Blog Archive

Wednesday, October 30, 2013



وَاذْكُرْ فِي الْكِتَابِ إِدْرِيسَ ۚ إِنَّهُ كَانَ صِدِّيقًا نَبِيًّا           
          وَرَفَعْنَاهُ مَكَانًا عَلِيًّا     مريم: ٥٦ – ٥٧

" ކަލޭގެފާނުން މިފޮތުގައިވާ ގޮތަށް އިދްރީސްގެފާނުންގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން އެކަލޭގެފާނުންނީ ތެދުވެރިކަންބޮޑު ނަބިއްޔަކުކަމުގައި ވެއެވެ. އަދި ތިމަންރަސްކަލާންގެ އެކަލޭގެފާނުން މަތިވެރިވެގެންވާ މަޤާމަށް އުފުއްލެވީމެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ މިއާޔަތުގައި އިދްރީސް ގެފާނުންނަށް ތަޢުރީފް ކުރައްވާފައިވެއެވެ. އަދި އެކަލޭގެފާނުންނަކީ ތެދުވެރި ރަސޫލެއްކަމުގައި ވަޙީކުރައްވާފައިވެއެވެ. ޖީނިއޮލޮޖިސްޓުންގެ ގިނަ ޢަދަދެއްގެ ބެއިކަލުން ވިދާޅުވާ ގޮތުގައި ސާލާމް ލެއްވި އިތުރު ރަސޫލާ މުޙައްމަދު ނަބީ ކަލޭގެފާނުންގެ ބަފައިކަލުންގެ ނަސްލު މިއިދްރީސް ގެފާނުންނާއި ހަމަޔަށް ފޯރައެވެ.
އާދަމްގެފާނުންނާއި ޝީޘް ގެފާނުންނަށްފަހު އެންމެ ފުރަތަމަ ނަބީއެއްގެ ގޮތުގައި ފޮނުވުނީ މި އިދްރީސްގެފާނެވެ. (ސައްލައްﷲ ޢަލައިހި ވަސައްލަމަ)


އިބްން އިޝްޙާޤް ރިވާކުރެއްވިއެވެ: އެކަލޭގެފާނުންނަކީ އެންމެ ފުރަތަމައަށް ޤަލަމަކުން ލިޔުއްވި ކަލޭގެފާނުންނެވެ. އެކަލޭގެފާނުން އުފަންވެ ވަޑައިގެން އިރު އާދަމްގެފާނުންގެ ޢުމުރުގައި ތިން ސަތޭކައާއި އަށް އަހަރު ބާކީ އޮތެވެ. 

ﷲ ވަޙީ ކުރެއްވިއެވެ. " އަދި ތިމަންރަސްކަލާންގެ އެކަލޭގެފާނުން މަތިވެރިވެގެންވާ މަޤާމަށް އުފުއްލެވީމެވެ."
މިއާޔަތުގެ ތަފްސީރު އެކި ގޮތްގޮތަށް ކުރެވެއެވެ. ބުޚާރީއާއި މުސްލިމްގައި، ކީރިތި ރަސޫލާ މިޢުރާޖުވި ރޭގައި "ރަސޫލާ ހަތަރުވަނަ އުޑުގައި އެކަލޭގެފާނުންގެ ގާތުން ވަޑައިގަތެވެ." މިހެން ވެއެވެ.   އިބްން ޖަރީރު، ހިލާލް ބިން ޔަސާފް ގެ އަރިހުން ރިވާކުރެއްވިއެވެ: ތިމަންގެ ޙާޒިރުގައި އިބްން ޢައްބާސް ކަޢުބުގެ އަރިހުން އެއްސެވިއެވެ: "ﷲ ސުބުޙާނަހޫ ވަތަޢާލާ :"އަދި ތިމަންރަސްކަލާންގެ އެކަލޭގެފާނުން މަތިވެރިވެގެންވާ މަޤާމަށް އުފުއްލެވީމެވެ." މިހެން ވަޙީ ކުރެއްވުމުގެ މުރާދަކީ ކޮބައި ހެއްޔެވެ؟ 

ކަޢުބު ވިދާޅުވިއެވެ: "ﷲ ސުބުޙާނަހޫ ވަތަޢާލާ އިދްރީސްގެފާނުންނަށް ވަޙީކުރެއްވިއެވެ. 'ކަލޭގެފާނުންގެ މައްޗަށް ތިމަން އިލާހް އާދަމްގެ ދަރީންނަށް ލިޔުއްވާ ޢަމަލުތައް ލިޔުއްވައިދެއްވާނަމެވެ- ފަހަރުގައި އެއީ އެވަގުތު ދުނިޔޭގައި އުޅުން އާދަމްގެ ދަރިން ކަމުގައި ވެދާނެއެވެ'

އެހެންކަމުން އިދްރީސްގެފާނުން އެދިލެއްވީ ޢަމަލުތަކާއި ހެޔޮކަންތައް ގިނަކުރެއްވުމަށެވެ. 

މަލާއިކަތް ބެއިކަލުންކުރެ އެކަލޭގެފާނުންގެ ރަޙުމަތްތެރި މަލާއިކަތަކު އެކަލޭގެފާނުންގެ އަރިއަހަށް ކުރި ޒިޔާރަތްޕުޅެއްގައި އިދްރީސް ގެފާނުން ވިދާޅުވިއެވެ. 'ﷲ އަހަރެންނަށް (ތިމަން ކަލޭގެފާނުންނަށް) އެވެނި މިވެނިހެން ވަޙީކުރައްވައިފިއެވެ. އެހެންވީމާ ކަލޭގެފާނުންނަށް މަރުގެ މަލާއިކަތާގެ އަރިހުގައި ދަންނަވައިދީފާނަންތޯއެވެ؟ އެއިރުން އަހަރެންގެ (ތިމަން ކަލޭގެފާނުންގެ) ޢަމަލުތައް އިތުރުކުރެވޭނެއެވެ.' ދެން މިމަލާއިކަތާ އިދްރީސްގެފާނުން އެކަލޭގެފާނުންގެ ވަރައިގެ ދަށުގައި ލައްވާ އުޑުތަކަށް ވަޑައިގެންނެވިއެވެ. ހަތަރުވަނަ އުޑާއި ހަމައިން އެކަލޭގެފާނުމެންނާއި މަރުގެ މަލާއިކަތާއާއި ބައްދަލުވިއެވެ. ދެން މިމަލާއިކަތާ، މަލަކުލް މައުތުގެފާނުންގެ އަރިހުގައި ކުރިން އިދްރީސްގެފާނުން ދެންނެވި ވާހަކަ ދަންނަވައިފިއެވެ. މަލަކުލް މައުތު ގެފާނުން ވިދާޅުވިއެވެ: "އެކަމަކު އިދްރީސް (ގެފާނުން) ކޮބައިހެއްޔެވެ؟" މަލާއިކަތާ ދެންނެވިއެވެ. 'އެކަލޭގެފާނުން ވަނީ ތިމަންކަލޭގެފާނުންގެ ބުރަކަށިފުޅު މަތީގައެވެ' ދެން މަރުގެ މަލާއިކަތާ ވިދާޅުވިއެވެ. "ކިހާ ޢަޖައިބު ކުރުވަނިވި ކަމެއް ހެއްޔެވެ! ތިމަންކަލޭގެފާނުން ފޮނުއްވުނީ އަދި (ތިމަން ކަލޭގެފާނުންނަށް) ޢަމުރު ވެވިގެންވަނީ އެކަލޭގެފާނުންގެ ފުރާނަފުޅު ހަތަރުވަނަ އުޑުން ހިއްޕެވުމަށެވެ. ތިމަންކަލޭގެފާނުން ވިސްނާ ވަޑައިގަންނަވަނީ ބިމުގައި ދިރިއުޅޭ އިންސާނެއްގެ ފުރާނަ ހަތަރުވަނަ އުޑާއިހަމައިން ހިއްޕަވާނޭ ގޮތަކާއި މެދުއެވެ.' ދެން އެކަލޭގެފާނުން އެތަނުން އިދްރީސްގެފާނުންގެ ފުރާނަފުޅު ހިއްޕެވިއެވެ. "އަދި ތިމަންރަސްކަލާންގެ އެކަލޭގެފާނުން މަތިވެރިވެގެންވާ މަޤާމަށް އުފުއްލެވީމެވެ." މިއާޔަތުގައިވާ އެއްޗެއްގެ މާނައަކީ މިދެންނެވީއެވެ.

ރެފަރެންސް: އަލް އިމާމް އިބްން ކަޘީރުގެ ޤަޞަޞުލް އަންބިޔާ/ސްޓޯރީސް އޮފް ދި ޕްރޮފެޓްސް
 

0 comments: