Monday, November 25, 2013


އެކަލޭގެފާނުންގެ ވާހަކަ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ނަމަކާއިނުލައި ނަންގަންނަވާފައެވެ. އެކަލާންގެ ވަޙީކުރެއްވިއެވެ: "އަދި މޫސާގެފާނުން އެކަލޭގެފާނުންގެ އަރިހުގައިވާ ކަލޭގެފާނުންނަށް ވިދާޅުވި ހިނދެވެ" (ކަހްފް: 60)

އެކަލޭގެފާނުންނީ ޔޫޝަޢް ބިން ނޫން ބިން އަފްރާޘީމް ބިން ޔޫސުފް ބިން ޔައުޤޫބު ބިން އިސްޙާޤް ބިން އިބްރާހީމް އެވެ.

އިބްން ޖަރީރުއާއި އަދި ބައެއް މުފައްސިރުން ވިދާޅުވާގޮތުގައި ޔޫޝަޢު ގެފާނުންނަށް ނަބީކަން ލިބިވަޑައިގަތީ މޫސާގެފާނުންގެ ޙަޔާތް ނިމުމުންނެވެ. 

އިބްން އިސްޙާޤް ވިދާޅުވާގޮތުން ބައިތުލް މަޤްދިސް އެންމެ ފުރަތަމަ ފަތަޙަ ކުރެއްވެވީ ސަލާމްލެއްވި މޫސާގެފާނުންނެވެ. ޔޫޝަޢުގެފާނުން އެއިރު ހުންނެވީ ހަމައެކަނި ލަޝްކަރުގެ އިސްސަފުގެ އިސް މީހެއްގެ ގޮތުގައެވެ. ދެން އެއަށްފަހު އެކަލޭގެފާނުން ވިދާޅުވީ ބަލްޢާމް ބިން ބާޢޫރާ (ނުވަތަ ބުޢުލާމް އިބްން ބާޢޫރާ) ގެ ވާހަކައެވެ. މިވާހަކަ އަޢްރާފް ސޫރަތުގެ 175 – 177 އާއިމެދު ބަޔާންކުރައްވާފައިވެއެވެ. 

ދެން މި ބަލްޢާމް އިބްން ބާޢޫރާ ބުންޏެވެ. އަހުރެންނަށް މިދުނިޔެއާއި އާޚިރަތާއި ދެތަންވެސް ގެއްލުނީއެވެ. ދެން އޭނާ އަމުރުކުރީ އޭނާގެ އަހުލުވެރިންގެ އަންހެނުތަކުން ޒީނަތްތެރިކޮށް އިސްރާއީލަށް ވިޔަފާރި ޤާފިލާތަކާއެކު ފޮނުވުމަށެވެ. އެއިރުން އެމީހުން ގޮސް އެމީހުންގެ މުދާތައް ވިއްކައި އަދި އެމީހުންނާއެކު ދިޔަ އަންހެނުތަކުންނަށް ހިތްޖެހި އެމީހުންނާއެކު ޒިނޭކުރާނެއެވެ. އަދި މި ބުލްޢާމް އިބްން ބާޢޫރާ ބުންޏެވެ: އެންމެ މީހަކު ޒިނޭކުރިކަމުގައިވިޔަސް އެއީ ކަލާންގެ ކޯފާ އެތަނަކަށް އައުން ހައްޤުވާ ކަމެކެވެ. ދެން އެމީހުން އެފޮނުވި އަންހެނު ތަކުންގެ ތެރޭގައި ކަސްބަތީ ކިޔުނު އަންހެނަކު ވިއެވެ.
 
މިއަންހެން މީހާ ޝަމްޢޫންގެ ދަރިކޮޅުގެ ތެރެއިން ވެރިއެއްގެ ގާތުން ދަނިކޮށް އޭނާ އެއަންހެންމީހާ ގޮވައިގެން އޭނާގެ ޓެންޓްތެރެއަށް ދިޔައެވެ. އަދި އޭނާ އެފާފަކުރުމުން، ﷲ ތަޢާލާ ނުބައިވެގެންވާ ބައްޔެއް އެތަނަށް ފޮނުއްވިއެވެ. މިބަލީގެ ޚަބަރު ފަންޚާސް ބިން ޢާޒަރަށް އިވިވަޑައިގަތުމުން ލޮންސި ނަންގަވައި އެދެމީހުންގެ ގަޔަށް ހަރައި އެދެމީހުން ޤަތުލުކޮށްލެއްވިއެވެ. 
 
އަދި ޓެންޓުތަކުގައި ތިބި އެންމެހާ މީސްތަކުން ނެރި އެކަލޭގެފާނުންވެސް އެ ލޮންސިކޮޅައިގެން އަތް މައްޗަށް ނަންގަވައި ދުޢާ ދެންނެވިއެވެ: ޔާ ﷲ! އެއީ އަހުރެމެން އިބަ އިލާހަށް ނުކިޔަމަންތެރިވާ މީސްތަކުންނާއި މެދު ކަންކުރާ ގޮތެވެ. ދެން މިޔަށްފަހު މި ނުބައި ބަލި އެތަނުން ނެންގެވުނެވެ. އެބަލީގައި މަރުވި މީހުންގެ ޢަދަދު ބުނެވޭގޮތުގައި ހަތްދިހަހާސް މީހުންނެވެ. އަނެއް ރިވާޔަތެއްގައި ވިހިހާސް މީހުންނެވެ. 

މިއީ އިސްޙާޤް ގެފާނުން ކިޔައިދެއްވި ތެދު ވާހަކައެކެވެ. މިވާހަކަ ތައުރާތުގައި ވެސް ބަޔާންކުރައްވާފައިވެއެވެ.
ޢިލްމުވެރިންކުރެ ގިނަ ބެއިކަލުން ވިދާޅުވާ ގޮތުގައި ހާރޫން ގެފާނުން އަވަހާރަވީ އިސްރާއީލްގެ ދަރިކޮޅުގެ މީސްތަކުން ގެދޮރެއް ނެތި އެތަންމިތާ އެނބުރި އެނބުރި ތިއްބައެވެ. އެއީ އެކަލޭގެފާހުންގެ އަޚް މޫސާގެފާނުން އަވަހާރަވުމުގެ ދެއަހަރު ކުރިންނެވެ. މޫސާގެފާނުންވެސް އަވަހާރަވީ ކުރިންވެސް ދެންނެވުނުގޮތުގައި އިސްރާއީލުން ވަނިކޮށެވެ.

އެހެންކަމުން މިމީސްތަކުންނަށް މަގުދައްކަވައި އެމީހުން ބައިތުލް މަޤްދިސްއަށް ގެންނެވީ މި ޔޫޝަޢު ބިން ނޫނެވެ. އަހުލު ކިތާބީން ބުނާގޮތުގައި އެކަލޭގެފާނުން އެމީހުންނައިގެން ޖޯޑަންގެ ކޯރު ހުރަސްކުރައްވައި ޖެރިކޯއާއި ހަމަޔަށް ވަޑައިގަތެވެ. ޖެރިކޯއަކީ ވަރަށް ބޮޑު އާބާދީއެއްގެ މައްޗަށް އެކުލެވޭ އުސް ގަނޑުވަރުތަކެއްވާ ވަރަށްވެސް ރީތި ރަށެކެވެ. އެކަލޭގެފާނުން އެރަށުގެ ވަށައިގެން ހަމަސްދުވަހު މަޑުކުރެއްވިއެވެ. ދެން އެމީހުންނަށް އަމުރުކުރެވުނީ ތާޅަފިލި ފުމެމުން ރަށުގެ ވަށައިގެން ހިނގުމަށެވެ. އަދި އަޑު ވަރަށް ހަރުކޮށް ތަކްބީރު ކިޔުމަށެވެ. ދެން އެމީހުން އެގޮތަށް ކަންތައް ކުރުމުން އެރަށުގެ ފާރުތައް ކުނޑިކުނޑިވެގެން ދިޔައެވެ. އަދި ހުރިހާ ފިރިހެނުންތައް އެރަށަށްވަދެ ހުރިހާއެއްޗެއް އެމީހުންގެ ޣަނީމާއަކަށް ހެދިއެވެ. އަދި ހަނގުރާމަކޮށް އެމީހުން އެރަށުގެ ތެރެއިން ބާރަ ހާސް މީހުން ޤަތުލު ކުރިއެވެ. އަދި ވަރަށް ގިނަ ރަސްރަސްކަލުންނާއިވެސް ހަނގުރާމަ ކުރިއެވެ. 

ބުނެވޭގޮތުގައި ޔޫޝަޢު ބިން ނޫން ސީރިޔާގެ 31 (އެއްތިރީސް) ރަސްރަސްކަލުންނާއި ހަނގުރާމަކޮށް ގަދަވެ ވަޑައިގަތެވެ. އަދި ބުނެވޭ ގޮތުގައި އިސްރާއީލްގެ ދަރިކޮޅުގެ މީސްތަކުން ހުކުރުދުވަހުގެ ޢަސްރުންފަސްވެފައިވާ ވަގުތާއި ހަމަޔަށް އެރަށުގެ ވަށަވަށައިގެން ތިއްބެވެ. އެދުވަހުގެ އިރު އޮއްސި ހޮނިހިރަށް ތައްޔާރުވުމުން، ހޮނިހިރަކީ އެމީހުންގެ މުޤައްދަސް ދުވަހަކަށް އެއިރު އެމީހުންނަށް ވެފައި ވުމުން ޔޫޝަޢު ގެފާނުން އިރާއި ދިމާއަށް ބައްލަވައި ވިދާޅުވިއެވެ: ކަލެޔަކީވެސް އަހުރެން ފަދައިން އަމުރު ލިބިގެންވާ މަޚްލޫޤަކީމެވެ. (ދެން ދުޢާދެންނެވިއެވެ) ޔާ ﷲ! އެއިރު އޮއްސުމުން އެއްކިބާކުރައްވައި ހިފަހައްޓަވާންދޭވެ." ދެން ﷲ ތަޢާލާ އެކަލޭގެފާނުންނަށް އެރަށް ފަޠަޙަ ކުރެވެންދެން އިރު ނުއޮއްސި ހިފެހެއްޓެވިއެވެ. އަދި ހަނދު އެރުންވެސް ހުއްޓެވިއެވެ.

އަލް އިމާމް އަޙްމަދު ގެންނަވާފައިވާ އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވާ ޙަދީޘް ބަސްފުޅެއްގައި ވެއެވެ. ކީރިތި މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވެވިއެވެ:
"އިރު އެއިގެ ހިނގުން ޔޫޝަޢުގެފާނުން ފިޔަވައި އިންސާނަކަށްޓަކައި ހުއްޓެވިފައި ނުވެއެވެ." (އަޙްމަދު 325: 2)

ދެން އެމީހުންނަށް ޢަމުރުކުރެވިގެންވާ ގޮތަކީ ޖެރިކޯއަށް އެބައިމީހުން ނަޞްރާއެކު މަޑުމޮޅިކަމާއި އެކު އެބައިމީހުންނަށް ދެއްވި ނަޞްރުގެ މައްޗަށް ޝުކުރު ކުރާޙާލުގައި 'ޙިއްތަތުން' މިހެން ކިޔަމުން ވަނުމެވެ. މާނައީ: އަޅަމެންގެ އިސްވެދިޔަ ފާފަތައް ފުއްސަވާންދޭވެއެވެ.
ނަމަވެސް މިބަނީ އިސްރާއީލުން ކަންތައްކުރި ގޮތަކީ، ބިންމަތީގައި އެބައިމީހުންގެ ފޫކޮޅުތައް ކާއްތަމުން މަލާމާތްކުރަމުންނެވެ. މާތް ﷲ ޤުރުއާނުގައި އަންގަވާފައިވެއެވެ:

ތިމަން ރަސްކަލާންގެ އެބައިމީހުންނަށް އެންގެވިހިނދު: ތިޔަބައިމީހުން މިރަށުގައި ހިތްހަމަޖެހުމާއެކު ހިތްރުހޭ އެއްޗެއް ކައިގެން އުޅޭށެވެ، އަދި ބުނާށެވެ: ތިމަންމެން ﷲ ގެ މަޣުފިރަތަށް އާދޭހާއެކު އެދެމެވެ. އެއިރުން ތިމަންރަސްކަލާންގެ ތިޔަބައިމީހުންނަށް ފުއްސަވާނަމެވެ. އަދި ޞާލިޙް ޢަމަލުތައް ކުރާމީސްތަކުންނަށް ސަވާބު ދެއްވުން އިތުރުކުރައްވާނަމެވެ. އެކަމަކު އެބައިމީހުންގެ ތެރޭން ނުބައި ޢަމަލުތައްކުރާ މީސްތަކުން ތިމަންއިލާހުގެ ބަސްތައް ބަދަލުކުރިއެވެ. އެހެންކަމުން އެބައިމީހުންނަށް އެބައިމީހުން ކުޅަ ޢަމަލުތަކުގެ ސަބަބުން އުޑުން ބަލިމަޑުކަމެއް ފޮނުއްވެވިއެވެ. (އަލް އަޢްރާފް: 161، 162)

ރެފަރެންސް: އިބްން ކަޘީރުގެ ޤަޞަޞުލް އަންބިޔާ

0 comments: