Blog Archive

Friday, December 6, 2013


މާލިކް ބިން ދީނާރު ވިދާޅުވިއެވެ: ތިމަންކަލޭގެފާނުންގެ އަވައްޓެރިއެއް ވެއެވެ. އޭނާއަކީ ހުރިހާ ވައްތަރެއްގެ ނުބައި ޢަމަލުތަކެއްގައި އުޅޭ މީހެކެވެ. އެހެންކަމުން އޭނާވަނީ އޭނާގެ ވަށައިގެންވާ މީސްތަކުންގެ ފަރާތުން އަޅާނުލައި ދުރުކުރެވި އެކަނިވެރިކުރުވާފައެވެ. 

އެއްދުވަހަކު އޭނާގެ އަވައްޓެރިންކުރެ މީހަކު ތިމަންކަލޭގެފާނުންގެ އަރިހަށް އައިސް ޝަކުވާކުރިއެވެ.

ދެން އަހަރެމެން އޭނައާއި ކުރިމަތިލީމެވެ، އަދި ބުނީމެވެ: "މިހުރިހާ އަވައްޓެރިން ވަނީ ކަލޭގެ ޝަކުވާތަކާއެކުއެވެ. 

އެހެންކަމުން ކަލެޔަށް އޮތް ހަމައެކަނި ގޮތަކީ މިގެ ދޫކޮށްފައި ދިޔުމަށެވެ"
"އަހަރެން މިއުޅެނީ އަހަރެންގެ އަމިއްލަ ގޭގައެވެ. އަދި އަހުރެން މިގެ ދުލެއްވެސް ނުކުރާނަމެވެ" އެމީހާ ބުންޏެވެ.

"ދެން ތިހެންޔާ ވިއްކާލާށެވެ" އަހަރެމެން ބުނީމެވެ.

"އަހަރެން މިގެ ނުވެސް ވިއްކާނަމެވެ. އަދި އެކަމަކަށް ކަލޭމެންނަކަށް އަމުރެއްވެސް ނުކުރެވޭނެއެވެ." އޭނާ ބުންޏެވެ.

"ތިހެންޏާ އަހަރެމެން ކަލޭގެ ވާހަކައިން ވެރިމީހާގެ ގާތުގައި ބުނާނަމެވެ" އަހަރެމެން ބުނީމެވެ.

"ވެރިމީހާ އަހަރެން ދަނެއެވެ، އަދި އަހަރެންނަކީ ވެރިޔާ އިތުބާރުކުރާ އެކަކެވެ."


"ދެން އަހަރެމެން ކަލެޔަށް ބަދުދުއާކުރާނަމެވެ" 

"ހަމަ ކަށަވަރުން ކަލޭމެންނަށްވުރެ ﷲ އަހުރެންގެ މައްޗަށް ރަޙްމަތްވަންތަ ކަންބޮޑެވެ" އޭނާ ބުންޏެވެ. އަހުރެން އޭނާގެ އެ(ބޯހަރު) ބަސްތަކުން ވަރަށް ރުޅިއައެވެ. އެހެންވެ އަހުރެން ހަމަ އެރޭ ތެދުވެ ނަމާދުކޮށް އޭނާއަށް ބަދުދުޢާ ކުރީމެވެ. ދެން އެއަށްފަހު ނިދީމެވެ. ދެން އަހުރެން ނިދީގައި ވަނިކޮށް ހުވަފެނުގައި މީހަކު އަހުރެންނަށް ގޮވާލިއެވެ. "އޭނާއަށް ބަދުދުޢާ ނުކުރާށެވެ. އެހެނީ އޭނާއަކީ ﷲގެ ހެޔޮލަފާ އަޅުންކުރެ އަޅެކެވެ." 

އަހުރެންނަށް ދެން ތެދުވެވުމުން ގޮސް އެމީހާގެ ގޭގައި ޓަކި ދިނީމެވެ. އޭނާ ދޮރުހުޅުވައި އަހުރެން ފެނުމުން އޭނާއަށް ހީކުރެވުނީ އަހަރެން ދިޔައީ އޭނާގެ ވާހަކަ ވެރިޔާގެ ގާތުގައި ދައްކައި އޭނާ ގެއިން ނެރޭންކަމަށެވެ. އެހެންކަމުން އޭނާ އަހަރެންނާއި ވާހަކަދެއްކީ މަޢާފަށް އެދޭފަދަ ރާގަކަށެވެ. 

"އަހަރެން މިއައީ ކަލޭ މިގެއިން ނެރޭކަށެއް ނޫނެވެ" އަހަރެން ބުނީމެވެ. "އެހެނެއްކަމަކު އަހަރެން މިއައީ މިވެނި އެވެނި ކަހަލަ ހުވަފެނެއް ފެނުމުންނެވެ." އޭނާ ދެން ރޯން ފެށިއެވެ. އަދި ބުންޏެވެ. "މިއަދު އަހަރެމެންގެ ދެމެދުގައި އެވީ ޒުވާބަކަށްފަހު އަހުރެން ﷲ އަށް ތައުބާވީމެވެ." ދެން އެއަށްފަހު އަހުރެންނާއި އެމީހާއާއި ވަކިވީ ރަގަޅު ބަސްތައް ބަދަލު ކުރުމަށްފަހުއެވެ. އެކަމަކު ދެން އެއަށްފަހަކު އޭނާ މިރަށަކުން އަހަރެންނެއް ނުދެކެމެވެ. އޭނާ މިރަށް ދޫކޮށްލީ އެކަކު ގާތުގައިވެސް ނުބުނެއެވެ."

އެއް އަހަރަކު، އަހަރެން ޙައްޖަށް ގޮސްވަނިކޮށް މަސްޖިދުލް ޙަރާމްގައިވާ ޚަލަޤާ (ކިޔަވަން ގޮސް ވައްބުރަށް ތިބޭ ބަޔަކު) އެއް ފެނުނެވެ. އަހުރެން އެތަނަށް ގާތްވުމުން އެއްކަލަ މީހާ އެތާނގައި އޮށޯވެ އޮއްވައި ފެނުނެވެ. އެއިރު އޭނާވަނީ ވަރަށް ނިކަމެތިވެފައެވެ. އެތާނގައި ވާ މީސްތަކުންނަށް އޭނާގެ އެމަޑުމައިތިރިކަން ފާހަގަވެ އެންމެ ފަހުން ޗެކްކުރިއެވެ. އެއިރު އެމީހުންނަށް އިނގުނީ ކުޑަ ހިނދުކޮޅެއްކުރީން އޭނާ މިދުނިޔެ ދޫކުރިކަމެވެ. އޭނާގެ މަރާއި އަހަރެން އެތަނަށް ޙާޒިރުވުމާއި މިދެކަން ހިނގީ އެކުއެކީއެވެ. (އެހެނަސް އަހުރެން އޭނާ ތައުބާވީ ވަގުތާއި ޙައްޖުވެ ޢިލްމު އުނގެނޭންއައިސް ވަނިކޮށްނާއި އަހަރެން ދުށީމެވެ.)


ރެފަރެންސް: އަލް މަވާޢިޒް ވަލް މަޖާލިސް: ސަފްޙާ: 274 – 272
ރެފަރެންސް: މަން ޤަޞަޞުއް ޞާލިޙީން

0 comments: