Sunday, January 5, 2014


ކީރިތި ޤުރުއާންގެ ޔޫސުފް ސޫރަތް ފެށިގެން ނިޔަލަށް ކިޔަވަމުން ގެންދާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެންނަށް ޔޫސުފްގެފާނުންގެ ވާހަކަ އެކީގައި ކިޔައިދެއްވާފައިވެއެވެ.  އެކަލޭގެފާނުންނަށް ހުވަފެންފުޅެއްގައި އެގާރަ ތަރިޔަކާއި އަދި ހަނދު އެކަލޭގެފާނުންނަށް ސަޖިދަކުރާތަން ފެނިވަޑައިގެން ވާހަކައާއި، އެކަލޭގެފާނުން މީސްތަކުންތެރޭގައި ހޮއްވަވައި އެކަލޭގެފާނުންނަކީ ރަސޫލެއްކަމުގައި މީސްތަކުންގެ މައްޗަށް ފޮނުއްވެވޭނޭ ބެއިކަލެއްކަމުގެ ވާހަކަޔާއި އެކަލޭގެފާނުންދެކި އެކަލޭގެފާނުންގެ ބައްޕާފުޅު އެކަލޭގެފާނުންދެކި އިންތިހާއަށް ލޯބިފުޅުވެލައްވާވަރުން އެކަލޭގެފާނުންގެ ބޭބޭފުޅުން ހަސަދަވެރިވެ އެކަލޭގެފާނުން ވަޅަކަށް އެއްލައިލައި އެކަލޭގެފާނުންގެ ގައިކޮޅުގެ ހެދުން ލެއިން ތަތްތެޅިގެންވާ ޙާލު ޔައުޤޫބުގެފާނުންނަށް  ގެންގޮސް ވަލުތެރޭ ފުއްލާއެއް އެކަލޭގެފާނުން ދިރިހުއްޓައި ކާލިކަމުގެ ވާހަކައާއި، މިސްރުގެ ވިޔަފާރި ޤާފިލާއެއް އެކަލޭގެފާނުން އެވަޅުން ނަގައިގެން ގެންގޮސް މިސްރުގެ ޢަޒީޒު ބޭނުންވެވަޑައިގެން އެކަލޭގެފާނުން ފައިސާއަށް ގަނެލެއްވިވާހަކައާއި، އެކަލޭގެފާނުން މިސްރުގެ ޢަޒީޒުގެ އަރިހުގައި ޒުވާން ޢުމުރުފުޅަށް އަރާއިވަޑައިގަތުމުން މިސްރުގެ ޢަޒީޒުގެ އަނބިކަނބަލުން އެކަލޭގެފާނުންގެ އަރިހުން ފާޙިޝް ކަމަކަށް އެދުމުން އެކަލޭގެފާނުން އެކަމާއި ދެކޮޅުވެރިވެވަޑައިގަތުމުން ޖަލަށްލައްވައި އެތައްދުވަހެއް ފަހުން އަދި ޖަލުން ނެރުއްވައި ފަހުން މިސްރުގެ ވެރިކަމާއި އެކަލޭގެފާނުން ހަވާލުވެ އަދި އެކަލޭގެފާނުންގެ ޢާއިލާއާއި ބައްދަލުވެވަޑައިގެންވާހަކައާއި ބައްޕާފުޅާއި ބައްދަލުވިގޮތުގެ ވާހަކަ ވަރަށް ތަފްސީލުކޮށް ޔޫސުފް ސޫރަތުގައި އެސޫރަތް ފެށުނީއްސުރެ ނިޔަލަށް ބަޔާންވެގެންވެއެވެ. މިތާންގައި އަޅުގަނޑު ލިޔެލަން ޤަސްތުކުރަނީ ހަމައެކަނި އިބްން ކަޘީރުގެ ފޮތުގައިވާ ބައެއް ތަދު މަޢުލޫމާތުތަކެވެ.


ރަސޫލުﷲ ގެފާނުން ޙަދީޡްފުޅެއްގައި ވެއެވެ:
"އެއީ ކަރާމާތްތެރި، ކަރާމާތްތެރިއެއްގެ ދަރިކަލުން، ކަރާމާތްތެރި ދަރިކަލެއްގެ ކާރާމަތްތެރި ދަރިކަލުން، ކަރާމާތްތެރި ދަރިކަލުންގެ ކަރާމާތްތެރި ދަރިކަލުން، ޔޫސުފް ބިން ޔައުޤޫބު، ބިން އިސްޙާޤް ބިން އިބްރާހީމް" އެވެ. 
= ރަވާޙް އަޙްމަދު 96:2، އަލް ބުޚާރީ: 3390 =

މިވާހަކައިގައި މީސްތަކުންގެ ތެރެއިން އެކަލޭގެފާނުން ހޮއްވެވުމަކީ އެކަލޭގެފާނުންނަށް އެމާތް ހުވަފެންފުޅުދެއްކެވުންކަމުގައިވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: "ﷲގެ ރިސާލަތު ބާއްވައިލައްވަވާނޭތަނެއް އެކަލާންގެ މޮޅަށް ދެނެވޮޑިގެންވެއެވެ" (އަންޢާމް: 124)
ޔައުޤޫބުގެފާނުން އެކަލޭގެފާނުންގެ ދަރިންކުރެ ޔޫސުފުގެފާނާއި އެކަލޭގެފާނުންގެ ކޮއްކޯފުޅު ބުންޔާމީންދެކި އިތުރަށް ލޯބިފުޅުވެވަޑައިގަންނަވައެވެ. އަދި ވިދާޅުވެފައިވެއެވެ. އެމީހުން އެގެނައި ޔޫސުފުގެފާނުންގެ ހެދުންކޮޅުގައިވަނީ ބަކައްޓެއްގެ ލެއި އުނގުޅާފައެވެ. އަދި ބުނެވޭގޮތުގައި އެމީހުންނަށް އެހެދުންކޮޅު ވީދާލަން ވަނީ ހަނދާންނެތިފައެވެ. އެހެންކަމުން ހަނދާންނެތުމަކީ ދޮގުތަކަށް ދުވަހަކުވެސް ކާމިޔާބުދޭނޭ ކަމެއްނޫނެވެ. ﷲ ތަޢާލާ ޔޫސުފުގެފާނުން ބޮޑުވެ ފުރާފުރިހަމަވުމުން އެކަލޭގެފާނުންނަށް ބުއްދިއާއި ވިސްނުންދެއްވެވިއެވެ. އަދި އެވިސްނުންފުޅު ދެއްވެވި ނަބީކަމާއި ރަސޫލުކަމަށް ފޮނުއްވުމުގެވެސް މާކުރިންނެވެ. އެބަހީ ސާޅީސް އަހަރުގެވެސް ކުރިންނެވެ. އަދި އެކަލޭގެފާނުންގެ ރިވެތިކަމަށް ހެއްލި މިސްރުގެ ޢިއްޒަތްތެރި ކަމަނާ އެކަލޭގެފާނުންނަށް ހުށަހޮޅިގަތުމުން އެކަލޭގެފާނުން ސަލާމަތްކުރެއްވެވިއެވެ. ކީރިތި މާތް ރަސޫލާ ޙަދީޘްކުރައްވާފައި ވެއެވެ:

"ﷲ ތަޢާލގެ ހިޔާވަހިކަންފިޔަވައި އެހެން ހިޔާވަހިކަމެއްނުވާ ޙިސާބު ބެއްލެވޭދުވަހުގައި ހަތްމީހަކަށް އެކަލާންގެ ހިޔާވަހިކަން ދެއްވައެވެ: (އެއީ) ޢަދުލުވެރި ވެރިޔާ (އާއި)؛ އެކަނި އިނދެ ﷲގެ މަތިން ހަނދުމަކޮށް އެމީހާގެ ލޮލުން ކަރުނަ އޮހޮރުވާ މީހާ (އާއި)؛ އެމީހެއްގެ ހިތް މިސްކިތުގައި އެމީހާ އެމިސްކިތުން ނިކުތީއްސުރެ މިސްކިތަށް ވަނުމާއިހަމަޔަށް ވާ މީހާ (އާއި)؛ ދެމީހަކު ﷲ ތަޢާލާއަށްޓަކައި އެކުވެރިވާ އަދި ދުރުވާ ދެމީހާ (އާއި)؛ މީހާގެ ކަނާއަތުންދޭ ޞަދަޤާތް ވާއަތަށްވެސް ނޭންގޭހާ ސިއްރުން ޞަދަޤާތްކުރާ މީހާ(އާއި)؛ ﷲގެ ޙަޟްރަތަށް އަޅުކަންކުރުމުގައި ޛާހިދުވެ ހުންނަ ޒުވާނާ(އާއި)؛ ޙަސާބާއި ނަސަބުގެގޮތުން އަރާހުރި އަންހެނަކު އޭނާއަށް ޝަހުވަތްތެރިކަން ހުށަހެޅުމުން ﷲ އަށް ބިރުވެތިވަމޭބުނެ އެކަމުން ބަރީޢަވެގަތް މީހާއެވެ."
= ބުޚާރީ: 660 އަދި މުސްލިމް: 1031 =

ޔޫސުފުގެފާނުން ފަހަތުން އެއަންހެންމީހާ ދުވިވާހަކައީ އަޅުގަނޑުމެން ދަންނަ ވާހަކައެކެވެ. "އަދި ހެކިވެރިޔަކު އޭނާގެ ޢާއިލާގެ ތެރެއިން ހެކިދިނެވެ" މިއާޔަތުގެ މާނައިގައި ބުނެވެއެވެ. އެއީ ކުޑަކުއްޖެކެވެ. އެހެންގޮތެއްގައި ބުނެވެނީ އެއީ އެއަންހެންމީހާގެ ރަޙުމަތްތެރިއެއްގެ ފިރިއެކެވެ. އަދި އެއީ އެއަންހެންމީހާގެ އަޚެކޭވެސް ބުނެވެއެވެ. އޭނާ ބުންޏެވެ: އެކަލޭގެފާނުންގެ ހެދުންކޮޅު ވީދިފައިވަނީ އެކަލޭގެފާނުންގެ ފުރަގަހުންކަމަށް ވަނީނަމަ އެއަންހެންމީހާ އެހަދަނީ ދޮގެވެ. އަދި އެކަލޭގެފާނުން އެކަމުގައި ތެދުވެރިވެއެވެ. އަދި އެކަން އެކަމަނާގެ މައްޗަށް ސާބިތުވުމުން އެކަމަނާގެ ފިރިކަލުން ވިދާޅުވިއެވެ: އޭ ޔޫސުފެވެ! މިވީކަންތައް ހަނދާންނައްތައިލައްވާށެވެ. މާނައީ އެހެންމީހަކު ގާތުގައި މިވާހަކަ ނުދައްކާށެވެ. 

އެއިރު މިސްރުގެ މީސްތަކުންނީ ބުދަށް އަޅުކަންކުރާ ބަޔަކަށް ވީކަމުގައިވިޔަސް އެމީހުންވެސް ޤަބޫލުކުރާގޮތުގައި މީހުންނަށް މަޢާފުކޮށް ޢަފޫދީ އަދި އަދަބުދެއްވާ ހައްދަވަނީ ﷲއެވެ. އަދި އެކަމުގައި އެކަލާންގެއަށް ބައިވެރިޔަކުވެސް ނުވެއެވެ. އެހެންކަމުން އެކަމަނާގެ ފިރިކަލުން އެކަމަނާގެ ގާތުން ﷲގެ ކިބައިން ޢަފޫއަށް އެދުމަށް އަމުރުކުރިއެވެ. އަދި އެދުވަސްވަރުގައި އަޅަކުފަދައިން ގެންގުޅޭ ކުއްޖަކާއިމެދު ސާހިބު މީހާގެ އަންހެނުން ލޯބިވުމީ ވަރަށް ބޮޑު ނުސިޔާނު ކަމެކެވެ. އެހެންކަމުން އެރަށުތެރޭގައި އެވާހަކަ ތުންތުންމަތިން ދެކެވި ބޮޑުންގެ އަންހެނުތަކުންނާއި އެހެނިހެން މިސްތަކުން ބުނެތެވެ: "ހަމަކަށަވަރުން އަހަރެމެންނަށް އެކަމަނާ ވަނީ ފާޅުވެގެންވާ ކުށެއްގައިކަން ފެނެއެވެ" (ޔޫސުފު: 30) މިވާހަކަތައް އެކަމަނާއަށް އިވުމުން އެކަމަނާ ރެއިގަނޑެއްގެ ކެއުމަކަށް އެމީހުންނަށް ދަޢުވަތު ދިނެވެ. އެއިރު ޔޫސުފުގެފާނުންވަނީ އެންމެ އުޖާލާ ޒުވާންކަމުގައެވެ. އެކަމަނާ އެމީސްތަކުންގެ ތެރެއަށް ޔޫސުފުގެފާނުން ނިކުތުމަށް އެންގުމުން އެކަލޭގެފާނުން ނިކުންނެވިއެވެ. އެމީހުންތައް ބިޚޯޝްވެ ކޮޅަށް ތެދުވުނެވެ. އަދި އެވަގުތު އަތުގައިވާ ވަޅިތަކުން ކޮށަން އުޅުނު މޭވާގެ ބަދަލުގައި އަމިއްލަ އަތްތަށް ކޮށެންފެށިއެވެ. ތަދުވުމަކާއިވެސް ނުލައެވެ. 

ރަސޫލުﷲ ގެފާނުން މިޢުރާޖުވި ރެއި ބަޔާންކޮށްދެއްވަމުން ހަދީޘްކުރެއްވިއެވެ: "ދެން ތިމަންކަލޭގެފާނުން ޔޫސުފުގެފާނުންގެ އަރިހުން ވަޑައިގަތީމެވެ. އަދި އެކަލޭގެފާނުންނަށް ރީތީގެ ދެބައިކުޅައެއްބައި ލިބިވަޑައިގެންވެއެވެ" ސުޙައިލީއާއި އެހެނިހެން ޢިލްމުވެރިން ވިދާޅުވެއެވެ. އެއިގެ މާނައީ ޔޫސުފުގެފާނުންނަށް އާދަމްގެފާނުންނަށް ދެއްވުނު ހަށިގަނޑުގެ ރީތިކަމުގެ ދެބައިކުޅަ އެއްބައި ދެއްވިއެވެ. އެހެނީ އާދަމްގެފާނީ ﷲ ގެއަތްޕުޅުން ހައްދަވައި ފުރާނައެޅުއްވި އިންސާނާއެވެ. އެހެންވެ މީސްތަކުން ސުވަރުގެ ވަންނައިރު އާދަމްގެފާނުންގެ އިސްކޮޅާއި ސޫރާގައި ވައްދަވަތެވެ. މިއެވެ. ބައެއް ޢިމުވެރިން ވިދާޅުވެއެވެ. ގިނަވަގުތު ޔޫސުފްގެފާނުން އުޅުއްވަނީ އެކަލޭގެފަނުންގެ މޫނުފުޅު ފޮރުއްވައިގެންނެވެ. އެރެއި އެކަމަނާގެ އަމުރަށް ނިކުންނަވަން ޖެހިވަޑައިގަތީ މޫނުފުޅު ކަޝްފުކުރައްވައިގެންނެވެ.

ޢަޒީޒުގެ އަނބިކަނބަލުން އެދުނީ އެކަލޭގެފާނުންގެ ކުށެއްނެތްކަމާއިއެކުވެސް މީސްތަކުންގެ އަނގަތަށް މައިތިރިވަންދެން އެހަށް އެކަލޭގެފާނުން ޖަލުގައި ބަންދުކުރުމަށެވެ. ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެކަލޭގެފާނުންނަށް އެއިރުން މީސްތަކުންގެ ނުބައިކަމުން މިންޖުވެވޭނެކަމުން އެކަމަށް އިރާދައިގައިވަނީއެވެ. އެކަލޭގެފާނުންނާއެކު ދެޒުވާނަކުވެސް ޖަލަށް ލެވުނެވެ. އެއީ: ރަސްގެފާނުންނަށް ފެންފޮދު އަރުވާ މީހާއާއި – މިމީހާގެ ނަމަކީ ބަނުވާއެވެ. އަދި ރޮށިފިހާ މީހާއާއި – މިމީހާގެ ނަމަކީ މިޖްލަތެވެ – ދެމީހުންނެވެ. 

މުފައްސިރުންގެ އަރިހުގައި އެދެމީހުންނަށްވެސް ހުވަފެން ފެނުނީ އެއްރެއެއްގައެވެ. އެތަނުން ފެންފޮދު އަރުވާ މީހާއަށް ފެނުނީ ދޮންވެފައިވާ މޭބިސްކަދުރުގެ ތިންކޯޅިއެވެ. އެއިން އޭނާ ދިޔަފެލައި ރަސްގެފާނުންނަށް ދިޔަފޮދު އެރުވިއެވެ. ރޮށިފިހާ މީހާއަސް ފެނުނީ އޭނާގެ ބޯމަތީގައި ތިން ބާސްކެޓަށް ރޮށިއަޅާފައިވާތީއެވެ. އަދި ދޫނިތައް އައިސް އެއިން އެންމެ މަތީގައިވާ ބާސްކެޓުން ކާތީއެވެ.

އެދެމީހުންވެސް ޔޫސުފުގެފާނުންގެ އަރިހުން ތަޢުބީރަށް އެދިވަޑައިގަތެވެ. އަދި ހުވަފެނުގެ ތަޢުބީރު ކުރެއްވިއެވެ. އަދި އެދެމީހުންނަށް ދީނަށް ގޮވައިލެއްވިއެވެ. އަދި އެމީހުންގެ އެބުދުތަށް އެމީހުންނަށް އެއްވެސް ފައިދާއެއް ނުކުރާނޭވަހަކަ ބަޔާންކޮށްދެއްވިއެވެ. އަދި އެމީހުންނަށް ދީނަށް ގޮވައިލެއްވުމަށްފަހު އެމީހުންގެ ހުވަފެނުގެ ތަޢުބީރު ކިޔައިދެއްވިއެވެ. ވިދާޅުވިއެވެ: އޭ އެކުވެރި ޤައިދީއެވެ! މީނާ މީނާގެ ސާހިބު މީހާއަށް ޝަރާބު (ވައިން) އަޅައިދިނުމުގައި އުޅޭނެއެވެ. މިއީ ރަސްގެފާނަށް ރާފޮދު އަރުވާމީހާގެ ހުވަފެނުގެ ތަޢުބީރެވެ. އަދި އަނެކާ، އޭނާ ޞަލީބަށް އެރުވި ދޫނިތަށް އޭނާގެ ހަށިގަނޑު ވީދައިގެން ކާނެތެވެ. މިއީ ރޮށިފިހާ މީހާގެ ހުވަފެނުގެ ތަޢުބީރެވެ. އަދި ޔޫސުފުގެފާނުން ރަސްގެފާނަށް ރާފޮދު އަރުވާމީހާ ސަލާމަތްވާނެކަމުގެ ޚަބަރު ދެއްވުމަށްފަހު ޖަލުން ސަލާމަތްވުމުން ރަސްގެފާނުންގެ އަރިހުގައި ތިމަންކަލޭގެފާނުންގެ ވާހަކަ ބަޔާންކޮށްދިނުމަށް އެދިވަޑައިގަތެވެ. ނަމަވެސް ޝައިޠާނާ އެމީހާގެ ކިބައިން އެވާހަކަ ހަނދުމައިން ނެތިކޮށްލިއެވެ. އެހެންކަމުން އެކަލޭގެފާނުން އަދި އިތުރު އަހަރުތަކެއް ވަންދެން ޖަލުގައި ހުންނަވަން ޖެހިވަޑައިގަތެވެ. މިތާންގައި ﷲ ވަޙީކުރެއްވި އާޔަތުގައި ގެންނަވާފައިވަނީ 'ބިދްޢަ' މިބަސްފުޅެވެ. އެއިގެ މާނައީ ތިނަކާއި ނުވައަކާއި ދެމެދުގެ އަހަރުތަކެއް ވާންދެން (ޤައިދުގައި އިތުރަށް ހުންނަން ޖެހިވަޑައިގަތުމެވެ). 

ރެފަރެންސް: އިމާމް އިބްން ކަޘީރުގެ ޤަޞަޞުލް އަންބިޔާ


0 comments: