Monday, June 30, 2014

ޞައްޙަ ރިވާޔަތުން ޢައްބާސުއްދޫރީ ނަޤުލުކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންގެ އަވައްޓެރިއެއްކަމުގައިވާ ޢަލީ ބުނު ޙަޒާރާ ވިދާޅުވިއެވެ.

އެއްފަހަރެއްގައި ތިމަންގެ މަންމަ ވަރަށްބޮޑަށް ބަލިވިއެވެ. އަދި ބަލި ބޮޑުވަމުންގޮސް އައްސިބައްޔަށް ބަލި ބަދަލުވެ، އެންމެ ފަހުން މަންމަގެ އުނަގަނޑުން ތިރި ވައުވެއްޖެއެވެ. މިގޮތަށް މަންމަ ނުހިނގި އޮންނަތާ ވިހި އަހަރުވެއްޖެއެވެ. އެއްދުވަހަކު މަންމަ ތިމަންނަ ގާތުގައި ބުންޏެވެ.

ދަރިފުޅާއެވެ. ނިކަން ކޫފާގައި އެއުޅުއްވާ ޝައިޚު (އެބަހީ އިމާމު އަޙުމަދު ބުން ޙަންބަލް) ގެ އަރިހަށްގޮސް މަންމައަށްޓަކައި، މިބަލިން ޝިފާދެއްވާތޯ ﷲއަށް ދުޢާ ކޮށްދެއްވުމަށް ދަންނަވާ ބަލާށެވެ.

މަންމަގެ އެދުމާއެއްގޮތަށް އަހަރެން ދިޖްލާ ކޯރު ހުރަސްކޮށްފައް އިމާމު އަޙްމަދުގެ އަރިހަށް ދިޔައީމެވެ. އަދި އެގެޔަށްގޮސް ދޮރުގައި ޓަކިދިނީމެވެ. އެއިރު އެކަލޭގެފާނު އިންނެވީ ބޭރު ފެންޑާގައެވެ.

އެކަލޭގެފާނު: ކާކުތޯ؟

އަހުރެން: އަބޫ ޢަބުދުﷲ. އަޅުގަނޑަކީ ކަލޭގެފާނުންގެ އަޚެއް (މާނައަކީ އިސްލާމްކަމުގެ ގޮތުން އަޚެކެވެ.)

އެކަލޭގެފާނު: ކޮން ބޭނުމަކުތަ އައީ؟

އަހުރެން: އަޅުގަނޑުގެ މަންމަ އުޅެނީ ވަރަށް ބޮޑަށް ބަލިވެ، އުނަގަނޑުންތިރި ވަނީ ވާވެފައި. މަންމަ ކަލޭގެފާނުންގެ އަރިހުން އެދެނީ ﷲގެ ޙަޟްރަތުގައި މަންމައަށްޓަކައި ދުޢާކޮށްދެއްވުމަށް.


އެކަލޭގެފާނު: (ޠަވާޟުޢުވެރިވުމުގެގޮތުން) އޭއަޚާއެވެ. އަހަރެމެންނަށްޓަކައި ދުޢާކޮށްދޭނީ ފަހެ ކޮންބައެއްހެއްޔެވެ؟ ހިތާމައިގެ ރާގުގައި މިހެން އެތަކެއްފަހަރު ވިދާޅުވިއެވެ.

އަހުރެން ގަތްލަދުން އެނބުރިދާން ޤަސްދުކޮށްފީމެވެ. އަދި ސަލާމް ދަންނަވާފައި މާޔޫސްކަމާއެކު އައިކޮޅަށް ދާން އެގެއިން ނިކުތީމެވެ. އެވަގުތު އެގެއިން ނިކުތް އަންހެނަކު އަހރެންގެ ގާތަށް އައިސް ބުންޏެވެ. ދެރަނުވާށެވެ. އެކަލޭގެފާނު ދުޢާކުރައްވަން އިންނަވަނިކޮށް އަހަރެން ދުށީމެވެ. އަހަރެންނަށް ހީވަނީ، ކަލޭގެ މަންމައަށްޓަކައި ދުޢާކުރެއްވީހެންނެވެ.

ދެން އަހަރެން އެނބުރި ރަށަށް އަތުވެއްޖައީމެވެ. ގެއަށް އައިސް ގޭގެ ދޮރުގައި ޓަކިޖެހުމުން ސުވާލު ކުރިއެވެ. 

މަންމަ: ތިޔައީ ކާކުހެއްޔެވެ؟

އަހަރެން: އަހަރެން މިއީ މަންމަގެ ޢަލީއެވެ.

ކުއްލިއަކަށް މީހަކު ދޮރުހުޅުވާލިއެވެ. ބަލާލިއިރު އެއީ މަންމައެވެ. އަހަރެންނަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. ލާއިލާހަ އިއްލަﷲއެވެ. މިއީ ކޮންކަހަލަ ކަމެއް، މަންމަ ޖަވާބުގައި ބުންޏެވެ. ދަރިފުޅާއެވެ. އަހަންނަކަށްވެސް ނޭންގެއެވެ. ދަރިފުޅު ގޮވާލުމުން ގޭގައި އެހެންމީހަކު ނެތީމާ އަހަންނަށް ބޭއިޚްތިޔާރުގައި ތެދުވެވުނީއެވެ. ހަމަ ތެދުވުމުން ހިނގޭކަން އަހަންނަށް އިޙްސާސްވެގެން އަވަހަށް އައީއެވެ.

މިކަމާ އަހަރެމެން ދެމައިންނަށްވެސް ވަރަށްބޮޑު ހައިރާންކަމެއް ލިބުނެވެ. ކޮންމެއަކަސް ބަލިޖައްސަވަނީ ﷲއެވެ. ބަލިން ޝިފާ ދެއްވަނީވެސް އެއިލާހުއެވެ. އަހަރެމެން މަތިވެރި މާތް ﷲ އަށް ޙަމްދުކޮށް ގިނަގުނަ ސަނާއާއި ޝުކުރު ދެންނެވީމެވެ. 

ރެފަރެންސް: ސިޔަރު އަޢުލާމް އައް ނުބަލާ

0 comments: