Friday, July 4, 2014


يَخَافُونَ رَ‌بَّهُم مِّن فَوْقِهِمْ وَيَفْعَلُونَ مَا يُؤْمَرُ‌ونَ ۩ ﴿٥٠
އެބޭކަލުންގެ މައްޗަށް، މަތިވެރިވެވޮޑިގެންވާ، އެބޭކަލުންގެ ވެރިރަސްކަލާނގެއަށް، އެބޭކަލުން ބިރުވެތިވެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާ ކަންތައް، އެބޭކަލުން ކުރައްވަތެވެ. ސޫރަތުއް ނަޙުލު: 
50
ރަސޫލުﷲ ގެފާނު ޙަދީޘްކުރެއްވިއެވެ: ހަމަކަށަވަރުން، ﷲ ތަޢާލާ(ގެ ކޯފާއަށް ބިރުފުޅުން) ތުރުތުރުއަޅާ މަލާއިކަތުންވެއެވެ.

(އަލް އިމާމް ބައިޙަޤީ އެކަލޭގެފާނުންގެ އައް ޝުޢަބު 914 ގައި، އަދި އަލް ޚަޠީބު އެކަލޭގެފާނުންގެ ތާރީޚުލް ބަޣުދާދުގެ 12/307 ގައި)

އަދި ޖާބިރުގެފާނުން ރިވާކުރެއްވިއެވެ: ރަސޫލުﷲ ގެފާނު ޙަދީޘްކުރެއްވިއެވެ: ތިމަންކަލޭގެފާނުން މިޢުރާޖު ކުރެވުނު ރެއިގައި ﷲ ތަޢާލާއަށް ބިރުފުޅުން ވިނދިވިނދިފައިވާ ފޮތިގަނޑެއްގެ ގޮތުގައި ޖިބްރީލްގެފާނު ދެކިވަޑައިގަތީމެވެ. (އިމާމް އަޙުމަދުގެ މުސްނަދު: 25 – 26/4)


އަދި ރިވާވެގެންވެއެވެ. ޖިބްރީލްގެފާނުން ރަސޫލުﷲގެފާނުންގެ އަރިހަށް ވަޑައިގެން ފަހަރެއްގައި އެކަލޭގެފާނުންނަށް ޖިބްރީލްގެފާނުން ކީރިތި ކުރައްވަނީކަން އިނގިވަޑައިގެން ޙަދީޘްކުރެއްވިއެވެ. ކަލޭގެފާނުން ކީރިތި ކުރައްވަނީ ކޮންކަމަކާތޯއެވެ؟ އެހިނދު ޖިބްރީލްގެފާނުން ވިދާޅުވިއެވެ: ﷲ ތަޢާލާ ޖަހަންނަމަ (ނަރަކަ) އުފެއްދެވީއްސުރެ ތިމަންކަލޭގެފާނުންގެ ލޮލުން ކަރުނައެއް ނުހިކެއެވެ. އެއީ ފަހަރުގައި ތިމަންކަލޭގެފާނުންނަށް އެކަލާންގެއަށް އުރެދެވިގެން ތިމަންކަލޭގެފާނުން އެތަނަށް އެއްލައިލެވޭން ޖެހިދާނެތީއެވެ. (އަލް ބައިޙަޤީ އެކަލޭގެފާނުގެ އައް ޝުޢަބުގައި)

އަދި ޔަޒީދު އައް ރުޤާޝީއެވެ ކިޔުނު ބެއިކަލަކު ރިވާކުރެއްވިއެވެ: ﷲ ތަޢާލާގެ ޢަރުޝީގެ ވަށައިގެން މަލާއިކަތުންވެއެވެ. އެބެއިލަލުންގެ ކޯތާފަތުން ކަރުނަ، ފެންކޯރުން ފެން ފައިބާ އުސޫލުން ފައިބަފައިބާ ހުރެތެވެ. އަދި ގަދަ ވަޔާއެކު ފަރާތްފަރާތަށް ހެލޭފަދައިން އެބެއިކަލުން ﷲ ތަޢާލާއަށް ބިރުފުޅުން ގަދައަށް ތުރުތުރުލައެވެ. އެހެންކަމުން ﷲ ތަޢާލާ އެބެއިކަލުންނަށް އެކަމާއިމެދު (ދެނެވޮޑިގެންވާޙާލު) ވަޙީކުރެއްވިއެވެ: ތިޔަބައިމީހުން ތިމަން އިލާހުގެ ޙަޟުރަތުގައި ވާހިނދުވެސް ބިރުގަންނަނީ ކޮންކަމަކާތޯއެވެ؟ އެބެއިކަލުން ވިދާޅުވާނެތެވ: ޔާ ރައްބެވެ! ދުނިޔޭގައިވާ މީސްތަކުންނަށް އިބަ އިލާހުގެ ކިބްރިޔާއު ވަންތަކާމާއި ޢަޛަމަތްތެރިކަން ތިމަން ބެއިކަލުންނަށް އިނގޭފަދައިން އިނގޭނަމަ، އެބައިމީހުންގެ ޢަރުތެރެއިން އެއްވެސް ކެއުމެއް ނުވަތަ ބުއިމެއްވެސް ނުދިރޭނެތެވެ. އަދި އެބައިމީހުންގެ އެނދުތަކުގައި ނުވެސް ނިދޭނެތެވެ. އަދި އެބައިމީހުން ގެތަކުން ހަނަފަސް ބިންތަކަށް ނިކުމެ ގެރި ހޭރޭފަދައިން ރޮއިހޭރޭނެތެވެ.

އަދި މުޙައްމަދު ބިން އަލް މުންކަދިރު ވިދާޅުވިއެވެ: ﷲ ތަޢާލާ ނަރަކައިގެ އަލިފާން ޚަލްޤުކުރެއްވުމުން މަލާއިކަތުންގެ ހިތްތައް ބިރުން އުދުހިގެން ދިޔައެވެ. ދެން ﷲ ތަޢާލާ އާދަމްގެފާނު ޚަލްޤު ކުރެއްވުމުން އެހިތްތައް އަނބުރާ އައެވެ."

ރެފަރެންސް: އިބުނު ޤުދާމާގެ މުޚްޠަޞަރު މިންހަޖުލް ޤާސިދީން ސަފްޙާ: 319 - 323



0 comments: