Blog Archive

Thursday, December 26, 2013


އެކަލޭގެފާނުންނީ ނޫޙު ބިން ލާމިކް ބިން މަތޫޝަލަޚް ބިން އިދްރީސް ބިން ޔަރިދު ބިން މަހްލާޔީލް ޤީނާން ބިން އަނޫޝް ބިން ޝީސް ބިން އާދަމް ޢަލައިހިއްސަލާމްއެވެ. އިބްން ޖަރީރު ވިދާޅުވާ ގޮތުގައި ނޫޙުގެފާނުން އުފަންވެ ވަޑައިގަތީ އާދަމްގެފާނުން އަވަހާރަވިތާ ސަތޭކަ ވިހި އަހަރު ވުމަށްފަހުއެވެ. 

މީހަކު ރަސޫލުﷲ ގެފާނުންނާއި ސުވާލު ކުރިއެވެ: "އޭ ރަސޫލުﷲ ގެފާނެވެ! އާދަމްގެފާނީ ރަސޫލެއް ހެއްޔެވެ؟" އިތުރު އެކަލޭގެފާނުން ޖަވާބުގައި ޙަދީޘްކުރެއްވިއެވެ: "އާދޭހެވެ. (ﷲ) އެބެއިކަލަކަށް ބަސް ވަޙީކުރެއްވެވި ރަސޫލެކެވެ." އެމީހާ ދެން އެހިއެވެ: "އާދަމްގެފާނާއި ނޫޙުގެފާނާއި ދެމެދު ކިހާ ދުވަހެއް ވާނެތޯއެވެ؟" ރަސޫލުﷲ ގެފާނުން ޙަދީޘް ކުރެއްވިއެވެ: "ދިހަ ޤަރުނެވެ" (ޞަޙީޙް އިބްން ޙިއްބާން: 6190) 

މިޙަދީޘް ރިވާކުރައްވާފައިވަނީ، އިމާމް މުސްލިމްގެ ޝަރުޠުތަކަށް ބައްލަވާފައެވެ. ޤަރުނޭ މިތާންގައިވާ މާނައަކީ ސަތޭކަ އަހަރުކަމުގައިި ގިނަ ބަޔަކު ހީކުރާ ފަދައިން ވާނަމަ، އެއްހާސްއަހަރު މަދުވެގެން ވާނެއެވެ. ނަމަވެސް އިބްން ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވާ ގޮތުގައި ނަމަ، އެއަށްވުރެވެސް ގިނަވުމީ އެކަށީގެންވާ ކަމެކެވެ. އެހެނީ ބުޚާރީއާއި އަލް ޙާކިމްގައި ގެނެސްފައިވެއެވެ. ރަސޫލުﷲ ގެފާނުން ޙަދީޘްކުރެއްވިއެވެ: "އާދަމްގެފާނާއި ނޫޙުގެފާނާއި ދެމެދު ދިހަ ޤަރުނުވެއެވެ. (އެ ދިހަ ޤަރުނުގެ) އެއެންމެހާ މީސްތަކުންނީ މުސްލިމުންނެވެ." މި ޙަދީޘުން އިބްން ޢައްބާސް ވިދާޅުވާ ގޮތުގައި މުސްލިމުން ކަމުގައި ނުވާ ޤަރުނެއް ނުވަތަ ޤަރުނުތަކެއް ވުމީވެސް އެކަށީގެންވާ ކަމެކެވެ. 
 

އަނެއްގޮތުގައި ޤަރުނު މިތާނގައި މާނައަކީ ޖީލުކަމުގައި ވާނަމަ، ގާތްގަނޑަކަށް ހާހެއްހާ އަހަރު ވާނެއެވެ. އެހެނީ ޤުރުއާނުގައިވާ މިސާލުތަކުގެ ތެރެއިން ދެމިސާލެއް ލިޔެލާނަމެވެ:
وَكَمْ أَهْلَكْنَا مِنَ الْقُرُونِ مِنْ بَعْدِ نُوحٍ ۗ
"ނޫޙުގެފާނުންނަށްފަހު ކިތައްކިތައް ޖީލު(ޤަރުނު) ހަލާކުކުރެއްވުނުތޯއެވެ؟" (އިސްރާ: 17)
وَقُرُونًا بَيْنَ ذَٰلِكَ كَثِيرًا
"... އަދި ކިތަނމެ ޖީލެއް (ޤަރުނެއް) އެދެމެދުގައި ވެއެވެ." (ފުރުޤާން: 38)

ނޫޙުގެފާނުން ފޮނުއްވުނީ އެކަލޭގެފާނުންގެ ޤައުމުގެ މީސްތަކުން ބުދަށާއި އޭތި މީއްޗަށް އަޅުކަންކުރަން ފެށުމުންނެވެ. އެކަލޭގެފާނުންނީ މިބިންމައްޗަށް ފޮނުވުނު ފުރަތަމަ ރަސޫލާކަމުގައިވެއެވެ. 

ނޫޙުގެފާނުންނާއި އެކަލޭގެފާނުންގެ ޤައުމުގެ ވާހަކަ ޤުރުއާނުގައި އެތައް އެތައް ތާކު ބަޔާންކުރައްވާފައިވެއެވެ: އެއިގެ ތެރެއިން ސޫރަތުލް ޢައުރާފް، ޔޫނުސް، ހޫދު، އަންބިޔާ، މުއުމިނޫން، ޝުޢަރާ، ޢަންކަބޫތު، ޞާއްފާތި، ޤަމަރު އަދި ނޫޙު ގައި ބަޔާންކުރައްވާފައިވެއެވެ.
ކުރިން ދެންނެވުނު ދިހަ ޤަރުނުގެ އިސްލާމުތަކުންނަށްފަހު މީސްތަކުން ކާފިރުވެގަތެވެ. އަދި މަޑުމަޑުން އެކި އެއްޗެއްސަށް އަޅުކަންކުރާން ފެށިއެވެ. އިމާމް ބުޚާރީ، އިބްން ޢައްބާސް އަންނަނިވި އާޔަތުގެ ތަފްސީރުގައި ވިދާޅުވި ބަސްފުޅު ގެންނަވާފައިވެއެވެ. އެއާޔަތަކީ: "އަދި އެމީހުން ބުންޏެވެ. ތިޔަބައިމީހުންގެ ކަލާންގެތައް ދޫކޮށްނުލައްޗެވެ. ވައްދާއި ސުވާ އާއި ދޫކޮށްނުލާށެވެ. ޔަޣޫޘާއި އަދި ނަސްެރާއިވެސް ދޫނުކުރާށެވެ." އިބްން ޢައްބާސް ވިދާޅުވިއެވެ: އެ(ބުދު ތަކަކީ) އެމީހުންގެ ތެރޭގައި އުޅުނު ޞާލިޙު ބައެކެވެ. އެމީހުން މަރުވެ ދިޔުމުން ޝައިޠާނާ އައިސް އެމީހުންގެ ބުދުހަދައި އެބުދުތައް ކައިރީ ތިބުމަށާއި، އެގޮތުން އެމީހުންގެ މާތްކަން ޛިކުރުކުރުމަށް ވަސްވާސްދިނެވެ. އަދި އެބުދުތަކުގެ ނަމަކީ އެމީސްތަކުންގެ ނަންތައްކަމުގައި ހެދިއެވެ. އެމީހުންދެން އެބުދުތައް ހެދިއެވެ. ނަމަވެސް އެއަކަށް އަޅުކަމެއް ނުކުރެއެވެ. އެހެންވިަޔސް އެމީހުން ނެތިގެން ގޮސް ދެން އައި ޖީލުގެ މީސްތަކުންނަށް އެބުދުތައް ހެދި އަސްލު މަޤުސަދު ގެއްލި އެއަށް އަޅުކަންކުރަންފެއްޓިއެވެ. 

މުޙައްމަދު ބިން ޤައިސްގެ އަރިހުން އިބްން ޖަރީރު ރިވާކުރެއްވިއެވެ: އެއީ އާދަމްގެފާނާއި ނޫޙުގެފާނާއި ދެމެދުގައި އުޅުން ޞާލިޙް އަޅުންތަކެކެވެ. އެމީހުން ރޯލް މޮޑެލް އެއްކަމުގައި ބަލައިގެން އުޅުނު ބަޔަކު އެމީހުންނާއިއެކު ވިއެވެ. އެމީހުން މަރުވެ ދިޔުމުން އެމީހުންގެ ހަނދާނުގައި އެފަދަ ތަޤުވާވެރިކަމެއް އަބަދުވެސް އެމީހުންނަށް ހަނދާންކުރުމުގެ މަޤުސަދުގައި ބުދުތަކެއް ހެދިއެވެ. އަދި އެބުދު ހެދި އެޞާލިޙުންގެ ފަހަތުން ހިނގި މީހުން މަރުވެ ދިޔުމުން ދެންއައި ޖީލުތަކަށް އިބްލީސް އެއީ އެމީހުންގެ ކާބަފައިން އަޅުކަންކުރި ތަކެއްޗެއް ކަމުގައި ކިޔައިދިނެވެ. 

މިމީސްމީހުންގެ ފަހުގެ ޖީލުތައް އިތުރަށް ބުދުހަދައި އެއެއްޗެއްސަށް އަޅުކަންކުރަމުން ގެންދިޔައެވެ.
ނޫޙުގެފާނަކީ ފުރަތަމަ ރަސޫލާކަމަށް ކީރިތި ރަސޫލާގެ ޝަފާޢަތުގެ ޙަދީޘްގައި ބަޔާންވެގެންވެއެވެ. އެޙަދީޘްގައި ވެއެވެ: "........ ދެން މީސްތަކުން ނޫޙުގެފާނުންގެ އަރިއަހަށް ޖަމާވާނެއެވެ. އަދި ބުނާނެތެވެ: އޭ ނޫޙުގެފާނެވެ! ކަލޭގެފާނުންނީ ބިންމަތީގައިވާ މީސްތަކުންނަށް ރަސޫލުކަމައިގެން ވަޑައިގެން ފުރަތަމަ ރަސޫލާއެވެ. އަހުރެމެންގެ އާދޭސް ކަލޭގެފާނުންނަކަށް ނުފެނޭތޯއެވެ؟ އަހުރެމެންގެ ޙާލަތު ކަލޭގެފާނަކަށް ނުފެނޭތޯއެވެ؟ ކަލޭގެފާނުންގެ ވެރި ރަސްކަލާންގެ ޙަޟްރަތުގައި އަހުރެމެންނާއިމެދު ޝަފާޢަތްތެރިވެ ވަޑައިގަނެދެއްވަފާނުތޯއެވެ؟ އެކަލޭގެފާނުން ވިދާޅުވާނެތެވެ: 'ތިމަންކަލޭގެފާނުންގެ ވެރިރަސްކަލާންގެ ވަނީ ކޯފާވެގެންނެވެ. ތިމަންކަލޭގެފާނުންގެ ހަމައެކަނި ވިސްނުންވަނީ ތިމަންކަލޭގެފާނުންގެ އަމިއްލަ ނަފްސާއިމެދުއެވެ.   ތިމަންކަލޭގެފާނުންގެ ހަމައެކަނި ވިސްނުންވަނީ ތިމަންކަލޭގެފާނުންގެ އަމިއްލަ ނަފްސާއިމެދުއެވެ...." (ބުޚާރީ 3340، މުސްލިމް 194)
މާތް ﷲ ވަޙީކުރެއްވިއެވެ:

".... އަދި ތިމަންރަސްކަލާންގެ ނަބީކަމާއި ފޮތް އެކަލޭގެފާނުންގެ ދަރިކޮޅުގައި ލެއްވީމެވެ..." (އަލް ޙަދީދް: 26) މިތާންގައިވާ މާނައަކީ ނޫޙުގެފާނަށްފަހު އަންނަ ކޮންމެ ނަބީއަކީ އެއީ ނޫޙުގެފާނުންގެ ދަރިކޮޅުގެ ބެއިކަލެއްކަމެވެ. އެއީ ނަޙްލު ސޫރަތުގެ 36 ވަނަ އާޔަތުގައި ވާފަދައިން އިބްރާހީމްގެފާނުންނާއިމެދުގައި ވާގޮތަށެވެ. ޤުރުއާނުގައި ނޫޙުގެފާނުން އެކަލޭގެފާނުންގެ ޤައުމާއި މުޚާތަބްކޮށް ވާހަކަ ދެއްކި ގޮތް ބަޔާންކުރައްވާފައިވެއެވެ. ރެއިގަނޑާއި ދުވާލެވެ. ފާޅުގައްޔާއި ގިނިކަންޏާއެވެ. ނަމަވެސް މިއިން އެއްވެސް ގޮތަކުން ފައިދާއެއްނުކުރިއެވެ. 

ދުވަސްތަކާއި އަހަރުތައް ފާއިތުވަމުން ދިޔައެވެ. ނޫޙުގެފާނާއި އެކަލޭގެފާނުންގެ ޤައުމުގެ މީސްތަކުންގެ ދެމެދުގައިވާ ދެބަސްވުން ކުރިއަށް ދިޔައެވެ. ﷲ ވަޙީކުރެއްވިއެވެ: "... އަދި އެކަލޭގެފާނުން އެމީހުންގެ ތެރޭގައި އެއްހާސް މަދު ފަންސާސް އަހަރު އުޅުއްވިއެވެ. އެއަށްފަހު ފެންގަނޑު އެމީހުން ހިފައިގަތެވެ. އަދި އެމީހުންނީ ނުބައިވެގެންވާ ބައެކެވެ." (ޢަންކަބޫތު: 14) އެހާ ގިނަ ދުވަހުގެ ދަޢުވަތާއެކުވެސް އީމާންވީ ވަރަށްވެސް މަދު ބައެކެވެ. 

އެމީހުންގެ ތެރެއަށް އަލަށް ޖީލެއް އުފަންވެއްޖެނަމަ އެމީހުންނަށް ނޫޙުގެފާނަށް ކިޔަމަން ނުގަތުމަށް ނަޞޭޙަތްދެއެވެ. ދަރިއަކު އުފަންވެއްޖެ ނަމަ، އެދަރިއަކުގެ ބަފަޔަކު ނޫޙުގެފާނުންގެ ބަސް ނޭހުމަށް ނަޞޭޙަތްދީ އުޅެތެވެ. 

އަބޫ ސަޢީދު ރިވާކުރެއްވިއެވެ. ރަސޫލުﷲ ގެފާނުން ޙަދީޘްކުރެއްވިއެވެ: "ނޫޙުގެފާނާއި އެކަލޭގެފާނުންގެ ޤައުމުގެ މީސްތަކުން (ހިސާބުބެއްލެވޭދުވަހު) އަންނާނެތެވެ. ﷲ އެމީހުންނަށް ވަޙީކުރައްވާނެއެވެ: ކަލޭގެފާނުން ތިމަން ރަސްކަލާންގެ ރިސާލަތު އިއްވީމުހެއްޔެވެ؟ ނޫޙުގެފާނުން ވިދާޅުވާނެތެވެ: އާދޭހެވެ. އަޅުގެ ވެރިރަސްކަލާންގެއެވެ. ދެން ﷲ އެކަލޭގެފާނުންގެ ޤައުމުގެ މީސްތަކުންނާއި ސުވާލު ކުރައްވާނެތެވެ. "އެކަލޭގެފާނުން ތިޔަބައިމީހުންނަށް ތިމަން އިލާހުގެ ރިސާލަތު އިއްވިތޯއެވެ؟" އެމީހުން ދަންނަވާނެތެވެ: 'ނޫނެކެވެ! އެއްވެސް ނަބީއަކު ތިމަންމެންގެ ގާތަކަށް ނާދެއެވެ." ދެން ﷲ ނޫޙުގެފާނުންނަށް ވަޙީކުރައްވާނެއެވެ. "ކަލޭގެފާނުންގެ މައްޗަށް ހެކިވާހުށީ ކޮންބައެއްހެއްޔެވެ؟" އެކަލޭގެފާނުން ޖަވާބުގައި ދަންނަވާނެއެވެ: "މުޙައްމަދުގެފާނާއި އެކަލޭގެފާނުންގެ އުއްމަތެވެ." ދެން އަހުރެމެން އެކަލޭގެފާނުގެ ރަސޫލުކަމާއިމެދު ހެކިވާނެއެވެ." އަދި ﷲ ވަޙީކުރެއްވިއެވެ: "އަދި އެގޮތުން ތިމަންރަސްކަލާންގެ ތިޔަބައިމީހުން ތެދުވެރި ޢަދުލުވެރިންގެ ގޮތުގައި ފޮނުއްވީމެވެ. އަދި މީސްތަކުންގެ މައްޗަށް ހެކިވަނިވި ބައެއްގެގޮތުގައި ފޮނުއްވީމެވެ. އަދި އެރަސޫލާ ތިޔަބައިމީހުންގެމައްޗަށް ހެކިވާހުއްޓެވެ." ބަޤަރާ: 143

އެއްފަހަރަކު ރަސޫލުﷲގެފާނުން މީސްތަކުންގެ މެދުގައި ކޮޅައް ހުންނަވައި ﷲ އަށް ޙަމްދު ކުރައްވައި ދެން ދައްޖާލުގެ ވާހަކަ ބަޔާންކުރެއްވިއެވެ: "ތިމަންކަލޭގެފާނުން ތިޔަބައިމީހުންނަށް ދައްޖާލުގެ ވާހަކައިން އިންޒާރުކުރަމެވެ. އެބެއިކަލެއްގެ ޤައުމުގެ މީހުންނަށް އޭނާގެ ފިތުނައިން އިންޒާރުނުކުރައްވަވާ އެއްވެސް ނަބީއެއް ނުފޮނުއްވައެވެ. ނޫޙުގެފާނުންގެ ޤައުމުގެ މީސްތަކުންނަށް އެކަލޭގެފާނުންވެސް (ދައްޖާލުގެ ވާހަކައިން) އިންޒާރުކުރެއްވިއެވެ. ނަމަވެސް ތިމަންކަލޭގެފާނުން އެހެން އެއްވެސް ނަބީއަކު އެބެއިކަލުންގެ ޤައުމުގެ މީސްތަކުންގެ ގާތުގައި ނުދަންނަވާ ސިފައެއް ދަންނަވާނަމެވެ. ދަންނާށެވެ: ދައްޖާލަކީ އެއްލޮލުގެ މީހެކެވެ. އަދި ﷲއީ އެއްލޮލުގެ ވެރިއިލާހެއްކަމުގައި ނުވެއެވެ." ބުޚާރީ: 3337

ޘައުރީގެފާނުން ވިދާޅުވިއެވެ: ﷲ ތަޢާލާ ނޫޙުގެފާނުންނަށް އައްޑިހަ މުށުގެ ދިގުމިންހުރި ނަވެއް ބަނުމަށް އަމުރުކުރެއްވިއެވެ. އަދި ތާރުން އެނަވުގެ ބޭރުފުށާއި އެތެރެފުށް ކުލަކުރުމަށް އަމުރުކުރެއްވިއެވެ. އަދި އެއިގެ މައްޔާ ބަޅުކުރުމަށްވެސް އަމުރުކުރެއްވިއެވެ. އެއީ ފެނުގައި ދުވެލި ބާރުކުރެއްވުމަށެވެ. 

ޤަތާދާވިދާޅުވާ ގޮތުގައި ނަވުގެ ދިގުމިނަކީ ތިންސަތޭކަ މުށެވެ. އަދި ފުޅާމިނުގައި ފަންސާސް މުށެވެ. އެއީ އެކަލޭގެފާނުންނަށް ތައުރާތުން ފެނިވަޑައިގަތް ގޮތްކަމުގައި ވިދާޅުވިއެވެ. 

އެހެންނަމަވެސް އިޚްތިލާފެއްނެތި އެއްބަސްވެވެނީ އެއިގެ އުސްމިން ތިރީސް މުށްކަމުގަޔާއި އެއީ ތިންބުރިއަށް ނަގާފައިވާ ނަވެއްކަމެވެ. ފުރަތަމަ ބުރި ޖަނަވާރުތަކަށް، ދެވަނަބުރި އިންސާނުންނަށް އަދި ތިންވަނަބުރި ދޫންޏަށް ޙާއްސަކުރެވިފައިވާގޮތަށެވެ. ކޮންމެ ބުރިއެއްގައި ދިހަމުށުގެ އުސްމިންވެއެވެ. 

މުސްލިމް ޢިލްމުވެރިންގެ ތެރޭގައި ނޫޙުގެފާނުންގެ ނަވަށް އެރި އިންސާނުންގެ ޢަދަދާއިމެދު އިޚްތިލާފްވެއެވެ. އިބްން ޢައްބާސްގެ އަރިހުގައި އެއީ އެމީހުންގެ އަނބިންނާއެކު އައްޑިހަ މީހުންނެވެ. ކަޢުބުލް އަހްބާރުގެގާތުގައި އެއީ ހަތްދިހަ ދެމީހުންނެވެ. 

ބުނެވޭގޮތުގައި ނޫޙުގެފާނުންގެ ޢާއިލާއިން އެނަވަށް އަރާވަޑައިގަތީ ހަމައެކަނި އެކަލޭގެފާނާއި، އެކަލޭގެފާނުންގެ ތިން ފިރިހެން ދަރިންނާއި އަދި ޔާމްގެ އަނބިމީހާއާއިލައިގެން ހަތަރު ދަނބިދަރިންނާއިއެވެ. ޔާމް ހުރީ ކާފިރެއްގެ ގޮތުގައެވެ. އަދި ނަވަކަށްވެސް ނޭރިއެވެ. ނަމަވެސް މިގޮތަކީ ޤުރުއާނުގައިވާ ގޮތާއި ޚިލާފު ގޮތެކެވެ. އަނެއްގޮތެއްގައި ބުނެވެނީ އެކަލޭގެފާނުންގެ ޢާއިލާއިން ހަތްމީހަކު ނަވަށް އަރާވަޑައިގަތްކަމުގައެވެ.

ނޫޙުގެފާނުންގެ އަނބިކަނބަލުން އެފެންގަނޑުގެ ކުރީގައި ވަނީ އަވަހާރަވެފައެވެ. އެހެން ރިވާޔަތެއްގައިވާ ގޮތުން، އެކަމަނާވެސް ކާފިރުވި މީހުންނާއެކު ޣަރަޤުވެގެން ދިޔައީއެވެ. އަހުލު ކިތާބީންގެ ގާތުގައި އެކަމަނާވީ ނަވުގައެވެ، ފަހަރުގައި އެހެންކަމުގައި ވަނީނަމަ، އެކަމަނާ ކާފިރުވެގަތީ އެއަށްފަހުގައެވެ. 

އިބްން ޖަރީރު ވިދާޅުވާގޮތުގައި މިފެންގަނޑު ބޮޑުވީ މީލާދީ އަހަރުން 13 އޯގަސްޓްގައެވެ. ތަފްސީރު ޢިލްމުވެރިންގެ ޖަމާޢަތެއް ވިދާޅުވާގޮތުގައި އެންމެ އުސް ފަރުބަދައަށްވުރެ ފަނަރަ މުށަށް ފެންގަނޑު ބޮޑުވިއެވެ. އަދި މިއީ އަހުލު ކިތާބީންގެ ގާތުގައިވެސް އޮތްގޮތެވެ. އަނެއް ގޮތެއްގައި އެއީ އެންމެ އުސްފަރުބަދައަށްވުރެ އައްޑިހަ މުށުގެ އުސްމިނަށް އުފެދުނު ފެންގަނޑެކެވެ. 

ﷲ ތަޢާލާ ނޫޙުގެފާނުންނާއިއެކު ސަލާމަތްކުރެއްވެވި އެއްވެސް މުއުމިނަކަށް (ނޫޙުގެފާނުގެ ދަރިން ފިޔަވައި) ދަރިއަކު ނުދެއްވައެވެ. އެހެންކަމުން އެއަށްފަހުން އައި ހުރިހާ އިންސާނުން ވަނީ ނޫޙުގެފާނުންގެ ދަރިންކަމުގައެވެ. "އަދި ތިމަން ރަސްކަލާންގެ (މިބިމުގައި ދިރިއުޅުމަށް) ފޮނުއްވެވީ ހަމައެކަނި އެކަލޭގެފާނުން ދަރިންނެވެ" (ސާއްފާތި: 77)

ސާޢިދު ބިން މުސައްޔިބު ވިދާޅުވިއެވެ: ނޫޙުގެފާނުންގެ (އިސްލާމްވީ) ތިން ފިރިހެން ދަރިންވެއެވެ. އެއީ ސާމް އާއި، ހާމް އާއި އަދި ޔާފިޘް އެވެ. ސާމްގެ ދަރިކޮޅުން ޢަރަބިންނާއި، ފާރިސީންނާއި ރޯމަނުން އައެވެ. ޔާފިޘްގެ ދަރިކޮޅުން އައީ ތުރުކީންނާއި، ސަޤާލިބާގެ ދަރިކޮޅާއި، ޔައުޖޫޖު މައުޖޫޖާއިއެވެ. ހާމްގެ ދަރިކޮޅަކީ ސޫދާނީންނާއި އެފްފިކާ ދަރިކޮޅާއި އަދި މިސްރުގެ ދަރިކޮޅެވެ.
ނޫޙުގެފާނުންގެ ދަރީންކުރެ ކާފިރުވެގަތީ ޔާމްއެވެ. އަދި އެއީ ކެނާން ކަމުގައިވެސް ބުނެވެއެވެ.  

ރެފަރެންސް: އަލް އިމާމް އިބްން ކަޘީރުގެ ޤަޞަޞުލް އަންބިޔާ

0 comments: