Tuesday, January 28, 2014


ޢުމުރުން 25 އަހަރުގެ ފިރިހެންކުއްޖަކާއި އޭނާގެ ބައްޕަ ރެއިލެއްގައި ދަތުރު ފަށާނެ ވަގުތަކަށް އިންތިޒާރުކުރަމުން ދަނީއެވެ. އެއިރު މީހުން ރެއިލަށް އަރާ ޖަމާވަމުންދިޔައެވެ. މި ރެއިލް ނައްޓާލިއިރު ޒުވާނާ ވަނީ ވަރަށް އުފާވެފައެވެ. އަދި ވަރަށް މަޖާވެސް ވެފައެވެ. އަދި ކުޑަދޮރުގެ ކައިރީގައި އިން ސީޓެއްގައި އިށީންދެލައިގެން އިނދެ ބޭރަށް އަތްދިއްކޮށްގެން ޖެހެމުންދާ ވައި އިޙުސާސްކުރަމުން ވަރަށް މަޖަލާއެކު ބައްޕަގެ ގާތުގައި ބުންޏެވެ. ބައްޕާއެވެ، އަހަރެމެން ފަހަނައަޅައި އެހެރަގެން ގަސްތައް ފަހަތަށް ދަނީއެވެ. މުސްކުޅި ބައްޕަ ވަރަށް އުފަލާއެކު ދަރިފުޅުގެ މަޖަލުގައި ބައިވެރިވެލުމުގެ ގޮތުން ހީލައެވެ. 

މިދެބަފައިންގެ ކުރިމަތީގައި ޒުވާން ދެމަފިރިއަކު މި ޒުވާނާގެ ޢަމަލުތައް ހުރިގޮތުން ހައިރާންކަމާއެކު ބަލަހައްޓައިގެން ތިއްބެވެ. އަނެއްކާ އިރުކޮޅަކުން އެޒުވާނާ ވަރަށް މަޖާވެފައި ބުންޏެވެ. ބައްޕާއެވެ. ބަލާބަލާށެވެ. އެތިބަ ޖަނަވާރުތަކާއި، ވިލާތައް އަހަރެމެންނާއެކު އެއްދިމާލަށް އެތިބަ ދުވަނީއެވެ. އެޒުވާނާގެ ޢުމުރާއި ތުއްތުކުއްޖެއްގެ އުޅުމާއިމެދު ލަދުވެތިވެގެންވާ ޙާލު އެއްކަލަ ދެމަފިރިން ކަޅިޖަހާ ނުލައި ބަލަހައްޓައިގެން ތިބެއެވެ.

އިރުކޮޅެއްގެތެރޭގައި ވާރޭ ވެހެންފެށިއެވެ. އަދި ވާރޭތިކި އެޒުވާނާގެ އަތަށް ޖަހަންފެށުމުން އުފާވެރިކަމާއެކު އެފެނުގެ ފިނި އިޙުސާސްކުރަމުން އަނެއްކާ ގޮވައިލިއެވެ. ބަލާބަލާށެވެ. ބައްޕާއެވެ. ވާރޭ ވެހެނީދޯއެވެ؟ ބަލާބަލާށެވެ. އަހަރެންގެ އަތަށް ފެންތިކި ޖަހަނީއެވެ.

މިމަންޒަރު ބަލަން ތިބި ދެމަފިރިންނަށް ކެތްމަދުވެގެން ބުނެވުނެވެ: އޭ ބޭބޭވެއެވެ! ކަލޭގެ މިކުއްޖާ ޑޮކްޓަރަކަށް ދައްކާކަށެއް ނުފެނޭހެއްޔެވެ؟ އޭނާ ޑޮކްޓަރަކަށް ދައްކައި ފަރުވާކުރަން ފެނެއެވެ. 

ދުވަސްވީ ބައްޕަ އެމީހުންގެ ގާތުގައި ބުންޏެވެ: އަހަރެމެން މިއައީވެސް ހޮސްޕިޓަލުންނެވެ. އަހަރެންގެ މިދަރިފުޅަކީ މީގެކުރީގައި ލޮލަށް ނުފެންނަ ކުއްޖެކެވެ. މިއީ އޭނާއަށް އަހަރެމެންނަށް މިފެންނަހެން ފެންނަންފެށި ފުރަތަމަ ފަހަރެވެ.

ޢިބްރަތް: ޙަޤީޤަތް ނޭންގެނީސް ކަންކަމުގައި ގޮތް ނުނިންމާށެވެ.
ނަމަވެސް އަޅުގަނޑުމެންނީ ނުވިސްނާލާ ފެންނަހާ ކަމަކާއި އިވޭހާ ވާހަކައަކަށް ބަރޯސާވާ ބައެކެވެ. މިފަދަ ކަންކަމުން ވަރަށްބޮޑެތި ގެއްލުންތަކާއި ކުރިމަތިވެއެވެ. 

ރެފަރެންސް: ޝައިޚް ޒާހިރު މަޙްމޫދުގެ ފޭސްބުކް ފޭން ޕޭޖް
ވާހަކައިގެ ތެދު ދޮގާއިމެދު: އެއްވެސް އެއްޗެއް ބުނާކަށެއް ނޭންގެއެވެ.


0 comments: