Blog Archive

Thursday, October 10, 2013


އެއްފަހަރަކު އަބޫބަކުރު ގެފާނުން ކީރިތި ރަސޫލާ ގާތުން ގެފުޅަށް މުސްލިމުން ނާއި އެކީ ވަޑައިގެން ނަމާދު ކުރެއްވުމަށް އެދި ވަޑައި ގަތެވެ. ނަމަވެސް ދުވަސް ވަރަކީ މި އުންމަތް ފެށިގެން އައި މުސްލިމުންގެ ޢަދަދު ނިކަން މަދު ދުވަސް ވަރަކަށް ވީތީ އެކަން ކުރުން އެހާ ބުއްދިވެރި ނޫން ވުމުން އެކަމާ އެއްޗެއް ވިދާޅު ނުވެ ރަސޫލުﷲ ގެފާނުން ހުންނެވި އެވެ. ނަމަވެސް އަބޫ ބަކުރު ގެފާނުން ކިޔުއްވާ ވަރުން އެއްފަހަރަކު ދާރުލް އަރުޤަމް އިން ނިކުމެ ވަޑައިގަތެވެ. ނިކުމެ ވަޑައި ގަތީ އެއް ސަފުގައި ހަމްޒާގެފާނުން އަނެއް ސަފުގައި ރަސޫލުﷲ ގެފާނުން ހުންނަވަ އެވެ.

އެ ބެއިކަލުން ވަޑައި ގަންނަވާ ކަޢުބަތުﷲ ގެ ކައިރީ ނަމާދު ކުރެއްވުން ނިމުމާއި އެކީ އަބޫ ބަކުރުގެފާނުން ކޮޅަށް ތެދުވެ އިސްލާމް ދީނުގެ ވާހަކައިން ޚުތުބާ ދެއްވާން ފެއްޓެވި އެވެ. އެގޮތުން މިކަލޭގެފާނުން ވީ މި އުންމަތުގެ ފުރަތަމަ ޚަތީބަށެވެ. ނަމަވެސް މަންޒަރު ބަލަން ތިބި ނުލަފާ އަބޫ ޖަހުލުމެން ގޮތެއް ފޮތެއް ނެތި އަރައި ގަތެވެ. ތަޅާ ފޮޅާ އަބޫ ބަކުރު ގެފާނުންގެ މޫނުމަތީގައި ދަގަނޑު ފައިވާންގަޑަކުން ވެސް ތަޅާ މޫނެއް ނޭފަތެއް ވަކި ނުވާ ވަރަށް އަނިޔާކުރި އެވެ. މި އަނިޔާ ހުއްޓުނީ އަބޫ ބަކުރުގެފާނުން ސަލާމަތްކުރަން ބަޔަކު އައިސް އެކަން ހުއްޓުވައިގެނެވެ. އޭރު އެކަލޭގެފާނުން އަވަހާރަ ވެދާނެ ކަމާއި މެދު ޝައްކެއް ނެތެވެ.
 

އެކަލޭގެފާނުން ހޭ ނާރާ ހަވީރު ވާންދެން އޮންނަވާފައި ފުރަތަމަ ހޭ އެރިގޮތަށްވެސް އެއްސެވީ އެކަލޭގެފާނުން ގެ ލޮބުވެތި މިތުރާ މުޙައްމަދު ރަސޫލުﷲ ކޮބައިތޯ އެވެ. އެހެން މީހުން އެކަމާ މަލާމަތްކުރީމަވެސް އެނޫން އެހެން ބަސްފުޅެއް ހަމަ ވިދާޅެއް ނުވި އެވެ.

އެކަލޭގެފާނުން ނަށް ނުހިންގެވޭ ޙާލުގައި ވެސް މަންމަގެ އެހީގައި އެ މާތް ނަބިއްޔާ ނުފެނި ހިދުކޮޅަކަށްވެސް ކެތްނުވެގެން ވަރަށް ޙާލުގައިވެސް ވަޑައިގަތީ އެވެ. ނަބިއްޔާ ސަލާމަތުން އެބަ ހުންނެވި އޭ ބުނެދިނީމަވެސް އެ ރަސޫލާ ނުފެންނަނީސް އެހިތަށް ކެތްނުވީ އެވެ.

ކުދިން ނޭވެ!. މި އީ އަހަރެމެން ފަޚުރުވެރިވާން ޖެހޭ ސާހިބެކެވެ. އެކަލޭގެފާނުންނާއި މެދު ރަސޫލުﷲ ގެފާނުން ހަދީސް ކުރެއްވެވީ އަބޫބަކުރު ގެފާނާއި ތިމަން ކަލޭގެފާނާއި ދެބެއިކަލުން ނަބީކަމަށް އައީ ވާދަ ކުރާ ދެ އަސް ފަދައިން ނެވެ. ތިމަންކަލޭގެފާނުންނަށް ނަބީކަން ލިބުމުން އެކަލޭގެފާނުން ތަބާވީ އެވެ. އެކަލޭގެފާނުން ނަށް އެ ނަބީކަން ލިބުން ނަމަ ތިމަން ކަލޭގެފާނުން ތަބާ ވީމުހެވެ.

ކުދީން ނޭވެ އެވެ! މި އީ މި އުންމަތަށް ކޯފާ ލައްވަވާ ބާއްވާލެއްވި އާޔަތުގަވެސް ސަލާމަތްވި ހަމަ އެކަނި ކަލޭގެފާނުންނެވެ. ހިތާމަޔާއި ހިތްދަތި ކަމާއި އެކީ ޙިޖްރަ ކުރެއްވެވި ދުވަހު ޘައުރު ފަރުބަދައިގަ ރަސޫލުﷲ ގިނިކަންޏާވެ ނުދީ އުންމަތް ރިޕްރެޒެންޓް ކޮށްދިން މާތް ސާހިބާ އެވެ. އަހުރެމެން ކަހަލަ ބޮޑެތި ފާފަވެރިން ނަށް މިފަދަ ބެއިކަލެއްގެ ވާހަކަ ދައްކަން ވެސް ލަދެކެވެ.

ތަރި ތައް އުޑުމަތީގައި ގިނަ ރެޔަކު ޢާއިޝަތުގެފާނުން އެތަރިތަކަށް އިޝާރަތް ކުރައްވާ މިހާ ގިނަހެޔޮކަން ވާ ބެއިކަލަކު މިއުންމަތުން ވޭހޭ ދެންނެވުމުން ރަސޫލުﷲ ގެފާނުން ހަދީސް ކުރެއްވެވި އެވެ. އާދޭހެވެ! ޢުމަރު ބުނުލް ޚައްތާބެވެ. ޢާއިޝަތުގެފާނުން އަބޫބަކުރު ގެފާނުން ނާއި މެދު އެއްސެވުމުން ޙަދީސް ކުރެއްވެވީ އެކަލޭގެފާނުންގެ ހެޔޮކަން އަދި އެޔަށް ވުރެން މާ ގިނަކަމެވެ.

ކުދިން ނޭވެ! މި ބެއިކަލަކީ އުންމަތުގެ އެންމެންގެ ހެޔޮކަމަށް ވުރެން އެކަލޭގެފާނުންގެ އެކަނި ހެޔޮކަމާއި މާތްކަމުގައި މާ ބުރަދަން ހުރި ބެއި ކަލެކެވެ. އުންމަތުގެ އެހެން އެންމެނެވެ. ޢުމަރު، އުޘްމާން... ހުރިހާ ސަޙާބީންނާއި ތާބިއީން، އޭގެ ފަހަށް އައި ޢިލްމުވެރިންނާއި މާތް މީހުން އަދި އަހުރެމެން ވެސް އޮޅިގެން ނަމަވެސް ކޮށްފައި އޮތް ހެޔޮކަމަކާއި ލައި އެއްކޮށްލައިގެންވެސް އެކަލޭގެފާނުންގެ ހެޔޮކަން ބޮޑުވާ އެ މާތް އިންސާނާއެވެ.

ރަސޫލުﷲ ގެފާނުންގެ އަރިހުގައި ސަޙާބީން ވަނިކޮށް ސުވަރުގޭގެ 8 ދޮރުކޮޅުން (ހުރިހާދޮރުކޮޅަކުން) ވަނުމުގެ ޝަރަފް މީހަކަށް ލިބޭނެތޯ އޭ އެހުމުން ވެސް އެކަމަށް އުންމީދު ކުރައްވާކަމަށް ހަދީސް ކުރެއްވެވީ ހަމަ އެކަނި އަބޫ ބަކުރުގެފާނުންނަށް ނިސްބަތް ކުރައްވަވައެވެ. ދީނަށްޓަކައި ކުރި އެތަށް ހަނގުރާމައެއްގައި މުޅި ޖާނާއި މާލު ހޭދަކުރެއްވެވި ސާހިބާއެވެ. މިކަމަށް ޢުމަރުގެފާނުން ހިތުލާ އަބޫބަކުރުގެފާނުން ނަށްވުރެން ގިނައިން ހޭދަކުރުމަށް މުޅި މުދަލުގެ ދެބައިކުޅަ އެއްބައި ގެންނަވައިގެން އުފާފުޅުން ހުރި ދުވަހު އަބޫބަކުރުގެފާނުން މުޅި މުދާ އެކީ ހޭދަކުރައްވާ ވާހަކަ އަޑުއައްސަވާ ތިމަންކަލޭގެފާނުންނަށް ކަލޭގެފާނުންނާއި ގާތްވެސް ނުކުރެވޭނޭކަމަށް ޢުމަރުގެފާނުން ޢިއުތިރާފްވި ޝަރަފްވެރި ހިތްތިރި ވިސްނުން ތޫނު އަޚާއެވެ. މިއީ "ތިމަން ރަސޫލާ އަށް ފަހު ނަބީ އަކު ވަޑައިގަންނަވާނެ ނަމަ އެ ބެއިކަލަކީ ޢުމަރުގެފާނުން" ނޭ ހަދީސް ރައްދުވި މާތް ޢުމަރުގެފާނުންގެ ޙާލަތެވެ.

ބައިއަތުއް ރިޟްވާނުގެ ދުވަހުގައި މުސްލިމުން ނަށް ލިބުން ހިތްދަތިކަމުގެ ފަހަތުގައި އޮތް އަސްލް ޙަޤީގަތް ރަސޫލުﷲ ގެފާނުން ފިޔަވާ އިނގިވަޑައިގެން ހުންނެވި މާތް ކަލޭގެފާނުންނެވެ. އެ ބެއިކަލެއްގެ ތެދުވެރިކަމަށް ހެކިވެ ސިއްދީޤެވެ ކިޔާ މި އުޑުތަކާ ބިންތަކުގެ ވެރި އިލާހް އެބެއިކަލަކަށް ނަން ދެއްވެވި މާތް ސާހިބާއެވެ. އެއީ އެބެއިކަލެއްގެ ދޫފުޅުން ތިމަންކަލޭގެފާނުންގެ އެއްފައި ސުވަރުގޭގައި ވާކަމުގައި ވިޔަސް އެތަނަށް (ދެފަޔާއިއެކު) އެއްކޮށް ނުވަދެވޭހާ ހިނދަކު ސުވަރުގެއަށް ވަދެވުނީކަމުގައި ނުބައްލަވާނަމޭ ބުނެ ދުނިޔޭގައި މަސައްކަތްކުރެއްވި ޒުހުދުވެރިއާއެވެ. މިހެން ގޮސް ކިޔާހުސްނުވާނެއެވެ.

ބަނޑުހައި ހޫނު ކަމުގައި ރޭތަކާއި ދުވާތަށް ހަނގުރާމައިގަޔާއި ދީނަށް ނަސްރް ދިނުމުގަޔާއި ރޯދަހިފުމުގަޔާއި ދީނަށް މީސްތަކުން ވެއްދެވުމުގައި މަސަތްކަތް ކުރެއްވެވި އިޚްލާސްތެރިޔާއެވެ. އެކަލޭގެފާނުންގެ ސަބަބުން އިސްލާމްވީ ކޮންބެއިލަކުން ނެތް ތޯއެވެ؟ ސުވަރުގެ ވަންތަ ވެރިންކަމުގައި ވި 10 ބެއިކަލުންގެ ތެރެއިން 5 ބެއިކަލުން އިސްލާމްވީ މި އަބޫބަކުރު ގެފާނުންގެ މަސަތްކަތްޕުޅުން ނެވެ. ބަނޑުހައި ހޫނުކަމުން އެއްޗެއް ނުކައި ބަނޑުފުޅުގައި ހިލަ އަޅުއްވައިގެންވެސް މި އިސްލާމް ދީން މިހާ ހިސާބަށް މިހާ ރިވެތިކޮށް ގެންނަން މަސަތްކަތް ކޮށްދެއްވެވި މި ސާހިބާގެ އިޒާރުކޮޅު ދޫވެގެން ފައިގެ ތަނބި ކައްޓަށް ވުރެ ތިރިވެފާހުރީތީވެ އެކަމާ އެ މާތް އަބޫބަކުރުގެފާނުން ހިތާމަފުޅުވެފައި ވާތީ ރަސޫލުﷲ ގެފާނުން އެކަލޭގެފާނުންނަށް އެހެން ހަދީސް ކުރެއްވީމަ ދެން .... އަހަރެމެން އިޒާރޭ އަބޫބަކުރު ގެފާނޭ ކިއީމާ މިބަސްތައް ޖެހޭނީ ކޮންތާކުކަމެއް އެއްވެސް ފަހަރަކު ވިސްނާލެއްވީމުތޯއެވެ؟ އެކަލޭގެފާނުންނާއި އަހަރެމެންނާއި ހަމަކުރާން އަހަރެމެންނަކީ ފުރަތަމައިނުން ކޮން ޙައިސިއްޔަތެއްގެ ބައެއްތޯއެވެ؟ ހިތާމަ ހުއްޓެވެ... ބުއްދިތައް ވަނީ ކޮންތާކުހެއްޔެވެ؟

0 comments: