Blog Archive
Saturday, July 5, 2014
އެބައިމީހުންގެ ހަނގުރާމައިގެ ވާހަކަތަކުން
އައިސްފައިވެއެވެ. ބޮޑުވެގެންވާ ޚަބަރަކައިގެން އެއްދުވަހަކު އައި މީހަކު
އެބައިމީހުންގެ ވެރިޔާ، އަމީރުގެ ކަންފަތްޕުޅުގައި ސިއްރެއް ބުންޏެވެ:
ޤުސްތަންތީނިއްޔާގެ ވެރިޔާއަށް ކަލޭގެފާނުންގެ ލަޝްކަރީންގެ ވާހަކަ އިވި،
ކަލޭގެފާނުންގެ ލަޝްކަރީން ފަނާކޮށްލުމަށްޓަކައި 600 ހާސް ލަޝްކަރީން ގޮވައިގެން
އެބައާދެއެވެ.
ﷲ ގަންދީ ބުނަމެވެ. އެހާ ގިނަ ޢަދަދެއް އެމީހުން
ބޭނުންވި ސަބަބަކީ ﷲގެ ދީންދެކި އެމީހުން އެގަންނަ ބިރަކާއި އެހިތްތަކުގައިވާ
ފިނޑިކަމެވެ.
އަމީރު އަރްސަލާންއަށް މިކުއްލި ޚަބަރު
އިވިވަޑައިގަތުމުން އެކަލޭގެފާނުގެ 15 ހާސް ލަޝްކަރީންގެ މޫނުތަކަށް ކާމިޔާބީގެ
އުއްމީދު ވަރަށްވެސް ކުޑަކަމާއެކު ވަކިވަކީން ބައްލަވައިލެއްވިއެވެ. ބައެއް މުޖާހިދުން
އެއިރުވެސް ފާރުތަކުގައި ބޭސް އަޅަނީއެވެ. އަނެއްބައި ޖިހާދީން ޝަހީދުނުވުމުގެ
ހިތާމަކުރަނީއެވެ. މިމަންޒަރުގައި ވަނިކޮށް ރަސޫލުﷲ ގެފާނުންގެ ޙަދީޘްބަސްފުޅެއް
ހަނދާންވެ، ހިތްވަރުގަދަކޮށް ތެދުވެ ގޮވައިލިއެވެ.
އަޚުންނާއި އުޚުތުންނޭވެ! ނިކަން އެޢަދަދަށް
ބައްލަވާށެވެ. 600 ހާސް ލަޝްކަރީން އެންމެ 15 ހާހާއި ދިމާކުރާށެވެ. މިއީ ތިމާމެންގެ
ޖާނުގެ ބާރުން ކުރެވޭ ކަންކަންތޯއެވެ؟ އެހެންނެއް ނޫނެވެ. ﷲ ގަންދީ ބުނަމެވެ. އެއީ
އަހުރެމެންގެ އީމާންކަމުގެ ބާރެވެ. ޢަޤީދާގެ ފުރިހަމަކަމެވެ. އަދި އާޚިރަތްދުވަހުގެ
ޔަޤީންކަން އަހަރެމެންގެ ވާކަންފިޔަވައި އެހެންކަމެއްނޫނެވެ. އެވަރުން
ފުދޭނޫންތޯއެވެ؟
އަރްސަލާން މިހެން ވިދާޅުވެފައި މޮޅިވެރިކަމާއެކު
ގެޔަށް ވަޑައެއް ނުގަންނަވަތެވެ. އެނުބައި ކާފަރުންތައް މުސްލިމުން މަރާ ހުސްކުރާކަށް
އުއްމީދު ކަނޑައެއް ނުލައްވަތެވެ. އެއިގެ ބަދަލުގައި...
ފޭލިގެއަށް ވަޑައިގެން އެކަލޭގެފާނުން
އަވަހާރަވުމުން ކަފުންކުރުމަށް އެދިވަޑައިގަންނަވާ ފޮތިން ހެދުން ތުރުކުރައްވައި ހަނޫތުން
އަތަރުލައްވައި ނިކުމެވަޑައިގެން ޚުތުބާއެއް ދެއްވިއެވެ. ވިދާޅުވިއެވެ: މިޔަދު އިސްލާމް ދީން މިވަނީ ނުރައްކަލުގައެވެ! މުސްލިމުން ވަނީ
ނުރައްކަލުގައެވެ! އަދި ލާއިލާހަ އިއްލަﷲ މިކަލިމަ މިބިމުން މިޔަދު
ފޮހެވިދާނެކަމުގެ ބިރު އެބައޮތެވެ. ދެން ގޮވައިލެއްވިއެވެ: ވާއިސްލާމާ! ވާއިސްލާމާ! (އޭ އިސްލާމުންނޭވެ! އޭ
އިސްލާމުންނޭވެ!) ތިމަންނާއަށް ބަލާށެވެ. ތިމަން މިހުރީ ތިމަންގެ ކަފުނުން
ޖަރީވެފައެވެ. އަދި އެއިގެ ހުވަނދުން ހުވަނދުލެވިފައެވެ. ޖަންނަތަށް ހިތްއެދޭމީހާ
ފަހެ ތިމަންނާ ފަދައިން ހެދުން އަޅާހުށިކަމެވެ. އަހުރެމެން މިޔަދު މިދަނީ ލާއިލާހަ
އިއްލަﷲ ގެ ކަލިމައިގެ ދަށުގައި ހަނގުރާމަކޮށް ޝަހީދުވެދާށެވެ. ނުވަތަ އެކަލިމަ
އުފުލާ ނަޞްރުވެރިވާށެވެ.
ސުބުޙާނަﷲ އެވެ!މިފަދަ ލަޝްކަރެއް ބަޔަކަށް
ފެންނާނެތޯއެވެ؟ ހަނގުރާމަކުރަން އައިސް ތިބީ ހުސް ޤަބުރުންނެވެ! އެބަޔަކުގެ
ގަބުރުތަކަށް ލެއްވޭ ހެދުން ލައިގެން ތިބި ބަޔަކުމީހުންނެވެ! އާދެ، އެދުވަހު 600 ހާސް ކާފަރުންނަށް މިފާޑުގެ 'ޤަބުރުންގެ'
ލަޝްކަރަކާއި ބައްދަލުކުރަންޖެހުނެވެ.
ދެލަޝްކަރު ބައްދަލުވެއްޖެއެވެ. ކަނޑީގެ މިޔަތައް
ކޭއްތޭ އަޑުފައްގަނޑުން ގުގުމާލައިފިއެވެ. ކަނިތައް ބުރައިގެންދެއެވެ. ﷲ
އަކްބަރުގެ އަޑުފައްގަނޑު މުޅި ސަރަހައްދު ވީދައިގެންދާވަރަށް ހުއްޓެވެ. ކޮންމެ
މުޖާހިދެއްގެ ދުލުގައި ވަނީ މިފަދައިންނެވެ: ޔާ ﷲ!
ތިމަންއަޅާ އަވަސްވެ މިގަންނަނީ އިބަ އިލާހުގެ ޙަޟްރަތަށެވެ! ތިމަންނާއަށް އިބަ
އިލާހުގެ ރުއްސެވުން ލައްވާންދޭވެއެވެ!"
މީސްތަކުންގެ ކަނދުރާތައް ހަވައިގެ ތެރޭގައި
އުދުހެނީއެވެ. ބޯތައް ބުރިބުރިވެގެން ބިމަށް ތިރިވަނީއެވެ. ލެއިގެ ކޯރުތައް
ދެމެމުންދެއެވެ. ނަމަވެސް މުސްލިމުންނަށް މިނުރައްކާ ހަނގުރާމައިގެ މިބިމުން
ހިރަފުސް އަލިވިލެމުން ދިޔައިރު ކާފަރުންގެ މީސްތަކުން ފަރާތްފަރާތަށް ފިލަން
ދުވަނީއެވެ. އަދި އެވަގުތު މީހަކު ގޮވައިލި އަޑު އިވިގެންދިޔައެވެ. ރޯމަނުން
ބަލިވެއްޖެއެވެ. އަދި އެބައިމީހުންގެ ވެރިޔާ- ރޯމަނިސް އަތުލައިގަނެވިއްޖެއެވެ.
ޢަދަދު ނުކުރުވޭހާ މުސްލިމުން އެދުވަހު
ޝަހީދުވިއެވެ. އިންޝާﷲ!. އެދުވަހު ވަރަށްގިނަ މީސްތަކުން ރޮއެހެދިއެވެ.
އެބައިމީހުން އެ ރުއީއަކީ ލިބުނު ގެއްލުންތަކުގެ ސަބަބަކުންނޫނެވެ. އުޑުތައް
އުފުއްލެވި އިލާހު ގަންދެމެވެ. އެބައިމީހުން އެދުވަހު ރުއީ އެކަލާންގެއާއި
ބައްދަލުވުމަށް އެދިއެދިތިބެ އަޅައިގެންތިބި ކަފުން އަމިއްލަ އަތުން
ބާލަންޖެހުނީތީއެވެ. އަލްބް އަރްސަލާން އެއިރު ލަޝްކަރުތެރޭގައި ހުންނެވިއެވެ.
އެހެން ދިރިތިބި މުސްލިމުންނެކޭ އެއްފަދައިން އެކަލޭގެފާނުންވެސް ކީރިތިކުރައްވަނީއެވެ.
Labels:
salaf
Subscribe to:
Post Comments (Atom)
0 comments:
Post a Comment