Blog Archive

Wednesday, December 11, 2013



ވަހްބު ބިން މުނައްބިހުގެ އަރިހުން އިބްން އިސްޙާޤް ރިވާކުރެއްވިއެވެ: ދާއޫދު ގެފާނުންނަކީ އިސްކޮޅުން ކުރު، ނޫކުލައިގެ ކަޅިރަވައެއްގެ ވެރި، ބޮލުގައި އިސްތަށި މަދު، ހިތް ސާފު ސާދާ ބެއިކަލެކެވެ.

އިބްން ޖަރީރު ވިދާޅުވިއެވެ: ޖާލޫތު، ތާލޫތަށް ހަނގުރާމަކުރުމަށް ތަހައްދީ ކުރަމުން ބުންޏެވެ: "ހަގުރާމައަށް ކުރިމަތިލާންވީ ފުރަތަމަ އަހުރެން ހެއްޔެވެ ނުވަތަ ކަލޭހެއްޔެވެ؟" އެހެނަސް މިތަނުން އެކަކަށްވެސް އިސްވެ ނިކުންނާކަށެއް ނުކެރުނެވެ. ދެން ތާލޫތު އޭނާގެ މީސްތަކުންކުރެ އެއްސެވެ. ޖާލޫތު ގަތުލުކުރާ މީހަކަށް އަހުރެންގެ އަންހެންދަރި ކައިވެނި ކޮށްދޭނަމެވެ. ދެން ދާއޫދުގެފާނުން ކުރިއަށް ޖެހިވަޑައިގެން ޖާލޫތާއި ހަނގުރާމަ ކުރައްވައި ޖާލޫތު ގަތުލު ކުރެއްވިއެވެ.

ވަހްބު ބުން މުނައްބިހު ވިދާޅުވިއެވެ: މީސްތަކުން ދާއޫދުގެފާނުންގެ ހިތްވަރު ފުޅު ގަދަކަމާހުރެ ވަރަށް ތަޢުރީފު ކުރިއެވެ. އަދި ތާލޫތު އޭނާގެ ގޮނޑިން ބާލައި ދާއޫދުގެފާނުންނަށް އެމީހުންގެ ރަސްކަން ހަވާލު ކުރެއްވިއެވެ. ބުނެވޭ ގޮތުގައި ދާއޫދުގެފާނުން ރަސްކަމަށް އިސްކުރެވުނީ ޝަމްވީލްގެފާނުންގެ އަމުރަށެވެ. ނަމަވެސް އިބްން ޖަރީރު ވިދާޅުވާ ގޮތުގައި ޖުމްހޫރު ޢިލްމުވެރިންގެ ރަޢުޔަކީ ޖާލޫތު ޤަތުލުކުރެއްވުމުން ދާއޫދުގެފާނުންނަށް ވެރިކަން ދެއްވުނު ކަމުގެ ރިވާޔަތެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލޭގެފާނުންނަށް ރަސްކަން ދެއްވުމުން ފުރަތަމަ ފަހަރަށް ރަސްކަމާއި ރަސޫލުކަން އެކުވެގެންދިޔައެވެ. ﷲ ވަޙީކުރެއްވިއެވެ:


وَلَقَدْ آتَيْنَا دَاوُودَ مِنَّا فَضْلًا ۖ يَا جِبَالُ أَوِّبِي مَعَهُ وَالطَّيْرَ ۖ وَأَلَنَّا لَهُ الْحَدِيدَ
أَنِ اعْمَلْ سَابِغَاتٍ وَقَدِّرْ فِي السَّرْدِ ۖ وَاعْمَلُوا صَالِحًا ۖ إِنِّي بِمَا تَعْمَلُونَ بَصِيرٌ

މާނައީ: އަދި ތިމަން ރަސްކަލާންގެ ފަޟްލުވަންތަކަމުން އެކަލޭގެފާނުންނަށް ދެއްވީމެވެ: އޭ ފަރުބަދަތަކާއި ދޫނިތަކެވެ! އެކަލޭގެފާނުންނާއެކު ތިމަންރަސްކަލާންގެއަށް ތަސްބީޙަ ކިޔާށެވެ. އަދި ތިމަން ރަސްކަލާންގެ އެކަލޭގެފާނުންނަށްޓަކައި ދަގަނޑު މަޑުއެއްޗެއްކަމުގައި ލެއްވީމެވެ. އެއިން ގައިގައި އާޅާނޭ ކޯޓެއް ހައްދަވާށެވެ. އަދި ޢަދުލުވެރިކަމާއެކު ފައިސަލާކުރައްވާށެވެ. އަދި ހެޔޮ ޢަމަލު ކުރައްވާށެވެ. ހަމަ ޔަޤީނުންވެސް ތިމަން ރަސްކަލާންގެ ކަލޭގެފާނުން ކުރައްވާހާ ޢަމަލެއް ބައްލަވާޙުށީމެވެ." (ސަބާ: 10، 11)

ﷲ ތަޢާލާ އެކަލޭގެފާނުންނަށް ދުޝްމަނުންނާއި ކުރާ ހަނގުރާމައިގައި ހަށިގަނޑުގެ ދިފާޢުގައި ގަޔަށް ލާން ބޭނުންކުރާ ދަގަނޑު ދަހަނާ ހައްދަވަން ދަސްކޮށްދެއްވިއެވެ. ޙަސަނުލް ބަޞަރީއާއި ޤަތާދާ ވިދާޅުވިއެވެ: ﷲ ތަޢާލާ އެކަލޭގެފާނުންގެ އަތްޕުޅަށް ދަގަނޑު މަޑުއެއްޗެއްކަމުގައި ލެއްވިއެވެ. ދާއޫދުގެފާނުންނަށް މަރުތެޔޮލެއް މުގުރެއް އަލިފާނެއް ދަގަނޑު ދަހަނާހެދުމަކަށް ބޭނުންފުޅެއް ނޫނެވެ. އަދި އެކަލޭގެފާނުންނަކީ ދަގަނޑު ދަހަނާ އެންމެ ފުރަތަމައަށް ހެދި / ހެއްދެވި އިންސާނާއެވެ. 

ރަސޫލުﷲ ގެފާނުން ޙަދީޘްކުރެއްވިއެވެ:
"މީހަކަށް ކެވޭނޭ އެންމެ ރަގަޅު ކާނާއަކީ އޭނާގެ އަތުން ކުރާ މަސައްކަތުން ހޯދާ ކާނާއެވެ. އަދި ﷲ ގެ ރަސޫލާ ދާއޫދުގެފާނުންނީ އެކަލޭގެފާނުންގެ އަމިއްލަ އަތްޕުޅުން މަސައްކަތްކުރައްވައިގެން ކާނާ ހޯއްދެވި ބެއިކަލެކެވެ." (އަޙްމަދު 42:6 އަދި އިބްން މާޖާ 37:2)

އަދިވެސް ކީރިތި މާތް ރަސޫލާ ޙަދީޘް ކުރެއްވިއެވެ:
"ﷲ ގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ނަމާދަކީ ދާއޫދުގެފާނުންގެ ނަމާދެވެ. އަދި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ރޯދައަކީ ދާއޫދުގެފާނުންގެ ރޯދައެވެ: އެކަލޭގެފާނުން ފުރަތަމަ ބައިގައި ނިދިކުރައްވައި، ދެން އޮތްބައިން ތިންބައިކުޅަ އެއްބައިގައި ތެދުވެވަޑައިގެން ނަމާދުކުރައްވައި، ބާކީއޮތްބައިން ހަބައިކުޅަ އެއްބައިގައި ނިދިކުރައްވައެވެ. އެކަލޭގެފާނުން ކޮންމެ ދެދުވަހުން އެއްދުވަހު ރޯދައަށް ހުންނަވައެވެ. އަދި އެކަލޭގެފާނުން ދުޝްމަނުންނާއި ބައްދަލުވުމުން ދުވަހަކުވެސް ފަހަތަށް ޖެހިވަޑައެއް ނުގަންނަވައެވެ." (އަލް ބުޚާރީ: 3419، 3420 އާއި މުސްލިމް: 1159)

އިބްން ޢައްބާސްއާއި، މުޖާހިދާއި އަދިވެސް އެހެނިހެންބެއިކަލުން ވިދާޅުވިއެވެ: ﷲ ތަޢާލާ ދާއޫދުގެފާނުންނަށް ރިވެތިވެގެންވާ އަޑުފުޅެއް ދެއްވެވިއެވެ. އެއީ އެކަލޭގެފާނުންގެ ފޮތް އެކަލޭގެފާނުން ވިދާޅުވާ ކޮންމެ ފަހަރަކު، ފަޒާގައި އުދުހޭ ދޫނިތައް ހުއްޓި އެކަލޭގެފާނުންނާއިއެކު ﷲ އަށް ތަސްބީޙަ ކިޔައެވެ. އަދި ފަރުބަދަތައްވެސް އެކަލޭގެފާނުންނާއެކު ﷲގެ ހަޟްރަތަށް ތަސްބީޙަ ކިޔުމުގައި ހެނދުނާއި ހަވީރު ވެއެވެ.

އައުޒާޢީ އާއި ޢަބްދުﷲ ބިން ޢާމިރު ތިމަންގެގާތުގައި ދެންނެވިއެވެ: ދާއޫދުގެފާނުންނަށް އެއިގެ ކުރީން އިންސާނަކަށް ނުދެއްވާފަދަ ރިވެތި އަޑުފުޅެއް ދެއްވެވިއެވެ. އެކަލޭގެފާނުންނާއިއެކު ތަސްބީޙަ ކިޔުމުގައި ދޫނިސޫފާ ސުއިއްޕާއި ވަލުޖަނަވާރުވެސް ގުޅެއެވެ.**

އަލް އިމާމް އަޙްމަދު ޢައިޝަ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާކުރެއްވިއެވެ: ކީރިތި މާތް ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމައަށް އަބޫ މޫސަލް އަަޝްޢަރީ ކިޔަވާ ވިދާޅުވާ އަޑުފުޅު އިވިވަޑައިގެން ޙަދީޘްކުރެއްވިއެވެ. "އަބޫ މޫސާއަށް ދާއޫދުގެފާނުންގެ (އަޑުފުޅުގެ) ފޮނިމީރުކަމުގެ ތެރެއިން ބައެއް ދެއްވިގެންވެއެވެ." (އަޙްމަދު 450:2 އާއި އިބްން މާޖާ 1341)
ﷲ ވަޙީކުރެއްވިއެވެ:

وَآتَيْنَا دَاوُودَ زَبُورًا
މާނައީ: އަދި ތިމަން ރަސްކަލާންގެ ދާއޫދުގެފާނުންނަށް ޒަބޫރު ދެއްވެވީމެވެ" (އައް ނިސާ: 163)
އަލް އިމާމް އަޙްމަދު ވިދާޅުވެފައިވާ ޙަދީޘްފުޅެއްގައި ވާގޮތުން ޒަބޫރު ބާއްވައި ލެއްވުނީ ރަމަޟާން މަހެއްގައެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ އާދަމްގެފާނުންނަށް އެކަލޭގެފާނުންގެ ދަރީންކުރެ ބައެއް ރަސޫލުން އެހެން އެންމެންނާއި ތަފާތުކަމުގައި ދެއްކެވިއެވެ. އެއިގެ ތެރެއިން ނޫރުން ފުރިގެން ދިއްލިފައިވާ އެކަލޭގެފާނުންގެ ދަރިކަލަކު ފެނިވަޑައިގަތެވެ. އަދި ވިދާޅުވިއެވެ: "ޔާ ﷲ! މިއީ ކާކުހެއްޔެވެ؟" ﷲ ވަޙީ ކުރެއްވިއެވެ: "އެއީ ކަލޭގެފާނުންގެ ދަރިކަލުން ދާއޫދުގެފާނެވެ" އާދަމްގެފާނުން ވިދާޅުވިއެވެ: "އެކަލޭގެފާނުންގެ ޢުމުރުފުޅަކީ ކިހާވަރެއްތޯއެވެ؟" ވަޙީކުރެއްވިއެވެ: "ފަސްދޮަޅަސް އަހަރުފުޅެވެ." އާދަމްގެފާނުން ވިދާޅުވިއެވެ: "ޔާ ﷲ! އެކަލޭގެފާނުންގެ ޢުމުރުފުޅު ދަންމަވާންދޭވެ!" ﷲ ވަޙީކުރެއްވިއެވެ: "ނޫނެކެވެ! އެހެނަސް ތިމަންރަސްކަލާންގެ ކަލޭގެފާނުންގެ ޢުމުރުން ބައެއް ނަންގަވައި އެކަލޭގެފާނުންނަށް އިތުރުކުރައްވަވާނަމެވެ." އާދަމްގެފާނުންގެ ޢުމުރުފުޅަކީ އެއްހާސް އަހަރުފުޅެވެ. ދެން އެކަލޭގެފާނުންގެ ޢުމުރުން 40 އަހަރު ނެންގެވުނެވެ. އާދަމްގެފާނުންގެ ޢުމުރު ހަމަވެ މަރުގެ މަލާއިކަތާ ވަޑައިގަތުމުން އެކަލޭގެފާނުން ވިދާޅުވިއެވެ: އަދި ތިމަންކަލޭގެފާނުންގެ ޢުމުރުގައި 40 އަހަރު ވޭނޫންހެއްޔެވެ؟ އެހެނީ އާދަމްގެފާނުންނަށް ކުރިން ދެންނެވުނުކަންތައް މަތީން ހަނދުމަފުޅު ނެތުނީއެވެ. ދެން ﷲ ތަޢާލާގެ ރަޙްމަތްފުޅުން އެއްހާސް އަހަރު އެކަލޭގެފާނުންގެ ޢުމުރުފުޅެއްކަމުގައި ލައްވައި ދާއޫދުގެފާނުންގެ ޢުމުރުފުޅުކަމުގައި އެއްސަތޭކަ އަހަރު ލެއްވިއެވެ. މިވާހަކަ އިމާމް އަޙްމަދާއި، ތިރުމިޛީއާއި، އިބްން ޚުޒައިމާގައި ރިވާވެގެންވެއެވެ.
** ސުބުޙާނަﷲ އެވެ! އަހަރެމެންނަށް އެއްޗެއް ނޭންގޭ ކަމާއެވެ. އަހަރެމެންގެ އެކަކަށްވެސް އޮޅިގެން ނުވާނެކަމީ ލަވަކިޔާ ނެށީމައި ވަލުޖަނަވާރާއި ދޫނިސޫފާސޫއްޕާއި މީދަލާއި ލަވާގައި ބައިވެރިވަނީ ސިންޑްރެއްލާމެންނާއި އެކަނިކަމެވެ. އެވެސް އަދި ކާޓޫނުން ވާވަރެވެ. މިއީ އަޞްލެވެ. އަހަރެމެންގެ ލޮބުވެތި ރަސޫލުންނެވެ. އެކަމަކު މިކަން ދަންނަނީ އަހަރެމެންގެ ތެރެއިން ކިތައް ދެތިން މީހުން ބާވައެވެ. އަހަރެމެންގެ ޖާހިލުކަމާއެވެ. ހިތާމަހުއްޓެވެ.
 
ރެފަރެންސް: ޤަޞަޞުލް އަންބިޔާ 

0 comments: