Blog Archive

Monday, December 23, 2013


ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 246 ވަނަ އާޔަތުން ފެށިގެން 251 ވަނައާޔަތާއި ހަމަޔަށް މިނަބިއްޔާގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ.

"އަދި އެއުރެންނަށް އެއުރެންގެ ނަބިއްޔާ ވިދާޅުވިއެވެ. ހަމަކަށަވަރުން، އޭނާގެ ވެރިކަމުގެ ހެއްކަކީ، ތިޔަބައިމިހުންނާއިހަމަޔަށް ތާބޫތު (Ark of Covenant) އައުމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާންގެ ޙަޟްރަތުން ދެއްވާ ހިތްހަމަޖެހުމަކާއި. އީމާންކަމަކާއި، އަދި މޫސާގެފާނުންގެ އާލުވެރިންނާއި ހާރޫނުގެފާނުންގެ އާލުވެރިން، ދޫކުރެއްވި ތަކެތީގެތެރެއިން ބައެއް ތަކެތިވެސް، އެތާބޫތުގައި ވެއެވެ. (އެތަކެއްޗާއެކު) އެތާބޫތު، މަލާއިކަތުން އުފުއްލަވައިގެން ގެންނަވާނެތެވެ. ތިޔަބައިމީހުންނީ، މުއުމިނުންކަމުގައިވާނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެކަމުގައި ހެތްކެއް ވާކަން ކަށަވަރެވެ." (ބަޤަރާ: 248)

"ދެން ލަޝްކަރާއިގެން ތާލޫތު ނުކުމެ ވަޑައިގަތްހިނދު އޭނާ ވިދާޅުވިއެވެ: ހަމަކަށަވަރުން، ﷲ، ފެންކޯރަކުން ތިޔަބައިމީހުންގެ (ކިޔަމަންތެރިކަންހުރި) ގޮތް ބައްލަވާނެއެވެ. ފަހެ، އެކޯރުން ފެންބޮއިފިމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ތިމަންގެ މީހުންގެ ތެރެޔަކުން ނުވެތެވެ. އަދި އޭގެ ރަހަ ލިބިނުގަތް މީހާއީ، ހަމަކަށަވަރުންވެސް، ތިމަންގެ މީހުންގެ ތެރެއިންވާ މީހެކެވެ. އެމީހެއްގެ އަތުން އަތްގޮއްޓެއްގެ ފެން ލިބިގަތްމީހާ މެނުވީއެވެ." (ބަޤަރާ: 249)


ބައެއް މުފައްސިރުން ވިދާޅުވާ ގޮތުގައި މިތާންގައި މިވާ ނަބީއަކީ ޝަމްވީލްގެފާނެވެ. އަދި އަނެއްބައި މުފައްސަރިންގެ ގާތުގައި އެއީ ޝަމްމޫންގެފާނެވެ. އެއީ ޔޫޝަޢުގެފާނޭވެސް ބުނެވެއެވެ. ނަމަވެސް މިއީ ރަގަޅު ވާހަކައެއްނޫނެވެ. އެހެނީ އަލްއިމާމް އިބްން ޖަރީރު އެކަލޭގެފާނުންގެ ތާރީޚް ފޮތުގައި ލިޔުއްވާފައިވާ ގޮތުން ޔޫޝަޢުގެފާނުންނާއި ޝަމްޢޫންގެފާނުންނާއި ދެމެދުގައި ހަތަރުސަތޭކަ ފަސްދޮޅަސް އަހަރުވެއެވެ.

އިސްރާއީލްގެ ދަރިކޮޅުގެ މީސްތަކުންނަށް އެބައިމީހުންގެ ބާރުގަދަ ދުޝްމަނުންގެ ކިބައިން ބޮޑެތި ނާކާމިޔާބީތަކާއި ކުރިމަތިވެ އެމީހުން ބަލިވެ ވިއްސި ވިހާލިވެގެން ދިޔުމުން ﷲ ތަޢާލާ އެބައިމީހުންގެ މައްޗަށް ރަސޫލަކުކަމުގައި ޝަމްވީލްގެފާނުން ފޮނުއްވިއެވެ. އެބައިމީހުން އެކަލޭގެފާނުންގެ އަރިހުން އެއެންމެން ޖަމާކުރުމަށާއި އަދި ދުޝްމަނުންގެ މައްޗަށް ގަދަވެގަތުމައްޓަކައި އެމީހުންގެ މައްޗަށް ރަސްކަލަކު ހޮއްވެވުމަށް އެދިވަޑައިގަތެވެ. ނަމަވެސް ޝަމްވީލްގެފާނުންނަށް އެބައިމީހުންގެ ބަލިކަށި ތާރީޚް އިނގިވަޑައިގަންނަވާތީވެ ވިދާޅުވިއެވެ: ތިޔަބައިމީހުންގެ މައްޗަށް ހަނގުރާމަކުރުމަށް އެންގެވޭ ދުވަހު، ހަނގުރާމައިން ފިލާފާނެކަމުގެ ބިރު ތިމަންކަލޭގެފާނުންގެ ވެއެވެ. ނަމަވެސް އެބައިމީހުންގެ ޖަވާބަކީ: އަހުރެމެން ﷲ ގެ މަގުގައި ހަނގުރާމަކުރުމަށް ނުރުހޭންވީ ސަބަބަކީ ކޮބައިހެއްޔެވެ؟ އަހަރެމެން ވަނީ އަހަރެމެންގެ ގެތަކުން ފައްސާލެވި ދަރިންނާއި ދުރުކުރުވާފައެވެ. 

އެހެންނަމަވެސް އިސްރާއީލުންނަކީ ކުރީގައިވެސް އެމީހުންގެ ވަޢުދުގައި އަބަދުވެސް ޚިޔާނާތްތެރިވާ ބަޔަކަށްވެފައި މިފަހަރުވެސް ހަނގުރާމައަށް ޢަމުރުކުރެއްވުމުން އެމީހުންގެ ޢަޙްދު އުވާލިއެވެ. ޤުރުއާނުގައި ވާފަދައިން އެބައިމީހުންގެ ތެރެއިން ވަރަށް މަދު މީސްކޮޚަކު އެމީހުންގެ ރަސްގެފާނާއެކު ކޯރު ހުރަސްކުރިއެވެ. އެހެން އެންމެން އެނބުރި ދިޔައީއެވެ.

"އަދި އެބައިމީހުންގެ ރަސޫލާ އެބައިމީހުންނަށް ވިދާޅުވިހިނދުގައެވެ: ތިޔަބައިމީހުންގެ ވެރިޔަކަށް ﷲ ތަޢާލާ، ތާލޫތު އިސްކުރައްވައިފިއެވެ." ޘަޢުލަބީ ގެފާނުން މި ތާލޫތުގެ ބަފައިކަލުންގެ ނަންތައް ސަލާމްލެއްވި ޔައުޤޫބު ގެފާނުންނާއި ހަމަޔަށް އުފުލަތެވެ. މިގޮތަށް މިނަންތައް ޔައުޤޫބުގެފާނުންނާއި ހަމަޔަށް ބައިބްލްގައިވެސް ލިޔެފައިވެއެވެ. (ބައިބްލް: ސާމުޢީލް: 9) ޢިކްރިމާއާއި ސުއްދީ ވިދާޅުވިއެވެ: ތާލޫތަކީ އެއީ ފެންއުފުލާ މީހެކެވެ. އަދި ވަހުބު ބިން މުނައްބިހް ވިދާޅުވާ ގޮތުން އޭނާއަކީ ލެދަރ އުފައްދާ މީހެކެވެ. 

ކޮންމެ ގޮތެއްގައިވިޔަސް އޭނާއަކީ އެމީހުންގެ ތެރޭގައި ދަށްފަންތީގެ ދަރަޖައިގެ މީހެކެވެ. އެހެންވެ އިސްރާއީލުން އެމީހުންގެ ރަސްކަލަކަށް އޭނާވުމަށް ދެކޮޅުހެދިއެވެ. އަދި ބުންޏެވެ: އަހުރެމެންގެ މައްޗަށް އޭނާއަށް ރަސްކަމުގެ ލަޤަބު ދެވެންވީ ފަހެ ކީތްވެގެންހެއްޔެވެ؟ އަހުރެމެންނީ އޭނާއަށްވުރެ މާޤާބިލް ބައެކެވެ. އަދި އޭނާއަކީ މުދަލެއް ވެސް ހުރިމީހަކުކަމުގައި ނުވެއެވެ. ބުނެވޭގޮތުގައި ނަބީކަން ވަނީ ލާވީގެ(Levi) ދަރިކޮޅުގައެވެ. އަދި ވެރިކަން ވަނީ ޔަހޫޒާ (Judah) ގެ ދަރިކޮޅުގައެވެ. އަދި އެމީހުންނަށް އިނގުނުގޮތުގައި އެމީހުންގެ މިރަސްގެފާނުންނަކީ ބުންޔާމީންގެ ދަރިކޮޅުގެ މީހެކެވެ. އެހެންވެ އެމީހުން " އަހުރެމެންނީ އޭނާއަށްވުރެ މާޤާބިލް ބައެކެވެ" ބުންޏެވެ. ވެރިކަންވަނީ އަހަރެމެންނަށެވެ. ނަމަވެސް އޭނާއަކީ ފަޤީރަކު ކަމުގައި ވާތީވެ އެކަމާއި އެމީހުން ދެކޮޅުހެދީއެވެ.

ނަބިއްޔާ ޝަމްވީލްގެފާނުން އެބައިމީހުންނަށް ވިދާޅުވިއެވެ: ވެރިކަމަކީ ތިޔަބައިމީހުން ވަކި ދަރިކޮޅަކުން ނަގާފައި ދޭއެއްޗެއްނޫނެވެ. އެއީ ﷲ އެކަލާންގެ ރުއްސަވާ މީހަކަށް ދެއްވާ އެއްޗެކެވެ. "އެކަލޭގެފާނުން ވިދާޅުވިއެވެ: ތިޔަބައިމީހުންގެ މައްޗަށް ﷲ އޭނާ އިސްކުރެއްވިއެވެ. އަދި ގިނަވެގެންވާ ޢިލްމާއި ހަށިގަނޑުގެ ބާރު އޭނައަށް ދެއްވިއެވެ". ތާލޫތަކީ އޭނާއާއި އެއްފަދަ އެހެންމީހަކު ބަނީ އިސްރާއީލުންގެ ތެރޭގައި ނުވާފަދަ މީހެކެވެ. 

"އަދި އެއުރެންނަށް އެއުރެންގެ ނަބިއްޔާ ވިދާޅުވިއެވެ. ހަމަކަށަވަރުން، އޭނާގެ ވެރިކަމުގެ ހެއްކަކީ، ތިޔަބައިމިހުންނާއިހަމަޔަށް ތާބޫތު (Ark of Covenant) އައުމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާންގެ ޙަޟްރަތުން ދެއްވާ ހިތްހަމަޖެހުމަކާއި. އީމާންކަމަކާއި، އަދި މޫސާގެފާނުންގެ އާލުވެރިންނާއި ހާރޫނުގެފާނުންގެ އާލުވެރިން، ދޫކުރެއްވި ތަކެތީގެތެރެއިން ބައެއް ތަކެތިވެސް، އެތާބޫތުގައި ވެއެވެ. (އެތަކެއްޗާއެކު) އެތާބޫތު، މަލާއިކަތުން އުފުއްލަވައިގެން ގެންނަވާނެތެވެ. ތިޔަބައިމީހުންނީ، މުއުމިނުންކަމުގައިވާނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެކަމުގައި ހެތްކެއް ވާކަން ކަށަވަރެވެ." (ބަޤަރާ: 248)

ބަނީ އިސްރާއީލުން ފިލިސްތީނުންނާއި ހަނގުރާމަކޮށް އެމީހުން ބަލިވެ، އަދި އެމީހުން އެހަނގުރާމައިގައި ބަރަކާތް ހޯދުމަށް ގެނައި ތާބޫތު ދުޝްމަނުން ހިފައިގެން ވަނީ ގެންގޮސްފައެވެ. މިއާޔަތުގައި ﷲ ވަޙީކުރައްވަނީ އެގެއްލުނު ތާބޫތު ގެންނަވާނެކަމުގައެވެ.
އެބައިމީހުންގެ ތެރެއަށް އެތާބޫތު ގެނެވުނު ވަގުތު އެބައިމީހުންގެ ލޯތަކަށް މަލާއިކަތުން ފެނުނެވެ. 

ބުނެވޭގޮތުގައި ފިލިސްތީނުގެ މީހުން އެތާބޫތު ޖަހައިގަނެގެން ގެންގޮސް ބެހެއްޓީ އެމީހުންގެ ބުދުކަމުގައިވާ ޑެގޮން (Dagon) ގެ ކައިރީގައެވެ. ނަމަވެސް އެއިގެ ޖެހިގެން އައި ދުވަހު ހެނދުނު އެމީހުންނަށް ފެނުނީ އެމީހުންގެ ބުދު މޫނުވަތަށް އެތާބޫތުގެ ކުރިމައްޗަށް ވެއްޓިފައިވަނިކޮންނެވެ. ދެން އެމީހުން އެބުދު ނަގައި ކޮޅަށް ބަހައްޓާފައި ދިޔައެވެ. ޖެހިގެން އައި ދުވަހު ހެނދުނުވެސް ހަމަ އެގޮތަށް އެމީހުންނަށް ފެނުނެވެ. އެކަންތައް ތަކުރާރުވުމުން އެމީހުންނަށް އެއީ ﷲ، ބަނީ އިސްރާއީލުންގެ ވެރިރަސްކަލާންގެ، ކުރެއްވިކަމެއްކަން އިނގިގެން އެތާބޫތު އެހެންރަށަކަށް ފޮނުވާލެވުނެވެ. އެކަމަކު އެތާނގެ މީހުންގެ ކަރުތަކުގައި ޓިޔުމަރ އެއް އުފެދުނެވެ. ދެން އެގޮތުގައި އެމީހުން އެ ތާބޫތު އެއްރަށުން އަނެއް ރަށަށް ފޮނުވުމުގައި އެމީހުންނަށް ބޮޑެތި ހާސްކަން ކުރިމަތިވިއެވެ. އެންމެ ފަހުން އެ އަނބުރާ ބަނީ އިސްރާއީލުންނަށް ފޮނުވުމަށް އެމީހުން ނިންމިއެވެ. ދެން އެމީހުން ގެރި ގާޑިޔަލެއް ތައްޔާރުކޮށް އެއަށް އެ ތާބޫތު ލާފައި ފޮނުވައި ލިއެވެ. (ބައިބްލް، ސާމުއީލް: 4، 5) ބުނެވޭގޮތުގައި އެ ގެރިގާޑިޔާ ދުއްވީ މަލާއިކަތް ބެއިކަލުންނެވެ. ދެން އެމީހުންނާއި ހަމަޔަށް ވަޑައިގަތުމުން އެމީހުންނަށް އެބެއިކަލުން ފެނުނީއެވެ.

"ދެން ލަޝްކަރާއިގެން ތާލޫތު ނުކުމެ ވަޑައިގަތްހިނދު އޭނާ ވިދާޅުވިއެވެ: ހަމަކަށަވަރުން، ﷲ، ފެންކޯރަކުން ތިޔަބައިމީހުންގެ (ކިޔަމަންތެރިކަންހުރި) ގޮތް ބައްލަވާނެއެވެ. ފަހެ، އެކޯރުން ފެންބޮއިފިމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ތިމަންގެ މީހުންގެ ތެރެޔަކުން ނުވެތެވެ. އަދި އޭގެ ރަހަ ލިބިނުގަތް މީހާއީ، ހަމަކަށަވަރުންވެސް، ތިމަންގެ މީހުންގެ ތެރެއިންވާ މީހެކެވެ. އެމީހެއްގެ އަތުން އަތްގޮއްޓެއްގެ ފެން ލިބިގަތްމީހާ މެނުވީއެވެ." (ބަޤަރާ: 249)

އިބްން ޢައްބާސް އާއި ގިނަ ޢިލްމުވެރިން ވިދާޅުވާގޮތުގައި މިކޯރަކީ ޖޯޑަން ކޯރެވެ. ދެން މިކޯރާއި ހަމަޔަށް އައުމުން ތާލޫތު އެބައިމީހުންގެ ގާތުގައި އިސްވެދިޔަ ވާހަކަ ބުންޏެވެ. "ދެންފަހެ، އެއުރެންގެ ތެރެއިން މަދުބަޔަކު މެނުވީ، އެކޯރުން ފެންބޮއެފިއެވެ." (ބަޤަރާ: 249) 

އިމާމް ބުޚާރީ، އަލް ބަރާޢު ބިން ޢާޒިބްގެ އަރިހުން ރިވާކުރެއްވިއެވެ: "ތިމަންމެން، އަޞްޙާބު ބެއިކަލުން ބަދުރު ހަނގުރާމައިގައި ބައިވެރިވި މުސްލިމުންގެ ޢަދަދަކީ ތާލޫތާއެކު ކޯރު ހުރަސްކުރި މީސްތަކުން (މުސްލިމުން) ގެ ޢަދަދާއި އެއްވަރުގެ ޢަދަދެއްކަމުގައި ވާހަކަ ދެއްކީމުއެވެ. އެކޯރު ހުރަސްކުރި މީހުންގެ ޢަދަދު ތިންސަތޭކައާއި އިތުރު މަދު މީސްކޮޅަކަށްވުރެ ގިނައެއް ނުވާނެއެވެ." 

ބަނީ އިސްރާއީލުންނަށް އެމީހުންގެ މީސްތަކުންގެ ޢަދަދުގެ މަދުކަމާއި އަދި ދުޝްމަނުންގެ ޢަދަދުގެ ގިނަކަމާއެކު ބިރުވެތިވެ ހައިރާންވިއެވެ. އަދި އެމީހުން ބަލިވާނެކަމުގެ ޔަގީންކަންވެސް ލިބުނެވެ. އެހެންނަމަވެސް އެތާންގައިވާ ﷲ ގެ ވަޢުދުފުޅު ޤަބޫލުކުރާ މުއުމިނުން ބުނެތެވެ: "ﷲ ގެ އިރާދަފުޅުން ކިތައް ކިތައް ފަހަރު މަދު މީސްކޮޅު ގިނަ މީސްތަކުންގެ މައްޗަށް ގަދަވެ ގަނޭތޯއެވެ"

"އަދި އެއުރެން، (އެބަހީ މުއުމިނުންގެ ލަޝްކަރު) ޖާލޫތާއި، އޭނާގެ ލަޝްކަރާ (ހަނގުރާމަ ކުރުމަށް ސަފުތައް ހަދައި) ކުރިމަތި ލީހިނދު، އެއުރެން ދެންނެވޫއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ކެތްތެރިކަން ދެއްވާންދޭވެ! އަދި އަޅަމެންގެ ފައިތިލަތައް ސާބިތުކޮއްދެއްވާންދޭވެ! އަދި ކާފިރުވެގެންވާ ގައުމުގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވާންދޭވެ!" (ބަޤަރާ: 250)

ދެން އެބައިމީހުން ﷲގެ އިޛްނަފުޅާއި (އިރާދަފުޅާއި) އެކު އެކާފަރުންގެ ލަޝްކަރު ބަލިކޮއްފޫއެވެ. އެއީ އެމީހުންގެ ހަނގުރާމައިގެ ހަތިޔާރު މަދުކަމާއި މީސްތަކުންގެ ޢަދަދު މަދުކަމާއެކުވެސްމެއެވެ. 

"އަދި ދާއޫދުގެފާނުން ޖާލޫތު ޤަތުލުކުރެއްވިއެވެ. އަދި ﷲ އެކަލޭގެފާނަށް ރަސްކަމާއި، ޙިކްމަތް (އެބަހީ ނަބީކަން) ދެއްވިއެވެ. އަދި އެކަލާންގެ އިރާދަކުރައްވާ ކަންތަކެއް އެކަލޭގެފާނަށް އެކަލާންގެ އުނގަންނަވައިދެއްވިއެވެ. އަދި ﷲ، މިސްތަކުންކުރެ އެއްބަޔަކު މެދުވެރިކުރައްވައި އަނެއްބަޔަކު (ގެ ނުރައްކާތެރިކަން) ދުރުކުރެއްވުން ނުވާނަމަ، ބިން ފަސާދަވެއްޖައީސްކަން ކަށަވަރެވެ. އެހެންކަމުން ﷲ އީ، ޢާލަމްތަކުގެ މައްޗަށް ފަޟްލުވަންތަވެރި ރަސްކަލާންގެއެވެ." (ބަޤަރާ: 251)

ރެފަރެންސް: އަލް އިމާމް އިބްން ކަޘީރުގެ ޤަޞަޞުލް އަންބިޔާ

0 comments: