Saturday, November 16, 2013


އިބްން އަބޫ އައް ދުންޔާ ފުދައިލް ބިން ޢިޔާދުގެ އަރިހުން ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ޢީސާގެފާނުންގެ އަރިހުގައި ދެންނެވުނެވެ: އޭ ޢީސާގެފާނުންނެވެ! ކަލޭގެފާނުން ފެނުގެ މަތީގައި ހިންގަވަނީ ކިހިނަކުންތޯއެވެ؟ އެކަލޭގެފާނުން ޖަވާބުގައި ދެންނެވިއެވެ: ﷲ އާއިމެދު އޮންނަ ފުރިހަމަ ޔަޤީންކަމާއި އީމާނާއެކުއެވެ. ދެން އެމީހުންދެންނެވިއެވެ: އެކަމަކު އަހުރެމެންގެވެސް ޔަޤީންކަމާއި އީމާންތެރިކަން އޮވެއެވެ. ދެން ޢީސާގެފާނުން ދެންނެވިއެވެ: އެހެންވިއްޔާ (ފެނުގައި ހިނގާފައި) އަންނާށެވެ. ދެން އެމީހުން އެކަލޭގެފާނުންނާއެކު ފެންމަތީގައި ހިނގިއެވެ. އަދި ފެންގަނޑުގެތެރެއަށް ވެއްޓުނެވެ. ދެން އެކަލޭގެފާނުން ވިދާޅުވިއެވެ: ކިހިނެއް ވީހެއްޔެވެ؟ އެމީހުން ދެންނެވިއެވެ: އަހުރެމެން އެހެރަ ބޮޑެތި ރާޅުތައް ފެނިފައި ބިރުގަތީއެވެ. ދެން އެކަލޭގެފާނުން ވިދާޅުވިއެވެ: އެ ރާޅުތަކުގެ ވެރި އިލާހު ދެކި ތިޔަބައިމީހުން ބިރެއް ނުގަނޭހެއްޔެވެ؟ ދެން އެކަލޭގެފާނުން އެމީހުން އެތަނުން ނެންގެވިއެވެ. ދެން އެކަލޭގެފާނުން ބިމުގައި އަތް ބީއްސަވައި އެއިން ހިރަފުސް ނަންގަވައި އަތް ހުޅުއްވައިލެއްވިއެވެ. އެއިރު އަތްޕުޅުގައި ވަނީ މުތާއި ރަނެވެ. ދެން އެކަލޭގެފާނުން ވިދާޅުވިއެވެ: މީގެ ތެރެއިން ކަލޭމެން އެންމެ ރުހެނީ ކޮންއެއްޗަކައްހެއްޔެވެ؟ އެމީހުން ދެންނެވިއެވެ: ރަނެވެ. އެކަލޭގެފާނުން ދެންނެވިއެވެ: އެހެނަސް ތިމަންކަލޭގެފާނުންނަށް މިއީ ހުސް އެކައްޗެކެވެ. 
 

އެކަލޭގެފާނުން ލައި އުޅުއްވީ ވޫލުން ހަދާފައިވާ ފޮތީގެ ފޭރާމެވެ. ކައި އުޅުއްވީ ގަސްގަހުގެ ފަތްފަތެވެ. އުޅުއްވާނެ ގެއެއް ނުހުރެއެވެ. ޢާއިލާއެއް ނުހުރެއެވެ. މުދަލެއް މިލްކިއްޔާތެއް ނުވެއެވެ. މާދަމާއަށް ރައްކާކުރައްވާނޭ އެއްޗެއް ނުވެއެވެ.
ޝަޢްބީ އިމާމް ވިދާޅުވިއެވެ: ހިސާބުބެއްލެވޭ ދުވަހުގެ ވާހަކަ އެކަލޭގެފާނުންގެ އަރިހުގައި ދެންނެވޭ ކޮންމެ ފަހަރަކު އެކަލޭގެފާނުން ކީރިތިކުރައްވައި ވިދާޅުވެއެވެ: މަރިޔަމްގެފާނުންގެ ދަރިކަލުންނަށް ހިސާބުބެއްލެވޭ ދުވަހުގެ ވާހަކަ ނަންގަނެވުމުން ހަނުހުރުމަށް ނުފުދެއެވެ. 

އެކަލޭގެފާނުން ވިދާޅުވިއެވެ: "މަދު ރޮށިކޮޅަކުން ފުއްދާލައިގެން އުޅޭށެވެ. އަދި ސާފު ފެން ބޯށެވެ. އަދި ދުނިޔެއިން ނިމިދާއިރު ސަލާމަތްތެރިކަމާއެކު ދާށެވެ. ދުނިޔޭގެ ފޮނިިކަމަކީ އާޚިރަތުގެ ހިތިކަމެވެ. އަދި ދުނިޔޭގެ ހިތިކަމަކީ އާޚިރަތުގެ ފޮނިކަމެވެ. ﷲ ގެ ތެދުވެރި އަޅުން ދުނިޔޭގެ ލައްޒަތާއި މުއްސަނދިކަމުގައި ނޫޅޭނެއެވެ. ތިމަންކަލޭގެފާނުން ޙައްޤު ގޮތުގައި ބުނަމެވެ. ތިޔަބައިމީހުންކުރެ އެންމެ ނުބައިމީހަކީ އެމީހެއްގެ އެދުންތައް އޭނާގެ ޢިލްމުގެ މައްޗަށް އިސްނުކުރާ ޢިލްމުވެރިޔާއެވެ."

ރެފަރެންސް: ޤަސަސުލް އަންބިޔާ / އިމާމް އިމާދުއްދީން އަބުލް ފިދާ އިސްމާޢިލް އިބްން ކަޘީރުއް ދިމިޝްޤީ

0 comments: