Saturday, November 2, 2013


ރަގަޅު މީހުންނަށް ދެރަ ގޮތް މެދުވެރިވަނީ ކީއްވެހެއްޔެވެ؟


ޖަވާބު: އިމްތިޙާނަކީ އެއީއެވެ. ރަގަޅަށް އުޅޭހާ މީހަކަށް ރަގަޅު ގޮތްވެފައި މުއްސަނދިމީހާއަށް އަބަދު މުއްސަނދިކަން ލިބޭނަމަ، ދަރިންގެ ދަރިންނާ ޖެހެންދެން މަސައްކަތް ކުރުމެއް ނެތެވެ. ﷲ އަޅަކު ދެކި ލޯބިވެވޮޑިގެންވަނީނަމަ، އެމީހަކު އިމްތިޙާން ކުރައްވާނެއެވެ.
ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައި ވެއެވެ:
وَلَنَبْلُوَنَّكُمْ بِشَيْءٍ مِّنَ الْخَوفْ وَالْجُوعِ وَنَقْصٍ مِّنَ الأَمَوَالِ وَالأنفُسِ وَالثَّمَرَاتِ وَبَشِّرِ الصَّابِرِينَ
"ހަމަކަށަވަރުން ތިމަން ރަސްކަލާންގެ ތިޔަބައިމީހުން ބިރުވެރިކަމުންނާއި، ބަނޑުހައިހޫނުކަމުންނާއި، މުދާ ގެއްލިދިޔުމުންނާއި، މޭވާ ނުލިބުމުން އިމްތިޙާން ކުރައްވާހުށީމެވެ. ކެތްތެރިވާ މީހުންނަށް އުފާވެރި ޚަބަރު ދެއްވާށެވެ." (ބަޤަރާ: 155)
ދެރަ ގޮތެއް މެދުވެރި ވެއްޖެނަމަ އަބަދުވެސް ބަލަންވީ ތިމާއަށްވުރެ މިހާރު ޙާލުގައިވާ މީހުންގެ މައްޗަށް ތިމާއަށް ދެއްވާފައިވާ ނަޞީބުގެ މައްޗަށެވެ.
އެހެން ނޫނަސް ބައެއްފަހަރު، ދެރަގޮތެކޭ ހީވާ ކޮންމެ ގޮތެއް ދެރަގޮތަކަށްވެސް ނުވެ ހިނގައިދާނެއެވެ. ﷲ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައި ވެއެވެ.


وَعَسَىٰ أَنْ تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَكُمْ ۖ وَعَسَىٰ أَنْ تُحِبُّوا شَيْئًا وَهُوَ شَرٌّ لَكُمْ ۗ وَاللَّهُ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ
"އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަ ހުރިކަމެއް ކަމުގައި ވެދާނެއެވެ. އަދި ތިޔަބައިމިހުން ރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމެއްކަމުގައި ވެދާނެއެވެ. އަދި ﷲ ދެނެވޮޑިގެންވެއެވެ. ތިޔަބައި މީހުންނަށް ނޭންގެއެވެ." "ބަޤަރާ 216 "
އަދި އަނެއް ކަމަކީ އަހަރެމެންނަށް ދެރަ ގޮތެއް މެދުވެރިވެގެން އެކަމާއި ހިތާމަކޮށް ސަހަރޯވެރި ވާކަށެއް ނުޖެހެއެވެ. އެހެނީ ރަސޫލު ބެއިކަލަކު ހުންނަވައި އެކަލޭގެފާނުންގެ އަސްޙާބުބެއިކަލުންނާއިއެކު ވަނިކޮށް ﷲ ގެ އިމްތިޙާނު ގަދަފަދަވެގެން ދިޔައެވެ. އެވަގުތު ﷲ ގެ ނަސްރުން އެބެއިކަލުން އުއްމީދުގެ ބައްތި ފަނޑުވެގެން ދިޔައެވެ. ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައި ވެއެވެ.
أَمْ حَسِبْتُمْ أَنْ تَدْخُلُوا الْجَنَّةَ وَلَمَّا يَأْتِكُمْ مَثَلُ الَّذِينَ خَلَوْا مِنْ قَبْلِكُمْ ۖ مَسَّتْهُمُ الْبَأْسَاءُ وَالضَّرَّاءُ وَزُلْزِلُوا حَتَّىٰ يَقُولَ الرَّسُولُ وَالَّذِينَ آمَنُوا مَعَهُ مَتَىٰ نَصْرُ اللَّهِ ۗ أَلَا إِنَّ نَصْرَ اللَّهِ قَرِيبٌ

"ތިޔަބައިމީހުންގެ ކުރީގައި އުޅެ ގޮސްފައިވާ މީހުން އުޅުނު ޙާލުތައް ތިޔަބައިމީހުންނާއި ހަމަޔަށް އަދި ނައިސް ވަނިކޮށް، ތިޔަބައިމީހުން ސުވަރުގެ ވަންނާނެކަމަށް ހީކުރީހެއްޔެވެ؟ އެއުރެންނަށް ތަދުމަޑުކަމާއި ބަލިމަޑުކަން ޖެހުނެވެ. އަދި އެއުރެންނަށް ގުޑުން އަރައިގެން ދިޔައެވެ. ރަސޫލާއާއި އެކަލޭގެފާނުންގެ އަރިހުގައި ތިބި އީމާންވީ މީސްތަކުންނަށް ބުނެވިއްޖައުމަށް ދާންދެނެވެ. ﷲގެ ނަޞްރު އަންނާނީ ދެން ކޮންއިރަކުން ބާވައެވެ؟ ދަންނާށެވެ. ހަމަކަށަވަރުން ﷲ ގެ ނަޞްރު ވަނީ ވަރަށް ގާތުގައެވެ." (ބަޤަރާ: 214)

އިބްން ކަޘީރުގެ ތަފްސީރުގައި ވެއެވެ. " އަދި އެއުރެންނަށް ގުޑުން އަރައިގެން ދިޔައެވެ." ގެ މާނައަކީ އެބެއިކަލުންގެ ކުރިމައްޗަށް އަތުވެދާނޭ ދުޝްމަނުންގެ ސަބަބުންނެވެ. ސުނަނު އައް ތިރުމިޛީ (2398) އާއި ސުނަނު އިބުނު މާޖާ (4023) ގައި ވެއެވެ. ރަސޫލުﷲ ގެފާނުން ހަދީޘް ކުރެއްވިއެވެ: "މީސްތަކުންކުރެ އެންމެ އިމްތިޙާނު ގަދަފަދައީ ރަސޫލުބެއިކަލުންނަށެވެ. ދެން ރަގަޅު މާތްމީހުންނަށް ދިމާވާ އިމްތިޙާނެވެ. ދެން އެފަދަ އެހެންމީހުންނަށެވެ." އެކަލޭގެފާނުން ޙަދީޘް ކުރެއްވިއެވެ: "މީހާ އިމްތިޙާނު ކުރެވުންވަނީ އޭނާ ދީނުގައި ސާބިތުވީ މިންވަރެއްގެ މައްޗަށެވެ. އޭނާ ދީނުގައި ވަރުގަދަވެއްޖެނަމަ، އޭނާގެ އިމްތިޙާނު ގަދަފަދަވެގެންވެއެވެ." މިއީ ޞަޙީޙް ޙަދީޘްއެއްކަމުގައި އަލްއިމާމް އިބްން ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

މިޙަދީޘްގައި މިހެން އޮތުމަކުން ދީނުގެ ކަންފުޅެއް ނެތް މީހާއަށް ހިތާމައެއް ނާންނާނެއޭ ޙަދީޘްކުރައްވާފައެއް ނުވެއެވެ. އެމީހުންނަށްވެސް ދެރަވާ ގޮތްގޮތް ވާނެއެވެ. އެކަމަކު އެއީ އިމްތިޙާނެއްނޫނެވެ. އެއީ އެބައިމީހުން އަމިއްލައަށް ކުރާ ކަންކަމުން ޖެހޭ ބަލާމުސީބާތެވެ.

ވީމާ ﷲ އަޅަކު ދެކި ލޯބިވެވޮޑިގެންވަނީނަމަ އެމީހަކަށް (ތަކުލީފު ލިބިގެންވާވަރުގެ) އިމްތިޙާންކުރައްވައި އެމީހާގެ ދަރަޖަ މަތިވެރިކުރައްވައެވެ. އެކަމަކު އީމާންކަން ހިތުގައި ބިންވަޅު ނެގިފައިވާ މީހާއަށް އިމްތިޙާން ކުރިމަތިވިޔަސް އެމީހާގެ ހިތުގައި ސާބިތުކަން ލައްވައެވެ. އަދި އަހަރެމެން (އާދައިގެ މީހުން) ނަށް ނުވިސްނޭފަދަ ހިތްހަމަ ޖެހުމެއް އެބައިމީހުންގެ އަބަދުވެސް ވާނެއެވެ. އެހިންހަމަ ޖެހުން ހޯދުމަށް މީސްތަކުން މަސައްކަތްކުރާކަމުގައި އަހަރެމެންނާއި ހަމަޔަށް އައިސްފައިވާ ވާހަކަތަކުން އެނގެއެވެ. އަހަރެމެން އެއްދުވަހު ވަރަށް ރަގަޅަށް އަޅުކަންކޮށް ޤުރުއާން ކިޔަވާ ހެދުމުން ހިތުގެ މުއްސަނދިކަން އިޙްސާސްވެފައި ހުންނަ ހުރުމަކީ ނުވަތަ އުފާވެފައި ހުންނަ ހުރުމަކީ އެއީ އެބެއިކަލުންގެ ހިތްހަމަޖެހުމާއި ގާތްކުރާވަރުގެ ކަމެއްވެސް ނޫނެވެ.

أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ
            "ހިތްތަކަށް ހަމަޖެހުން ލިބެނީ ﷲ ގެ މަތިން ހަނދުމަކުރުމުން ނޫންހެއްޔެވެ؟" (ރަޢްދު: 28)

0 comments: