Sunday, November 3, 2013


އަބޫ މިހްޖަން އަކީ ރަސޫލުﷲ ގެފާނުންގެ ސަޙާބީންގެ ތެރެއިން މީހެކެވެ.
މިއަސްޙާބަކީ ރާބުއިމަށް ދެވިހިފުމުގެ ބަލި ޖެހިފައިވާ މީހެކެވެ. އެކަލޭގެފާނުން ރާބޮއިގެން ގެނެވި އަދަބުދެވި ދޫކޮށްލެވެއެވެ. އަނެއްކާ އަނެއްފަހަރަކު ރާބޮއިގެން ގެނެވި އަދަބުދެވެއެވެ. އެކަމަކު (އަހަރެމެންފަދަ މީހުންނާއި ޚިލާފަށް) އެކަލޭގެފާނުންނަށް ﷲ ގެ ދީނުގެ ކަންކަމުގައި މިރާބުއިން ނުޖައްސައެވެ. އެހެންކަމުން އެކަލޭގެފާނުން ޤާދިސިއްޔާ ހަނގުރާމައަށް ސިފައިންގެ މީހެއްގެ ގޮތުގައި ހުންނަވައި ޝަހީދުވުމަށް އެދިވަޑައިގެން ވަޑައިގަތެވެ. ޤާދިސިއްޔާ ހަނގުރާމައިގައި މިކަލޭގެފާނުން މުސްލިމުންގެ ކޮމާންޑަރ ސަޢުދު ބުނު އަބީ ވައްޤާސްގެ އަރިއަހަށް އަނެއްކާވެސް ރާބޮއިގެން ގެނެވުނެވެ. ލަޝްކަރުގެ އަމީރު ސަޢުދުގެފާނުން މި އަބޫ މިހްޖަންގެފާނުން ހައްޔަރުގައި ބެހެއްޓެވިއެވެ. އެހެނީ އެފަދަ ކަމެއްކޮށްގެން ހުރިމީހަކުގެ ކިބައިން މުސްލިމުންގެ ސަފުތައް ތާހިރުކުރެއްވުމުގެ ގޮތުންނެވެ. 

މި ހައްޔަރަކީ އަބޫ މިހްޖަނަށް ވަރަށް ބޮޑު ހިތާމައަކާއި އުނދަގުލެއްކަމުގައި ވިއެވެ. އެކަލޭގެފާނުން ޤައިދުގައި ވަނިކޮށް ކަނޑިއާއި ލޮންސީގެ އަޑުފައްގަނޑާއި އަސް އަހުގެ ގޮވުމުގެ އަޑު އިވިވަޑައިގަތުމުން ޖިހާދު ފެއްޓިއްޖެކަން އެނގިވަޑައިގެންކަމާއި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިއްޖެކަން އެނގިވަޑައިގެން އެކަލޭގެފާނުންނަށް ކެތްކުރަން ދަތިފުޅުވެވަޑައިގެންނެވިއެވެ.


މިކަމާއި އެކަލޭގެފާނުން، އަމީރު ސަޢުދުގެފާނުންގެ އަނބިކަމަނާއަށް ގޮވާލެއްވިއެވެ. އަދި ދެންނެވިއެވެ: "އަހުރެން ދޫކޮށްލައިދޭށެވެ. ﷲ ގެ ޙަޟްރަތުގައި އަހުރެން ވަޢުދުވަމެވެ. އަހުރެން ސަލާމަތާއި ރައްކާތެރިކަންމަތީ އަތުވެއްޖެނަމަ، އަހަރެން އަމިއްލައަށް ޗޭނުގައި ބެދެވިގެން އިންނާނަމެވެ. އަހަރެން މަރުވެގެން ގޮސްފިނަމަ (ޝަހީދުވެއްޖެނަމަ) ދެން އަހުރެންގެ ކިބައިން މުސްލިމުން ސަލާމަތްވީއެވެ." އެކަމަނާ އެކަލޭގެފާނުންގެ ޙާލާއިމެދު ޙަމްދަރުދީވެ އެކަލޭގެފާނުންގެ ކަސްތޮޅުން އެކަލޭގެފާނުން ދޫކޮށްލެއްވިއެވެ. ދެން އެކަލޭގެފާނުން ސަޢުދުގެފާނުންގެ ބަލްޤާއޭ ކިޔުނު އަހަކަށް ސަވާރުވެވަޑައިގެން ލޮންސިއަކާއިއެކު މައިދާނަށް ވަޑައިގަތެވެ.

އެކަލޭގެފާނުން މުޝްރިކުންގެ ބައިގަނޑަކާއި، އެބައިގަނޑެއްގެ ތަރުތީބު ގެއްލުވާލާ ވިއްސިވިހާލި ނުކޮއްލާ ބައިގަނޑަކާއި ދިމައެއް ނުކުރައްވައެވެ. އެއިރު އަމީރު ސަޢުދުގެފާނުން ލަޝްކަރައް ވަމުންދާގޮތް ބައްލަވަން ހުންނެވިއެވެ. އަދި އެކަލޭގެފާނުންނަށް މިމަންޒަރު ފެނިވަޑައިގެން ވިދާޅުވިއެވެ، "މިއީ ބަލްޤާގެ ދުވެއްޔެވެ. ހަނގުރާމައިގެ އެ ވައްޓަފާޅިއަކީ  (ސްޓައިލަކީ) އެއީ އަބޫ މިހްޖަންގެ ސްޓައިލެވެ. އެކަމަކު އަބޫ މިހްޖަންވަނީ ކަސްތަޅުގައެވެ."
ހަނގުރާމަ ނިމުމުން، އަބޫ މިހްޖަން ވަޑައިގެން އަމިއްލަފުޅަށް  އެކަލޭގެފާނުންގެ އަތްފައި ކަސްތަޅުއަޅުވައިފިއެވެ. އަދި ސަޢުދުގެފާނުންގެ އަނބިކަނބަލުން މިހައިރާންކުރުވަނިވި ވާހަކަ ސަޢުދުގެފާނުންނަށް ކިޔައިދެއްވިއެވެ. އެކަމާއި ސަޢުދުގެފާނުން ވަރަށް އުފާފުޅުކުރައްވާ ޖިހާދަށް ހުންނެވި ޝައުޤުދެކިވަޑައިގެން، ވަޑައިގެން އަބޫ މިހްޖަންގެ ކަސްތަޅުތައް ނައްޓައިލެއްވިއެވެ. އަދި ވިދާޅުވިއެވެ، "ތެދުވެ ވަޑައިގަންނަވާށެވެެ! އަހަރެން ދެން ދުވަހަކުވެސް ކަލޭގެފާނުން ރާބޮއިގެން ހިފާ ކަސްތަޅެއް ނާޅުވާނަމެވެ." އަބޫ މިހްޖަން ވިދާޅުވިއެވެ، "ﷲ ގަންދީ ބުނަމެވެ، ދެން ދުވަހަކުވެސް އަހުރެން ރާ ނުބޯނަމެވެ"

ރެފަރެންސް: އަލް އިސާބާ ފީ ތަމްޔީޒް އައް ސަޙާބާ، 4/173 – 174
އަލް ބިދާޔާ ވަން ނިހާޔާ 9/632 – 633

މިވާހަކައިން ދޭހަވާ ވަރަށް ބޮޑު އެއްކަމެއްވެއެވެ. އެއީ، މިޒަމާނުގައި ވަރަށް ބޮޑަށް އޮޅިފައިވެސް އޮންނަ ކަމެކެވެ. އެއީ ޖިހާދުގެ މައިދާނަށް ދިޔުމުގެ ކުރިން ފުރިހަމަކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ރަގަޅަށް ދީނުގައި އުޅޭ މީހެއްކަމުގައި ވުމާއި ސާލިޙް ތަޤުވާވެރިއެއްކަމުގައިވާން ޖެހޭކަމުގައި މީހުންދެކެއެވެ. އެކަމަކު އެއިގެ ބަދަލުގައި އޮތް އަސްލު ގޮތަކީ، ފުރިހަމައަށް ތަޢުބާވެ ޝަހީދެއްގެ ދަރަޖައަށް އެދިގެން ހަނގުރާމައަށް ދިޔުމެވެ.

ރެފަރެންސް: http://islamqa.com/en/26273

0 comments: