Thursday, June 26, 2014
ޢަބުދުﷲ ބިން އަބޫ މޫސާ އައްތުސްތަރީ
ވިދާޅުވެފައިވެއެވެ. ތިމަން އިސްލާމްވުމަށްފަހު ތިމަންނައަށް ބެއިކަލަކު ދެއްވި
ނަޞޭޙަތެއްގައި ވެއެވެ. އުޅޭ ކޮންމެ ތަނެއްގައިވެސް ފިޤުހުވެރިއަކާއެކު އުޅެވޭތޯ
ބަލާށެވެ. އެހެންކަމުން އަހުރެން އެގޮތަށް އުޅެވޭތޯ ބެލީމެވެ.
އެއްފަހަރަކު އަހުރެން ބެއިރޫތަށް ދިޔައީމެވެ.
އެރަށުން އަހުރެން ދިޔައީ އިމާމު އައުޒާޢީގެ އަރިހަށެވެ. އަދި އެކަލޭގެފާނުންގެ
ކިބައިން އެކަލޭގެފާނުންގެ ޚިދުމަތުގައި އުޅުއްވުމަށް ފުރުސަތު ދެއްވުމަށް
ހުއްދައަށް އެދި ވަޑައިގަތީމެވެ. އެކަލޭގެފާނުން އަހުރެންގެ ޙާލު އަހުވާލު
އެއްސެވިއެވެ. އަހަރެން އަހަރެންގެ އެންމެހާ މައުލޫމާތެއް އެރުވީމެވެ. އަދި
އަހަރެންނަކީ ކުރީގައި މަޖޫސީއެއްކަމާއި މިހާރު އުޅެނީ އިސްލާމްވެގެން ކަންވެސް
ހާމަކުރީމެވެ.
އެކަލޭގެފާނު: ބައްޕަ ދުނިޔޭގައި
އެބަހުރިހެއްޔެވެ؟
އަހުރެން: އާދޭހެވެ! ބައްޕަ އުޅެނީ ޢިރާޤުގައެވެ.
އޭނައަކީ އަދި މަޖޫސީއެކެވެ.
އެކަލޭގެފާނު: އަހަންނަށްފެނޭ، ބައްޕާގެ
ކައިރިއަށް ދިޔުމަށް. އެއީ އޭނާ ތިބާގެ މައްޗަށް އިސްލާމްވުމުގެ ހެޔޮ ތައުފީޤު
މާތް ﷲ ދެއްވަފާނެ ކަމަށް އުއްމީދު ކުރެވޭތީ.
އަހުރެން: ކަލޭގެފާނުން އަޅުގަނޑަށް ދެއްވާ
ނަޞޭހަތަކީ ތިއީތޯއެވެ؟
އެކަލޭގެފާނު: އާއެކެވެ!
އަހަރެން ބައްޕަގެ ގާތަށް ޢިރާޤަށް އައިއިރު
ބައްޕަ އުޅެނީ ބަލިވެއެވެ. އަހަރެން ފެނުމުން ބައްޕަ ވަރަށް އުފާވިއެވެ. އަދި
އަހާލިއެވެ. ދަރިފުޅާއެވެ. ކުއްލިއަކަށް އަންގާލުމަކާއި ނުލައި ތިޔައައީ
ކޮންކަމަކާ ހެއްޔެވެ؟ އަހަރެން ބުނީމެވެ. ބައްޕާއެވެ. އަހަރެން އިސްލާމް
ވެއްޖައީމެވެ. މިއައީ ބައްޕައަށް އެޚަބަރުދޭންވެގެންނެވެ.
ބައްޕަ ބުންޏެވެ. ކަލޭ ތިޔަ އަމިއްލަކުރި ދީން
ތިމަންނާއަށްވެސް ނިކަން ކިޔައިދީބަލާށެވެ. ދެން އަހުރެން އިސްލާމްދީނުގެ
މުހިއްމުކަން ބައްޕައަށާއި ގޭގެ މީހުންނަށް ހާމަކޮށްދިނީމެވެ. ބައްޕަ ބުންޏެވެ.
ދަރިފުޅާއެވެ. ދަރިފުޅު ހެކިކޮށް ތިމަން އިސްލާމްވަމެވެ.
ޢަބްދުﷲ ވިދާޅުވިއެވެ. ގޭގެ އެންމެންވެސް މާތް
ﷲގެ އޯގާވަންތަކަމުން އިސްލާމްދީން ޤަބޫލުކުރިއެވެ. އަދި ބައްޕަ އިސްލާމް
ވުމަށްފަހު މާގިނަ ދުވަސްތަކެއްނުވެ، ބަލީގައި މިފަނާވަނިވި ދުނިޔެއާއި
ޢަލްވަދާޢުކިޔައި މާތްﷲ ގެ ޙަޟްރަތަށް ދަތުރުކޮށްފިއެވެ. ދެން ބައްޕަގެ
ކަށުކަމާކެމީގެ ކަންތައް ފުރިހަމަކުރުމަށްފަހު އަހުރެން އެނބުރި އިމާމް އައުޒާޢީގެ
އަރިއަހަށް ދިޔައީމެވެ. ދެން ކަންހިނގި ގޮތުގެ ވާހަކައިން އެކަލޭގެފާނުންނަށް
ޚަބަރު އެރުވީމެވެ.
ރެފަރެންސް: އިބްނު އަބީ ޚައިތަމާގެ
އައް ތާރީޚުލް ކަބީރު
Labels:
scholars
Subscribe to:
Post Comments (Atom)
0 comments:
Post a Comment