Monday, June 2, 2014






"...އޭ ﷲ ދެކި ލޯބިވާ އެންމެހާ އަޅުތަކުންނޭވެއެވެ! އަހަރެމެންގެ ހުރިހާ ޢަމަލަކީ ޚާލިޞްކޮށް ﷲ އަށް ކުރެވޭ ކަންކަމުގައި ހަދަމާތޯއެވެ. އަޑުއައްސަވާށެވެ:

'އެފްރިކާގެ ޤައުމުތަކުގެ ތެރެއިން ޤައުމެއްގައި މުސްލިމުންގެ އަސްވާރުން ބައިޒަންޓައިންގެ ކާފަރުންނާއި ހަނގުރާމަކުރެވެމުންދަނީއެވެ. ބައިޒަންޓައިންގެ މީހުންގެ ޢަދަދު މުސްލިމުންގެ މައްޗަށް ދިހަގުނަ ނުވަތަ އެއަށްވުރެ އިތުރުވެގެން ވެއެވެ. ބައިޒަންޓައިންގެ ލަޝްކަރުގެ ކޮމާންޑަރަކަށްހުރީ ގުރެގޮރިސް ނަމަކަށް ކިޔުނު މީހެކެވެ. އޭނާގެ އެއްފަރާތުގައި އޭނާގެ އަންހެން ދަރި ހުއްޓެވެ.

ގުރިގޮރިސްގެ އަންހެންދަރި ބުންޏެވެ: "އޭ ބައްޕާއެވެ! މިތިބީ އަތްގޮއްޓެއްހާ މީސްކޮޅެކެވެ. ގާތްގަނޑަކަށް ފަނަރަ ހާހަކަށްވުރެވެސް ގިނައެއްނުވާނެއެވެ."

އޭނާ އެއަންހެން ދަރި ކަމަނާއަށް ޖަވާބުދިނެވެ: "އެހެންވިޔަސް މިއީ ޢަރަބި އަސްވާރުންނެވެ."

އެކަމަނާ ވިދާޅުވިއެވެ: "ބައްޕާއެވެ. އެމީހުންގެ މުދާ ތިމަންނާއާއި ހަވާލުކުރާށެވެ."

ދެން މި ގްރެގޯރިއަސް މިއަންހެންދަރިއަށް ހަނގުރާމަ ފެށުމުގެ ކުރިން މުސްލިމުންގެ އަތުން ލިބުނު މުދަލުން ބައެއް ހަވާލުކުރިއެވެ. އެހެންކަމުގައި ވިޔަސް ﷲ ތަޢާލާ އެދިވޮޑިގަތީ ގްރެގޯރިއަސް ޤަތުލުވުމަށާއި އެއަންހެންދަރި މުސްލިމުންގެ އަތްދަށުވުމަށްކަމުން އެކަން ތަޤުދީރުގައިވާ ގޮތަށް ވެނިމުނެވެ.

މުސްލިމުންގެ ލަޝްކަރުގެ ކޮމާންޑަރަކަށް ހުންނެވި ކަލޭގެފާނުން އެގްރެގޯރިއަސް ޤަތުލުކުރެއްވީ ކާކުތޯ ބަލަން ބޭނުންވެ ވަޑައިގެން އެކަމާއި ޢާއްމު ސުވާލުކުރެއްވިއެވެ. ނަމަވެސް އެއްވެސް ބޭކަލަކު އެއަކަށް ޖަވާބު ނުދެއްވިއެވެ. 

މިއީ އެބެއިކަލުންގެ ތެރެއިގައި އިޚްލާޞްތެރިކަން ހުރިވަރެވެ. ދުނިޔޭގެ ޝަރަފާއި ޤަދަރު ލިބެން އޮއްވައި، އަދި މީސްތަކުންގެ ތެރޭގައި ފޮނިކެނޑެން އޮއްވައި އާޚިރަތަށްޓަކައި އެކަންކަމުން ބަރީޢަވެގަންނަވަނީއެވެ. އެއީ އާޚިރަތުގައި ލިބެން އޮތް ނިޢުމަތް ބޮޑުކަން އެބެއިކަލުންނަށްވެސް އިނގިވަޑައިގަންނަވާތީއެވެ.

"ގްރެގޯރިއަސް ޤަތުލުކުޅައީ ކޮންބެއިކަލެއްހެއްޔެވެ؟"

ގްރެގޯރިއަސްގެ އަންހެން ދަރިކަލުން މުސްލިމުންގެ ކޮމާންޑަރު ގާތުގައި ތިމަންގެ ބައްޕާ މެރި މީހާ ތިމަން ދަންނަމޭ ބުންޏެވެ. 

އަދި މިހެން ބުނެފައި އޮއްވައި ޢަބްދުﷲ ބިން ޒުބައިރު ގެފާނުން އެކަމަނާގެ ގާތުން އެއްފަހަރަކު ވަޑައިގަންނަވަނިކޮށް އެކަމަނާ މުސްލިމުންގެ ކޮމާންޑަރަށް ގޮވައި ތިމަންގެ ބަފައިކަލުން މެރީ މިހިރަ މީހާއޭ ގޮވިއެވެ.

މުސްލިމުންގެ ކޮމާންޑަރު އެކަލޭގެފާނުންކުރެ އެއްސެވިއެވެ: "އޭ ޢަބްދުﷲ ބިން ޒުބައިރެވެ. ކަލޭގެފާނުން އެކަން ފޮރުއްވެވީ ކީތްވެތޯއެވެ؟"

ޢަބްދުﷲ ބިން ޒުބައިރުގެފާނުންގެ ޖަވާބު އިނގިލައްވާތޯއެވެ؟ އެކަލޭގެފާނުން ވިދާޅުވިއެވެ: "އޭނާ ޤަތުލުކުރީ ތިމަންކަލޭގެފާނުކަން ﷲ ތަޢާލާ ދެނިވޮޑިގަންނަވައެވެ" މާނައަކީ އެވަރަކުން ނުފުދޭތޯއެވެ؟

ރެފަރެންސް: ޝައިޚް މުޙައްމަދު އިބްރާހީމް އަލް މަހުދީ 'ޢިޖްލީން މިސްކިތުގައި 6 ޖޫން 2001 ވާ ހުކުރު ދުވަހުގެ ހުކުރު ޚުޠުބާގައި ކިޔައިދެއްވާފައިވާ ވާހަކައެއް.
 

0 comments: