Monday, January 13, 2014



މިއީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނަމީހުންނަށް އޮޅިފައިވާ ކަމެކެވެ. ﷲ އަށް ކިޔަމަންވާ އަޅަކު މުސީބާތެއްގައި ޖެހި، ދެން އޭނާ ﷲ ގެ ހަޟްރަތަށް ކުއްތަންވެ އެކަމުން މިންޖުކުރައްވަތްތޯ އެދި ދުޢާކުރެއެވެ. ނަމަވެސް ހުއްޓާނުލާ ކުރާ މިދުޢާއިން އެއްވެސް ފައިދާއެއްވާތީ ނުފެނެއެވެ. އެންމެފަހުން އުއްމީދު ކޮޅުންލާދާ ހިސާބަށް އާދެވެއެވެ. އެއާއެކު އޭނާގެ ހިތުގައިވާ އަސްލު އެތި ބޭރަށް ނިކުމެއެވެ. އެއީ ދެކޮޅުވެރިވެގަތުމެވެ. ނަމަވެސް ﷲ އެމީހަކަށް އެ މިންވަރު ކުރެއްވި ގޮތާއިމެދު ފުރިހަމަޔަށް ރުހި ޤަބޫލުވެ ހުންނަމީހާ ކޮންމެފަދަ ޙާލަތެއް އައިކަމުގައިވިޔަސް އެކަލާންގެއަށް ދަންނަވައި ފުރިހަމަ އުއްމީދު ކުރެއެވެ. އެއާއެކު އޭނާގެ ދުޢާ އިޖާބަވާތަން ފެނެއެވެ. އެހެނީ އޭނާގެ އެއިމްތިޙާނު ނިމުނީއެވެ. އަދި އެއާއެކު އޭނާގެ އީމާންތެރިކަން އިތުރުވެ ޝައިޠާނާ ބަލިކަށިވެއެވެ. އެހެންކަމުން އުއްމީދުގެ ހުޅުކޮޅު ނިވޭ ހިސާބަކީ ފުރިހަމަ މިނަކުން މީހާ މިންކުރެވޭ ވަގުތެވެ. ﷲ މިފަދައިން ވަޙީ ކުރެއްވިއެވެ:
     

أَمْ حَسِبْتُمْ أَن تَدْخُلُوا الْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ الَّذِينَ خَلَوْا مِن قَبْلِكُم ۖ مَّسَّتْهُمُ الْبَأْسَاءُ وَالضَّرَّ‌اءُ وَزُلْزِلُوا حَتَّىٰ يَقُولَ الرَّ‌سُولُ وَالَّذِينَ آمَنُوا مَعَهُ مَتَىٰ نَصْرُ‌ اللَّـهِ ۗ أَلَا إِنَّ نَصْرَ‌ اللَّـهِ قَرِ‌يبٌ ﴿٢١٤
"ތިޔަބައިމީހުންގެ ކުރީގައި އުޅެ ގޮސްފައިވާ މީހުންގެ حال ތައް ތިޔަބައިމީހުންނާ ހަމަޔަށް އަދި ނައިސްވަނިކޮށް، ތިޔަބައިމީހުން ސުވަރުގެ ވަންނާނެކަމަށް ތިޔަބައިމީހުން ހީކުރީހެއްޔެވެ؟ އެއުރެންނަށް ތަދުމަޑުކަމާއި ބަލިމަޑުކަން ޖެހުނެވެ. އަދި އެއުރެންނަށް ގުޑުންއަރައިގެން ދިޔައެވެ. رسول އާއާއި އެކަލޭގެފާނުގެ އަރިހުގައި ތިބި إيمان ވި މީސްތަކުންނަށް ބުނެވިއްޖައުމަށް ދާނދެނެވެ. اللَّه ގެ نصر އަންނާނީ، ދެން ކޮންއިރަކުން ބާވައެވެ؟ ދަންނާށެވެ! ހަމަކަށަވަރުން، اللَّه ގެ نصر ވަނީ ދާދި ގާތުގައެވެ."

ޔައުޤޫބުގެފާނުން (ޢަލައިހިއްސަލާމް) އެކަލޭގެފާނުންގެ ލޯބިފުޅުވާ ދަރިކަލުން ގެއްލިވަޑައިގަތުމުން، އަދި އެގޮތުގައި ވަރަށް ދުވަސް ވޭތުވެދިޔުމުންވެސް އެކަލޭގެފާނުން ﷲގެ ޙަޟްރަތުން އުއްމީދު ކަނޑައެއް ނުލައްވަތެވެ. އަދި އެކަލޭގެފާނުންނަށް އެކަމުން މިންޖުވުމުގެ ބަދަލުގައި އެކަލޭގެފާނުންގެ އެންމެ ލޯބިފުޅުވާ ދެވަނަ ދަރިކަލުންވެސް ގެއްލިވަޑައިގަތީއެވެ. އެވަރުންވެސް އެކަލޭގެފާނުން އުއްމީދު ކަނޑައެއް ނުލައްވަތެވެ. އެކަލާންގެ ރަޙްމަތަށް އިންތިޒާރުކުރެއްވިއެވެ.

فَصَبْرٌ‌ جَمِيلٌ ۖ عَسَى اللَّـهُ أَن يَأْتِيَنِي بِهِمْ جَمِيعًا ۚ إِنَّهُ هُوَ الْعَلِيمُ الْحَكِيمُ ﴿٨٣
"ފަހެ، ދެން އޮތީ ރިވެތިވެގެންވާ ކެތްކުރުމެކެވެ. اللَّه އެ އެންމެން ތިމަންކަލޭގެފާނުގެ އަރިހަށް ގެނެސްދެއްވައިފާށިއެވެ! ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ. "
ހަމަ މިފަދައިން ޒަކަރިއްޔާ ޢަލައިހިއްސަލާމްވެސް ވިދާޅުވިއެވެ:

وَلَمْ أَكُن بِدُعَائِكَ رَ‌بِّ شَقِيًّا ﴿٤
"އަޅުގެ ވެރިރަސްކަލާކޮ! މިއަޅާ އިބަރަސްކަލާނގެއަށް ކޮށްފި دعاء އަކުން، މިއަޅާ އަބާއްޖަވެރިޔަކު ކަމުގައި ނުވަމެވެ."
އެހެންކަމުން މީހަކު ފަހަރުގައިވެސް މިހާރު ދެން ދުޢާ ކޮށް ދުޢާ އިޖާބަނުވާތާ ވަރަށް ދުވަސް ވެއްޖެއޭ ހީނުކުރާހުށިކަމެވެ. އެއިގެ ބަދަލުގައި އޭނާ ވިސްނަންވީ އޭނާއަށް މުސީބާތެއް ޖެހުމުން އިމްތިޙާނު ކުރެވެނީ އޭނާގެ ކެތްތެރިކަމާއި އަދިއީމާންތެރިކަމެވެ. އަދި ޝައިޠާނީ ވަސްވާސްތަކުން ދުރުވެ ހުރުމަށް މަސައްކަތްކުރާށެވެ.

ރެފަރެންސް: އައް ލުއުލުއުލް މަންޘޫރު

0 comments: