Sunday, November 3, 2013


އިބްން ޢައްބާސް ރިވާކުރެއްވިއެވެ: ރަސޫލުﷲ (ސައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވިއެވެ: "ތިމަންކަލޭގެފާނުން އިސްރާއާއި މިޢުރާޖުގެ ރޭގައި ތިމަންކަލޭގެފާނުންނަށް ވަރަށް މީރު ވަހެއް ދުވިއެވެ. ތިމަންކަލޭގެފާނުން ދެންނެވީމެވެ: އޭ ޖިބްރީލްގެފާނުންނެވެ، މިދުވަނީ ކޮން މީރު ވަހެއްތޯއެވެ؟ ޖިބްރީލް ގެފާނުން ދެންނެވިއެވެ: މިއީ ފިރުޢައުނުގެ އަންހެން ދަރީގެ ބޮލުގައި ފުނާ އަޅުވައިދޭން އުޅުނު މީހެއްގެ ގައިން ދުވާ މީރުވަހެވެ. ތިމަންކަލޭގެފާނުން ދެންނެވީމެވެ: އެބައިމީހުންގެ ވާހަކައަކީ ކޮބައިތޯއެވެ؟ ޖިބްރީލްގެފާނުން ދެންނެވިއެވެ: އޭނާ ފިރުޢައުނުގެ އަންހެން ދަރީގެ ބޮލުގައި ފުނާ އަޅުވައިދޭން އުޅުމުގެ ތެރޭގައި އެއްދުވަހަކު އެ ދަގަނޑު ފުނާ އޭނާގެ އަތުން ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. އަދި އޭނާ ބުންޏެވެ، 'ބިސްމިﷲ' (ﷲގެ އިސްމު ފުޅުން (ފަށަމެވެ))' ފިރުއަޢުނުގެ އަންހެން ދަރި ބުންޏެވެ: 'އަހުރެންގެ ބައްޕަ (ހެއްޔެވެ)؟' އެ އަންހެންމީހާ ބުންޏެވެ: 'ނޫނެކެވެ. އަހަރެންގެ ކަލާންގެއާއި ކަލޭގެ ބައްޕާގެ ކަލާންގެއަކީ ﷲއެވެ' އެއަންހެން ދަރި ބުންޏެވެ: 'އަހުރެން ތިވާހަކަ ބައްޕާގެ ގާތުގައި ދަންނަވާނަމެވެ.' އެއަންހެން މީހާ ބުންޏެވެ: 'މައްސަލައެއް ނެތެވެ'


ދެން އެއަންހެން ދަރި މިވާހަކަ ގޮސް ފިރުއަޢުނުގެ ގަތުގައި ދައްކައިފިއެވެ. ދެން ފިރުއަޢުނު އެއަންހެންމީހާ ދަރުބާރަށް ޙާޒިރުކޮށް އެހިއެވެ: 'އޭ އެވެނި މިވެނި މީހާއެވެ. އަހަރެންފިޔަވާ އެހެން ކަލަކު ކަލެޔަށް ވޭހެއްޔެވެ؟' އެއަންހެން މީހާ ބުންޏެވެ: 'އާއެކެވެ. އަހުރެންގެ ކަލާންގެއާއި ކަލޭގެ ކަލާންގެއަކީ ﷲ އެވެ'. ދެން ފިރުއަޢުނު ރަތުލޮއިން ހަދާފައިވާ ގެރިއެއް ހޫނުކޮށް އެއަށް އެއަންހެން މީހާއާއި އޭނާގެ ދަރިން އެއްލައިލުމަށް އަމުރުކުރެވުނެވެ. އެއަންހެންމީހާ ބުންޏެވެ: 'އަހުރެން ކަލޭގެ ގާތުން އެދޭ އެއްކަމެއް ވެއެވެ.' ފިރުއަޢުނު ބުންޏެވެ: 'އެއީ ކޮންކަމެއްހެއްޔެވެ؟' އެއަންހެން މީހާ ބުންޏެވެ: 'އަހުރެންނާއި އަހުރެންގެ ދަރިންގެ ކަށިތައް އެއްކޮށް އެކީގައި ވަޅުލުމަށް އެދެމެވެ.' ފިރުއަޢުނު ޖަވާބުގައި ބުންޏެވެ: 'ތިޔަކަން ކޮށްދޭނަމެވެ.'

ފިރުއަޢުނު އަމުރުކުރީ އެއަންހެންމީހާގެ ދަރިންކުރެ ފަހަރަކު ދަރިއަކު އޭނާގެ ކުރިމަތީގައި އެ ރަތުލޯ ގެރީގެ ތެރެއަށްލާ އަންދާލާށެވެ. އެގޮތުގައި ކިރުބޯ އެންމެ ތުއްތު ކުއްޖާއާއި ޖެހުމުން އެކަމަނާގެ ހިތައް ސަހަރޯވެރިކަން ވަނެވެ. އެހެނަސް އެދަރިފުޅު ބުންޏެވެ: 'އޭ މަންމާއެވެ. ކުރިއަށްދާށެވެ. އެހެނީ މިބިމުގައި ލިބޭ އަދަބަކީ އާޚިރަތުގައި ލިބޭ އަދަބަށްވުރެ އުފުލުމުގައި ފަސޭހައެއްޗެކެވެ.' ދެން އެއަންހެން މީހާވެސް ގޮސް ގެރީގެ ތެރެއަށް އެރުނެވެ. 

އިބްން ޢައްބާސް (ރަޟިޔަﷲ ޢަންހް) ވިދާޅުވިއެވެ: ހަތަރު ތުއްތު ކުއްޖަކު ވާހަކަ ދެއްކިއެވެ: 'ޢީސަ ބުނު މަރްޔަމް (ޢަލައްހިއްސަލާމް)، ޖުރައިޖްގެ އެކުވެރިޔާ، ޔޫސުފްގެފާނުންގެ ހެކިބަސްދިން ކުއްޖާއާއި އަދި ފިރުއަޢުނުގެ އަންހެންދަރީގެ ބޮލު ފުނާއަޅުވައިދޭން އުޅުނު އަންހެންމީހާގެ ދަރިއެވެ.' 

ރެފަރެންސް: އިމާމް އަޙްމަދުގެ މުސްނަދު (1/309)، އައް ތަބަރާނީ (12280)، އިބްން ޙިއްބާން (2903) އަދި އަލް ޙާކިމް (496/2)

އިތުރު ޢިލްމް:
އަލް އިމާމް އައް ޛަހަބީ އަލް ޢުލޫވުގައި މިޙަދީޘްއަކީ ސަނަދުގައި ޙަސަން ދަރަޖައިގެ ޙަދީޘެއް ކަމުގައި ބަޔާންކުރައްވާފައިވެއެވެ. އަލް އިމާމް އިބްން ކަޘީރުގެ ތަފްސިރުގައި މިހަދީޘްގެ ސަނަދުގައި މައްސަލައެއް ނެތްކަމުގައި ވިދާޅުވިއެވެ.
" ފިރުއަޢުނު ރަތުލޮއިން ހަދާފައިވާ ގެރިއެއް ހޫނުކޮށް" މި އާއިމެދު އިބްން އަލް އަޘީރު އައް ނިހާޔާގައި ވިދާޅުވެފައިވެއެވެ: އަލް ހާފިޘް އަބޫ މޫސާ ވިދާޅުވިއެވެ: މިއީ ތިމަންކަލޭގެފާނުންނަށް ފެނިވަޑައިގަންނަވާ ގޮތުގައި ގެރިއެއްގެ ސިފައިގައި ހަދާފައިވާ އެއްޗެއްނޫނެވެ. އެހެނެއްކަމަކު އެއީ ވަރަށްބޮޑު ލޯގަނޑެއްފާޑު އެއްޗަކަށް އެމީހުން ކިޔާ ނަމެކެވެ. އަލް ބަޤަރާ މި ލަފްޒް ނެގިފައިވަނީ ތަބައްޤުރު މިއިންނެވެ. މީގެ މާނައީ ބޮޑުކަމެވެ. ނޫނީ ގެރިއެއް އެކީ އެކައްޗަކަށް ލެވޭހާ ބޮޑުވުމަށްވެސް ވެދާނެއެވެ.

ރެފަރެންސް: http://islamqa.com/en/39678

0 comments: