Blog Archive
- 2014 (39)
-
2013
(100)
- December(45)
-
November(21)
- ތައުބާވި މީހެއްގެ ވާހަކަ: 3
- ހިޒްޤީލް ޢަލައިހިއްސަލާމް:
- ޔޫޝަޢު ގެފާނުންގެ ވާހަކަ
- އަލިފާނަށް އެއްލައިލެވުން ޞަޙާބީ:
- 11 އަނބިންނާއި ކައިވެނި ކުރެއްވީ ކީތްވެތޯއެވެ؟
- މާލިކު ބުނު ދީނާރުގެ ހުވަފެން
- "ދުނިޔެއަކީ މުއުމިނުންގެ ހުރަގެޔެވެ"
- އޭނާއަށްޓަކައި ކަލޭގެފާފަވެސް ފުއްސެވީމެވެ
- ﷲގެ އަޅުތަކުންކުރެ ވަލީވެރިއެއް:
- މަދު ޢަމަލަކުން ލިބޭ ގިނަ ސަވާބު - 1
- ހަސަނުލް ބަސަރީގެ ކީރިތިކުރެއްވުން
- ޝިޢްޔާ ބިން އަމްސިޔާ
- ޢީސާގެފާނުން ފެންމަތީގައި ހިންގެވުން
- ޢުޒައިރުގެފާނުންގެ ވާހަކަ
- އިމާމުއް ސުއްނާގެ ދެބެއިކަލުނ
- ކަށު ނަމާދު (އިބްން ބާޒް)
- ކީރިތި ރަސޫލާ ނަމާދުކުރެއްވި ގޮތް (އިބްން ބާޒް)
- ޤިޔާމަތުގެ ޢަލާމަތްތައް: (ޢަރީފީ)
- އަބޫ މިހްޖަންގެ ވާހަކަ
- ބޮލުފުނާއަޅުވައިދިން މާތް އަންހެނާ
- ރަގަޅު މީހުންނަށް ދެރަ ގޮތް
- October(34)
- 2011 (6)
Saturday, November 16, 2013
އިބްން އިސްޙާޤް ވިދާޅުވިއެވެ: ޝިޢްޔާ ބިން
އަމްސިޔާ ފޮނުއްވުނީ ޒަކަރިއްޔާ ގެފާނުންނާއި ޔަޙްޔާގެފާނުންގެ ކުރީގެ
ދުވަސްވަރެއްގައެވެ. އަދި މި ޝިޢްޔާ ބިން އަމްސިޔާ އަކީ ޢީސާގެފާނުންނާއި
ސަލާމްލެއްވި ކީރިތި މާތް ރަސޫލާ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމަ
ވަޑައިގަންނަވާނޭކަމުގެ ޚަބަރު ދެއްވި ބެއިކަލެކެވެ. އެކަލޭގެފާނުންގެ
ދުވަސްވަރުގައި އިސްރާއީލުގެ ދަރިކޮޅުގެ މީސްތަކުންނަށް އަމުރު ހިންގަން ހުރި
ރަސްކަލަކީ ޙަޒްޤިޔާ (Hezekiah) ނަމަކަށްކިޔުނު
މީހެކެވެ. އޭނާ މި ޝިޢްޔާ
ބިން އަމްސިޔާގެ ބަސްއަހައި އަޑުއިވުމުގެ ކަންފަތެއް ދިނެވެ. އެއިރު އިސްރާއީލުގެ
ދަރިންނަށްވަނީ މުސީބާތަކާއި ޖެހިފައެވެ. މިގޮތުގައި ވަނިކޮށް ރަސްގެފާނު
ބަލިވިއެވެ. އެއިރު ހަސަތޭކަ ހާސް ސިފައިންނާއެކު ބާބިލްގެ ރަސްގެފާނުން
ސެނަޖާރީބް (Sennacherib) ބައިތުލް މަޤްދިސްއަށް އަންނަނީއެވެ.
މިކަމާއި މީސްތަކުން ކަންތައްބޮޑުވެ އުޅެނިކޮށް
ޙަޒްޤިޔާ ރަސްގެފާނުން މިރަސޫލާގެ އަރިހުގައި ކަލާންގެ ރަސްކަންފުޅުގެ ފަރާތުން
ވަޙީއެއް އައިތޯ އެއްސެވިއެވެ. އެކަލޭގެފާނުން ނޫނެކޭ ވިދާޅުވެ ހުންނަވަނިކޮށް
ވަޙީގެ ޒަރީޢާއިން ކަންތައް ކުރަންވީ ގޮތަކީ ޙަޒްޤިޔާ ވެރިކަން ދޫކޮށް އެހެން
މީހަކަށް ވެރިކަން ދިނުންކަމުގައި އަންގަވައިފިއެވެ. އެހެނީ އޭނާ އިނީ މަރާއި
ވަރަށް ގާތްވެފައެވެ. ދެން މިޚަބަރު މިކަލޭގެފާނުން ރަސްގެފާނުންނަށް ދެންނެވުމުން
އޭނާ ﷲ އަށް ނަމާދުކޮށް ޙަމްދާއި ޝުކުރުދަންނަވައި ކީރިތިކުރައްވައި
ދުޢާދެންނެވިއެވެ.
ދެން ﷲ ތަޢާލާ އެރަސްގެފާނުންގެ ދުޢާ
ޢިޖާބަކުރައްވައި އޭނާގެ މައްޗަށް ރަޙުމަތްލައްވަވައި ޝިޢްޔާ ބިން އަމްސިޔާ އަށް އެކަން
އަންގަވައި އެރަސްގެފާނުންގެ ޢުމުރު އިތުރު ފަނަރަ އަހަރަށް ދަންމަވައި
ސެނަޖާރީބްގެ ކިބައިން ސަލާމަތް ކުރައްވާނޭކަމުގެ ފޮނި ޚަބަރު ދެއްވިއެވެ. މިޚަބަރު
ޝިޢްޔާ ބިން އަމްސިޔާ ވަޑައިގެން ޙަޒްޤިޔާއަށް ދެއްވުމުން ސަޖިދައަށް ތިރިވެ
ދެންނެވިއެވެ: ޔާ ﷲ އިބަރަސްކަލާންގެއީ އިބަރަސްކަލާންގެ އެދިވޮޑިގެންވާ
ފަރާތަކަށް ރަސްކަންދެއްވައި އެދިވޮޑިގެންވާ ފަރާތަކުން ރަސްކަން ނަންގަވައި
އިލާހެވެ. އަދި އިބަ އިލާހަކީ އިބަ އިލާހް އެދިވޮޑިގެންވާ ފަރާތަކަށް ބަރަކާތް
ލައްވާއިލާހެވެ. އިބަރަސްކަލާންގެއީ ފެށުމެއްނެތި އިސްވެވޮޑިގެންވާ ނިމުމެއްނެތި
ދެމިވޮޑިގެންވާ އިލާހެވެ. އަދި އިބައިލާހަކީ އެންމެ މަތިވެރި ފަރާތެވެ. އަދި
އެންމެ ކުއްތަންވެވޮޑިގެންވާ ފަރާތެވެ. އިބައިލާހަކީ ބޭނުންޖެހިފައިވާ މީހުންގެ ދުޢާ
އިޖާބަކުރައްވާ އިލާހެވެ."
ދެން ﷲ ތަޢާލާ ސެނަޖާރީބްގެ ލަޝްކަރުގެ މީހުންގެ
މަރު ހިއްޕެވިއެވެ. އެހިނދު އެންމެން މަރުވެގެން ވެއްޓުނެވެ. އެއީ ސެނަޖާރީބްއާއި
އަދި އޭނާގެ އެކުވެރި ފަސްމީހަކު ފިޔަވައެވެ. އެއިގެ ތެރޭގައި ބުޚްތުނަސްރުވެސް
ވެއެވެ. ދެން ރަސްގެފާނުން ފޮނުއްވައި އެ އެންމެން ކަސްތަޅު އަޅުވައިގެން
ގެނެވުނެވެ. އަދި އެގޮތުގައި ހަތްދިހަ ދުވަސް ވާންދެން ރަށުތެރޭގައި އެމީހުންގެ
ނިކަމެތިކަން އެމީހުންނަށް ދެއްކެވުމަށްޓަކައި ހިންގިއެވެ. އަދި ދުވާލެއްގެ
މައްޗަށް މަދު ކާއެތިކޮޅެއްމެނުވީ ނުދެވެއެވެ. މިގޮތުގައި ވަނިކޮށް ﷲ ތަޢާލާ ޝިޢްޔާ
ބިން އަމްސިޔާ އަށް އަންގަވައި ރަސްގެފާނަށް އެމީހުންގެ ޤައުމަށް ފޮނުވައިލުމަށް
ދެންނެވިއެވެ. އެއީ އެބައިމީހުންގެ ލަޝްކަރަށް ވީގޮތް ކިޔައިދީ އެމީހުންނަށް
އިންޒާރުދިނުމަށްޓަކައެވެ. ސެނަޖާރީބް އޭނާގެ ގައުމަށް ދިޔުމުން ފާލުބަލާ
މީހުންނާއި ފާދިރީން އޭނާގެ ގާތަށް އައިސް ބުންޏެވެ: އަހަރެމެން އެމީހުންގެ ވެރި
އިލާހުއާއި ރަސޫލާގެ ވާހަކައިން ކަލޭކުރެން ބުނެބުނެ އޮއްވައި ދިޔައީނޫންހެއްޔެވެ.
އެކަލާންގެއީ ބަލި ނުކުރެވޭނެ ކަލާންގެއަކަށް ކިޔަމަންވާ ގައުމެކެވެ. ސެނަޖާރީބް
ދެން މީގެ ހަތް އަހަރުފަހުން މަރުވެއްޖެއެވެ.
އިބްން އިސްޙާޤް ވިދާޅުވިއެވެ: ހަޒްޤިޔާ
އަވަހާރަވުމުން އިސްރާއީލުންގެ މައްޗަށް އައި ފިތުނަގަނޑު އިތުރުވެގެންދިޔައެވެ.
އަދި އެމީހުންގެ ޙާލަތު ވަރަށް ދަށަށް ދިޔައެވެ. ﷲ ތަޢާލާ ޝިޢްޔާ ބިން އަމްސިޔާ
އަށް އެމީހުންނަށް ﷲ ގެ ނިޢުމަތްތައް ހަނދާންކޮށްދިނުމަށް އެންގެވިއެވެ. އަދި
އެމީހުން އިސްލާޙް ނުވެ އެގޮތުގައި ނުބައިކަންމަތީ ތިބެއްޖެނަމަ، ﷲގެ ކޯފާ
އަތުވެދާނެކަން ހަނދާންކޮށްދެއްވުމަށް އެންގެވިއެވެ.
އެކަމަކު އެކަލޭގެފާނުންގެ އެހަނދާންކޮށްދިނުން
އެމީހުންވީ ގޯހެވެ. އެކަލޭގެފާނުންނަށް ޢަދާވާތްތެރިވެގަތެވެ. އަދި އެކަލޭގެފާނުން
ޤަތުލުކުރުމަށް އެމީހުން ދިމާކުރިއެވެ. އެކަލޭގެފާނުން އެމީހުންގެ ކައިރިން
ފިއްލަވައި ވަޑައިގެން ދުވެވަޑައިގެންނެވިއެވެ. މިދުވެވަޑައިގެން ގަތުމުގައި
ގަހެއްގެ ގާތުން ވަޑައިގަންނަވަނިކޮށް އެގަސް އެކަލޭގެފާނުންނަށްޓަކައި
ހުޅުވުނެވެ. ދެން އެކަލޭގެފާނުން އެގަހުގެ ތެރެއަށް ވަދެވަޑައިގަތެވެ. ނަމަވެސް
ޝައިތާނާ ވީ އެކަލޭގެފާނުންގެ ފަހަތުގައެވެ. އެހެންކަމުން އެކަލޭގެފާނުން
ވަދެވަޑައިގަތުމުން އެގަސް ލެއްޕުނު ވަގުތުގައި އެކަލޭގެފާނުންގެ ހެދުންކޮޅުން
ބައެއް ބޭރަށް ނެރުނެވެ. ދެން އެކަލޭގެފާނުން ފަހައި ދުވި އިސްރާއީލުގެ
މީސްތަކުންނަށް އެކަލޭގެފާނުންގެ ހެދުންކޮޅު ފެނުމުން ބޮޑުކީސް ގެނެސް ގަސްތެރޭ
އެކަލޭގެފާނުންވަނިކޮށް ދެބައިން ކީހާލިއެވެ. ﷲ ތަޢާލާ އެކަލޭގެފާނުންނަށް
ރަޙްމަތް ލައްވާށިއެވެ. އާމީން!
ރެފަރެންސް: އަލް އިމާމް އިބްން
ކަޘީރުގެ ޤަސަސުލް އަންބިޔާއިން (އަސްލަކަށް ބަލައިގެން) ތަރުޖަމާކުރެވިފައި.
Labels:
Prophets
Subscribe to:
Post Comments (Atom)
0 comments:
Post a Comment