Monday, November 11, 2013



ކަށު ނަމާދު ރަސޫލޫﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރެއްވެވި ގޮތަށް

ކަށު ނަމާދު ކުރާނެ ގޮތްވަނީ ރަސޫލުﷲ ގެފާނާއި އެކަލޭގެފާނުންގެ ޞަޙާބީން ކިޔައިދެއްވާފައެވެ. އެއީ ނަމާދު ކުރާމީހާ "ﷲ އަކްބަރު" ކިޔައި ހަށަމް ބަންނާނީއެވެ. ދެން އަޢޫޛު ބިސްމި ކިޔައި ސޫރަތުލް ފާޠިޙާ (އަލްޙަމްދު ސޫރަތް) ކިޔައި ދެން ޤުރުއާނުން ކޮންމެވެސް ކުރު ސޫރަތެއް ކިޔާނީއެވެ. ނުވަތަ ފާތިޙާ ސޫރަތައްފަހު ޤުރުއާނުން ކޮންމެވެސް އާޔަތްތަކެއް ކިޔަވާނީއެވެ.

ދެން އަނެއްކާ "ﷲ އަކްބަރު" މި ތަކްބީރު ކިޔައި ރަސޫލާގެ މައްޗަށް ޞަލަވާތާއި ސަލާމް ކިޔާނީއެވެ. މިއީ ފަރުޟު ނަމާދު ތަކުގައި ފަހު އައްތަޙިއްޔާތުގައި ކިޔާ ޞަލަވާތެވެ. އެއީ:

"ﷲހުމްމަ ޞައްލި ޢަލާ މުޙައްމަދިން ވަޢަލާ އާލި މުޙައްމަދިން ކަމާ ޞައްލައިތަ ޢަލާ އިބްރާހީމަ ވައާލި އިބްރާހީމަ އިންނަކަ ޙަމީދުން މަޖީދު. ވަބާރިކް ޢަލާ މުޙައްމަދިން ވަޢަލާ އާލި މުޙައްމަދިން ކަމާ ބާރަކްތަ ޢަލާ އިބްރާހީމަ ވައާލި އިބްރާހީމަ އިންނަކަ ޙަމީދުން މަޖީދު"

ދެން "ﷲ އަކްބަރު" ތިންވަނަ ފަހަރަށް ކިޔައި މައްޔިތާގެ މައްޗަށް ހެޔޮ ދުޢާ ކުރާނީއެވެ. ނަމާދު ކުރާމީހާގެ މައްޗަށް އެދެވިގެން ވަނީ އަންނަނިވި ދުޢާ ކިޔުމަށެވެ. އެއީ:




"ﷲހުމްމަޣްފިރު ލިޙައްޔިނާ ވަމައްޔިތިނާ ވަޝާހިދިނާ ވަޣާއިބިނާ، ވަޞަޣީރިނާ ވަކަބީރިނާ ވަޛަކަރިނާ ވައުންޘާނާ، ﷲހުމްމަ މަން އަޙްޔައިތަހޫ މިންނާ ފައަޙްޔިހީ ޢަލަލް އިސްލާމް، ވަމަން ތަވައްފައިތަހޫ މިންނާ ފަތަވައްފަހޫ ޢަލަލް އީމާން" (1)
މާނައީ: ޔާ ﷲ! އަޅަމެންގެތެރެއިން ދިރިތިބީންނާއި މަރުވެފައިވާ މީސްތަކުންނަށް މަޢާފް (ޢަފޫ) ކޮށްދެއްވާންދޭވެ. (އަޅަމެންގެ) ތެރެއިން ޙާޒިރުވެގެންވާ މީސްތަކުންނާއި ޙާޒިރުވެފައި ނެތް މީސްތަކުންނާއި، (އަޅަމެންގެ) ދަރިންނާއި ދުވަސްވީ މީހުންނާއި، (އަޅަމެންގެ) ތެރެއިންވާ ފިރިހެނުންނާއި އަންހެނުންނަށް (މަޢާފް (ޢަފޫ) ކޮށްދެއްވާންދޭވެ). ޔާﷲ! އަޅަމެންގެ ތެރެއިން އިބަ އިލާހް ދިރުންދެއްވި މީހުންނަށް އިސްލާމްދީނަށްޓަކައި އެމީހުންނަށް ދިރުންދެއްވާންދޭވެ. އަދި އަޅަމެންގެ ތެރެއިން އިބައިލާހު މަރުގެންނެވި މީހުންނަށް އީމާންކަންމަތީ އެމީހުން މަރުގަންނަވާންދޭވެ.!"
"ﷲހުމްމަޣްފިރްލަހު ވަރްޙަމްހު ވާޢާފިހި ވަޢުފު ޢަންހު ވައަކްރިމް ނުޒުލަހު ވަވައްސިޢު މުދުޚަލަހު، ވަޣްސިލްހު ބިލްމާއި ވައްޘަލްޖި ވަލްބަރަދް، ވަނައްޤިހި މިނަލް ޚަޠާޔާ ކަމާ ނައްޤައިތައް ޘަވްބަލް އަބްޔަދަ މިނައް ދަނަސް، ވައަބްދިލްހު ދާރަން ޚައިރަން މިން ދާރިހި، ވައަހްލަން ޚައިރަން މިން އަހްލިހި، ﷲހުމްމަދްޚިލްހުލް ޖަންނަތަ ވައަޢިޛްހު މިން ޢަޛާބިލް ޤަބްރި ވަމިން ޢަޛާބިން ނާރި" (2)

މާނައީ: ޔާ ﷲ! އޭނާއަށް މަޢާފް ކޮށްދެއްވާންދޭ! އޭނާގެ މައްޗަށް ރަޙުމަތް ލައްވާންދޭ! އޭނާއަށް ހެޔޮޙާލް ދެއްވާންދޭ! އޭނާއަށް ޢަފޫ ކުރައްވާންދޭ! އޭނާއަށް ބަރަކާތްތެރިކަން ދެއްވާންދޭ! ހުދު ފޭރާމަކުން ހިރަފުސް ސާފުވާހެން އޭނާގެ ކުށްފާފަތަކުން އޭނާ ޠާހިރު ކުރައްވާންދޭވެ! ޔާ ﷲ! އޭނާއަށް މިދުނިޔޭގައި ދެއްވި ގެއަކަށްވުރެ ރަނގަޅު ގެއަކަށް ގެންދަވާންދޭވެ! ދުނިޔޭގައި ދެއްވި އަހުލުންނަށްވުރެ ރަގަޅު އަހުލުންގެ ގާތަށް ގެންދަވާންދޭވެ! ޔާ ﷲ! އޭނާ ސުވަރުގެ ވައްދަވާންދޭވެ! އަދި ކަށްވަޅުގެ ޢަޛާބާއި ނަރަކައިގެ ޢަޛާބުން އޭނާ ސަލާމަތް ކުރައްވާންދޭވެ!"

"ވަސްފަޙް ލަހު ފީ ޤަބްރި ވަނައްވިރްލަހު ފީހި، ﷲހުމްމަ ލާ ތަޙްރިމްނާ އަޖްރަހު ވަލާ ތުޟިއްލަނާ ބަޢްދަހ" (3)

މާނަ: އޭނާގެ ކައްވަޅު އޭނާއަށް ތަނަވަސް ތަނެއްކަމުގައި ހައްދަވައި އަދި އޭނާއަށް ނޫރެއް (އަލިކަމެއް) އެތާ ލައްވާންދޭވެ! ޔާ ﷲ! އަޅަމެން އޭނާއަށް ލިބިގެންވާ ނިޢުމަތުން މަޙުރޫމް ނުކުރައްވާންދޭވެ! އަދި އޭނާއަށްފަހު އަހަރެމެންނީ މަގުއޮޅިފައިވާ ބަޔަކު ކަމުގައި ނުލައްވާންދޭވެ!"

ވޭތުވެ ދިޔަ ދުޢާތަކަކީ ކީރިތި މާތް ރަސޫލާގެ އަރިހުން އައިސްފައިވާ ދުޢާއެވެ. މީހަކު އެހެން ގޮތަކަށް މައްޔިތާއާއިމެދު ދުޢާކުރިކަމުގައި ވިޔަސް އެއަކު އެއްވެސް ގެއްލުމެއް ނެތެވެ. މިސާލަކަށް:

"އިން ކާނަ މުޙްސިނަން ފަޒިދް ފީ އިޙްސާނިހި، ވައިންކާނަ މުސީއަން ފަތަޖާވަޒް ޢަންހް" (4)

މާނަ: އޭނާއަކީ ރަނގަޅު މީހަކު ކަމުގައި ވަނީ ނަމަ، އޭނައަށް ރަނގަޅުކަން އިތުރުކުރައްވާނދޭވެ! އަދި އޭނާއަކީ ނުބައި ވިޔާނުދާ މީހެއްނަމަ އޭނާގެ ނުބައިކަމުގެ މައްޗަށް ބައްލަވާންދޭވެ!"

"ﷲ ހުމްމަޣްފިރްލަހު ވަޘަބތްހު ބިލްޤައުލިއް ޘާބިތް" (5)

މާނަ: ޔާ ﷲ! އޭނާއަށް މަޢާފްދެއްވާ (އޭނާގެ ޖަވާބުތަކުގައި) ސާބިތުކަން ދެއްވާންދޭ!
ދެން ނަމާދު ކުރާމީހާ، ހަތަރުވަނަ ފަހަރަށް "ﷲ އަކްބަރު" ކިޔައި ކުޑަ ވަގުތުކޮޅަކު މަޑުކޮށްލާނީ އެވެ.
ދެން ކަނާތް ފަރާތަށް ސަލާމްދޭނީއެވެ. ނަމާދު ކުރާ މީހާ ކޮންމެ ފަހަރަކު "ﷲ އަކްބަރު" ކިޔަމުން ދެއަތް (ނަމާދުގައި އުފުލާގޮތަށް) އުފުލަން ވާނެއެވެ. 

ކަށު ނަމާދުކުރަން ހުންނަ އިމާމު މީހާ ހުންނަންވާނީ މައްޔިތާއަކީ ފިރިހެނެއްނަމަ އޭނާގެ ބޮލާއި ދިމާއަށެވެ. އަދި މައްޔިތާއަކީ އަންހެނެއްނަމަ އޭނާގެ ހަށިގަނޑުގެ މެދާއި ދިމާލަށެވެ. އަނަސް ގެފާނުންގެ އަރިހުން ސަމުރާ ބިން ޖުންދުބް ރަޟިޔަﷲ ޢަންހުމް ގެއަރިހުން އައިސްފައިވާ ޙަދީޘަކުން މިކަން ސާބިތުވެއެވެ.

މައްޔިތާ ބާއްވަންޖެހޭނީ ޤިބްލައަށް ވާގޮތަށެވެ. އެހެނީ ރަސޫލުﷲ ގެފާނުން ޙަދީޘް ކުރެއްވިއެވެ:

"ހަމަކަށަވަރުން އެއީ މުސްލިމުންގެ ޤިބުލައެވެ. (މުސްލިމުންގެ ތެރެއިން) ދިރިތިބީންނާއި މަރުވެފައިވާމީހުންގެވެސްމެއެވެ."

ރެފަރެންސް:
(1)   އަބޫ ދާއޫދު: 3201، އަދި އިބްން މާޖާ: 1498
(2)   މުސްލިމް: 963
(3)   މުސްލިމް: 920
(4)   އަލް ޙާކިމް: 1:359
(5)   އިބްން އަބީ ޝައިބާ: 11491
ރެފަރެންސް: ފަތަވާ އިސްލާމިއްޔާގައި (ވޮލިޔުމް: 3) އައް- ޝައިޚް އިބްން ބާޒް ކިޔައިދެއްވާފައިވާ ގޮތަށް.
 

0 comments: