Blog Archive
Wednesday, July 16, 2014
އަޙުމަދުގެފާނުންގެ އެހެން ރިވާޔަތެއްގައިވަނީ
އެއީ ފާކިހާ ބިން މުޣީރާގެ އަޅު އަންހެން ކުއްޖެއްކަމުގައިވާ ސައްމާމާއެވެ ކިޔުނު
އަންހެނަކުކަމުގައެވެ. އޭނާ އައިސް ޢާއިޝަތުގެފާނުންގެ އަރިހުގައި މިދެންނެވި
ސުވާލު ދެންނެވިއެވެ. (އަޙްމަދު 6:217)
ސޫރަތުލް ބަޤަރާގެ 258 ވަނަ އާޔަތުގައި
އައިސްފައިވާގޮތުން އިބުރާހީމްގެފާނު އަލިފާނަށް އެއްލައިލި ނަމްރޫދަކީ
ކަލެއްކަމަށް އަމިއްލައަށް ދަޢިުވާކޮށްގެން އުޅޭ މީހެކެވެ. މުފައްސިރުންނާއި
ތާރީޚް ޢިލްމުވެރިން ވިދާޅުވާގޮތުގައި އެއީ ބާބިލްގެ ރަސްކަލެކެވެ. ނަމަކީ ނިމްރޫދެވެ.
މިއީ މުޖާހިދު ވިދާޅުވާގޮތެވެ.
މުޖާހިދުއާއި އެހެނިހެން ޢިލްމުވެރިން
ވިދާޅުވިއެވެ. އެއީ އެޒަމާނުގެ ރަސްގެފާނެވެ. މުޅި ދުނިޔެއަށް ޢަމުރު ހިންގެވި
ހަތަރު ރަސްކަލަކު އުޅުނެވެ. އެއީ ﷲއަށް އީމާންވި ދެމީހަކާއި ކާފިރު ދެމީހެކެވެ.
އީމާންވީ ދެރަސްކަލަކީ ޛުލް ޤަރުނައިނިއާއި ސުލައިމާންގެފާނެވެ. އަދި ކާފަރު
ދެރަސްކަލަކީ ނިމްރޫދު އާއި ބުޚްޠުނަސްރެވެ.
ބުނެވޭގޮތުގައި ނިމްރޫދު ހަތަރުސަތޭކަ އަހަރު
ވެރިކަންކުރިއެވެ. އޭނާއަކީ ބޮޑައި، ހަނގުރާމަވެރި، މުދާވެރި، ކިބުރުވެރި
ރަސްކަލެކެވެ. އިބްރާހީމްގެފާނު އޭނާއަށް ކަލާންގެ ރަސްކަންފުޅަށް
ކިޔަމަންގަތުމަށް އެންގެވުމުން އޭނާ ކަލަކު ވާކަމަށް އިންކާރުކޮށްގަތެވެ. އެއިގެ
ބަދަލުގައި ތިމަންނާއީ ކަލާންގެކަމުގައި ދަޢުވާ އުފުލިއެވެ. އިބްރާހީމްގެފާނު
ވިދާޅުވިއެވެ: "ތިމަންކަލޭގެފާނުގް އިލާހަކީ މަރުގަންނަވާ ދިރުންދެއްވާ
އިލާހެވެ" އޭނާ ބުންޏެވެ: "އަހަރެންވެސް މަރުގަންނަވާ
ދިރުއްވަމެވެ."
ޤަތާދާ، ސުއްދީ އަދި އިބުނު އިސްޙާޤު
ވިދާޅުވިއެވެ: އެރަސްގެފާނު މަރަން ބޭނުންވާ ދެމީހަކު އެރަސްގެފާނުގެެ
ކުރިމައްޗަށް ގެނެވުނެވެ. އެއިގެ ތެރެއިން އޭނާ އެކަކު ޤަތުލުކޮށް އަނެކަކު
ދޫކޮށްލިއެވެ. އަދި ތިމަންނާއީ މަރުގަންނަވާ ދިރުއްވާ އިލާހެއްކަމުގައި ދަޢުވާ
އުފުލިއެވެ. މިއީ އެހެންނަމަވެސް ވަރަށް ތާކުންތާކު ނުޖެހޭ ދަޢުވާއެކެވެ.
އިބްރާހީމްގެފާނު އެތާ އެމާނަ ކުރެއްވިގޮތް އޭނާއަށް ނޭންގެނީއެއްވެސްނޫނެވެ.
ނަމަވެސް އިބްރާހީމްގެފާނު އެމަޢުލޫގައި އިތުރަށް ކުރިއަށް ވަޑައި ނުގެންނެވިއެވެ.
އެހެނީ އެކަލޭގެފާނުންގެ މަޤްޞަދަކީ އޭނާއަށް އިތުރަށް ބަޙުސްކުރާނޭ ފުރުޞަތު
ނުދެއްވައި ޙުއްޖަތް ޤާއިމްކުރުމަށެވެ. އެހެންވެ އެކަލޭގެފާނު ވިދާޅުވިއެވެ.
"ހަމަކަށަވަރުން އެއީ ﷲ އެވެ! އެކަލާންގެއީ އިރުމަތީފަރާތުން އިރު އަރުއްވާ
އިލާހެވެ. އެހެންކަމުން ކަލޭ އެއިރު ހުޅަނގުން އެއިރު އެރުވިދާނެހެއްޔެވެ؟"
މިގޮތުން ނިމްރޫދުގެ ދެކޮޅުވެރިބަސްތަށް ބަންދުކޮށް އޭނާ ބަލިކުރެއްވިއެވެ.
ސުއްދީ އިމާމު ވިދާޅުވީ މިބަހުސް ހިނގީ
އެކަލޭގެފާނު އަލިފާނުން ނިކުމެވަޑައިގެން ދުވަހުއެވެ. ޒައިދު ބިން އަސްލަމް
ވިދާޅުވިއެވެ: ނިމްރޫދަކީ މުދަލާއި މިފަދަ އެހެނިހެން ތަކެތި ހިފަހައްޓާ
ރަސްކަލެކެވެ. މީސްމީހުން އެމީހުންގެ މުދާހޯދުމަށްޓަކައި ޖެހެނީ އަންނާށެވެ.
މިގޮތުން އިބްރާހީމްގެފާނުންވެސް އެކަލޭގެފާނުންނަށްވާ ބައި ހޯއްދެވުމަށް
ވަޑައިގަތްދުވަހުގައި މިބަހުސްކުރެވުނެވެ. އެދުވަހު އިބްރާހީމްގެފާނަށް އެއްޗެއް
ނުލިބި ހުސްއަތާ ވަޑައިގަތެވެ.
ދެން އެކަލޭގެފާނު ގެޔާއި ހަމަޔަށް
ވަޑައިގަތުމުން ކުނިބުނި ފާޑުގެ އެކިއެއްޗެހި އަޅުއްވައި ދެގޯނި ފުރުއްވިއެވެ.
އަދި އަމިއްލަ ނަފްސަށް ވިދާޅުވިއެވެ: މިތަކެތީން ތިމަންކަލޭގެފާނުގެ ޢާއިލާގެ
ބަނޑުގައިކަމުގެ ޝަކުވާ ފިލުއްވާނީއެވެ. މާނައީ ގޯނިފެނި އެއީ ކާތަކެތިކަމުގައި
އެބޭކަނބަލުން ހިތާ ޝަކުވާ ނުކުރައްވާނެތެވެ. ދެން އެކަލޭގެފާނު އެތަކެތި
ހިއްޕަވައިގެން ވަޑައިގެން ނިދިކުރެއްވިއެވެ. ދެން އެކަލޭގެފާނުގެ އަނބިކަނބަލުން
ސާރާ ވަޑައިގެން އެދެގޯނި ހުޅުއްވާބެއްލެވިއިރު އެއިގައިވަނީ ތާޒާ ކާނާއެވެ.
ޒައިދު ބިން އަސްލަމް ވިދާޅުވިއެވެ: ﷲ ތަޢާލާ
މަލާއިކަތް ބެއިކަލެއް ނިމްރޫދުގެ ގާތަށް ﷲގެ ދީނަށް ތަބާވުމަށް ގޮވާލެއްވުމަށް
ފޮނުއްވިއެވެ. ދެން މިމަލާއިކަތާ ވަޑައިގެން އޭނާއަށް އެކަމަށް އެންގުމުން
ދެކޮޅުވެރިވެގަތެވެ. މިގޮތަށް ތިންފަހަރަށް އެންގުމުންވެސް ދެކޮޅުވެރިވެގަތެވެ.
ދެން ވިދާޅުވިއެވެ. އެހެންޏާ ކަލޭގެ ލަޝްކަރަށް ކަލޭ ގޮވާށެވެ.
ތިމަންކަލޭގެފާނުންގެ ލަޝްކަރަށް ތިމަންކަލޭގެފާނު ގޮވައިލައްވާނަމެވެ. ދެން
ނިމްރޫދު އެއިގެ އަނެއް ދުވަހުގެ ފަތިހަށް އޭނާގެ ބޮޑު ބިޔަ ލަޝްކަރު ނެރި
ތައްޔާރުކުރިއެވެ. ދެން ﷲ ތަޢާލާ އެމީހުންގެ މައްޗަށް މަދިރީގެ ލަޝްކަރެއް
ފޮނުއްވިއެވެ. އެއީ ވަރަށް ގިނަ ޢަދަދެއްކަމުގައި ވިއެވެ. އެއިގެ ގިނަކަމުގެ
ސަބަބުން އިރުގެ އަލިން ބިންމަތި ނިއްވާލާހާވެއެވެ. އެމަދިރިތައް އައިސް އެމީހުން
ކައި އެމީހުންގެ ލޭބޮއި ކަށިތަކަށް އެމީހުން ހެދިއެވެ. އެއިގެ ތެރެއިން އެއް
މަދިރި ނިމްރޫދު ރަސްގެފާނުގެ ނޭފަތުތެރެއަށް ވަދެ އެތާ ހަރުލިއެވެ. އެއިގެ
ސަބަބުން އެރަސްގެފާނަށް ވަރަށް ބޮޑު ވޭނެތް ތަޙައްމަލު ކުރަންޖެހި އެވޭނުން
މިންޖުވުމަށް މަރުވަންދެން އަމިއްލައަށް ބޮލުގައި މުގުރަކުންތެޅިއެވެ.
މިއަށްފަހު އިބްރާހީމްގެފާނު ސީރިޔާއަށް
ވަޑައިގަތެވެ. އަދި މިސްރަށްވެސް
ވަދެވަޑައިގެންނެވިއެވެ. އެއަށްފަހު ޙިޖާޒްގައި ވަޒަންވެރިވެ ވަޑައިގެންނެވިއެވެ.
ރެފަރެންސް: އަލް އިމާމް އަލް ޙާފިޘް
އިބްން ކަޘީރުގެ ޤަޞަޞުލް އަންބިޔާއު މިފޮތުން ތަރުޖަމާކުރެވިފައި.
Labels:
Prophets
Subscribe to:
Post Comments (Atom)
0 comments:
Post a Comment