Monday, June 2, 2014


ވަހްބް ވިދާޅުވިއެވެ: "ސަލާމްލެއްވި އާދަމްގެފާނުން ސުވަރުގެއަށްޓަކައި 300 އަހަރު ކީރިތިކުރެއްވިއެވެ. އަދި އެކަލޭގެފާނުންނަށް އެކުރެވުނު ކުށަށްފަހު އެކަލޭގެފާނުންގެ ބޯ އުޑާއި ދިމާއަށް އުފުލައިނުލާ ކަމުގައި ވެއެވެ."

އަދި ވުހައިބު ބިން ޢަބްދުލް ވަރްދު ވިދާޅުވިއެވެ: "ﷲ ތަޢާލާ ނޫހުގެފާނަށް އެކަލޭގެފާނުންގެ ދަރިކަލުންނާއިމެދު " އެކަލާނގެ وحى ކުރެއްވިއެވެ. އޭ نوح ގެފާނެވެ! ހަމަކަށަވަރުން، އެ ދަރިކަލުން، ކަލޭގެފާނުގެ أهل ވެރިންގެ ތެރެޔަކުން ނުވެއެވެ. ހަމަކަށަވަރުން، އެ ދަރިކަލުންގެ عمل އަކީ، ރަނގަޅުނޫން عمل އެކެވެ. ފަހެ، ކަލޭގެފާނަށް އެކަމަކާމެދު، އެނގުމެއްނުވާ ކަންތަކަށްއެދި، ތިމަންރަސްކަލާނގެ حضرة އަށް ނުދަންނަވާށެވެ! ހަމަކަށަވަރުން، جاهل ންގެ ތެރެއިން ކަލޭގެފާނު ވެދާނެތީ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް نصيحة ތެރިވެވޮޑިގެންވަމެވެ. "  (ހޫދު: 46) މިހެން ވަޙީކުރެއްވުމައްފަހު 300 އަހަރު އެކަލޭގެފާނުން ކީރިތިކުރެއްވިއެވެ. އަދި އެކަލޭގެފާނުންގެ ލޮލުގެ ދަށުން ކޯތާފަތުގެ ހަންގަޑުން ކަރުނައިގެ ރޮނގު ފާހަގަވާކަމުގައި ވެއެވެ."

އަބުއް ދަރުދާ ވިދާޅުވިއެވެ: "އިބުރާހީމްގެފާނުން ނަމާދަށް ތެދުވެވަޑައިގެންފިނަމަ ﷲގެ ކޯފާއަށް ގަންނަ ބިރުފުޅުން އެކަލޭގެފާނުންގެ މެއިގެތެރޭގައިވާ ހިތުން އަޑުފަށް ކިޔާއަޑު އެކަލޭގެފާނުންނާއި ކައިރިވާ މީހަކަށް އަޑުއިވޭކަމުގައި ވެއެވެ."

އަދި މުޖާހިދު ވިދާޅުވިއެވެ: "ދާއޫދުގެފާނުންނަށް ކުށެއްކުރެވުނުހިނދު އެކަލޭގެފާނުން ސާޅީސް ދުވަސްވަންދެން ސަޖިދައިގައި އޮންނެވިއެވެ. އަދި އެކަލޭގެފާނުންގެ މޫނުގެ ދަށުން ވިނަ ގަސްފެޅިކަމުގައި ވެއެވެ. އަދި އެކަލޭގެފާނުން ވިދާޅުވިއެވެ: 'ޔާ ﷲއެވެ! ތިމަން ކަލޭގެފާނުންގެ ނިތްކުރިވަނީ ހަލާކުވެފައެވެ. އަދި ލޮލުން ކަރުނަ ހުސްވެ ލޯވަނީ ހިކިވެފައެވެ. ނަމަވެސް މިދާއޫދަކަށް އެއްވެސް އެއްޗެއް އަނބުރައި އަދި ނުލިބެއެވެ.' ދެން އަޑެއް އެކަލޭގެފާނުންނަށް އިވިވަޑައިގަތެވެ: 'ކަލޭގެފާނުން ބަނޑުހައިފުޅުވެ ކެއުމަށް ބޭނުންވީތޯއެވެ؟ ނުވަތަ ބަލިވެ ޝިފާއަށް ބޭނުންވީތޯއެވެ؟ ނުވަތަ ކަލޭގެފާނާއިމެދު އަނިޔާވެރިވެ މަދަދަށް ބޭނުންފުޅުވީތޯއެވެ؟' ދެން އެކަލޭގެފާނުން ކީރިތި ކުރެއްވި ބާރުކަމުން ހެދިގެން އަންނަ ކޮންމެ ދިރޭއެއްޗެއް ހޭވެރިކުރުވިއެވެ. އަދި އެއާއި އެކު އެކަލޭގެފާނުންނަށް ޢަފޫކުރެއްވިއެވެ."

އަދި ބުނެވޭގޮތުގައި މީސްތަކުން ދާއޫދުގެފާނުން ބަލިކަމުގައިދެކި އެކަލޭގެފާނުންނަށް ޒިޔާރަތްކުރާކަމުގައި ވެއެވެ. ނަމަވެސް އެއީ އެކަލޭގެފާނުން ﷲ ތަޢާލާދެކި ގަންނަ ބިރުފުޅެއްގެ ސަބަބުންފިޔަވައި އެހެންކަމެއްނޫނެވެ."

އަދި ސަލާމްލެއްވި ޢީސާގެފާނުންނަށް މަރުގެ ވާހަކަ ނަންގަނެވޭ ކޮންމެ ހިނދެއްގައި އެކަލޭގެފާނުންގެ ގައިގެ ހަމުން ލޭތިކިޖަހައެވެ."

0 comments: