Saturday, April 5, 2014



ސުނަނު އައް ދާރިމީގައި އަބޫ ހުރައިރާގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ:

އަބޫ ބަކުރުގެފާނާއި ޢަލީގެފާނުން އެއްފަހަރަކު ރަސޫލުﷲ ގެފާނުންގެ ގެކޮޅުގެ ދޮރުކޮޅާއި ހަމަޔަށް ވަޑައިގަތެވެ. ދެން އަބޫބަކުރުގެފާނުން ޢަލީގެފާނުންނަށް ވިދާޅުވިއެވެ:
"އޭ ޢަލީގެފާނެވެ! ކަލޭގެފާނުން ކުރިން ވަޑައިގަންނަވާށެވެ"

ޢަލީގެފާނު ވިދާޅުވިއެވެ: "ނޫނެކެވެ! ކަލޭގެފާނުން ކުރިން ވަޑައިގަންނަވާށެވެ." އަދި ވިދާޅުވިއެވެ: "ތިމަންކަލޭގެފާނުންނަށް އެބޭކަލަކާއިމެދު ﷲގެ ރަސޫލާ 'މީސްތަކުންކުރެ އެއަށްވުރެ ރަނގަޅު މީހެއްގެ މައްޗަށް އިރުއަރާ އޮއްސޭނެ ދެވަނަ އެހެންމީހަކު އަބޫބަކުރުގެފާނުން ފިޔަވައި ނުވެއެވެ' މިހެން ޙަދީޘްކުރައްވާފައިވާ ބެއިކަލެއްގެ މައްޗަށް ތިމަންކަލޭގެފާނުންނަކަށް އިސްނުވެވޭނެއެވެ. 

އަބޫ ބަކުރުގެފާނު ވިދާޅުވިއެވެ: "ތިމަންކަލޭގެފާނުން ނަކަށްވެސް އެބެއިކަލަކާއިމެދު އިތުރު އެކަލޭގެފާނުން 'މީސްތަކުންކުރެ އެންމެ ރަގަޅު އަންހެނާ (ފާޠިމަތުގެފާނުން) ދެއްވުނީ އެންމެ ރަގަޅު ފިރިހެނާއަށެވެ' މިހެން ޙަދީޘްކުރައްވާފައިވާ ބެއިކަލެއްގެ އިސްނުވެވޭނެއެވެ."


ދެން ޢަލީގެފާނުން ވިދާޅުވިއެވެ: "އެބެއިކަލަކާއިމެދު ﷲގެ ރަސޫލާ ޙަދީޘްކުރައްވާފައިވަނީ: 'ޙިސާބުބެއްލެވޭ ދުވަހު ﷲގެ ވަޙީގެ ބަސްފުޅު އެންމެންގެ މަތިން ގޮވާލެވިގެންދާނެއެވެ: އޭ އަބޫ ބަކުރެވެ! ކަލޭގެފާނުން, ކަލޭގެފާނުންދެކި ލޯބިވާ މީސްތަކުންނައިގެން ސުވަރުގެ ވަދެވަޑައިގަންނަވާށެވެ.' މިހެން ޙަދީޘްކުރައްވާފައިވާ ބެއިކަލެއްގެ ކުރިއަކުން ﷲ ގެ ރަސޫލާގެ ގެކޮޅަށް ވަންނާކަށެއް ނުކެރޭނެއެވެ."
އަބޫބަކުރުގެފާނުން ވިދާޅުވިއެވެ: "ކަލޭގެފާނުންނާއިމެދު ޙިސާބުބެއްލެވޭ ދުވަހު ވަޙީއިއްވެވޭނެއެވެ: 'އެއީ ރަނގަޅު މީހެކެވެ. ރަނގަޅު އަޚެކެވެ. އަދި ރަނގަޅު ބަފައިކަލެކެވެ.' މިފަދައިން މިކަން އޮއްވައި ތިމަންކަލޭގެފާނުންނަށް ކަލޭގެފާނުންގެ މައްޗަށް އިސްވެގަތުމަކަށް ކެރިވަޑައެއް ނުގަންނަވައެވެ."

ޢަލީގެފާނުން ވިދާޅުވިއެވެ: "ތިމަންކަލޭގެފާނުން ކަލޭގެފާނުންގެ ކުރިއަކުން ވަޑައެއް ނުގަންނަވާނަމެވެ. އެހެނީ ކީރިތި މާތް ރަސޫލާ ކަލޭގެފާނުންނާއިމެދު ޙަދީޘްކުރެއްވިއެވެ: 'އަބޫބަކުރުގެފާނުންގެ އީމާންކަން ތިލަފަތުގެ އެއްފަރާތައް ލެވިފައި، އަނެއްފަރާތަށް އުއްމަތުގެ އީމާންކަން ލެވުނަސް އެކަލޭގެފާނުންގެ އީމާންކަމުގެ ތިލަފަތް ބަރުވާނެއެވެ.'"

އަބޫބަކުރުގެފާނުން ވިދާޅުވިއެވެ: "އެބެއިކަލަކާއިމެދު ކީރިތި މާތްރަސޫލާ ޙަދީޘްކުރައްވަނީ: ޙިސާބު ބެއްލެވޭދުވަހު ޢަލީގެފާނުން އެކަލޭގެފާނުންގެ އަނބިކަނބަލުން ފާޠިމަތުގެފާނުންނާއި އަދި ދެދަރިކަލުން ޖަމަލެއްގެ މަތީ ވަޑައިގަންނަވާތަން މީސްތަކުންނަށް ފެނި ރަސޫލުﷲ ގެފާނުންކުރެ އައްސަވާނެތެވެ: މިއީ ކޮންބައެއްތޯއެވެ؟ އަދި ޖަވާބު ދެވޭނެތެވެ: މިއީ އެބަޔަކުދެކި ﷲ ތަޢާލާ ލޯބިވެވޮޑިގެންވާ ބައެކެވެ.' މިހެން ޙަދީޘްކުރައްވާފައިވާ ބެއިކަލެއްގެ މައްޗަށް ތިމަންކަލޭގެފާނުން އިސްވެ ނުގަންނާނަމެވެ."

ދެން ޢަލީގެފާނުން ވިދާޅުވިއެވެ: "ރަސޫލުﷲ ގެފާނުން ޙަދީޘްކުރެއްވިއެވެ: 'ﷲ ވަޙީކުރެއްވިއެވެ: ސިއްދީޤު ގެންނެވީ ރަސޫލުﷲ ގެފާނުންނެވެ. އަދި ސިއްދީޤަކީ އެމީހެއްގެ ފަހަތުން ހިނގެވޭ މީހާއެވެ."

މިހިނދު ޖިބުރީލް ޢަލައިހިއްސަލާމްއަށް ރަސޫލުﷲ ގެފާނުންގެ އަރިހަށް ވަޑައިގަތުމަށް އެންގެވުނެވެ. އަދި އެކަލޭގެފާނުންނަށް މިހެން ދެންނެވުމަށް އެންގެވުނެވެ: "އަރަހުށި ހުސް ޠާހިރުވަންތަ ﷲ ކަލޭގެފާނުންނަށް ސަލާމް ވަޙީކުރެއްވިއެވެ. ފަހެ އަބޫބަކުރުގެފާނާއި ޢަލީގެފާނާއިމެދުގައި އެހިނގެވޭ މުޢާމަލާތު (އުޑުތަކާއި ބިމާއި އެހެނިހެންތަންތާނގައިވާ) އެންމެހާ މަލާއިކަތްބެއިކަލުން އަޑުއައްސަވަތެވެ. އެދެބެއިކަލުންގެ ތެރެއަށް ތިންވަނަ ބެއިކަލެއްގެ ގޮތުގައި މަސްއަލާކުރުމަށް ކަލޭގެފާނުން ވަޑައިގަންނަވާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާންގެ ޙާއްޞަ ރަޙްމަތްފުޅުން އެދެބެއިކަލުންގެ މެދުގައި އަދަބުވެރިކަން ބިނާކުރެއްވިއެވެ. (މާނައީ އެބެއިކަލުންނީ އަދަބުވެރި ދެބެއިކަލުންނެވެ.)" 

ކީރިތި މާތް ރަސޫލާ ދެން ބޭރަށް ނިކުމެވަޑައިގަތެވެ. އަދި އެދެބެއިކަލުން އެޙާލުގައި ވަނިކޮށް ވަޑައިގެން ދެބެއިކަލުންނަށް ބޮސްދެއްވައި ޙަދީޘްކުރެއްވިއެވެ: "ތިމަން ކަލޭގެފާނުންގެ ފުރާނަ އެފަރާތެއްގެ އަތްމަތީގައިވާ ފަރާތް ގަންދީ ހުވާކޮށް ވިދާޅުވަމެވެ: "ކަނޑުތަކަކީ ދެލިކަމުގައި ވެފައި، އެންމެހާ ގަސްގަހާގެއްސަކީ ގަލަންކަމުގައި ވެފައި، އެންމެހާ ދިރޭ ތަކެއްޗެއް ތިދެބެއިކަލުންގެ މާތްކަން ލިޔަން އުޅުނުކަމުގައިވިޔަސް ނުލިޔެވޭހުއްޓެވެ."

އަރަހުށި ﷲ ގެ ހުސްޠާހިރުވަންތަކަމާއެވެ! އަދަބުވެރިކަމަކީ މިނޫންދެން ކޮންއެއްޗެއްތޯއެވެ؟ އަޅަމެންނީވެސް މިފަދަ އަދަބުވެރި ބަޔަކު ކަމުގައި ލައްވާށިއެވެ. އާމީން

0 comments: