Blog Archive

Saturday, October 12, 2013



ޒަހަބީ އިމާމް ވިދާޅުވަނީ ޒަދާން އަކީ އެބެއިކަލެއްގެ ފަރާތްޕުޅުން ވަރަށް ގިނަ ޙަދީޘް ތަކެއް ރިވާވެގެން ވާ އިތުބާރު ހިފޭ ބެއިކަލެއް ކަމަށެވެ. އެކަލޭގެފާނުން ޢުމަރުބުނުލް ޚައްތާބާއި، ސަލްމާނުލް ފާރިސީ އާއި ޚުޛައިފާ ފަދަ ބެއި ބެއި ކަލުންގެ ފަރާތްޕުޅުންވެސް ހަދީޘް ރިވާ ކުރެއްވެވި އެވެ.

ޒަދާން ގެ ތަޢުބާގެ ވާހަކަ ޒަދާން މިފަދައިން ކިޔައި ދެއްވިއެވެ:
"ތިމަން ކަލޭގެފާނުން ނަކީ ކުޑައިރުގައި ރިވެތި އަޑެއް ލިބިގެން ވާ މީހަކީ މެވެ. އަދި ބެރުޖެހުމަށް ވެސް ތިމަން ކަލޭގެފާނުން ވަރަށް ކުޅަދާނައެވެ. އެއްދުވަހަކު ތިމަން ކަލޭގެފާނުން ކުޑަކުދިން (އެއްފުރާއިގެ) ތަކަކާއި އެކީ ގައި މަސްތުވާ ޒާތެއްގެ ބުއިމެއް ބޮއިގެން ލަވަކިޔަން ތިބީމެވެ. އެ ވަޤުތު ދިމާވި ގޮތުން އިބްން މަސްޢޫދު (ރަޟިޔަﷲ ޢަންޙު) ކުރިމަތިން ހުރަސްކުރައްވަވައި ވަޑައި ގަންނަވަމުން އެތެރެއަށް ވަޑައިގަތެވެ. އަދި އެ މަސްތުވާ ބުއިން އަޅާފައިވާ ޖާޑި ތަޅާލައްވަވާ ތިމަން ކަލޭގެފާނުންގެ ގާތުގައި އޭ މިހުރަ ކުޑަކުއްޖާއޭ ކަލޭގެ ތި ރީތި އަޑު ޤުރްޢާން ކިޔެވުމުގައި ބޭނުން ކުރާނެ ނަމަ ކޮންފަދަހޭ ވިދާޅުވުމުށް ފަހު ވަޑައިގެން ނެވި އެވެ. ދެން ތިމަން ކަލޭގެފާނުންގެ ގާތުގައި ތިބި ކުދިން ގާތުގައި "އެއީ ކާކު" ތޯ ސުވާލު ކުރީމެވެ. އެ ކުދިން ބުނީ އެއީ އިބްން މަސްޢޫދު ކަމުގައެވެ. އެވަގުތު އީމާންތެރިކަން ތިމަންކަލޭގެފާނުން ގެ މައްޗަށް އޮހިގެން އައި ފަދައެވެ. ރޮމުން ރޮމުން އިބްން މަސްޢޫދުގެފަހަތުން ގޮސް އެކަލޭގެފާނުންގެ ހެދުންކޮޅުގައި އެލިގަތީމެވެ. އެވަގުތު އެކަލޭގެފާނުން އެނބުރި ވަޑައިގެން ތިމަން ކަލޭގެފާނުންގެ ގައިކޮޅުގައި ބައްދައިގަނެ ކީރިތި ކުރެއްވެވި އެވެ. އަދި ވިދާޅުވި އެވެ. "ﷲ އެމީހެއްދެކި ލޯބިވީ އަޚާއަށް މަރުޙަބާއެވެ. އިށީންނާށެވެ" ދެން ވަޑައިގެން ކަދުރު ކޮޅެއް ތިމަން ކަލޭގެފާނުން ނަށް ދެއްވެވި އެވެ."

އެއަށްފަހު ޒަދާން ވަރަށް ދީންވެރި ވެ ވަޑައިގަތެވެ. ޒަހަބީ އިމާމް ވިދާޅުވާ ގޮތުން ޒަދާން ނަމާދު ކުރައްވަން ހުންނަވާއިރު ހީވާނީ ހިލަ ތަނބެއް ނުވަތަ ބިޔަ ގަހެއް ފަދަ އަކުން ނެވެ. އެހާވެސް ހުއްޓި (އިތުރު ހަރަކާތެއް ގުޑިލުމެއް ނެތި) ހުންނަވާ  ބެއިކަލެކެވެ.

ރެފަރެންސް: ޒަހަބީ އިމާމްގެ "ސިޔަރ އަލާމް އަން ނުބަލާ"

0 comments: