Saturday, November 22, 2014


8. ހަލީފާއާއި ހަވާލުވެވަޑައިގަތުމަށްފަހު ގާތްތިމާގެ އެންމެން އެއްކުރައްވައި އެބައިމީހުންނަށް ނުހައްގުން ވެރިކަމުގެ ފަރާތުން ލިބިފައިވާ ހުރިހާ މުދަލެއް ހޯއްދެވާ އެ ބައިތުލް މާލަށް ލެއްވިއެވެ. އަދި ހުދު އެކަލޭގެފާނުވެސް އެކަލޭގެފާނުގެ އަނބިކަނބަލުންނަށް އެދުވަހު ވިދާޅުވިކަމަށްވެއެވެ. އޭ ފާތުމަތެވެ. ތިމަންކަލޭގެފާނާއި ބޮޑު މަސްއޫލިއްޔަތެއް ހަވާލުވެވިއްޖެއެވެ. ތިމަންނައާއި އެކީ އުޅެންބޭނުންނަމަ ކަމަނާއަށް ލިބިފައިވާ ހުރިހާ ރަނެއް ބައިތުލް މާލަށްލާށެވެ. ނޫނީ ކަމަނާ، ކަމަނާގެ އަހުލުންގެ ކައިރިޔަށް ދާށެވެ. ތިމަންކަލޭގެފާނާއި ކަމަނާއި މިރަނާއި އެއްތަނެއްގައި ވުމަށް ތިމަންކަލޭގެފާނު ނޭދެމެވެ. މިހެން ބުނުމުން ފާތުމަތުގެފާނު ވަރަށް ކީރިތި ކުރައްވައި ވިދާޅުވިއެވެ. މިފަދަ އެތައް ރަނެއް މީގެމައްޗަށް އިތުރު ކުރިކަމުގައިވިޔަސް ތިމަން ކަމަނާ ހިޔާރު ކުރާނީ ކަލޭގެފާނެވެ. އެއަށްފަހު ވެރިކަމުގެ "ގަނޑުވަރަށް" (ދިވެހިން ސިފަކުރާނަމަ ޖިފުޓިގަނޑަށް) ދިރިއުޅުން ބަދަލުކުރެއްވިއެވެ. މިއީ ހަމަ ވެރިންނަށް އިބުރަތެކެވެ. މިސާލެކެވެ. މިއަދު ވެރިކަމެއް ލިބިއްޖެ އާއިލާއެއްގައި މުއްސަނދި ނުވާނޭ ހަމަ އެކަކުވެސް ނުވެއެވެ. ރައްޔިތުން ފަގީރުހާލުގައި އުޅޭކަން ވެރިން ދެންނަނީ ސްޓޭޖަށް އަރާ ވޯޓުދޭށޭ ބުނަންވީމައެވެ.


9. އެއީ ރޭގަނޑެއްގެ ވަގުތެކެވެ. އުމަރު ބުން އަބްދުލް އަޒީޒާއި އެކަލޭގެފާނުގެ ހަށިފާރަވެރިޔާއާއި އެއްކޮށް މިސްކިތައް ވަދެ ވަޑައިގެންނެވިއެވެ. އެއްވެސް އަލިކަމެއް ނެތުމުން މަޑުމަޑުން މިސްކިތްތެރެއަށް ވަދެވަޑައިގަތީ އެތަނުގައި ނިދަން އޮތް އެއްވެސް މީހަކަށް އުދަގުލެއް ނުވާނޭ ހެންނެވެ. ނަމަވެސް އަދިރީގެ ސަބަބުން އުމަރު ބުން އަބްދުލް އަޒީޒަށް އެތަނުގައި ނިދަން އޮތް މީހެއްގައިގައި ފައިން ޖެހުނެވެ. އެވަގުތު އެމީހާ ހޭލައިފައި ރުޅިއައިސްގެން ކަލޭތީ މޮޔައެއްހޭ ސުވާލުކުރިއެވެ؟ މިމީހާއަކަށްވެސް އަނދިރީގެ ސަބަބުން އެއީ އުމަރު ބުން އަބްދުލް އަޒީޒުކަމެއް ނޭނގެއެވެ. އުމަރު ބުން އަބްދުލް އަޒީޒު އެވަގުތު ޖަވާބުގައި ނޫނެކޭ ތިމަންނަމިއީ މޮޔައެއްނޫނޭ ވިދާޅުވިއެވެ. އެވަގުތު ހަށިފާރަވެރިޔާ ނިދަން އޮތް މީހާ އަމީރުލް މުއުމިނީންއާ މުހާތަބު ކުރި ހަޑިގޮތުން ރުޅިއައިސްގެން އެމީހާއަށް ދިމާލަށް ދާން އުޅުމުން އުމަރު ބުން އަބްދުލް އަޒީޒު ވިދާޅުވިއެވެ. އޭނާ ދޫކޮށްލާށެވެ. އޭނާ ތިމަންނައަށް ކުރީ ސުވާލެކެވެ. އަދި ތިމަންނަ އެސުވާލަށް ޖަވާބުދިނީއެވެ. އަދުގެ ހާލަތައް ބަލާ ކޮންމެ މީހަކަށް އެނގޭނޭހެން ރައީސަކަށް މިފަދަ ހުތުރު ބަހުން މުއާމަލާތުކުރާ މީހާއަށް ކުޑަގޮޅި ނޫން ގޮޅިއެއް ގެއެއް ހިޔާވައްސެއް ހަމަ ޔަގީނުންވެސް ނުވާނެއެވެ.


10. ދެންވެސް ހަމަ ރޭގަނޑެއްގެ ވަގުތެކެވެ. ރަޖާއު ބިން ހައިވާ އުމަރު ބުން އަބްދުލް އަޒީޒުގެ ގަނޑުވަރަށް ޒިޔާރަތް ކުރެއްވިއެވެ. އެގޮތުގައި އިންދާ ފުޅިބައްތި ނިވިއްޖެއެވެ. އެހިނދު ތެދުވެ އެތަނުގައި ނިދާފަ އޮތް އަޅަކަށް ގޮވައި އެ ފުޅިބައްތި ރޯކުރަން އަންގަވަން އުޅުއްވުމުން އުމަރު ބުން އަބްދުލް އަޒީޒު ވިދާޅުވިއެވެ. އެއަޅުމީހާ ބާއްވާށެވެ. އޭނާ އެވަނީ ދުވާލު މަސައްކަތް ކުރުމަށްފަހު އަރާމުކުރުމަށް ނިދާފައެވެ. އެވަގުތު ރަޖާއު އެކަލޭގެފާނު އަމިއްލައަށް އެކަން އިސްލާހުކުރައްވަން އުޅުމުން ވިދާޅުވިއެވެ. މެހެމާނުން ލައްވައި މަސައްކަތްކުރުން މެހެމާން ދާރީ އަދާކުރުމުގެ ތެރެއިން ނުވެއެވެ. އެހެން ވިދާޅުވެ ތެދުވެގެން ވަޑައިގަތް އަމިއްލަފުޅަށް އެކަން ރަނގަޅުކުރެއްވުމަށްފަހު އައިސް ދެންނެވިއެވެ. ތިމަންކަލޭގެފާނު ތެދުވެގެން މިތަނުން ދިޔައިރުވެސް މިއީ އުމަރެވެ. އަދި އައިއިރުވެސް މިއީ އުމަރެވެ. މާނައަކީ އެފަދަ ކަމެއްކުރުމަކުން ހަލީފާގެ އަގުވެއްޓި އިތުރުކަމެއްވެސް ނުމެވޭމެއެވެ. މިއަދުގެ ވެރިން އެހެންތޯއެވެ. އަތްފައި ގުޑުވާ ނުލާވިއްޔާ ތަންވެއްޓުނަސް ހަމަ ހިރިވެސް ނުލާނެއެވެ. ނުވިއިރު މިވެރިންނަކީ އުމަރު ބުން އަބްދުލް އަޒީޒުގެ ވެރިކަމާއި ގާތްކުރާ ވަރުގެ ވެރިކަމެއްވެސް ލިބިގެންވާ ބައެއްނޫނެވެ.

11. ހިލާފަތާއި ހަވާލުވުމަށްފަހު ފުރަތަމަ ވެސް ބެއްލެވީ އޭގެ ކުރިން އެއްވެސް ވެރިއެއްގެ ފަރާތުން މީހެއްގެ ހައްޤެއް ގެއްލިފައިވާނަމަ އެ ރައްދުކުރެއްވެވޭތޯއެވެ. މިގޮތުން ހައްޤު ހޯދަން އައުމަށް އެންގުމުން ވަރަށް ގިނަމީހުން އެކަލޭގެފާނުގެ ގަނޑުވަރަށް ޖަމާވިއެވެ. ދެން އެކަލޭގެފާނު އެބައިމީހުންގެ ހައްޤުތައް އަދާކޮއްދިނުމުގައި ހުންނެވިއެވެ. މިހެން ހުންނަވައި ވަރުބަލިފުޅުވެގެން އަރާމުކޮއްލުމަށް ގޭތެރެއަށް ވަދެވަޑައިގެން އޮށޯވެލެއްވިއެވެ. އެހިނދު އެކަލޭގެފާނުގެ ދަރިކަލުންނަށް އެތަނަށް އާދެވުނެވެ. އަދި މީސްތަކުން ބޭރުގައި މަޑުކޮއްގެން ތިބުމުން އެބައިމީހުންނަށް ހަލީފާ ކޮބައިތޯ ސުވާލުކުރެއްވެވިއެވެ. އެހިނދު އަރާމުކޮއްލުމަށް ގޭތެރެއަށް ވަދެ ވަޑައިގެންވާހަކަ ބުނުމުން އެކަލޭގެފާނުވެސް އެތެރެއަށް ވަދެ ވަޑައިގެން އެކަލޭގެފާނު ބައްޕާފުޅު (ހަލީފާ) އާއި ސުވާލުކުރެއްވެވިއެވެ. މީސްތަކުންގެ ހައްޤުތައް ނުދެއްވައި އަރާމުކުރައްވަނީތޯއެވެ. އެހިނދު ހަލީފާ ޖަވާބުދެއްވިއެވެ. ވަރުބަލި ފިލުވާލުމަށްފަހު އެނބުރި ހައްޤުތައް އަދާކުރުމަށް ދާނަމެވެ. އެވަގުތު ހަލީފާގެ ދަރިކަލުން ވިދާޅުވިއެވެ. ކަލޭގެފާނަށް ތިނިދިން ހޭލެވޭނެކަމުގެ ޔަގީންކަން އެބަ އޮތްތޯއެވެ؟ ނިދީގައި އަވަހާރަ ވެއްޖެނަމަ އެބައިމީހުންގެ ހައްޤުތަކާއި ބެހޭގޮތުން ސުވާލުވެވެ ހިނދު ކަލޭގެފަނު ދެއްވާނީ ކޮން ޖަވާބެއްތޯއެވެ؟ މިހެން ވިދާޅުވުމުން ހަލިފާ އަވަހަށް ތެދުވެވަޑައިގަން ދަރިކަލުންނަށް ބޮސްދެއްވުމަށްފަހު ނުކުމެ ވަޑައިގެން ހައްޤުގެއްލިފައިވާ މީހުންނަށް އެހައްގު އަދާކުރުމުގައި އެދުވަހު ހުންނެވިއެވެ. މިއަދު ހައްޤުތައް ވީ ވީތާކުއެވެ. ހާލުގައިއުޅޭ މީހުން އުޅެނީހަމަ ހާލުގައެވެ. ނުހައްގުން އަނިޔާލިބިފައިވާ މީހުންވެސް މަދެއްނޫނެވެ. އަނެއްކޮޅުން ވެރިންގެ ދަރިން މިފަދަތޯއެވެ. ހުދުކޮތަރު ފެންނަހެންވެސް މަތީމަގާމެއްގެ މީހެއްގެ ދަރިއަކު ހެޔޮމަގެއްގައި ހުއްޓައި ނުފެންނާނެއެވެ.

12. ރޯމަނުންގެ ވެރިކަމުގެ ވާހަކަ އަޑުއެއްސެވީމުތޯއެވެ. އެބައިމީހުންގެ ވެރީންނަކީ އަރާމާއި އިއްޒަތުގައި އުޅުން ބައެކެވެ. އެވެރިކަމުގެ މުއްސަނދިކަމާއި އާރާއި ބާރުފެނުންމީހަކު ހައިރާންވާނެތެވެ. އުމަރު ބުން އަބްދުލް އަޒީޒުގެ ހަލީފާކަމުގެ ދުވަސްވަރެވެ. އެއްފަހަރަކު ރޫމުން މީހަކު ދިމިޝްގަށް މުސްލިމުންގެ ހަލީފާއާއި ބައްދަލު ކުރަން އައެވެ. އައިސް މީހުންކައިރީ ހަލީފާގެ ގަނޑުވަރަށް ދާނޭ މަގު އަހަމުން އަހަމުން އައިސް ދަތުރު ނިމުނީ ޖިފުޓިގަނޑެއް ކައިރިޔަށެވެ. ބޭރުގައި ދެރަ މިކަމެތިމީހަކު މަސައްކަތެއް ކުރަން ހުއްޓެވެ. އަދި އެމީހާއަށް އެހީވުމަށް ނިކަމެތި އަންހެނަކު ހުއްޓެވެ. މިތަންދެކެ މިމީހާ ރުޅިއަރައިގަނެގެން އެނބުރި ދިޔައެވެ. އަދި މަގުދެއްކި މީހުންނާއި ދިމާލަށް ގޮސް ބުންޏެވެ. މަބުނީ ފަގީރެއްގެ ޖިފުޓިގަނޑު ދައްކާށެކޭ ނޫނެވެ. މުސްލިމުންގެ ހަލީފާގެ ބޮނޑު ގަނޑުވަރު ދައްކާށެވެ. މިމީހާއަށް ރޯމުގެ ރަސްރަސްކަލުންގެ ގޭގެ ފެންވަރު އެނގެއެވެ. އެހެންކަމުން އޭނާ އުއްމީދުކުރީ މުސްލިމުންގެ ހަލީފާގެ ގަނޑުވަރު އެއަށްވުރެއްވެސް ބޮޑުވާނެކަމަށެވެ. މިމީހާ މިހެން ބުނުމުން މަގު ދެއްކިމީހުން ބުންޏެވެ. މުއުމިނުންގެ ހަލީފާގެ ގަނޑުވަރަކީ އެއެވެ. މިމީހާ ފަހުން އިސްލާމްވި ކަމުގައިވެއެވެ.

ނުނިމޭ...
ރެފަރެންސް: އިސްލާމިކް ކޯލް ބުލޮގް


0 comments: