Blog Archive

Wednesday, December 25, 2013



ޘަމޫދު ވަންހައަކީ މަޝްހޫރު ވަންހައެކެވެ. އެމީހުންނަށް އެނަން ނިސްބަތްކުރެވުނީ އެމީހުންގެ ކާބަފައިންގެ ތެރެއިން ޘަމޫދަށް، ޖާދިސްގެ ބޭބެ ނުވަތަ ކޮއްކޮ އަށް ނިސްބަތްކޮށެވެ. މިދެމީހުންނަކީ ޢާޘިރު ބިން އިރަމް ބިން ސާމް ބިން ނޫޙުގެ ދެދަރިންނެވެ. 

ޘަމޫދަކީ ހިޖާޒާއި ތަބޫކާއި ދެމެދުގައި ދިރިއުޅުނު ޢަރަބީންގެ ބައެކެވެ. ރަސޫލުﷲ ގެފާނުން ތަބޫކު ހަނގުރާމައަށް ވަޑައިގެންނެވިއިރު މިމީހުން އުޅުނު ތަން ހުރަސްކުރައްވައި ވަޑައިގެންނެވިއެވެ. އެމީހުންނަކީ ޢާދު ބާގައިގެ މީހުންނަށްފަހު އުޅުނު ބުދަށް އަޅުކަންކުރާ ބައެކެވެ. 

ﷲ ތަޢާލާ އެމީހުންނަށް އެމީހުންގެ ތެރެއިން މީހަކު ރަސޫލެއްކަމުގައި ޚިޔާރުކުރައްވައި ފޮނުއްވިއެވެ. އެއީ ޞާލިޙް ބިން ޢުބައިދު ބިން މަސެހް ބިން ޢުބައިދުބިން ހާދިރު ބިން ޘަމޫދު ބިން ޢާޘިރު ބިން އިރަމް ބިން ނޫޙުއެވެ. އެކަލޭގެފާނުންވެސް އެކަލޭގެފާނުންގެ ޤައުމުގެ މީސްތަކުންނަށް ﷲ ގެ އެއްކައުވަންތަކަމަށް ގޮވައިލެއްވިއެވެ. އެހެން އެއްޗެއްސަށް އަޅުކަން ނުކުރުމަށް ގޮވައިލެއްވިއެވެ. އެމީހުން އެކަމާއި ދެކޮޅުހަދައި އެއްޗެތި ގޮވައި އަދި އެކަލޭގެފާނުން ޤަތުލުކުރުމަށްވެސް އުޅެގަތެވެ. އަދި ﷲ އެކަލޭގެފާނުންނަށް މުޢުޖިޒާތެއްގެ ގޮތުގައި ދެއްވި އަންހެން ޖަމަލުވެސް އެންމެ ފަހުން މެރިއެވެ.


ކީރިތި ޤުރުއާނުގެ ސޫރަތުލް އަޢުރާފްގެ 73 ވަނަ އާޔަތުން ފެށިގެން 79 ވަނަ އާޔަތާއި ހަމަޔަށް މިވާހަކަ ބަޔާންވެފައިވެއެވެ. އަދި ހޫދު ސޫރަތުގެ 61 އާއި 68 އާއި ދެމެދުވެސް މިވާހަކަ ބަޔާންކުރައްވާފައި ވެއެވެ. އަދި ސޫރަތުލް ޙިޖްރުގެ 80 ވަނަ އާޔަތުން ފެށިގެން 84 ވަނަ އާޔަތާއި ހަމަޔަށްވެސްމެއެވެ. މިނޫނަސް ސޫރަތުއް ޝުޢަރާގައާއި، ނަމްލުގައާއި، އަދި ފުއްޞިލަތުގައާއި، ޤަމަރު ސޫރަތާއި އައް ޝަމްސްގައި އަދި އެހެނިހެން ތަންތާންގައިވެސް މިވާހަކަ ބަޔާންކުރައްވާފައިވެއެވެ. 

މިއާޔަތްތަކުން ކީރިތި މާތް ރަސޫލާ މޫސާ ޢަލައިހިއްސަލާމް އެކަލޭގެފާނުންގެ ޤައުމާއި މުޚާޠަބް ކުރައްވައި ޢާދުގެ އަހުލުވެރިންނާއި ޘަމޫދުގެ އަހުލުވެރިންގެ ވާހަކަ، އެމީހުންނަށް ކަންތައް ވެގެންދިޔަ ގޮތުގެ ވާހަކަ ހަނދުމަކޮށްދެއްވިކަން އެނގެއެވެ. 

ސާލިޙްގެފާނުން ޘަމޫދުގެ އަހުލުވެރިންގެ ގާތުގައި ތިޔަބައިމީހުންނީ ޢާދަށްފަހުގައި އައި ބައެއްކަމާއި އަދި ޢާދުގެ އަހުލުވެރިން ކަންތައް ކުރިފަދައިން ކަންތައް ނުކުރުމަށް ހަނދުމަކޮށްދެއްވާ ހެއްދެވިއެވެ. އަދި ތިޔަބައިމީހުން އުފެއްދެވުނީ ބިމުންކަމަށާއި އަދި އެބިމުގައި އުޅުމަށް ހުއްދަދެވި އެތާންގައިވާ ގަސްގަހާގެއްސާއި، ގޮވާމުން ތިޔަބައިމީހުން ދިރިއުޅުން ބިނާކުރާއިރު އެކަލާންގެ ފިޔަވައި އެހެން ތަކެއްޗަށް އަޅުކަން ނުކުރުމަށާއި ތިޔަބައިމީހުންގެ ކާބަފައި އުޅޭހާ ގޮތަކީ ރަގަޅު ގޮތް ނޫންކަމަށް ކިޔައިދެއްވިއެވެ. އަދި ﷲ އެމީހުންނަށް ޢަމުރުކުރައްވާ ގޮތަށް އެމީހުން އުޅުމަށް ނަޞޭޙަތްތެރިވެވަޑައިގަތެވެ. 

ސާލިޙްގެފާނުން އެމީހުންނާއި ވަރަށް އޯގާތެރި ރާގަށް ނަޞޭޙަތްދެއްވާ ހެއްދެވިއެވެ. އަދި، އެމީހުން އެކަލޭގެފާނުންގެ އަރިހުން ރަސޫލެއްކަމުގެ ތެދު ދަޢުވާއެއްތޯ ބެލުމަށް މުޢުޖިޒާތަކަށް އެދިގަތެވެ. އަދި އެމީހުން ބުނެތެވެ: "ކަލޭގެފާނުންނީ ސިހުރުޖެހިފައިވާ މީހެކެވެ." (ޝުޢަރާ 153) ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިއާޔަތުގައިވާ 'މުސައްހަރީން' މި ލަފްޒުގެ މާނައީ ސިހުރުޖެހިފައިވާ މީހާއެވެ. އެހެން ޤިރާޔަތެއްގައިނަމަ، މިލަފްޒް ކިޔާނީ 'މުސައްހިރީން' މިހެންނެވެ. މީގެ މާނައީ ކަލޭގެފާނުން މިސްތަކުންނަށް ލަވަ ނުވަތަ ޅެން ހައްދަވައިގެން ކިޔުއްވަނީއެވެ. އަދި ބުނެތެވެ: "ކަލޭގެފާނުންނީ އަހުރެމެންފަދަ (އާދައިގެ) އިންސާނެކެވެ." (ޝުޢަރާ: 154)

މުފައްސިރުން ވިދާޅުވާގޮތުގައި އެއްދުވަހަކު ޘަމޫދުގެ އަހުލުވެރިން އެމީހުންގެ ޙާއްސަ އެއްވުމެއްގައި ތިއްބައި ޞާލިޙްގެފާނުން ވަޑައިގެން އެމީހުންނަށް ނަޞޭޙަތާއި ވަޢުޛު ވިދާޅުވާން ފެއްޓެވިއެވެ. އެއިގައި އެމީހުން އެހަދާ ދެކޮޅާއިމެދުގައި ބިރުވެތިވުމަށް ނަޞޭޙަތްތެރިވިއެވެ. ދެން އެމީހުން އެތަނުން ބޮޑު ހިލައަކަށް އިނގިލި ދިއްކޮށް މިހިލައިން އަންހެން ޖަމަލެއް ނިކަން ނެރި ބަލާށެވެ ކިޔައިގަތެވެ. އަދި އެޖަމަލުގައި ހުންނަންވާނޭ ސިފަތައްވެސް ކިޔައިދިނެވެ. ދެން ޞާލިހްގެފާނުން ވިދާޅުވިއެވެ: ތިމަންކަލޭގެފާނުން ތިޔަބައިމީހުންގެ ތިޔަ އެދުމަށް ޢިޖާބަ ދެއްވައި އެކަންތައް ކޮށްފިކަމުގައި ވަނީނަމަ، ތިމަންކަލޭގެފާނުން މި ވިދާޅުވާ ބަސްފުޅުތައް ކަލޭމެން ތެދުކުރާނަމުހެއްޔެވެ؟ އެމީހުން އާއެކެވެ ގޮވާން ފެށިއެވެ. ދެން އެކަލޭގެފާނުން ނަމާދަށް ކޮޅަށް ތެދުވެ ހުންނަވައި ނަމާދު ކުރައްވައި ﷲގެ ޙަޟްރަތަށް ދުޢާދެންނެވިއެވެ. ދެން ﷲ ތަޢާލާ އެހިލައަށް އަމުރުކުރައްވައި އެމީހުން އެބުނިހާ ސިފަތަކެއްހުރި އަންހެން ޖަމަލެއް އެހިލައިން ނެރުއްވިއެވެ.

އެމީހުންގެ ހަމަލޮލަށް މިމަންޒަރު ފެނުމުން އެމީހުންނަށް މިކަން ވެގެންދިޔައީ ވަރަށްވެސް ބޮޑު ކަމެއްކަމުގައެވެ. އަދި ﷲ ގެ ކުޅަދުންވަންތަކަމުގެ ވަރުގަދަ ހެއްކެތްގެގޮތުގައެވެ. ގިނަ ބަޔަކު އިސްލާމްވެސް ވިއެވެ. ނަމަވެސް ބޮޑުބައި އެމީހުންގެ ނުބައިކަމުގައި ދެމިތިބީއެވެ. 

އެޖަމަލު ދުނިޔޭގައި ހުރުމަށްޓަކައި ކެއުމާއި ބުއިން ބޭނުންވާތީވެ އަދި އެޖަމަލުގެ ބިޔަކަމުގެ ސަބަބުން އެޖަމަލު އެއްފަހަރު އެމީހުންގެ ފެން ވަޅުން ބޮއެފިނަމަ އެފެންވަޅު ހުސްވެއެވެ. އެހެންކަމުން އެމީހުންނަށް އެއްދުވަސް، ޖަމަލަށް ޖެހިގެން އަންނަދުވަސް ކަމުގައި ހަދައިގެން އުޅެތެވެ. އަދި އެމީހުންގެ އެންމެންނަށް ފުދޭވަރަށް އެޖަމަލުން ކިރުލިބޭކަމުގައިވެއެވެ.

ދުވަސްކޮޅަކަށްފަހު އެމީހުންގެ ތެރެއިން ބޮޑުން އެއްވެ އެޖަމަލު މަރައިލުމަށް އެއްބަސްވިއެވެ. މިކަމުގައި އިސްވެގަތް މީހާއީ އެމީހުންގެ ވެރިޔަކަށްހުރި ޤިދާރު ބިން ސާލިފް ބިން ޖުންދާއެވެ. ބުނެވޭގޮތުގައި އޭނާއަކީ ކައިވެއްޏަކާއި ނުލައި ލިބިފައިވާ ޙަރާމް ދަރިއެކެވެ. 

އިބްން ޖަރީރުއާއި އެހެނިހެން މުފައްސިރުން ވިދާޅުވެފައިވެއެވެ: ޘަމޫދުގައި ދެއަންހެނަކުވެއެވެ. އެއިގެ ތެރެއިން އެކެއްގެ ނަމަކީ ސަދޫޤުގެއެވެ. އެއީ މަހްޔާ ބިން ޒުހައިރު ބިން މުޚްތާރުގެ ދަރިއެކެވެ. އަދި މިއަންހެންމީހާއީ އެމީހުންގެ ތެރެއިން ނަސަބުވެރި ދަރިކޮޅެއްގެ އަންހެނެކެވެ. މީނާ އިން މީހާ އިސްލާމްވުމުން އެމީހާ ވަރިކޮށްފައި އޭނާގެ ދެބެންގެ ދެދަރި އެއްގެގާތަށްގޮސްފައި އެ ޞާލިޙްގެފާނުންގެ އަންހެން ޖަމަލު މަރައިފިނަމަ އޭނައާއި ކައިވެނިކުރާނެކަމުގައި ބުންޏެވެ. މި ފިރިހެންމީހާގެ ނަމަކީ މަސްރާ ބިން މުހައްރަޖް ބިން މަހްޔާއެވެ. އަނެއް އަންހެންމީހާގެ ނަމަކީ އުނައިޒާ ބިންތު ޣުނައިމް ބިން މިޖްލާޒްއެވެ. ވަނަމަކީ އުއްމު ޣައްމާއެވެ. އޭނާއަކީ މުސްކުޅި އަދި ކާފަރުކަމުގައިހުރި އަންހެނެކެވެ. އޭނާގެ ފިރިމީހާއާއި އޭނާގެ އަންހެންދަރިންވެއެވެ. އޭނާގެ ފިރިމީހާއީ ބޮޑުންގެ ޢާއިލާގެ މީހެކެވެ. މިއަންހެންމީހާގެ ހަތަރު އަންހެންދައިން މި ޤިދާރު ބިން ސާލިފް އަށް ދައްކައި ޞާލިޙްގެފާނުންގެ އަންހެން ޖަމަލު މަރާފައި އައިސް އެތަނުން އޭނާ ހިތްރުހޭ ކުއްޖަކާއި ކައިވެނިކުރުމަށް އެދުނެވެ. އެހެންކަމުން މިދެ ފިރިހެނުން އެޖަމަލު މެރުމުގައި ތެދުވެގަތެވެ. އަދި އިތުރު ބަޔަކު މިކަމުގައި ހޯދައި ހަތްމީހަކު އެއްކޮށް ޖުމްލަ ނުވަ މީހުންގެ ޖަމާޢަތަކަށް ހަދައި މީސްތަކުންނަށް އެޖަމަލު މެރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ކިޔައިދީ، އެޖަމަލު މެރުމުން ދެން ވާނޭ ފަސޭހަތައް މީހުންގެ ބޮލުތެރެއަށް ވައްދައިދީގެން މީސްތަކުން ހައްލާލައިފިއެވެ. ދެން މިމީހުން ޖަމަލު ފެންބޯން އަންނަ ތަނުގައި ބޮނދައިތިބެ، އެ ޖަމަލު އައުމުން މަސްރާ ފިލާއޮވެފައި ޖަމަލުގެ ކަރަށް ތީރު ޖެހުމުން ޤިދާރު އައިސް ކަނޑިނަގައި ޖަމަލުގެ ކަރުގައި ޖެހިޖެހީނުން އެއެތި ޤަތުލުކޮށްލައިފިއެވެ. 

އިމާމް އަހްމަދު، ޢަބްދުﷲ ބިން ޒަމްޢާގެ އަރިހުން ރިވާކުރެއްވި ޙަދީޘްފުޅެއްގައިވެއެވެ. އެއްފަހަރަކު ކީރިތި ރަސޫލާ ޞައްލަ ޢަލައިހި ވަސައްލަމަ ޚުތުބާއެއްގައި މި އަންހެން ޖަމަލާއި އެޖަމަލު ޤަތުލުކުރި މީހާއާއި ބެހޭގޮތުން ޙަދީޘްކުރެއްވިއެވެ. އަދި ކިޔަވައި ވިދާޅުވިއެވެ. "އެމީހުންގެ ތެރެއިން އެންމެ ބަނގުރޫޓުވެފައިވާ މީހާ ޖަރީމާއައިގެން ކުރިއަށްނިކުތެވެ." އަދި ޙަދީޘް ކުރެއްވިއެވެ: އެމީހުންގެ ތެރެއިން އަބޫ ޒަމްޢާ ފަދަ ވަރުގަދަ މީހަކު އެމީހުންގެ ޤަބީލައިގެ ބާރާއެކު ކުރިޔަށް ނިކުތެވެ." 

އަދި ޢައްމާރު ބިން ޔާސިރުގެ އަރިހުން ރިވާވެގެންވެއެވެ: ރަސޫލުﷲ ގެފާނުން ޢަލީގެފާނުންނަށް ޙަދީޘްކުރެއްވެވިއެވެ: "އެންމެ ބަނގުރޫޓުވެފައިވާ މީހުން ކަލޭގެފާނުންނަށް ބުނެދެއްވަންހެއްޔެވެ؟ ޢަލީގެފާނުން ވިދާޅުވިއެވެ: އާދޭހެވެ" ރަސޫލުﷲ ގެފާނުން ޙަދީޘްކުރެއްވިއެވެ: އެއީ ދެފިރިހެނުންނެވެ. އެކަކީ ޘަމޫ ބާގައިގެ މީހުންކުރެ ސާލިޙްގެފާނުންގެ ޖަމަލު ޤަތުލުކުރި މީހާއާއި، ކަލޭގެފާނުންގެ ބޮލުގައި ޖަހައި ތުބުޅި (ލެއިން) ތެމޭހާ ކުރާ މީހާއާއިއެވެ...."

ޤިދާރު ބިން ސާލިފް (ﷲ އޭނާއަށް ލަޢުނަތް ލައްވާށިއެވެ) އެޖަމަލު މަރައިލުމުން ބޮނދައިގެންތިބި އެހެން މީހުންތައް އަވަސްއަވަހަށް ނިކުމެ އެޖަމަލު ކޮށާ ކުދިކުދިކޮށްލިއެވެ. މިމަންޒަރު ބަލަން އޭތީގެ ފިރިހެން އެތި (ޖަމަލު) އޮވެފައި ދުވެ ގޮސް ފަރުބަދައެއްގެ ކޮޅަށް އަރައި ތިންފަހަރު ހިތާމައިގެ ރާގުގައި ހޭރިގަތެވެ. އެހެންވެ ޞާލިހްގެފާނުން "ތިންދުވަސް ވާންދެން ތިޔަބައިމީހުންގެ ގެތަކުގައި އުފާކުރާން ތިބޭށެވެ" މިހެން ވިދާޅުވިއެވެ. އެއީ އެދުވަސް ނުލައެވެ. އެމީހުންނަށް ވާން އުޅޭކަން ދޭހަވެސް ނުކުރެވި އެދުވަހުގެ ރެއި އަނދިރިވުމުން އެމީހުން އަދި ޞާލިޙްގެފާނުން ޤަތުލުކޮށްލުމަށްވެސް އުޅެގަތެވެ. 

ރެފަރެންސް: އަލް އިމާމް އިބްން ކަޘީރުގެ ޤަޞަޞުލް އަންބިޔާ

0 comments: