Blog Archive

Friday, October 11, 2013


އަލްއިމާމުއްޒުހުރީ (ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ. އިސްލާމް ދީނުގައި މީސްތަކުން 4 ބަޔަކަށް ޢިލްމީ ގޮތުން ބެހެވެއެވެ. އެއީ:

1.     ފުރަތަމައީ އުއްމަތުގެ އިމާމުވެރިންނެވެ. މިބެއިކަލުންނަށް ރައްބާނިއްޔަ ޢިލްމުވެރިންނޭވެސް ކިޔެއެވެ. މިއީ ދީނުގެ ވަރަށް މަދު މިންވަރެއްފިޔަވާ ދެން އޮތްބައި އެއްކޮށްހެން ދަސްވެފައިވާ ބެއިކަލުންނެވެ. މިއީ އުއްމަތުގެ މުޅި ތާރީޚްގައިވެސް ވަރަށް މަދު ބައެކެވެ. ބައެއް މިސާލު : އަލްއިމާމް އަޙްމަދު ބިން ހަންބަލް، އިމާމް ޝާފިޢީ، އިމާމް މާލިކް، އިމާމް އަބޫ ޙަނީފާ. އިމާމް ޢަބްދުﷲ ބިން މުބާރަކް، އަލްއިމާމް ސުފިޔާން އައް ޘައުރީ.

2.     ދެވަނައީ އުއްމަތުގެ ދަންނަބެއިކަލުންނެވެ. މިއީ ދީނުގެ ވަރަށް ބޮޑު ބައެއް ރަގަޅަށް ދެނެވަޑައިގަންނަވާ ބޮޑެތި ބޮޑެތި ޢިލްމުވެރިންނެވެ. މިއީ އިމާމުވެރި ބެއިކަލުންހާ ޢިލްމުވެރި ނޫނަސް އުއްމަތުގެ ބޮޑެތި ކަންކަމުގައި ބަސްކިޔަން، ދެން ތިއްބެވި ބެއިކަލުންނެވެ. މިއަދު ދުނިޔޭގައި ދިރިތިއްބެވި މިފަދަ ޢިލްމުވެރިންގެ ތެރެއިން ބައެއް ބެއިކަލުންނަކީ: ޢަބްދުލް ޢަޒީޒް އާލް ޝައިޚް، މުޙައްމަދު މުޚްތާރް އައް ޝިންޤީޠީ، މުޙައްމަދު ޞާލިޙް އަލް ފައުޒާން، ޢަބްދުލް ޢަޒީޒް އައް ތާރިފީ، އަލް އައްބާދު، ޝައިޚް މުޙައްމަދު އަލް ހައްސާން (މިސްރީއެއް)، ޒިންދާނީ (ޔަމަނީއެއް)، އަލް ހުވައިނީ (މިސްރީއެއް) އަދި ޝައިޚް މުސްޠަފާ އަލް އަދަވީ (މިސްރީއެއް)، ޝައިޚް މުޙައްމަދު އަލް ހަސަން އަލްދުދޫ (މޮރިޓޭނިޔާ). އަދި މުޙައްމަދު ސާލިޙް އަލް މުނައްޖިދެވެ. މިއީވެސް ޢަދަދުގެ ގޮތުން މިހާރު މިޒަމާނުގައި ވަރަށް މަދު ބައެކެވެ.


3.     ދެން ތިބީ ދީނުން ކޮންމެވެސް ވަރެއް ދަސްވެފައިވާ މީހުންނެވެ. މިއީ ގިނަބައެކެވެ. މީގެ ތެރޭގައި ދުނިޔެއަށް މަޝްހޫރު ދާޢީން ފެށިގެންގޮސް އާދައިގެ ޝައިޚުންނާއި ހަމަޔަށް ހިމެނެއެވެ. މިސާލަކަށް: ޑރ.ޒާކިރު ނައިކް، ޝައިޚް ޔޫސުފު އެސްޓެސް.

4.     ބާކީ ތިބީ އަހަރެމެންނެވެ. މިބައިގެ މީހުންގެ ތެރޭގައި ކޮންމެވެސް ވަރަކަށް ދަންނަމީހުންކުރެ ގޮސް އެއްޗެއް އެއްގޮތަކަށް ނޭންގޭ މީހާއާއި ހަމަޔަށް ވެއެވެ. ކޮންމެ އިރެއްގައިވެސް އެންްމެ އާބާދީ ގިނައީ މިބައިގައެވެ. 


މީގެ ތެރެއިން އުއްމަތުގެ ޢިލްމު ވެރިންނޭ މިކިޔެނީ އަސްލުގައި ފުރަތަމަ ދެބައިމީހުންނަށެވެ. އެއީ އެބައެއްގެ ފަރާތުން ނުބައިކަމެއް ފެނިފައި ނުވާ އެބައެއްގެ ޢުމުރުގެ މަދު ބައެއްފިޔަވައި އެއްކޮށް ޢިލްމު އުނގެނުމާއި އުނގަންނައި ދިނުމުގައި އުޅުއްވާ އަދި އުޅުއްވި ބެއިކަލުންނެވެ. މިބެއިކަލުންގެ ތެރެއަށް ވަނުމުގެ ޝަރުތުތަކުގެ ތެރޭގައި ދީނުގެ މުހިއްމު ބޮޑެތި ފޮތްފޮތް ހިތުދަސްވާންޖެހެއެވެ. ޢަރަބި ބަހުގެ އަދީބަކަށް ވާންޖެހެއެވެ. 

ރަސޫލުﷲ ގެފާނުން ޙަދީޘް ކުރެއްވިއެވެ:
"(ދީނުގެ) ޢިލްމް ނެގެވިގެންދާނީ ދީނުގެ ޢިލްމްވެރިންގެ މަރު ހިއްޕަވައިގެންނެވެ." (ބުޚާރީ ގެ ރިވާޔަތެއް)


ޤިޔާމަތުގެ ޢަލާމާތްތަކާއިމެދު އޮތް ޙަދީޘްތަކުގެ ތެރެއިން މިޙަދީޘްގެ ތެދުކަން މިޔަދު މިދަނީ ފެންނަމުންނެވެ. މިހާރު ދުނިޔޭގައި މިދެންނެވި 4 ބައިންކުރެ ފުރަތަމަ ބައިގެ ބެއިކަލުންނެތް ނެތެވެ. އިމާމުވެރި ބެއިކަލަކު މިހާރަކު ދުނިޔެއަކު ނެތެވެ. އެންމެ ފަހަށް ދުނިޔޭގައި ތިއްބެވި ތިން އިމާމުވެރިންނަކީ ޝައިޚް ޢަބްދުލް އަޒީޒް ބިން ބާޒް އާއި ޝައިޚް އުޘައިމީންއާއި އައްލާމާ އަލް އަލްބާނީއެވެ. މިބެއިކަލުންވީ 1900ގެ ކުރީކޮޅު އަވަހާރަވެ ގޮސްފައެވެ. ދެން ދިރިތިއްބެވީ ދެވަނައަށް ތިއްބެވި ޢިލްމްވެރިންނެވެ. އަނެއްކޮޅުން އަހަރެމެން ދިވެހިންނަށް ވަނީ ޢިލްމުވެރިންނަކީ ކޮބައިކަންވެސް އޮޅިފައެވެ. އެއިގެ ސަބަބުން ދިވެހި ޝައިޚުންނަކީ ޢިލްމުވެރިންކަމުގައި ބުނެ އެމީހުންދެކި އެއަންނަ ރުޅީގައި ދީންދެކިވެސް ރުޅި އާދެއެވެ. މަޢުލޫމާތައްޓަކައި ދަންނަވާލަމެވެ. އެއްމެ ފުރަތަމަ ބައިގެ ޢިލްމުވެރިންގެ ތެރޭގައި ކަރާމާތްތެރި ބެއިކަލުން، ވަގުތުން ދުޢާ އިޖާބަ ބެއިކަލުން ވަރަށް ވަރަށް ގިނަވާނެއެވެ. ކުދިންނޭވެއެވެ. ކަމެއް ކުރަންޏާ ކުރަންވީ ކަމަކީ އެއިން ކަމެއް ހޯދައިގަތުމެވެ.


3 ވަނައަށް ވާބައިގަޔާއި 4 ވަނައަށްވާ ބައިގައިވެސް ޛުހުދުވެރިން ވެއެވެ. ޛުހުދު ވެރިކަމާއި ޢިލްމްވެރިކަމަކީ ތަފާތު ދެނަމެއްކިޔާ ދެއެއްޗެކެވެ. އެކަމަކު އެއްވެސް ޢިލްމުވެރިއެއް ޛުހުދުވެރި ނުވެއެއް ނުހުންނާނެއެވެ. އަސްލު ޙަޤީޤަތަކީ މިއީއެވެ.  ޢިލްމުވެރިން އޮޅުވާ ނުލައްވާށެވެ. ޙަޤީޤީ ޢިލްމުވެރިންނަކީ އެއީއެވެ. އެހެނަސް ދީނީ ޢިލްމުން ބައެއް ދަސްކޮއްގެން ތިބޭ މީހުންނަށް (އާދައިގެ ޝައިޚުންނަށް) އެއްޗެތި ގޮވާ މަސްކައި އުޅުން އެއީ ދީނުގެ ބޮޑެތި ޢިލްމުވެރިން ވަރަށް ބޮޑަށް މަނާކުރައްވާފައިވާ ކަމެކެވެ. އެބައިމީހުންގެ މަސް މުޅަވެފައި އަދި ވިހަވެސް ވާނެކަމުގައި އަލްއިމާމް އިބްން ސީރީން ވިދާޅުވެފައިވެއެވެ. 



0 comments: