Blog Archive

Friday, December 13, 2013



ތާރީޚް ޢިލްމުވެރިން ވިދާޅުވާގޮތުގައި އައްޔޫބު ގެފާނުންނަކީ ވަރަށް ތިޔާގި މުއްސަނދި ބެއިކަލެކެވެ. އެކަލޭގެފާނުންގެ ބައިވަރު ދަރިން ވެއެވެ. އެކަލޭގެފާނުންނަށް ހުރިހާ ވައްތަރެއްގެ މުދަލާއި ނާމް ސޫފީގެ ތެރެއިން ބައިވަރެއް ލިބިގެން ވެއެވެ.
ދެން ﷲ ތަޢާލާ އެހުރިހާ އެއްޗެއް ނަންގަވާ އެކަލޭގެފާނުން އިމްތިޙާން ކުރެއްވިއެވެ. އެކަލޭގެފާނުންގެ ބަލި ބޮޑުވާންފެށުމުން އެކަލޭގެފާނުންގެ ރަޙުމަތްތެރިން އެކަލޭގެފާނުން ދޫކޮށްލިއެވެ. އަހުލުންވެސް އެކަލޭގެފާނުން ދޫކޮށްލިއެވެ. އަދި އެކަލޭގެފާނުން ނަގައިގެން ގެންގޮސް ކުނިގޮނޑަކަށްވެސް އެއްލާލީއެވެ. އެކަލޭގެފާނުންގެ އަނބިކަނބަލުން ފިޔަވ އެކަލޭގެފާނުންނަށް ލޯބި ހުރި އެކަކުވެސް ނެތެވެ. އެކަމަނާ އެކަމަނާގެ ފިރިކަލުންނާއި އެކަމަނާ ކެއުމައްޓަކައި މަސައްކަތްކުރެއްވިއެވެ. އަދި އެދެމަފިރިކަނބަލުންނަށް ޖެހިފައިވާ މުސީބާތައް ކެތްތެރިވެވަޑައިގެންނެވިއެވެ.
ރަސޫލުﷲ ގެފާނުން ޙަދީޘްކުރެއްވިއެވެ:

"މީސްތަކުންކުރެ އެންމެ އިމްތިޙާނުގައި ގަދަފަދައީ ރަސޫލުންނަށް ކުރިމަތިވާ އިމްތިޙާނުތަކުގައެވެ. އެއަށްފަހު ޞާލިޙުންގެ އިމްތިޙާނުގައެވެ. ދެން އެއާއި އެއްފަދަ މީސްތަކުންގެ އިމްތިޙާނުގައެވެ." އެކަލޭގެފާނުން ޙަދީޘްކުރެއްވިއެވެ: "މީހާ އިމްތިޙާނު ކުރެވޭ ހުށީ އޭނާ ދީނުގައި ސާބިތުވީ މިންވަރެއްގެ މައްޗަށެވެ. އެމީހަކީ ދީނުގައި ވަރުގަދަ މީހަކުކަމުގައި ވަނީނަމަ، އޭނާގެ އިމްތިޙާނު ގަދަފަދަވާނެއެވެ." އައް ތިރުމިޛީ: 2398، އިބްން މާޖާ: 4023


މުޖާހިދު ވިދާޅުވާ ގޮތުގައި އައްޔޫބުގެފާނުންނަކީ އެންމެ ފުރަތަމަ ކުދިހިމަބަލި ޖެހުނު އިންސާނާއެވެ. 

އެކަލޭގެފާނުން އެބަލީގައި އުޅުއްވީ ކިހާ ދުވަހަކު ކަމާއިމެދު ދެތިން އިޚްތިލާފެއްވެއެވެ. ވަހުބު ބިން މުނައްބިހު ވިދާޅުވާ ގޮތުން އެކަލޭގެފާނުން ބަލި ޙާލުގައި އުޅުއްވީ ބަރާބަރު 3 އަހަރެވެ. އަނަސްގެފާނުން ވިދާޅުވީ އެޙާލުގައި އެކަލޭގެފާނުން ވޭން އަޅައަޅައި އޮންނެވީ 7 އަހަރާއި މަސްތަކެއްވާންދެންނެވެ. ހުމައިދު ވިދާޅުވަނީ އެކަލޭގެފާނުން 18 އަހަރު އެޙާލުގައި އުޅުއްވަން ޖެހުނުކަމެވެ. އަދި ސުއްދީ އިމާމް ވިދާޅުވަނީ އެކަލޭގެފާނުންގެ ގައިކޮޅުން މަސްވެސް ވަކިވެގެން ފޭބިކަމުގައެވެ. އެހާލުގައި ގިނަދުވަސް ވާންފެށުމުން އެކަމަނާ އެކަލޭގެފާނުންގެ އަރިހުން އެއްސެވިއެވެ: "އައްޔޫބުގެފާނެވެ! ކަލޭގެފާނުންގެ ވެރި ރައްބުގެ ހަޟްރަތަށް ކަލޭގެފާނުން ދަންނަވާކަމުގައި ވަނީނަމަ، އެކަލާންގެ ކަލޭގެފާނުން ތިބަލިން ސަލާމަތްކުރައްވާފާނެތެވެ." މިއަށް އެކަލޭގެފާނުން ޖަވާބުގައި ވިދާޅުވިއެވެ: "ތިމަންކަލޭގެފާނުން ހަތްދިހަ އަހަރު ފުރިހަމަ ސިއްޙަތުގައި އުޅުއްވީމެވެ. އެހެންވީމައި ހަތްދިހަ އަހަރު މިގޮތުގައި އުޅުމައްފަހުގައި މެނުވީ ﷲ ގެ ޙަޟްރަތުގައި އެދެން ލަދުފުޅު ގަންނަމެވެ." އެކަމަނާ މިޖަވާބުން ކެތްތެރިކަން ކޮޅުންލައިގެން ދާހާވިއެވެ. އެކަމަނާ ވަރަށް ބުރަކޮށް މަސައްކަތްކުރައްވައިގެން އެކަމަނާގެ ފިރިކަލުންނަށާއި އެކަމަނާއަށް ކާނެ ތަކެތި ހޯއްދަވައެވެ.
ނަމަވެސް މީސްތަކުން އެކަލޭގެފާނުންގެ ބަލި އެކަމަނާގެ ގައިކޮޅުގައި ހުރެދާނެކަމާއި އަދި އެބަލި އެމީސްތަކުންގެ ގަޔަށްވެސް އަރާފާނެ ކަމުގެ ބިރުފެތުރި އެމީހުން އެއްދުވަހަކު އެކަމަނާއަށް މަސައްކަތް ޙަވާލު ނުކުރިއެވެ. ދެން އެކަމަނާ އެގައުމުގެ ބޮޑުންކުރެ މީހަކުގެ އަންހެންދަރިއަކު ގާތަށް ވަޑައިގެން އެކަމަނާގެ ގަތާފައިވާ ބޮޑު ދިގު އިސްތަށިގަނޑު ރަގަޅު ކާނާގެ ބަދަލުގައި ވިއްކާލެއްވިއެވެ. މިކާނާ ހިއްޕަވައިގެން އައްޔޫބުގެފާނުންގެ އަރިއަހަށް ވަޑައިގަތުމުން އެކަމަނާއަށް އެކަލޭގެފާނުން ވަރަށް ގިނައިން އެއީ ކިހިނެތް ހޯދި ކާނާއެއްތޯ އެއްސެވިއެވެ. އަދި ޖަވާބު ތެދަށް ނުދެއްވަނީސް ފަރިއް ނުކުޅުއްވާނެކަންވެސް ދެންނެވިއެވެ. ދެން އެކަމަނާ ޙާޤީޤަތް ބަޔާންކުރއްވައި އެކަމަނާގެ ބާލާފައިވާ ބޯ އެކަލޭގެފާނުންނަށް ދެއްކެވިއެވެ. އެހިނދު އައްޔޫބު ޢަލައިހިއްސަލާމް ﷲ ގެ ޙަޟްރަތަށް ދެންނެވިއެވެ. "ނުބައިކަން ތިމަންކަލޭގެފާނުންނަށް ވަނީ ޖެހިފައެވެ. އަދި އިބަ އިލާހަކީ ރަޙުމަތްވަންތަ ރަސްކަލާންގެއެވެ" (އަންބިޔާ: 83)

އިބްން އަބީ ޙާތިމް، ޢަބްދުﷲ ބިން ޢުބައިދު ބިން ޢުމައިރުގެ އަރިހުން ރިވާކުރެއްވިއެވެ: އައްޔޫބުގެފާނުންގެ ދެ އަޚަކުވެއެވެ. އެމީހުން އެކަލޭގެފާނުންނަށް އެއްދުވަހަކު ޒިޔާރަތް ކުރެއްވިއެވެ. އެކަމަކު އެކަލޭގެފާނުންގެ ގައިކޮޅުގައި ދުވާ ނުބައި ވަހުން އެމީހުން ތިބީ ގާތްވާން ނުކެރި ދުރުގައެވެ. އަދި އެއިން އެކަކު ބުންޏެވެ: "ﷲ ތަޢާލާއަށް އައްޔޫބުގެ ގައިގައި ރަގަޅު ކަމެއް ވާތީވެ ދެނެވޮޑިގެން ވާނަމަ، މިވަރުގެ މުސީބާތެއް އޭނާގެ މައްޗަކަށް ނުޖެއްސެވީހެވެ" މިއަޑަށް އައްޔޫބު ޢަލައިހިއްސަލާމް ދުވަހަކުވެސް ކޯފާ އިސްނުވާ ވަރަށް ކޯފާއިސްވިއެވެ. އަދި ދެންނެވިއެވެ: "ޔާ ﷲ އެވެ! ތިމަންކަލޭގެފާނުން ރެއިތަކުގެ ތެރެއިން ރެއެއް މީސްތަކުންކުރެ ބަނޑުހައިކަމުގައިވާ މީހަކު ވާކަން އިނގިހުރެ އަޅާނުލާ ދޫކޮށްލިކަމުގައި ނުވަނީނަމަ، ތިމަން ކަލޭގެފާނުންނަށް އެކަން ސާބިތު ކޮށްދެއްވާންދޭވެ" ދެން އުޑުން އެކަލޭގެފާނުންގެ ބަސްފުޅު ތެދުކަން ހާމަކުރައްވަމުން އަޑެއް އައެވެ. އަދި ދެންނެވިއެވެ: "ޔާ ﷲ އެވެ! ތިމަން ކަލޭގެފާނުންނަށް  މީސްތަކުންކުރެ ބަޔަކު ލާނެ ހެދުމެއް ނެތިފައިވާކަން އިނގިވަޑައިގެން ހުންނަވައި ދެ ހެދުންކޮޅެއް ނުގެންގުޅުއްވާކަން ދެނެވޮޑިގެން ވަނީނަމަ، އެކަން ސާބިތުކޮށްދެއްވާންދޭވެއެވެ" ދެން އެކަލޭގެފާނުންގެ ބަސްފުޅުތެދުކަމުގައި އުޑުން އަޑެއް އައިސް ހާމަކުރިއެވެ. ދެން އެކަލޭގެފާނުން ވިދާޅުވިއެވެ: "ޔާ ﷲ! އިބަ އިލާހުގެ ކިބްރިޔާ ވަންތަކަމުން މިއަޅާ އެހީތެރިކަމަށް އެދެމެވެ." ދެން އެކަލޭގެފާނުން (އުނދަގުލާއި ލައިގެން) ސަޖިދައަށް ވަޑައިގެންނެވިއެވެ. ވިދާޅުވަމުންނެވެ: "ޔާ ﷲ! އިބަ އިލާހުގް ކިބްރިޔާ ވަންތަކަން ގަންދެއްވަމެވެ. މިބަލިން ތިމަންކަލޭގެފާނުން ސަލާމަތް ނުކުރައްވަނީސް ތިމަންކަލޭގެފާނުންގެ ބޯ ސަޖިދައިން ނުނަންގަވާ ހުށީމެވެ."

އިބްން އަބީ ޙާތީމް ޢަބްދުﷲ ބިން ޢައްބާސްގެ އަރިހުން ރިވާކުރެއްވިއެވެ. އައްޔޫބުގެފާނުންނަށް (ބަލި ފަސޭހަކުރެއްވުމަށްފަހު) ސުވަރުގޭގެ ހެދުންކޮޅަކުން ހެދުންއެޅުވުނެވެ. އަދި އެކަލޭގެފާނުން އެއްފަރާތެއްގައި އިށީންދެ ވަޑައިގެން އިންނެވިއެވެ. އެކަލޭގެފާނުންގެ އަނބިކަނބަލުން ވަޑައިގެން އެކަލޭގެފާނުން ހޯއްދެވިއެވެ. އަދި ވިދާޅުވިއެވެ: ޔާ ﷲ އެވެ! މިތާނގައި ބަލިޙާލުގައިވާ އިންސާނާ ކޮބައިހެއްޔެވެ؟ އެކަލޭގެފާނުން މިނިކާ ކުއްތާއާއި ހިޔަޅުގެ ޝިކާރައަކަށް ވެދާނެކަމުގެ ބިރުވެއެވެ." މިފަދައަކުން އެކަމަނާ ބަސްފުޅު ވިދާޅުވާން ހުންނެވިއެވެ. ދެން އެކަލޭގެފާނުން ވިދާޅުވިއެވެ: ކަމަނާއަށް ވެފައި ތިހުންނެވީ ކިހިނެތްހެއްޔެވެ؟ އައްޔޫބުގެފާނުންނަކީ ތިމަންކަލޭގެފާނުންނެވެ. ދެން އެކަމަނާ ވިދާޅުވިއެވެ: އަހަރެންނަށް މަލާމަތްކުރަނީ ކީތްވެހެއްޔެވެ؟ އެކަލޭގެފާނުން ވިދާޅުވިއެވެ: ހަމަ ކަށަވަރުންވެސް އަހުރެންނަކީ އައްޔޫބެވެ. ﷲ ތަޢާލާ ތިމަންކަލޭގެފާނުންނަށް ތިމަންކަލޭގެފާނުންގެ ހަށިގަނޑު އަލުން އިއާދަކުރެއްވީއެވެ.
އިބްން ޢައްބާސް ވިދާޅުވިއެވެ: ހަމަ އެފަދައިން ﷲ ތަޢާލާ އެކަލޭގެފާނުންނަށް އެކަލޭގެފާނުންގެ މުދާވެރިކަންވެސް އަނބުރާ ދެއްވިއެވެ.
ވަހްބު ބިން މުނައްބިހު ވިދާޅުވިއެވެ: "ﷲ ތަޢާލާ އެކަލޭގެފާނުންނަށް ވަޙީކުރެއްވެވިއެވެ. ތިމަން ރަސްކަލާންގެ ކަލޭގެފާނުންނަށް ކަލޭގެފާނުންގެ މުދާވެރިކަން އަނބުރާ ދެއްވައިފީމެވެ. އަދި އެއާއި އެއްފަދަވެސް ދެއްވީމެވެ. އެހެންކަމުން ކަލޭގެފާނުން މިފެނުން ނާނޭފުޅު ފިއްލަވާށެވެ. އެއިގައި ޝިފާއެއް ކަލޭގެފާނުންނަށް ވެއެވެ. 

"ފައިންޕުޅުން ޖައްސަވާށެވެ" (ޞާދު: 42) މިބަސްފުޅުގެ މާނައީ ބިންމަތީގައި ފައިންޕުޅުން ޖައްސަވާށެވެ. ދެން އެތަނުން ﷲ ތަޢާލާ ފިނިމޫސުމުގެ ފިނިފެން ނެރުއްވިއެވެ. އަދި އެއިން ނާނޭފުޅު ފިއްލަވައި ބުއިމަށް އެފެން ބޭނުންކުރެއްވުމަށް އެކަލޭގެފާުންނަށް އަމުރުކުރެއްވިއެވެ. ދެން އެގޮތުގައި ﷲ ތަޢާލާ އެކަލޭގެފާނުންގެ ބަލި ފަސޭހަ ކުރެއްވިއެވެ. އަދި ބުރުސޫރަ ރިވެތި މީހަކު ކަމުގައި ލެއްވިއެވެ. 

"ކަލޭގެފާނުންގެ އަތްޕުޅުން ގޮވާމުގެ ކުރާގަނޑެއް ނަންގަވާށެވެ. އަދި އެއިން އެކަމަނާގައިގައި ޖައްސަވައި ހުވާފުރިހަމަ ކުރައްވާށެވެ." (ޞާދު: 44) މިއީ ﷲ ގެ ރަޙްމަތް އެކަމަނާއާއި އެކަލޭގެފާނުންނަށް ވާ އާޔަތެކެވެ. އެހެނީ އެކަލޭގެފާނުން ވަނީ އެކަމަނާގެ ގައިކޮޅުގައި ސަތޭކަ އެތިފަހަރު ޖެހުމަށް ވަޢުދުވެފައެވެ. އެހެންވެ ތަދުނުވާނޭ ފަދައިން، އެކަމަކު ހުވާކުރެއްވީތީވެ ﷲ ގޮވާމުގެ ކުރާގަނޑަކުން އެއްފަހަރު ޖައްސަވައި ހުވާއިން ސަލާމަތްވެވަޑައިގަތުމަށް އެންގެވީއެވެ. ބުނެވޭ ގޮތުގައި އެކަމަނާގައިކޮޅުގައި ޖައްސަވާން އެކަލޭގެފާނުން ހުވާކުރެއްވީ ސަބަބަކީ އެކަމަނާގެ ބޮލުގެ އިސްތަށީގަނޑު ވިއްކަވައިލެއްވީމައެވެ. އަނެއް ގޮތެއްގައި ވަނީ އެއީ އެއްފަހަރު ޝައިޠާނާ އެކަމަނާގެ އަރިހަށް ބޭސްވެރި ޑޮކްޓަރެއްގެ ގޮތުގައި އައިސް އައްޔޫބުގެފާނުންނަށް ކުރާނޭ ބޭސް ކިޔައިދިނެވެ. ދެން އެކަމަނާ ވަޑައިގެން އެކަލޭގެފާނުންނަށް އެޚަބަރު ކުރެއްވުމުން އެކަލޭގެފާނުންނަށް އެއީ ޝައިޠާނާކަން އިނގިވަޑައިގަންނަވައި އެޝައިޠާނާގެ ބަސް އެކަމަނާ ޤަބޫލު ކުރައްވައި އަވަސް ޝިފާއަކަށް އެދިވަޑައިގަތީތީވެ ކުރެއްވި ހުވައެކެވެ. 

އިބްން ޖަރީރުއާއި އެހެނިހެން ތާރީޚް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އައްޔޫބުގެފާނުން ދުނިޔޭގައި ނުވަދިހަ ތިންއަހަރު ހުންނެވިއެވެ.
އެކަލޭގެފާނުންނަށްފަހު އެކަލޭގެފާނުންގެ ނަބީކަމުގެ ޒިންމާ ޙަވާލުކުރެއްވީ އެކަލޭގެފާނުންގެ ދަރިކަލުން ހައުމަލްއަށެވެ. އެއަށްފަހު އެކަލޭގެފާނުންގެ އަނެއް ދަރިކަލުން ބިޝްރު އަށެވެ. ބުނެވޭގޮތުގައި މި ބިޝްރުގެފާނުންނަކީ ޛުލް ކިފްލް ޢަލައިހިއްސަލާމްއެވެ.

ރެފަރެންސް: އަލް އިމާމް އިބްން ކަޘީރުގެ ޤަޞަޞުލް އަންބިޔާ

0 comments: