަންހެންމީހާގެ ކުކުޅުތައް ވަގަށް ނަގާތީއެވެ. ކުކުޅު ވަގަށްނަގާތީ މިސްރުން ދިމިޝްގަށް މީހަކު އަންނާނީ ހަމަގައިމުވެސް އިންސާފެއް ލިބޭނެކަން ޔަޤީންވާތީތާއެވެ. މިމީހާއައިސް ޝަކުވާ ހުށައެޅުމުން ގަވަރނަރަށް އެމީހާގެ ގޭގެ ފާރު އުސްކުރުމަށް ލާރިދޭން އަމުރުކުރިއެވެ. މިއަދު ގޭދަރިންކޮޅު ވަގަށްނަގައި ތަޅާމަރައި ރޭޕްކޮށް ކަންކަން ކުރާއިރުވެސް ހައްޤެއް ހޯދައިދެވުނު އެކަކުވެސް ވޭތޯއެވެ. އެއިންކަމެއް މަދުކުރެވުނުތޯއެވެ...


13. ދުވަސްވަރަކީ ހޫނު މޫސުމުގެ ހޫނުގަދަ ދުވަސްވަރެވެ. އެއްދުވަހަކު އުމަރު ބުން އަބްދުލް އަޒީޒު އެކަލޭގެފާނުގެ އަޅު އަންހެނެއް ކުރެން އެކަލޭގެފާނަށް ވައި ޖައްސައި ދިނުމަށް އެދިވަޑައިގަތެވެ. ދެން މި އަޅު އަންހެންމީހާ އެކަލޭގެފާނަށް ވައި ޖައްސައި ދޭން ހުއްޓައި އުމަރު ބުން އަބްދުލް އަޒީޒަށް ނިދިކުރެއްވިއްޖެއެވެ. އަޅު އަންހެނާއައްވެސް ވައި ޖައްސަން ހުރެ ވަރުބަލިވެގެން މަޑުމަޑުން ގޮސް ނިދިއްޖެއެވެ. އިރު ކޮޅަކުން އުމަރު ބުން އަބްދުލް އަޒީޒަށް ހޭފުޅުލެވުނު އިރު އެކަލޭގެފާނަށް ފެނިވަޑައިގަތީ އެއަޅު އަންހެންމީހާ ނިދިފައިވާ މަންޒަރެވެ. އަދި ހޫނުގެ ސަބަބުން މުޅިމޫނު ރަތްވެ ދާހިއްލާ ފޯވެފައިވާ ތަނެވެ. މިތަން ދެކެވަޑައިގެން ފަންކާ ނަންގަވައި އެއަޅު އަންހެންމީހާއަށް ވައިޖައްސަވައިދެއްވަން އިންނެވިއެވެ. އިރުކޮޅަކުން މި އަޅު އަންހެންމީހާއަށް ހޭލެވިއްޖެއެވެ. އަދި އުމަރު ބުން އަބްދުލް އަޒީޒު (ޚަލީފާ) އޭނާއަށް ވައިޖައްސަވައިދެއްވަން އިން މަންޒަރުފެނި ލަދުގަނެ އަވަހަށް ފަންކާ އަތުލައްވައި އެކަލޭގެފާނަށް ވައިޖައްސަވައިދެއްވަން އުޅުނެވެ. އުމަރު ބުން އަބްދުލް އަޒީޒު ވިދާޅުވިއެވެ. ކަލޭވެސް ތީ ތިމަންފަދަ އިންސާނެކެވެ. ތިމަންނައަށް ކަލޭއަށް ހޫނުވެފައިވާ މަންޒަރު ދުށީމެވެ އެހެންކަމުން މަށަށް ވައިޖައްސައިދިން ފަދައިން ކަލެއަށްވެސް މި ވައިޖައްސައިދެނީއެވެ. ރީވެތި ނަމޫނާއެއް ނޫންހެއްޔެވެ؟ މިވެރިން އަދުގެ ވެރިންނައި އަޅައިވެސް ނުކިޔޭނެއެވެ...


8. ހަލީފާއާއި ހަވާލުވެވަޑައިގަތުމަށްފަހު ގާތްތިމާގެ އެންމެން އެއްކުރައްވައި އެބައިމީހުންނަށް ނުހައްގުން ވެރިކަމުގެ ފަރާތުން ލިބިފައިވާ ހުރިހާ މުދަލެއް ހޯއްދެވާ އެ ބައިތުލް މާލަށް ލެއްވިއެވެ. އަދި ހުދު އެކަލޭގެފާނުވެސް އެކަލޭގެފާނުގެ އަނބިކަނބަލުންނަށް އެދުވަހު ވިދާޅުވިކަމަށްވެއެވެ. އޭ ފާތުމަތެވެ. ތިމަންކަލޭގެފާނާއި ބޮޑު މަސްއޫލިއްޔަތެއް ހަވާލުވެވިއްޖެއެވެ. ތިމަންނައާއި އެކީ އުޅެންބޭނުންނަމަ ކަމަނާއަށް ލިބިފައިވާ ހުރިހާ ރަނެއް ބައިތުލް މާލަށްލާށެވެ. ނޫނީ ކަމަނާ، ކަމަނާގެ އަހުލުންގެ ކައިރިޔަށް ދާށެވެ. ތިމަންކަލޭގެފާނާއި ކަމަނާއި މިރަނާއި އެއްތަނެއްގައި ވުމަށް ތިމަންކަލޭގެފާނު ނޭދެމެވެ. މިހެން ބުނުމުން ފާތުމަތުގެފާނު ވަރަށް ކީރިތި ކުރައްވައި ވިދާޅުވިއެވެ. މިފަދަ އެތައް ރަނެއް މީގެމައްޗަށް އިތުރު ކުރިކަމުގައިވިޔަސް ތިމަން ކަމަނާ ހިޔާރު ކުރާނީ ކަލޭގެފާނެވެ. އެއަށްފަހު ވެރިކަމުގެ "ގަނޑުވަރަށް" (ދިވެހިން ސިފަކުރާނަމަ ޖިފުޓިގަނޑަށް) ދިރިއުޅުން ބަދަލުކުރެއްވިއެވެ. މިއީ ހަމަ ވެރިންނަށް އިބުރަތެކެވެ. މިސާލެކެވެ. މިއަދު ވެރިކަމެއް ލިބިއްޖެ އާއިލާއެއްގައި މުއްސަނދި ނުވާނޭ ހަމަ އެކަކުވެސް ނުވެއެވެ. ރައްޔިތުން ފަގީރުހާލުގައި އުޅޭކަން ވެރިން ދެންނަނީ ސްޓޭޖަށް އަރާ ވޯޓުދޭށޭ ބުނަންވީމައެވެ.


މިފަހަރު މިލިޔެލަނީ އިސްލާމީ ތާރީޚުގައި ޚުލަފާއު ރާޝިދުންނަށްފަހު ފެނުނު އެންމެ އަދުލުވެރި ވެރިޔާގެ ބައެއް ވާހަކަތަކެވެ. އެދުވަސްވަރުގެ މުސްލިމުންގެ ހާލަތަކީ މިއަދު މުސްލިމުންގެ ހުވަފެނެވެ. އެ އަދުލުވެރިކަމަކީ މިއަދު ހިޔާލީ ވާހަކައެއްގައި ނޫނީ ނުފެންނާނެ އެއްޗެކެވެ. އާދެ! އުމަރު ބުން އަބްދުލް އަޒީޒު (رحمه ) ގެ ހަޔާތުން ބައެއް ސަފުހާތަކެވެ.