Blog Archive

Thursday, December 26, 2013



ސަލާމްލެއްވި ލޫތުގެފާނުންނީ، ﷲގެ ރަސޫލާ އަދި ޚަލީލް އިބްރާހީމްގެފާނުންނާއި ޢާއިލީގޮތުން ވަރަށް ގާތް ބެއިކަލެކެވެ. އިބުރާހީމްގެފާނުންގެ އެދިވަޑައިގަތުމަށް ލޫތުގެފާނުން ސަދޫމަށް ވަޑައިގަތެވެ. އެރަށަކީ އެސަރަޙައްދުގެ ރައްތަކުގެ މައި ރަށެވެ. އަދި އެރަށުގެ އަހުލުވެރިންނަކީ އެންމެ ފުރަތަމަ އިންސާނުންގެ ތެރޭގައި އެއްޖިންސުން ގުޅުން ހިންގި މީހުންނެވެ. 

އެހެނިހެން ރަސޫލުންނާއި ނަބީންފަދައިން ލޫތުގެފާނުންވެސް އެކަލޭގެފާނުންގެ ޤައުމަށް ﷲ ތަޢާލާއަށް އެކަނި އަޅުކަންކުރުމާއި އެކަލާންގެއަށް ކިޔަމަންގަތުމަށް ނަޞޭޙަތްތެރިވެވަޑައިގަތެވެ. ލުތުގެފާނުންގެ ޤައުމުގެ ވާހަކަ ކިރިތި ޤުރުއާނުގެ އަޢްރާފް ސޫރަތާއި، ހޫދު ސޫރަތާއި، ޙިޖްރު ސޫރަތާއި، ޝުޢަރާ ސޫރަތާއި، ނަމްލު ސޫރަތާއި، ޢަންކަބޫތު ސޫރަތާއި ސާއްފާތި ސޫރަތާއި، ޛާރިޔާތު ސޫރަތުގައި އަދި ޤަމަރު ސޫރަތުގައި ބަޔާންކުރެއްވިއެވެ. 

ލުތުގެފާނުންގެ ގޮވައިލެއްވުމާއި ނަޞޭޙަތްދިނުމުން އެޤައުމުގެ މީސްތަކުންކުރެ އެކަކަށްވެސް ތަބައެއް ނުވެވުނެވެ. އެންމެ މީހަކުވެސް އެކަލޭގެފާނުންނަށް ކިޔަމަނެއް ނުވިއެވެ. އަދި ލޫތުގެފާނުން ޤައުމުން ބޭރުކޮށް އަރުވައިލުމަށް އެމީހުން ރޭވިއެވެ. މިވާހަކަ ނަމްލުގެ 56 ވަނައާޔަތުން ވަރަށް ރީތިކޮށް ސާފުވާނެއެވެ.


އެހެންނަމަވެސް ﷲ ތަޢާލާ ލޫތުގެފާނުންނާއި އެކަލޭގެފާނުންގެ ޢާއިލާ، އެކަލޭގެފާނުންނެ އަނބިކަނބަލުން ފިޔަވައި، ސަލާމަތްކުރެއްވިއެވެ. އަދި ޠާހިރުކުރެއްވިއެވެ. އެރަށުގެ މީސްތަކުން ލޫތުގެފާނުންނާއި ދެކޮޅުހެދި ހަމައެކަނި ސަބަބަކީ އެމީހުންގެ އެވިޔާނުދާ ޢަމަލުތަކާއި ދުރުވުމަށް ލޫތުގެފާނުން ގޮވައިލެއްވި ގޮވައިލެއްވުމެވެ. މިނުބައި ޢަމަލުގެ އިތުރުން އެމީހުންކުރާ އެހެނިހެން ނުބައި ޢަމަލުތަކަކީ އެމީހުންގެ ހައިވޭތަކުން ބަޔަކު ނުވަތަ މީހަކު ދަތުރުކޮށްފިނަމަ އެބަޔަކު ފޭރިގަނެ، އަދި އެމީހުންގެ ތެރޭގައި އެއަކު އަނެކަކަށް މަކަރު ހަދައި ހުރިހާ ނުބައި ޢަމަލުތަކެއް ކުރެއެވެ. އެމީހުންގެ ތެރޭގައި ވަކި މިވެނިކަމެކޭ ކިޔާ ހުތުރު ހަމަ އެއްކަމެއް ނޯވެއެވެ.

އެކަލޭގެފާނުންނަށް އެކަލޭގެފާނުންގެ ޤައުމުގެ މީސްތަކުންގެ ނުބައިކަން އިތުރުވުން ނޫންއެހެންކަމެއް ފެނިވަޑައި ނުގަތުމުން ﷲ ގެ ޙަޟްރަތުގައި އެކަލޭގެފާނުން ދުޢާދެންނެވިއެވެ. ﷲ ތަޢާލާ އެކަލޭގެފާނުންނަށް ޢިލްމުވެރި ދަރިކަލަކު ދެއްވާނޭކަމުގެ އުފާވެރި ޚަބަރާއެކު އެކަލޭގެފާނުންގެ ޤައުމުގެ މީސްތަކުންނަށް ކޯފާލެއްވިކަމުގެ ވާހަކަ އެންގެވިއެވެ. 

މަލާއިކަތްބެއިކަލުން މިޚަބަރުތަކާއިގެން އިބްރާހީމްގެފާނާއި ހަމަޔަށް ވަޑައިގަތުމުން އެކަލޭގެފާނުން ވިދާޅުވިއެވެ: ތިޔަބެއިކަލުން އެރަށެއްގައި ތިންސަތޭކައެއްހާ އީމާންވީ މީހުން އުޅެނިކޮށް ހަލާކުކުރައްވާނޫހެއްޔެވެ؟ އެބެއިކަލުން ދެންނެވިއެވެ: "ނޫނެކެވެ". އެކަލޭގެފާނުން ވިދާޅުވިއެވެ: ދުއިސައްތަ ކަމުގައި އެމީހުންގެ ޢަދަދުވަނީނަމަ ކިހިނެއްތޯއެވެ؟ އެބެއިކަލުން ވިދާޅުވިއެވެ: ނޫނެކެވެ. އެކަލޭގެފާނުން ވިދާޅުވިއެވެ: އެރަށުގައި އީމާންވީ ސާޅީސް މީހުން އުޅޭކަމުގައިވާނަމަ ހަލާކުކުރައްވާނުތޯއެވެ؟ އެބެއިކަލުން ދެންނެވޫއެވެ: ނޫނެކެވެ. އެކަލޭގެފާނުން ވިދާޅުވިއެވެ: އީމާންވީ މީހުންކަމުގައި ސާދަ މީހުން ވާނަމަ ހަލާކުކުރައްވާނުތޯއެވެ؟ އެބެއިކަލުން ދެންނެވިއެވެ: ނޫނެކެވެ. މިވާހަކަ ސާޢިދު ބިން ޖުބައިރު އާއި ސުއްދީއާއި އިބްން އިސްޙާޤްއާއި ޤަތާދާ ވިދާޅުވިއެވެ.  އިބްން އިސްޙާޤު އިތުރަށް ވިދާޅުވިއެވެ: އިބްރާހީމްގެފާނުން މިފަދައިން ދަންނަވަމުންގޮސް އެންމެ ފަހުން ތިޔަބެއިކަލުން ރަށެއްގައި އީމާންވީ އެންމެ މީހަކު ވާނަމަ އެރަށް ހަލާކުކުރައްވާނުތޯއެވެ ވިދާޅުވިއެވެ. އެބެއިކަލުން ނޫނެކޭ ދެންނެވުމުން ވިދާޅުވިއެވެ: އެތާންގައި ލޫތުގެފާނުން ވެއެވެ. އެބެއިކަލުން ވިދާޅުވިއެވެ: ތިމަންބެއިކަލުންނަށް އެތާނގައިވަނީ ކޮންބައެއްކަން ރަނގަޅަށް ދެނެވަޑައިގަންނަވަމެވެ. (އަންކަބޫތު: 32)

އިބްރާހީމްގެފާނުންނާއި ބައްދަލުވުމަށްފަހު ސަދޫމަށް ރިވެތިވެގެންވާ ޒުވާން ފިރިހެނުންގެ ގޮތުގައި އެބެއިކަލުން ވަޑައިގަތެވެ. "އަދި ތިމަން އިލާހުގެ މަލާއިކަތުން ލޫތުގެފާނުންނާއިހަމަޔަށް ވަޑައިގަތުމުން އެކަލޭގެފާނުން އެބެއިކަލުން ނުބައި މީސްތަކުންގެ އަތްތަކުން ސަލާމަތްކުރާނެ ގޮތެއް ނެތުމާއިމެދު ހިތާމަކުރައްވާ ޙާލު ވިދާޅުވިއެވެ: މިއީ ހިތާމަވެރިކަންބޮޑު ދުވަހެކެވެ." (ހޫދު: 77)

އެބެއިކަލުން ލޫތުގެފާނުންނާއި ހަމަޔަށް ވަޑައިގަތްއިރު އިރު އޮއްސެނީއެވެ. އެކަލޭގެފާނުންނަށް އެއީ މަލާއިކަތްބެއިކަލުންކަމެއް އެއިރަކު އަދި އިނގިވަޑައެއް ނުގަންނަވައެވެ. އަދި އެއީ އިންސާނުންކަމުގައި ހީފުޅުކުރެއްވިއެވެ. އިބްން ޢައްބާސްއާއި، މުޖާހިދާއި އަދި އެހެނިހެން ބެއިކަލުން ވިދާޅުވާގޮތުގައި އެއީ ބޮޑުވެގެންވާ އިމްތިޙާނެކެވެ. އެހެނީ އެރެއި އެޒުވާނުންތައް ސަދޫމުގެ އަހުލުވެރިންގެ ގާތުން ސަލާމަތްކުރުމީ ބޮޑުވެގެންވާ ކަމެކެވެ. އެެހެނީ އެއިގެ ކުރީގައިވެސް ކަންތައް ދިމާވެވަޑައިގަތްފައި އޮތްގޮތުންނާއި އެޤައުމުގެ މީހުން އެކަލޭގެފާނުން އެއްވެސް މެހުމާނަކު ނުގެންގުޅެއްވުމަށް އޮތީ އެކަލޭގެފާނުންނަށް އަންގާފައެވެ. 

ޤަތާދާ ވިދާޅުވިއެވެ: އެބެއިކަލުން އެކަލޭގެފާނުންގެ އަރިއަހަށް ވަޑައިގެންއިރު އެކަލޭގެފާނުން އުޅުއްވީ މަސައްކަތުގައެވެ. ދެން އެބެއިކަލުންނަށް މެހުމާންދާރީ އަދާކުރެއްވުމަށް އެބެއިކަލުން އެދިވަޑައިގަތުމުން އެކަން ބޮލާލައިޖެއްސެވުމަށް ލޫތުގެފާނުން ލަދުވެތިވެވަޑައިގަތެވެ. އަދި އެބެއިކަލުންގެ ކުރިފުޅުމަތީގައި ގޮސް ގޭތެެރެއަށް ވަދެވަޑައިގަތެވެ. އެއީ އެބެއިކަލުންނަށް އެރަށް ދޫކޮށްފައި އެހެންތާކަށް ވަޑައިގަތުމަށް ސިގްނަލެއް ދިނުމުގެ ގޮތުންނެވެ. އެކަލޭގެފާނުން ވިދާޅުވިއެވެ: ﷲ ގަންދީ ދަންނަވަމެވެ. މިބިންމަތީގައި ދިރިއުޅޭ މިރަށުގެ އަހުލުވެރިންނަށްވުރެ ނުބައިކަންބޮޑު އެހެންބަޔަކު ވާކަން ތިމަންކަލޭގެފާނަކަށް އެނގިވަޑައެއްނުގަންނަވަމެވެ." މިބަސްފުޅު ހަތަރުފަހަރު ތަކުރާރުކުރެއްވިއެވެ. ޤަތާދާ ވިދާޅުވިއެވެ: އެބެއިކަލުންނަށްވަނީ އެރަށުގެ ރަސޫލާ ލޫތުގެފާނުން އެފަދައިން އެކަލޭގެފާނުންގެ ގައުމާއިމެދު ވިދާޅު ނުވާހާހިނދު އެރަށް ހަލާކުނުކުރެއްވުމަށް އަމުރުވެވިގެންނެވެ. 

ނަމަވެސް ލޫތުގެފާނުންގެ އަނބިކަނބަލުން އެބެއިކަލުން (ފުރިހަމަ ރިވެތި ޒުވާނުންތަކެއް)ގެ ވާހަކަ މީސްތަކުންކައިރީގައި ކިޔަގަތެވެ. ދެން އެމީހުންތަށް ލޫތުގެފާނުންގެ އަރިހަށް ދުވެފައި އައެވެ. އެކަލޭގެފާނުންނާއި މިއުނދަގޫ ޖެހިވަޑައިގަތުމުން ނިކުމެވަޑައިގެން އެމީހުންނަށް ނަޞޭޙަތްދެއްވިއެވެ: ތިޔަބައިމީހުންގެ އަނބިން ވޭނޫންހެއްޔެވެ؟ އަދި އަންތބަކު ނުވާނަމަ ކައިވެނިކުރާށެވެ. އެއީ އެގޮތުގައި ތިޔަބައިމީހުންނަށް މާ ޠާހިރުކަންބޮޑެވެ. އަދި އެބައިމީހުންގެ އަނބިންގެ ގާތަށް ދިޔުމަށް ނަޞޭޙަތްތެރިވެލެއްވިއެވެ. އެފަދައިން ކަންތައް ނުކުރާކަމުގައި ވަނީނަމަ، އަތުވެދާނޭ ބިރަކަށް އިންޒާރުދެއްވިއެވެ. މުފައްސިރުން ވިދާޅުވާގޮތުގައި ލޫތުގެފާނުންގެ ގެކޮޅަށް ވަންނަން ދިމާކޮށްގަތުމުން އެކަލޭގެފާނުން އެމީހުންގެ ގައިގައި ހިފާ ދުރަށް ކޮއްޕަން މަސައްކަތްކުރެއްވިއެވެ. ނަމަވެސް އެފަދައަކުން އެއްވެސް އަލިމަގެއް އެކަލޭގެފާނުންނަށް ފެނިވަޑައެއްނުގަތެވެ. އެމީހުން ގަދަވެގަނެގެން ވަދެގަންނަން ދިމާކޮށްގަތުމުން އެކަލޭގެފާނުން ވިދާޅުވިއެވެ: "ތިޔަބައިމީހުން ހިފެހެއްޓުމަށްޓަކައި ތިމަންކަލޭގެފާނުންނަށް ފުރިހަމަ އާރާއިބާރު ލިބިވަޑައިގެންކަމުގައި ވަނީނަމަ އެކަންކުރެއްވީމުހެވެ. ނުވަތަ ސަލާމަތްވެވޭނޭ ބާރެއް ވާނަމައެވެ." މިބަސްފުޅުން މުރާދުވެވުނީ އެމީހުންގެ މައްޗަށް ޢަޛާބު އައުމަށް އެދިވަޑައިގަތުމަށެވެ. 

އެހިނދު މަލާއިކަތްބެއިކަލުން ވިދާޅުވިއެވެ: 'އޭ ލޫތުގެފާނެވެ! ތިމަންބެއިކަލުންނީ ކަލޭގެފާނުންގެ ވެރިރަސްކަލާންގެ ފޮނުއްވި ރަސޫލުންނެވެ. އެބައިމީހުންނަކަށް ކަލޭގެފާނުންގެ މައްޗަށް އެއްވެސް ގޮތެއްގައި އަރައެއް ނުގަނެވޭނެތެވެ." ބުނެވޭގޮތުގައި އެބެއިކަލުންގެ ކުރިފުޅުމައްޗަށް ޖިބްރީލްގެފާނުން ވަޑައިގެން އެކަލޭގެފާނުންގެ ފިޔަފުޅުން އެމީހުންގެ މޫނުގައި ޖެއްސެވި ޖެއްސެވީނުން އެމީހުންގެ ލޯތަކަކީ ދުވަހަކު ނުވެސްވާ އެއްޗެއްގެގޮތުގައިވާފަދައިން ކަނުކުރެއްވިއެވެ. އެމީހުން އަނބުރާލާފައި ދިޔައީވެސް ފާރުތަކުގައި އަތްކާތްތަމުންނެވެ. 

މަލާއިކަތްބެއިކަލުން ލޫތުގެފާނުންނަށް އެމީހުންނަށްވާ ޢަޛާބުގެވާހަކައިން ޚަބަރުކުރެއްވިއެވެ: "ހެނދުނުވަގުތަކީ އެމީހުންގެ (ހަލާކުގެ) ވަގުތެވެ. އިރުއެރުމަށް މިހާރު ގާތްގަނޑަކަށް ގާތެއްނުވޭހެއްޔެވެ؟" ލޫތުގެފާނުންނާއި އެކަލޭގެފާނުންގެ ޢާއިލާ، ނުވަތަ ހަމައެކަނި އަންހެން ދަރި ދަރިކަނބަލުން ނާއިއެކު ވަޑައިގަތްއިރު ފަހަތުން އެކަކުވެސް ނާދެއެވެ. ހެނދުނުވުމުން – ބުނެވޭ ގޮތުގައި އެއީ ހަތްރަށުގެ މައްޗަށް އެކުލެވޭ ޤައުމެކެވެ – އެޤައުމުގައިވާހާ ދިރޭއެއްޗަކާއި، އިންސާނުންނާއެކު އުޑާއިހަމަޔަށް މައްޗަށް އުފުއްލަވައި އަނެއްފުށުން އެއްލަވައިލެއްވިއެވެ.

"އަދި އަނިޔާވެރިންނާއި ދުރުގައިވާ ކަމެއްކަމުގައި އެކަންތައް ނުވެއެވެ." (ހޫދު: 83) މިހެންކަމުން ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި އެއްޖިންސުން ގުޅުންހިންގާ މީހުންނަށް ދޭންޖެހޭ އަދަބަކީ ކައިވެނިކޮއްފައިވާ މީހަކުކަމުގައިވިޔަސް ނުވަތަ ނޫންކަމުގައިވިޔަސް އޮއްގަލުންތަޅައި ރަޖަމުކުރުމެވެ. މިއީ އިމާމް ޝާފިޢީއާއި އިމާމް އަޙްމަދުގެފާނުންނާއި އެހެނިހެންބެއިކަލުންގެވެސް ގޮތެވެ.

ރެފަރެންސް: އަލްއިމާމް އިބްން ކަޘީރުގެ ޤަޞަޞުލް އަންބިޔާ 

0 comments: