Tuesday, August 23, 2011

އިމާމް އަޙްމަދު ބުން ހަންބަލްއޭ ބުނުމުން އެއީ ކާކުކަން އެނގިވަޑައި ނުގަންނަވާނެ ބޭފުޅަކު ހަމަ މަދުވާނެ ކަމީ ޔަޤީން ކަމެކެވެ. އެއީ މި އުއްމަތް ދުށް އެންމެ ވަރުގަދަ އެއް އިލްމުވެރިޔާއެވެ. އުއްމަތަށްޓަކައި މިކަލޭގެފާނުގެ ހިދުމަތްތަކަކީ ދުލުން ބަޔާންނުކުރެވޭހާ ގިނަ ޚިދުމަތްތަކެކެވެ. އިމާމް އަޙުމަދު ބުން ހަންބަލަކީ ސުންނަތުގައި އެންމެ ވަރުގަދަޔަށް ހިއްޕެވި އެކަކެވެ. މިފަހަރު މިޒިކުރު ކޮށްލަނީ އެކަލޭގެފާނަށް ދިމާވި ހާދިޘާއެކެވެ.

އެކަލޭގެފާނަކީ އިލްމް ހޯއްދެވުމަށްޓަކައި ވަރަށް ދިގު ދަތުރުކޮށް އުޅުއްވި ބޭކަލެކެވެ. މިގޮތުން އެއްފަހަރަކު އެކަލޭގެފާނާއި އިމާމް ޔަޙްޔާ ބިން މަޢީނާއި ދެބޭކަލުން އިމާމް ޢަބުދުލް ރައްޒާޤުއާއި ބައްދަލުކުރެއްވުމަށް ދަތުރު ފެއްޓެވިއެވެ.
މަންޒިލައް ވަޑައިގެންނެވިއިރު އިމާމް އަޙްމަދުގެ އަތްމަތި ދަތިފުޅުވެ ފައިސާ ހުސްވިއެވެ. ނަމަވެސް އިމާމް އަޙްމަދަކީ މީހުން ދޭ އެއްޗެހީގައި އެއްވެސް ވަރަކަށް ހިއްޕަވާ އުޅުއްވި ބެކަލެއްނޫނެވެ. މިގޮތުން އެފަހަރު އިމާމް ޢަބްދުލް ރައްޒާޤު ވެސް އެހީއެއް ދެއްވަން އުޅުމުން އެކަމުން މަނާވެގަނެ ވިދާޅުވިއެވެ. މީހަކު ދޭ އެއްޗެއްގައި ތިމަން ހިފާނެނަމަ ކަލޭގެފާނުގެ އަތުން ހިފީމުހެވެ. އެއަށްފަހު ރޭގަނޑު ހޭދަކޮއްލުމަށްޓަކައި މިސްކިތައް ވަޑައިގެން އެތާންގައި މަޑުކުރެއްވިއެވެ.
ކަންދިމާ ކުރި ގޮތުން މިމިސްކިތަކީ ރޭގަނޑަށް ބަންދުކުރާ މިސްކިތެކެވެ. މިސްކިތުގެ މަސައްކަތުމީހާ އެތަން ބަންދުކުރަންވެގެން އިމާމް އަޙްމަދު އެތާ އިންނެވިތަން ދެކި އައިސް ސުވާލުކުރިއެވެ. މިތާ ކީއްކުރަނީހެއްޔެވެ؟ މަސައްކަތު މީހާއަކަށް އެއީ އިމާމް އަޙްމަދު ކަމެއް ނޭނގެއެވެ. އެކަލޭގެފާނު އެތަނުގައި ރޭކުރުމުގެ ނިޔަތް އޮތްވާހަކަ ވިދާޅުވުމުން މިސްކިތުން ނެރެލިއެވެ. އެކަލޭގެފާނު މިސްކިތުން ނެރެލުމުން ފެންޑާމަތީ އިށީނދެ ވަޑައިގެން އިންނެވިއެވެ.
މަސައްކަތުމީހާ މިސްކިތް ބަންދުކޮށް ނިމުމަށްފަހު ބޭރަށްނުކުމެ އިމާމް ފެންޑާގައި އިންނެވިތަން ފެނި އެތަނުންވެސް ނުކުތުމަށް އެންގިއެވެ. އެއިރު އެއީ އިމާމް ގެފާނުންކަމެއް އެމަސަތްކަތު މީހާއަކަށް ނޭންގެއެވެ. އެކަލޭގެފާނު މިއީ ﷲގެ ގެކޮޅޭ ވިދާޅުވެ އިދިކޮޅު ހެއްދެވުމުން ފައިގައި ހިފާ ދަމަމުން މިސްކިތު ގޯތިތެރެއިން ބޭރެށް ނެރުނެވެ. މިތަން ބަލަން ރޮށިފިހާ މީހަކުހުއްޓެވެ. އެކަލޭގެފާނުގެ ހާލުފެނި ހަމްދަރުދީވެ އެކަލޭގެފާނު ގޮވައިގެން އެ ރޮށިފިހާ މީހާގެ ގެޔައްދިޔައެވެ. ރޮށި ފިހާމީހާއަކަށް ވެސް އެއީ އިމާމް އަޙްމަދު އިބުން ހަންބަލްކަމެއް ނޭންގެއެވެ.
މިތަނުގައި އެކަލޭގެފާނު އިންނެވިއިރު ރޮށިފިހާ މީހާގެ ކިބައިން ހާއްސަކަމެއް ފެނުނެވެ. އަބަދުވެސް ޒިކުރުކުރުމެވެ. ހުއްޓައި ނުލައި ޒިކުރު ކުރަމުން ގެންދާތީ އިމާމް އޭނަކުރެއް އެއްސެވެ. ކަލޭގެ ތިޔަ ޒިކުރުކުރުމުން އެއްވެސް ހާއްސަކަމެއް ލިބޭހެއްޔެވެ. އޭނާ ބުންޏެވެ. އާދޭހެވެ. މިހާތަނަށް ކުރި އެއްވެސް ދުއާއެއް އިޖާބަ ނުކުރައްވައެއް ނުދެއެވެ. އެންމެ ދުއާއެއް މެނުވީއެވެ، އެދުއާވެސް އިޖާބަ ކުރައްވާނޭ ކަމަށް އުއްމީދު ކުރަމެވެ. އެކަލޭގެފާނު އެއްސެވެ. އެއީ ކޮންދުވާއެއް ހެއްޔެވެ. އޭނާ ޖަވާބުގައި ބުންޏެވެ. ތިމަންނަ މުއުމިނުންގެ އިމާމް، އިމާމް އަޙްމަދު އިބުން ހަންބަލްއާއި ބައްދަލު ވޭތޯ އެދި ދުއާކުރީމެވެ. އެހިނދު އިމާމް އަޙްމަދު އިބުން ހަންބަލްގެ ލޮލުން ކަރުނަ އައެވެ. އަދި ވިދާޅުވިއެވެ. އިމާމް އަޙްމަދު އިބުން ހަންބަލް އަކީ އަހަންނެވެ.
ދަންނާށެވެ. މުއުމިނުންގެ އިމާމު އެ ޒިކުރުކުރާމީހާގެ ދުއާ އިޖާބަ ކުރެއްވުމަށްޓައި އެމީހާގެ ކައިރިއަށް ގެނެވުނީ ދެފައިގައި ހިފާ ދަމާފައެވެ.

0 comments: