Saturday, November 22, 2014


މިފަހަރު މިލިޔެލަނީ އިސްލާމީ ތާރީޚުގައި ޚުލަފާއު ރާޝިދުންނަށްފަހު ފެނުނު އެންމެ އަދުލުވެރި ވެރިޔާގެ ބައެއް ވާހަކަތަކެވެ. އެދުވަސްވަރުގެ މުސްލިމުންގެ ހާލަތަކީ މިއަދު މުސްލިމުންގެ ހުވަފެނެވެ. އެ އަދުލުވެރިކަމަކީ މިއަދު ހިޔާލީ ވާހަކައެއްގައި ނޫނީ ނުފެންނާނެ އެއްޗެކެވެ. އާދެ! އުމަރު ބުން އަބްދުލް އަޒީޒު (رحمه ) ގެ ހަޔާތުން ބައެއް ސަފުހާތަކެވެ.

1. އުމަރު ބުން އަބްދުލް އަޒީޒު ތުއްޕުޅުއިރެވެ. އެއްދުވަހަކު ވަރަށް ބޮޑަށް ކީރިތި ކުރައްވާތަން އެކަލޭގެފާނުގެ މަންމާފުޅަށް ފެނިވަޑައިގެން އެއްސެވިއެވެ. ދަރިފުޅު ރޮނީ ކީއްވެހެއްޔެވެ؟ ޖަވާބުގައި އުމަރު ބުން އަބްދުލް އަޒީޒު ވިދާޅުވިއެވެ. މަރުމަތިން ހަނދާންވީއެވެ. މިއީ އަދި ތުއްޕުޅު އިރެވެ. މިހެން ބުނުމުން އެކަލޭގެފާނުގެ މަންމާފުޅުވެސް ކީރިތި ކުރެއްވިއެވެ. މިއީ އަދި ތުއްޕުޅު އިރެވެ. އެކަލޭގެފާނު ތުއްޕުޅުއިރު ޤުރުއާންވެސް ހިތުން ދަސްކުރެއްވިއެވެ.

2. އުމަރު ބުން އަބްދުލް އަޒީޒުގެ އާއިލާއަކީ ދިމިޝްގުގައި އުޅުއްވި އާއިލާއެކެވެ. އެހެނެއްކަމަކު ކިޔަވައިދެއްވުމަށްޓަކައި އެކަލޭގެފާނުގެ ބައްޕާފުޅު އެކަލޭގެފާނު މަދީނާއަށް ފޮނުއްވިއެވެ. އަދި އިލްމްވެރިއަކާއި އެކަލޭގެފާނު ހަވާލުކުރެއްވިއެވެ. އެއްދުވަހު އެކަލޭގެފާނު ނަމާދުގެ ޖަމާއަތަށް ލަސްވިއެވެ. ވިސްނަވާށެވެ. ޖަމާއަތް ގެއްލުނީކީ ނޫނެވެ. ހަމައެކަނި ޖަމާއަތައް ލަސްވީއެވެ. މިކަމާ އެކަލޭގެފާނާއި އެކަލޭގެފާނާއި ހަވާލުވެ ހުންނެވި ޝައިހް ސުވާލުކުރެއްވުމުން ބޮލުގައި ފުނާ އަޅާ މީހާ އެކަމުގައި ލަސްވީ ވާހަކަ ނަންގަތެވެ. މިހަބަރު އަބްދުލް އަޒީޒުގެ ބައްޕާފުޅަށް އިލްމުވެރިޔާ ސިޓީއަކުން ދެއްވެވިއެވެ. އެހިނދު އެކަލޭގެފާނުގެ ހާދިމަކު ދިމިޝްގުން މަދީނާއަށް ފޮނުއްވިއެވެ. ކީއްކުރައްވަންކަން އެނގިލައްވާތޯއެވެ. އެހާދިމަށް އަމުރުކުރެވުނީ ގޮސް އެއްވެސް ސުވާލުކުރުމަކާ ނުލާ އުމަރު ބުން އަބްދުލް އަޒީޒުގެ ބޯ ބޭލުމަށެވެ. އެއަށްފަހު ވިދާޅުވަނީ ޖަމާއަތަށް ލަސްކުރާ ބޮލެއް އުމަރަށް ލިބިގެންވުން ނޭދޭކަމަށެވެ. ވިސްނަވާށެވެ. މިއީ ހަމައެކަނި ޖަމާއަތަށް ލަސްވުމުންނެވެ. އަޅުގަނޑުމެން ކިތައް ޖަމާއަތަށް ކަމެއްނެތި ހާޒިރު ނުވަންތޯއެވެ؟

3. އުމަރު ބުން އަބްދުލް އަޒީޒާއި ވެރިކަން ހަވާލުވެވުނީކީ އެކަލޭގެފާނު އެކަމަށް ބޭނުންވެގެން ނުވަތަ ވާރުތަވެގެނެއް ނޫނެވެ. އެކަލޭގެފާނުގެ ކުރީގެ ހަލީފާގެ އަހްދަކަށެވެ. އެކަލޭގެފާނާއި ވެރިކަން ހަވާލުވެވުނު ދުވަހު އެކަލޭގެފާނު ދެއްވި ހުތުބާގައި ވިދާޅުވިއެވެ. ތިމަންކަލޭގެފާނާއި ވެރިކަން ހަވާލުވެވުނީ ތިމަންކަލޭގެފާނު ބޭނުންވެގެންނެއް ނޫނެވެ. ތިބައިމީހުން އިޚްތިޔާރުކުރަން ބޭނުން މީހަކު އިޚްތިޔާރުކުރުމަށް ދީފީމެވެ. މިހެން ބުނުމުން އެތާ ތިބި އެންމެން ތިމަންމެން ކަލޭގެފާނާ ރުހިއްޖައީމޭ ބުނުމުން ވެރިކަމާ ހަވާލުވެ ވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ﷲ އެކަލާނގެ ރަސޫލާ އެންގެވި ގޮތަކަށް އުޅޭހާ ހިނދު ތިމަންކަލޭގެފާނަށް ތިޔަބައިމީހުން ތަބާވާށެވެ. އަދި ﷲ އެކަލާނގެ ރަސޫލާއަށް ތިމަން ތަބާނުވެއްޖެނަމަ ތިޔަބައިމީހުންނަށް ތިމަންނައަށް ތަބާވުމެއްނެތެވެ. ދަންނާށެވެ. އަޅުގަނޑުމެންނަށްވެސް ދީނާއި ހިލާފު އަމުރުތަކުގައި ވެރިންނަށް ތަބާ ވުމެއް ނެތެވެ.

4. އެކަލޭގެފާނު މިސްކިތުން ފައިބައި ވަޑައިގެންނެވިއިރު ދޫލައަޅާ އަސްތައް ތައްޔާރު ކޮއްފައިވާތަން ދެކިވަޑައިގެން އެއްސެވިއެވެ. މިއީ ކޮންކަމެއް ހެއްޔެވެ؟ އެބައިމީހުން މިއީ ޚަލީފާގެ ސަވާރީއޭ ބުންޏެވެ. އެވަގުތު އެހުރިހާއެއްޗެއް ވިއްކާލުމަށްފަހު އޭގެ ލާރި ބައިތުލް މާލަށް ލުމަށް އަމުރުކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް ކުރިން ތިމަންކަލޭގެފާނު ގެންގުޅުއްވި ހިމާރު ފުދެއެވެ. އަދި އެހިމާރުގައި ދަތުރުފެއްޓެވި ތަނުން "ފުލް ބޮޑީ އާރމާރ" ގައި ހުރި ސިފައިންގެ މީހަކު އެކަލޭގެފާނާއި އެއްކޮށް އަންނަށް ފެށުމުން ދެންނެވިއެވެ. ތިމަންކަލޭގެފާނު ކަލެއަކަށް ބޭނުންވެގެން ނުވަމެވެ. ވިސްނާ ފިކުރުކޮއްލާށެވެ. ވެރިކަން ހަވާލުވެގެން އަދި ގެއަށް ވަޑައި ނުގަނެވިގެން އުޅުއްވަނިކޮށް ވެރިކަމުގެ ރިވެތި އުސޫލުތައް ފެންނަން ފައްޓަވައިފިއެވެ. ރައްޔިތުންގެ ހައްޤަކަށް އަރައިވަޑައި ގަނެވިދާނެތީ މަސައްކަތް ފެއްޓެވީ ވެރިކަމާއި ހަވާލުވެވަޑައިގެން ފިޔަވަޅުމަތީން ފެށިގެންނެވެ.

5. ސުލައިމާނު ބުން އަބްދުލް މަލިކު (އުމަރު ބުން އަބްދުލް އަޒީޒުގެ ކުރީގެ ޚަލީފާ) ވަޅުލެއްވުމަށްފަހު އައިސް ގެއަށް ވަދެވަޑައިގެންނެވިއިރު ހުންނެވީ ވަރަށް ކަންތައް ބޮޑުވެ ހާސްވެފައިވާ މީހެއްފަދައިންނެވެ. މިކަމާ އެކަލޭގެފާނާއި ސުވާލުކުރުމުން އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންފަދަ ބޮޑު މަސްއޫލިއްޔަތެއް އެޅިފައިވާ މީހެއްގެ ހާލަކީ ފަހެ ކޮބައިހެއްޔެވެ؟ ނިކަން ބަލާށެވެ. ވެރިކަމާހެދި މިއަދު ދުނިޔޭގެ ކަންކޮޅުތަކުގައި "ތެޅެނީ" އެވެ. ނަމަވެސް އަދުލުވެރިން އެކަން އަދުލުވެރިކަމާއިއެކު ނުކުރެވިދާނެތީ ކަންތައް ބޮޑުވަނީއެވެ.

6. އެއްފަހަރަކު އުމަރު ބުން އަބްދުލް އަޒީޒު ނަމާދުކުރެއްވިއިރު އަނަސް ބުން މާލިކު (رضي الله عنه) ފަހަތުގައި މައުމޫމުވެ ނަމާދު ކުރެއްވިއެވެ. އަދި ނަމާދު ނިމުމުން ވިދާޅުވިއެވެ. ތިމަންކަލޭގެފާނު މިކުއްޖާ (އުމަރު ބުން އަބްދުލް އަޒީޒު) ހައި ރަސޫލު ﷲ (صلى الله عليه وسلم) އާއި އެއްފަދައިން ނަމާދު ކުރާ ކުއްޖަކު ނުދެކެމެވެ.

7. އެއްދުވަހަކު ފާތުމަތުގެފާނު (އުމަރު ބުން އަބްދުލް އަޒީޒުގެ އަނބިކަނބަލުން) ކޮޓަރިކޮޅަށް ވަދެވަޑައިގެންނެވިއިރު އުމަރު ބުން އަބްދުލް އަޒީޒު ކީރިތި ކުރައްވާތަން ފެނިވަޑައިގެން އެއްސެވިއެވެ. ކަލޭގެފާނު ކީރިތި ތިކުރައްވަނީ ކީއްވެތޯއެވެ. އެކަލޭގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ މަސްއޫލިއްޔަތު މަތިން ހަނދާންވީއެވެ. އަދި ބޭނުންޖެހިފައިވާ މީހުންނާއި ފަގީރުންނާއި މިސްކީނުން މަތިން ހަނދާންވީއެވެ. އަދި ޤިޔާމަތް ދުވަހުން އެބައިމީހުންނާއި ބެހޭގޮތުން ތިމަންކަލޭގެފާނާއި ސުވާލުކުރެވޭއިރު އެބައިމީހުންގެ ޝަފާއަތްތެރިއެއްގެ ގޮތުގައި މުހައްމަދު ރަސޫލު ﷲ (صلى الله عليه وسلم) ވެވަޑައިގަންނަވައިފިއްޔާ ދޭނީ ކޮން ޖަވާބެއްތޯ ހިތައް އެރީއެވެ. ނަމަވެސް މިއަދު ދުނިޔޭގެ އެކި ކަންކޮޅަށް ނަޒަރުހިނގާލުމުން ފެނިގެންދާނީ މިއާ ދިމާ އިދިކޮޅު އަމަލުތަކެވެ. އާޚިރަތްދެކެ ބިރެއް ނެތް ހިތްތަކެކެވެ. ޖާހިލުކަމުގެ ނިދީން ނިދާފައިވާ ވެރިންތަކެކެވެ.
 
ނުނިމޭ...
ރެފަރެންސް: އިސްލާމިކް ކޯލް ބުލޮގް



0 comments: