Friday, June 27, 2014
ޙާޝިދު އިބްނު އިސްމާޢީލް ވިދާޅުވެފައިވެއެވެ.
އަބޫ ޢަބްދުﷲ މުޙައްމަދު ބުން އިސްމާޢީލް، އާދެ އިމާމު ބުޚާރީ، ބަޞަރާގެ
ޝައިޚުންގެ އަރިހުން ޢިލްމު ހޯއްދަވަމުން ގެންދެވިއިރު އެކަލޭގެފާނުން އުޅުއްވީ
ތިމަންމެނާއި ވަރަށް ތަފާތު ގޮތަކަށެވެ. އެއިރު އެކަލޭގެފާނު ވަރަށް ތުއްޕުޅެވެ.
ކިޔަވަމުންދާ ހުރިހާ އެއްޗެއް ތިމަންމެން ދިޔައީ ލިޔަމުންނެވެ. އެކަލޭގެފާނުން
އެއްވެސް އެއްޗެއް ނުލިޔުއްވަތެވެ. މިހެންގޮސް އެތަކެއް ދުވަސް ފާއިތުވެ
ދިޔުމަށްފަހު ތިމަންމެން އެކަލޭގެފާނުންގެ އަރިހުން ދެންނެވީމެވެ.
އަޅުގަނޑުމެން ހުރިހާ އެއްޗެއް ލިޔަމުންދާއިރު
ކަލޭގެފާނު އެކައްޗެއްވެސް ނުލިޔުއްވާ، ކިޔަވާ ވިދާޅުވުން މާތަފާތު ގޮތަކަށް
ތިޔަގެންދަވަނީ ކީއްވެގެންތޯއެވެ؟ އެހެންނާ ކަލޭގެފާނުން ޢިލްމުވެރިންގެ އަރިހަށް
ވަޑައިގެން އަޑުއައްސަވާވެސް އެބަ ހައްދަވަމުއެވެ. ތިމަންމެން އެތަކެއްފަހަރު
މަތީން މިގޮތަށް ސުވާލުކުރީމެވެ. އެކަލޭގެފާނުން ވަކި ޖަވާބެއް ނުދެއްވަތެވެ.
ތިމަންމެންގެ ސުވާލުތަކާހުރެ، މިމައްޗަށް ސޯޅަ
ދުވަސްވީފަހުން އެއްދުވަހަކު ވިދާޅުވިއެވެ. ތިޔަބެއިކަލުން އެތަކެއްފަހަރުމަތީން
ތިޔަ ސުވާލު ކުރައްވައިފީމުއެވެ. އަޅުގަނޑަށް ޖަވާބު އަރުވަން މަޖުބޫރުވާ ހިސާބަށް
ހިނގައްޖެއެވެ. އެންމެރަނގަޅެވެ. ތިޔަބެއިކަލުން ތިޔަ ލިޔުއްވާ އެއްޗެއް ނިކަން
ދައްކަވަބައްލަވާށެވެ. އަޅުގަނޑުވެސް އަޅުގަނޑުގެ އަތުގައި ހުރިއެއްޗެހި
ދައްކާހުށީމެވެ. މިގޮތުން ތިމަންމެން ލިޔެފައިވާ ފަނަރަހާސް ޙަދީޘް ހުށަހެޅީމެވެ.
އެންމެފަހުން އެކަލޭގެފާނުންގެ ވިދާޅުވުންތަކުން ތިމަންމެންގެ ފޮތްތަކުގައި ލިޔުނު
އެއްޗެހީގައި ހުރި ކުއްތައް ތިމަންމެން އިޞްލާޙުކުރީމެވެ.
އެއަށްފަހު އެކަލޭގެފާނު ވިދާޅުވިއެވެ.
ތިޔަބެއިކަލުންނަށް ހީވެލައްވަނީ އަޅުގަނޑު ތަފާތު ޢިލްމުވެރިންގެ އަރިހަށް އައިސް
އެބޭކަލުންގެ އަރިހުގައި މިހޭދަކުރާ ވަގުތަކީ ބޭކާރުކުރެވޭ
ވަގުތެއްކަމުގައިތޯއެވެ؟ އެއްގޮތަކަށްވެސް އެހެންނެއް ނޫނެވެ.
މިހިސާބުން އެކަލޭގެފާނުންގެ ޢިލްމުވެރިކަމާއި،
ހިތްޕުޅުގެ އަލިކަމާއި، ސިކުނޑިފުޅުގެ ތަނަވަސްކަން ތިމަންމެންނަށް އިހުސާސްކުރެވި
އެކަމާއި ހައިރާންވީމެވެ. އަދި ތިމަންމެންގެ ތެރެއިން އެކަކަށްވެސް އެކަލޭގެފާނަށް
ގޮން ނުޖެހޭނެކަން އެނގި އެކަމަށް އެއްބަސްވީމެވެ.
ރެފަރެންސް: ހުޞައިން ރަޝީދު
އަހުމަދުގެ "ދީނާއި ދީންވެރިން"
އަސްލު ނަގާފައިވަނީ: އަލް ޙާފިޘް
އިބުނު ޙަޖަރުގެ ފަޠުޙުލް ބާރީ އިން
Subscribe to:
Post Comments (Atom)
0 comments:
Post a Comment