Monday, June 2, 2014
އިބުނުލް ޢަރަބީ އަލް މާލިކީ ވިދާޅުވިއެވެ:
'ތިމަންކަލޭގެފާނުން އެއްފަހަރަކު ޝައިޚް އަބޫބަކުރު އަލް ފިހްރީ އާއި މުހައްރާސް
އިބުނު އައް ޝައްވާޢު އަށް އައް ޘަގުރުއަށް ވަޑައިގަތުމަށް ދައުވަތު އެރުވީމެވެ.
އަބޫބަކުރަކީ ރަސޫލުﷲ ގެފާނުންގެ ސުންނަތަށް ތަބާވުމުގައި އަރާހުންނެވި
ޝައިޚެކެވެ. އެކަލޭގެފާނުން ޘަގުރަށް، ތިމަންކަލޭގެފާނުން ކިޔަވައިދެއްވާ ރަށަށް،
ވަޑައިގަތެވެ.
ޝައިޚް މިސްކިތަށް ވަދެވަޑައިގެން ފުރަތަމަ
ސަފަށް އަރާ ވަޑައިގެންނެވިއެވެ. އެއިރު ތިމަން ހުރީ މިސްކިތުގެ އެތެރޭ
ދޮރާއްޓެއްކައިރީގައި މޫދަށް ބަލަހައްޓައިގެންނެވެ. ހަމަ އެސަފުގައި ނަވުގެ ކައްޕި
އަބޫ ޘަމްނާއާއި ނައިބު ކައްޕިއާއި އަދި ފަޅުވެރިންގެ ބަޔަކުވެސް އިމާމާ ތެދުވެ
ނަމާދަށް ފަށާނެ ވަގުތަކަށް އިންތިޒާރީގައި ތިއްބެވެ.
އަބޫބަކުރު ޝައިޚް އެކަލޭގެފާނުންގެ ސުންނަތް
ނަމާދުގައި ރުކޫޢަށް ދާހިނދުގައްޔާއި އަދި ތެދުވާހިނދު ދެއަތް ދެކޮނޑާއި ހަމަޔަށް
އުފުލަތެވެ. އެތަންފެނި އަބޫ ޘަމްނާ އޭނާގެ އެކުވެރިންކުރެ އެހިއެވެ. ކަލޭމެންނަށް
މިމީހާ މިކުރާކަމެއް އެބަފެނޭހެއްޔެވެ؟ އޭނާ މަރާ މޫދަށް އެއްލާލާށެވެ. އަދި
އެކަން ކުރިކަން އެހެންމީހަކަށް ނާންގާށެވެ.'. މިއަޑަށް ތިމަން ރުޅިއަރައިގެން
ތެދުވެ ސުބުހާނަﷲއޭ، އެއީ ދުނިޔޭގައި މިވަގުތަށް ދިރިހުންނެވި އެންމެ ބޮޑު އެއް
ފިޤުހުވެރިއާއޭ އެހެންނުހަދާށޭ ކިޔައިގަތީމެވެ.
އެމީހުން ބުންޏެވެ: ދެން އޭނާ އަތް ނަގާ ކޮނޑާއި
ހަމަޔަށް އުފުލަނީ އެއީ ކޮންކަމެއްހެއްޔެވެ؟
ތިމަން ބުނީމެވެ: އެއީ ރަސޫލުﷲ ގެފާނުންގެ
ސުންނަތާއި އަދި އިމާމު މާލިކުގެފާނުންގެ މަޛްހަބުކަމުގައި މަދީނާގެ ޢިލްމުވެރިން
ވަނީ ކިޔައިދެއްވާފައެވެ. ދެން ތިމަން އެމީހުން މައިތިރިކޮށް ހަމަޖައްސާ ހެދީމެވެ.
ދެން ޝައިޚް ނަމާދުން ނިމިވަޑައިގަނެ ތިމަން ރުޅިއައިސްފައިވާ މޫނު ފެނިވަޑައިގެން
އެކަމާއިމެދު ސުވާލުދެންނެވިއެވެ. ތިމަން ވީގޮތް ކިޔައިދިނުމުން ވިދާޅުވިއެވެ:
"ހަމަ ޔަޤީނުންވެސް އަހުރެން ރަސޫލާގެ ސުންނަތް އަދާކުރުމުގައި ވަނިކޮށް
މަރާލެވެން އެދެމެވެ."
ދެން ތިމަން، ކަލޭގެފާނުން ތިހެން ކަންތަން ދެން
ނުކުރައްވައްޗޭ، މިއީ ސުންނަތާއި ޚިލާފަށް އުޅޭން އުޅޭ ބަޔަކު ދިރިއުޅޭ ތަނެކޭ
ކިޔުމުން އެކަމާއި އަޅާލުމެއް ނުދެއްވައި ވިދާޅުވީ ތިޔަ ވާހަކަ ހުއްޓަވައި
ތިޔަށްވުރެ މުހިއްމު ވާހަކައެއް ދައްކަމާ ބަހީއެވެ.
ރެފަރެންސް: އަޙްކާމުލް
ޤުރުއާން (ވޮލިޔުމް4/ ސަފްޙާ 1900). ޤުރުތުބީ އެކަލޭގެފާނުންގެ ތަފްސިރުގައާއި
އައް ޝާޠިބީގެ 'އަލް ޢިއްތިސާމް' ގެ (ވޮލިޔުމް 1/ ސަފްޙާ 295) ގައިވެސް
ބަޔާންކުރައްވާފައިވެއެވެ.
އަސްލު: މަޝްހޫރު ޙަސަން ސަލްމާންގެ
'ނަމާދުގައި ކުރެވޭ ކުއްތަކުގެ ރަނގަޅުގޮތް' މިފޮތުންނަގާފައި
Subscribe to:
Post Comments (Atom)
0 comments:
Post a Comment