Blog Archive

Sunday, December 29, 2013



ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހް ވިދާޅުވިއެވެ. "ޢުމަރު ބުނުލް ޚައްޠާބު ބިންމަތިން ހޯލިކޮޅެއް ނަންގަވައި ވިދާޅުވިއެވެ. ތިމަންކަލޭގެފާނުން މިހޯލިކޮޅުކަމުގައި ވީނަމައެވެ! ތިމަންކަލޭގެފާނުން ޚަލްޤު ނުކުރެއްވީނަމައެވެ! ތިމަންކަލޭގެފާނުންގެ މަންމާއަށް ތިމަންކަލޭގެފާނުން ނުވިހޭނަމައެވެ! ތިމަންކަލޭގެފާނުންނަކީ ނެތްއެއްޗެއްކަމުގައި ވީނަމައެވެ! (އަދި) ތިމަންކަލޭގެފާނުންނަކީ ނުއުފަންނަ ހަނދާންވެސް ނުކުރެވޭ މީހެއްކަމުގައި ވީނަމައެވެ!'

ޢުމަރުގެފާނުން މިބަސްތައް ވިދާޅުވީއަކީ ޝުކުރު ނުކުރާތީއެއްނޫނެވެ. އެހެނެތްކަމަކު އެކަލޭގެފާނުން މިހެން ވިދާޅުވީ އެކަލޭގެފާނުން ﷲ ގެ ކޯފާއަށް ގަންނަ ބިރަކުންނެވެ.[1]



ކުށް ހީތައް:
"ތިމަންކަލޭގެފާނުންގެ އުއްމަތުގައި (ވާ ޢިލްމުވެރިންގެ ތެރޭގައި) ޚިޔާލު ތަފާތުވުމަކީ ރަޙުމަތެކެވެ." މިއީ ޞައްޙަ ޙަދީޘްއެއްނޫނެވެ. ސުބުކީ އިމާމް ވިދާޅުވިއެވެ: މިޙަދީޘްގެ ޞައްޙަ، ނުވަތަ ޟަޢިފް (ބަލިކަށި) ނުވަތަ މައުޟޫޢު (ހަދާފައިވާ) ސަނަދެއްހާއިވަރުވެސް ތިމަންކަލޭގެފާނާއި ހަމަޔަށް އައިސްފައެއް ނުވެއެވެ.

ޤިޔާމް:
ދަތުރެއްގައި ސުންނަތް ނަމާދެއް ކުރާނަމަ އެ (އެބަހީ ތިމާ އެސަވާރުވެގެންވާ ނުވަތަ އަރާހުރި) އެއްޗެއް ކުރިމަތިލައިގެންވާ ފަރާތަށް ކުރިމަތިލައިގެނ ތިބާއަށް ނަމާދު ކުރެވިދާނެއެވެ. = ބުޚާރީ އާއި މުސްލިމް =
ނަމަވެސް ފަރުޟު ނަމާދުތަކުގައި އެކަލޭގެފާނުން (ޞައްލައްﷲ ޢަލައިހި ވަސައްލަމަ) ޤިބްލައަށް ކުރިމަތި ލައްވައެވެ. = ބުޚާރީ އާއި އަޙްމަދު =

ކޮއްޅަށްހުރެ ނުވަތަ އިށީންދެއިނދެ ނަމާދުކުރުން:
ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ސުވަރުގެވަޑައިގަތުމުގެ އާލާސްކަންފުޅުގައި އިށީންދެ އިނދެވަޑައިގެން ނަމާދުކުރެއްވިއެވެ. = ތިރުމިޛީ އާއި އަޙުމަދު = ތިރުމިޛީ މިއީ ޞައްޙަ ޙަދީޘެއްކަމުގައި ވިދާޅުވިއެވެ. 

ސަވާރީ ނުވަތަ ބޯޓްމަތީ ނަމާދުކުރުން
ޣަރަޤު ވެދާނޭކަމުގެ ބިރެއް ނުވާނަމަ، އެއިގެ މަތީގައި ނަމާދުކުރާށެވެ. = ބައްޒާރު، ދާރަޤުތުނީ = އަލް ޙާކިމް މިއީ ބަޙީޙް ޙަދީޘްއެއްކަމުގައި ވިދާޅުވިއެވެ. އަދި އެކަމަށް ޛަހަބީ އެއްބަސްވެވަޑައިގަންނަވައެވެ. 

Saturday, December 28, 2013


ސަލްމާނުލް ފާރިސީ ރަޟިޔަﷲ ޢަންހުގެ ފަހު ވަގުތުގައި އެކަލޭގެފާނުންގެ އަނބިކަނބަލުންނަށް ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު ފޮރުއްވައިގެން ގެންގުޅުން އެތި ގެންނާށެވެ" އެކަލޭގެފާނުން އެވިދާޅުވި އެއްޗެއް އެކަމަނާއަށް އިނގިވަޑައިގެން، ވަޑައިގެން މިސްކު (އަތަރުގެ ތެރެއިން އެންމެ ރަގަޅު އަތަރު) އަޅާފައިވާ އެއްޗެއް ގެންނެވިއެވެ. ދެން ސަލްމާން ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ދެން ފެން އެއްޗެއް ގެންނާށެވެ.

އެކަމަނާ ފެން ގެނެސްދެއްވުމުން ފެނާއި މިސްކު އެއްކުރައްވައި ވިދާޅުވިއެވެ: މިތަކެތި ތިމަންކަލޭގެފާނުންގެ ވަށައިގެންނާއި ގަޔަށް އަޅުއްވާށެވެ. ތިމަންކަލޭގެފާނުންގެ އަރިހަށް ﷲގެ ޚަލްޤުތަކުން – އެބަހީ މަލާއިކަތުން – ވަރަށް އަވަހަށް އެބަ އާދެއެވެ. އެބެއިކަލުން ފަރިއް ނުކުޅުއްވިޔަސް އެބެއިކަލުންނަށް ވަސްދުވާނެއެވެ. (އެހެންވީމައި އެންމެ ރަގަޅު ވަހުން އެބެއިކަލުންނަށް ވަސްދުއްވުމަށްޓަކައި އެފެން އަޅުއްވާށެވެ.)

ރެފަރެންސް: މިން ޤަޞަޞުއް ޞާލިޙީން


ސަޢުދު ރަޟިޔަﷲ ޢަންހު އަވަހާރަވުމުގެ ތަންމަތީގައި އޮންނަވައި ކޮންމެވެސް މީހަކު އެކަލޭގެފާނުންގެ އެކަލޭގެފާނުން ވަރަށް ޒަމާންވަންދެން ރައްކައުކޮއްގެން ގެންގުޅުއްވި ހަލާކުވެފައިވާ ވޫލުން ވާ ހެދުމެއް ގެނައުމަށް ވިދާޅުވިއެވެ. އަދި ވިދާޅުވިއެވެ: އެއިން ތިމަންކަލޭގެފާނުން ފޮރުވަލާށެވެ. (މާނައީ ގައިގައި އޮޅައިލާށެވެ.) އަދި އެކަލޭގެފާނުން ވިދާޅުވިއެވެ: ހަމަކަށަވަރުން ތިމަންކަލޭގެފާނުން ބަދުރުހަނގުރާމައިގެ ދުވަހުގައި ކާފިރުންނާއި ހަނގުރާމަކުރެއްވީ އެހެދުން ތުރުކުރައްވައި ހުންނަވައެވެ. އެދުވަހަށްފަހު ތިމަންކަލޭގެފާނުން މިޔަދައްޓަކައި އެހެދުން ފޮރުވައި ރައްކާކުރެއްވީމެވެ.

ރެފަރެންސް: މިން ޤަޞަޞުއް ޞާލިޙީން


މިއާއި ވައްތަރުގެ އެހެން ޙާދިސާއެއް ޔަޒީދު ބިން އަލް އަސްވަދު އާއި މެދުގައިވެސް ވިއެވެ. އެކަލޭގެފާނުންނީ ތާބިޢީންގެ ބެއިކަލެކެވެ. އެކަލޭގެފާނުން ދިމިޝްޤުގެ މެދުގައިވާ ބޮޑު މިސްކިތަށް ނަމާދަށް ވަޑައިގަންނަވައެވެ. އަދި ބައެއްފަހަރު ރެއިގަނޑު ކަޅުވެ އަނދިރިކަން ވެރިވުމުން އެކަލޭގެފާނުންގެ ފައިންޕުޅުގެ ބޮޑުވާ އިނގިލި އެކަލޭގެފާނަށްޓަކައި މަގަށް އަލިކޮށްދޭކަމުގައި ވެއެވެ.

ރެފަރެންސް: މިން ޤަޞަޞުއް ޞާލިޙީން


ރިވާވެގެންވެއެވެ. އައް ޠުފައިލް ބިން ޢަމްރް ބިން އައް ދައުސީ ރަޟިޔަﷲ ޢަންހު ހިޖްރައިގެ ކުރިން އިސްލާމްދީން ޤަބޫލުކުރެއްވުމުން އެކަލޭގެފާނުންގެ އަތްޕުޅުގައިވާ ޗާބޫކު އެކަލޭގެފާނުންނަށް ތަންތަނަށް ހިނގުމަށް ރެއިގަނޑުގެ ވަގުތުތަކުގައި މަގުދައްކައިދިނެވެ. އެޗާބޫކަކީ އަލިކުރާ އެއްޗެއްކަމުގައި ވިއެވެ. އެއިރުން މީސްތަކުންނަށް ފެންނަނީ އެކަލޭގެފާނުންގެ އަތްޕުޅުގައި އެލުވައިލެވިފައިވާ ފުޅިބައްތިއެއްފާޑު އެއްޗެއްގެ ގޮތުގައި އެ ޗާބޫކު ވާތަނެވެ.

ރެފަރެންސް: އަލް ބިދާޔާ ވަން ނިހާޔާ
ރެފަރެންސް: މިން ޤަޞަޞުއް ޞާލިޙީން

Friday, December 27, 2013

ބުނެވޭގޮތުގައި އަލް ޙަސަނުލް ބަޞަރީގެ އަރިހުގައި ޖަމާޢަތެއްގެ ބަޔަކު ތިއްބައި މީހަކު މަރުވެފައިވާ މީހަކު ދަމަމުން ގެންދިޔައެވެ. އެކަލޭގެފާނުން (އަލް ޙަސަނުލް ބަޞަރީ) އަށް މިމަންޒަރުފެނިވަޑައިގެން އެއްޗެއް ހަނދުމަފުޅުވާ ފާޑު މޫނުފުޅަށް ވެރިވުމަށްފަހު ހެއިނެތިގެން ވެއްޓިވަޑައިގަތެވެ. ދެން އެކަލޭގެފާނުން ހެއިއަރާ ވަޑައިގަތުމުން އެތާނގައިވާ މީހުންނަށް ބުނެދެއްވިއެވެ: އެގެންދެވުނު މީހާއީ އެއްއިރެއްގައި މިރަށުގެ އަދި ދުނިޔޭގައިވެސް ގުނާލެވޭ އެންމެ ޛުހުދުވެރި އެކަކެވެ. 

އެއްދުވަހަކު އޭނާ މިސްކިތަށް ދިޔުމަށްޓަކައި ގެއިންނިކުމެ ހިނގައިގަތްތަނާ ނަޞާރާއީ ދީނުގެ ޒުވާން ރީތި އަންހެންކުއްޖަކު އޭނާއަށް ފެނުނެވެ. ހަމަ އެއާއިއެކު އޭނާއަށް އެއަންހެންކުއްޖާގެ މައްޗަށް ހިތް ލެނބިއްޖެއެވެ. ދެން އޭނާ އެއަންހެންކުއްޖާއަށް ކައިވެންޏަށް އެދުމުން އެކުއްޖާ އެކަމާއި ދެކޮޅުހަދައި ބުންޏެވެ: އަހަރެން ކަލޭ އަހަރެންގެ ދީނަށް ނުވަންނަހާ ހިނދަކު ކަލެޔަކާއި ކައިވެންޏެއް ނުކުރާނަމެވެ.  ދެން އޭނާ އެކަމާއިމެދު ހިތާމަކުރާ ޙާލު ދިޔައެވެ. ނަމަވެސް ދުވަސްތައް ފާއިތުވީވަރަކަށް އޭނާއަށް ކެތްނުކުރެވޭވަރަށް ލޯބި ވެވުނެވެ. އަދި އެންމެ ފަހުން އެއަންހެންކުއްޖާ ޙާޞިލްކުރުމަށް އޭނާގެ އެދުމަށް ތަބާވެ ރިވެތިވެގެންވާ ދީން ދޫކޮށްލައި ދިޔައެވެ. އެއަށްފަހު އެއަންހެންކުއްޖާއާއި ބައްދަލުކުރުމަށް ދިޔުމުން ފަރުދާއެއްގެ އަނެއްފަރާތުން އޭނާގެ ކައިރިއަށް ނިކުމެފައި ބުންޏެވެ: ކަލެޔަކީ ރަނގަޅުކަމުން ބޯދަމައިގަނެގެންއައި މީހަކީމެވެ. ކަލޭގެ ދީން ކަލެޔަށް، ކަލޭގެ މުޅި ޢުމުރަށް މާ މުހިއްމުވާނެއެވެ. ނަމަވެސް ކަލޭގެ ދީން ތިޔަ ދޫކޮށްލީ ދުނިޔޭގެ އަގެއްނެތް ލައްޒަތަކަށެވެ. ހަމަކަށަވަރުން އަހަރެންވެސް އަހުރެންގެ ދީން ދޫކޮށްލައިފީމެވެ. އެކަމަކު އެއީ ހަމަ ތިޔަ ސަބަބަކާއިހުރެއެއް ނޫނެވެ. އަހަރެން އެގޮތަށް ކަންތައްކުރީ އަބަދުގެ އަބަދަށް ދެމިގެންވާ ބަރަކާތްތެރިކަމަކާއި ޞަމަދުވަންތަ ރަސްކަލާންގެ ބެއްލެވުމުގެ ދަށަށް ދިޔުމަށެވެ. ދެން އެއަންހެންކުއްޖާ ކިޔެވެ:


ޝައިޚް ޢަބްދުއްރަޙްމާން އައް ސާޢިދީ ވިދާޅުވިއެވެ. ރަސޫލުﷲ ގެފާނުން އަހުރެމެންނަށް ތުނބުޅި ދިގުކުރުމަށާއި މަތިމަސް ކުރުކުރުމަށް އަމުރުކުރެއްވިއެވެ. އަދި އެކަލޭގެފާނުން ވިދާޅުވިއެވެ. މޫނުމަތީގެ އިސްތަށީ (ތުނބުޅި) ބޭލުމަކީ މަޖޫސީންނާއި ކާފަރުންގެ ގޮތްތަކެވެ. އަދި އެކަލޭގެފާނުންގެ އުއްމަތުގެ މީސްތަކުންނަށް އެމީހުންގެ އުޅުމާއި ދުރުވުމަށް އިންޒާރުކުރެއްވިއެވެ. އެހެންކަމުން ﷲ އާއި އެކަލާންގެ ރަސޫލާ އަށް އީމާންވާ މީހަކު އެކަލޭގެފާނުންނާއި، އަޞްޙާބުބެއިކަލުންނާއި، ތާބިޢީންގެ ސުންނަތަށް ތަބާވުމުގައި ދަހިވެތިވުމީ އަޖާއިބު ކަމެކެވެ. ﷲ ތަޢާލާ ފިރިހެނުން ރިވެތިކުރެއްވީ ތުބުޅީގައެވެ. އަދި އެއިގައި އެމީހުންގެ އަޚްލާޤުގެ ރިވެތިކަން ލެއްވިއެވެ. ތުނބުޅި ބާލާ މީހާއަށް ހަލާކުހުއްޓެވެ. އެހެނީ އޭނާ ފާޅުގައި ކަލާންގެއާއި ދެކޮޅުވެރިވަނީއެވެ. 
Thursday, December 26, 2013



ސަލާމްލެއްވި ލޫތުގެފާނުންނީ، ﷲގެ ރަސޫލާ އަދި ޚަލީލް އިބްރާހީމްގެފާނުންނާއި ޢާއިލީގޮތުން ވަރަށް ގާތް ބެއިކަލެކެވެ. އިބުރާހީމްގެފާނުންގެ އެދިވަޑައިގަތުމަށް ލޫތުގެފާނުން ސަދޫމަށް ވަޑައިގަތެވެ. އެރަށަކީ އެސަރަޙައްދުގެ ރައްތަކުގެ މައި ރަށެވެ. އަދި އެރަށުގެ އަހުލުވެރިންނަކީ އެންމެ ފުރަތަމަ އިންސާނުންގެ ތެރޭގައި އެއްޖިންސުން ގުޅުން ހިންގި މީހުންނެވެ. 

އެހެނިހެން ރަސޫލުންނާއި ނަބީންފަދައިން ލޫތުގެފާނުންވެސް އެކަލޭގެފާނުންގެ ޤައުމަށް ﷲ ތަޢާލާއަށް އެކަނި އަޅުކަންކުރުމާއި އެކަލާންގެއަށް ކިޔަމަންގަތުމަށް ނަޞޭޙަތްތެރިވެވަޑައިގަތެވެ. ލުތުގެފާނުންގެ ޤައުމުގެ ވާހަކަ ކިރިތި ޤުރުއާނުގެ އަޢްރާފް ސޫރަތާއި، ހޫދު ސޫރަތާއި، ޙިޖްރު ސޫރަތާއި، ޝުޢަރާ ސޫރަތާއި، ނަމްލު ސޫރަތާއި، ޢަންކަބޫތު ސޫރަތާއި ސާއްފާތި ސޫރަތާއި، ޛާރިޔާތު ސޫރަތުގައި އަދި ޤަމަރު ސޫރަތުގައި ބަޔާންކުރެއްވިއެވެ. 

ލުތުގެފާނުންގެ ގޮވައިލެއްވުމާއި ނަޞޭޙަތްދިނުމުން އެޤައުމުގެ މީސްތަކުންކުރެ އެކަކަށްވެސް ތަބައެއް ނުވެވުނެވެ. އެންމެ މީހަކުވެސް އެކަލޭގެފާނުންނަށް ކިޔަމަނެއް ނުވިއެވެ. އަދި ލޫތުގެފާނުން ޤައުމުން ބޭރުކޮށް އަރުވައިލުމަށް އެމީހުން ރޭވިއެވެ. މިވާހަކަ ނަމްލުގެ 56 ވަނައާޔަތުން ވަރަށް ރީތިކޮށް ސާފުވާނެއެވެ.


އެކަލޭގެފާނުންނީ ނޫޙު ބިން ލާމިކް ބިން މަތޫޝަލަޚް ބިން އިދްރީސް ބިން ޔަރިދު ބިން މަހްލާޔީލް ޤީނާން ބިން އަނޫޝް ބިން ޝީސް ބިން އާދަމް ޢަލައިހިއްސަލާމްއެވެ. އިބްން ޖަރީރު ވިދާޅުވާ ގޮތުގައި ނޫޙުގެފާނުން އުފަންވެ ވަޑައިގަތީ އާދަމްގެފާނުން އަވަހާރަވިތާ ސަތޭކަ ވިހި އަހަރު ވުމަށްފަހުއެވެ. 

މީހަކު ރަސޫލުﷲ ގެފާނުންނާއި ސުވާލު ކުރިއެވެ: "އޭ ރަސޫލުﷲ ގެފާނެވެ! އާދަމްގެފާނީ ރަސޫލެއް ހެއްޔެވެ؟" އިތުރު އެކަލޭގެފާނުން ޖަވާބުގައި ޙަދީޘްކުރެއްވިއެވެ: "އާދޭހެވެ. (ﷲ) އެބެއިކަލަކަށް ބަސް ވަޙީކުރެއްވެވި ރަސޫލެކެވެ." އެމީހާ ދެން އެހިއެވެ: "އާދަމްގެފާނާއި ނޫޙުގެފާނާއި ދެމެދު ކިހާ ދުވަހެއް ވާނެތޯއެވެ؟" ރަސޫލުﷲ ގެފާނުން ޙަދީޘް ކުރެއްވިއެވެ: "ދިހަ ޤަރުނެވެ" (ޞަޙީޙް އިބްން ޙިއްބާން: 6190) 

މިޙަދީޘް ރިވާކުރައްވާފައިވަނީ، އިމާމް މުސްލިމްގެ ޝަރުޠުތަކަށް ބައްލަވާފައެވެ. ޤަރުނޭ މިތާންގައިވާ މާނައަކީ ސަތޭކަ އަހަރުކަމުގައިި ގިނަ ބަޔަކު ހީކުރާ ފަދައިން ވާނަމަ، އެއްހާސްއަހަރު މަދުވެގެން ވާނެއެވެ. ނަމަވެސް އިބްން ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވާ ގޮތުގައި ނަމަ، އެއަށްވުރެވެސް ގިނަވުމީ އެކަށީގެންވާ ކަމެކެވެ. އެހެނީ ބުޚާރީއާއި އަލް ޙާކިމްގައި ގެނެސްފައިވެއެވެ. ރަސޫލުﷲ ގެފާނުން ޙަދީޘްކުރެއްވިއެވެ: "އާދަމްގެފާނާއި ނޫޙުގެފާނާއި ދެމެދު ދިހަ ޤަރުނުވެއެވެ. (އެ ދިހަ ޤަރުނުގެ) އެއެންމެހާ މީސްތަކުންނީ މުސްލިމުންނެވެ." މި ޙަދީޘުން އިބްން ޢައްބާސް ވިދާޅުވާ ގޮތުގައި މުސްލިމުން ކަމުގައި ނުވާ ޤަރުނެއް ނުވަތަ ޤަރުނުތަކެއް ވުމީވެސް އެކަށީގެންވާ ކަމެކެވެ. 
 
Wednesday, December 25, 2013



ޞާލިޙްގެފާނުންގެ ޖަމަލު ޤަތުލުކުރި މީސްތަކުންނަށް ﷲ ތަޢާލާ ހިލައެއް ފޮނުއްވައި އެމީހުން އެހިލައިގެ ދަށުގައި ފިސްފިސްކުރެއްވިއެވެ. އެއީ އެމީހުންގެ ޤައުމުގެ މީސްތަކުން ހަލާކުކުރެއްވުމުގެ ކުރީގައެވެ. ބުރާސްފަތި ދުވަހުގެ ހެނދުނު – އެއީ ޞާލިޙްގެފާނުން އެވިދާޅުވި ތިންދުވަހުގެ ތެރެއިން ފުރަތަމަ ދުވަހެވެ – އެމީހުންގެ މޫނުތައް ތަޣައްޔަރުވެފައި ތިއްބެވެ. އެކަލޭގެފާނުން އެމީހުންނަށް އެދުވަހުގެ ހަވީރު އިންޒާރުދެއްވިއެވެ: ތިޔަބައިމީހުންނަށް ބުނެވުނު ދުވަސްތަކުގެ ތެރެއިން ފުރަތަމަ ދުވަސް ވޭތުވެ ދިޔައީއެވެ. ޖެހިގެން އައި ދުވަހު، ހުކުރު ދުވަހު އެމީހުންގެ މޫނުތައް ވީ ރަތްވެފައެވެ. އެދުވަހުގެ ހަވީރުވުމުން ޞާލިޙްގެފާނުން ވިދާޅުވިއެވެ: އިންޒާރުކުރެވުނު ދެވަނަދުވަސް ދިޔައީއެވެ. ތިންވަނަ ދުވަހު، ހޮނިހިރު ދުވަހު އެމީހުންގެ މޫނުތައް ވަނީ ކަޅުވެފައެވެ އަދި އިރުއޮއްސުމުން އެމީހުން ބުންޏެވެ. ތިންވަނަ ދުވަސްވެސް ފާއިތުވީއެވެ.



ޘަމޫދު ވަންހައަކީ މަޝްހޫރު ވަންހައެކެވެ. އެމީހުންނަށް އެނަން ނިސްބަތްކުރެވުނީ އެމީހުންގެ ކާބަފައިންގެ ތެރެއިން ޘަމޫދަށް، ޖާދިސްގެ ބޭބެ ނުވަތަ ކޮއްކޮ އަށް ނިސްބަތްކޮށެވެ. މިދެމީހުންނަކީ ޢާޘިރު ބިން އިރަމް ބިން ސާމް ބިން ނޫޙުގެ ދެދަރިންނެވެ. 

ޘަމޫދަކީ ހިޖާޒާއި ތަބޫކާއި ދެމެދުގައި ދިރިއުޅުނު ޢަރަބީންގެ ބައެކެވެ. ރަސޫލުﷲ ގެފާނުން ތަބޫކު ހަނގުރާމައަށް ވަޑައިގެންނެވިއިރު މިމީހުން އުޅުނު ތަން ހުރަސްކުރައްވައި ވަޑައިގެންނެވިއެވެ. އެމީހުންނަކީ ޢާދު ބާގައިގެ މީހުންނަށްފަހު އުޅުނު ބުދަށް އަޅުކަންކުރާ ބައެކެވެ. 

ﷲ ތަޢާލާ އެމީހުންނަށް އެމީހުންގެ ތެރެއިން މީހަކު ރަސޫލެއްކަމުގައި ޚިޔާރުކުރައްވައި ފޮނުއްވިއެވެ. އެއީ ޞާލިޙް ބިން ޢުބައިދު ބިން މަސެހް ބިން ޢުބައިދުބިން ހާދިރު ބިން ޘަމޫދު ބިން ޢާޘިރު ބިން އިރަމް ބިން ނޫޙުއެވެ. އެކަލޭގެފާނުންވެސް އެކަލޭގެފާނުންގެ ޤައުމުގެ މީސްތަކުންނަށް ﷲ ގެ އެއްކައުވަންތަކަމަށް ގޮވައިލެއްވިއެވެ. އެހެން އެއްޗެއްސަށް އަޅުކަން ނުކުރުމަށް ގޮވައިލެއްވިއެވެ. އެމީހުން އެކަމާއި ދެކޮޅުހަދައި އެއްޗެތި ގޮވައި އަދި އެކަލޭގެފާނުން ޤަތުލުކުރުމަށްވެސް އުޅެގަތެވެ. އަދި ﷲ އެކަލޭގެފާނުންނަށް މުޢުޖިޒާތެއްގެ ގޮތުގައި ދެއްވި އަންހެން ޖަމަލުވެސް އެންމެ ފަހުން މެރިއެވެ.


އަހުރެން އެއްދުވަހަކު ފަތިހުގެ ފިނިފިނި ވައިގެ ތެރޭގައި އަހަރެންގެ ގެސްޓް ހައުސްއިން ނިކުމެގެން އަތިރިމަތީގައި ހިނގަން ފެށީމެވެ. އެއިރު ވަރަށް ދުރުގައި ހުރި ޒުވާނަކު ބިންމަތިން އެއްޗެހިތަކެއް ނަގަ ނަގާފައި މޫދަށް އުކަނީއެވެ. އަހުރެންގެ އާދައިގެ ހިނގުމުގައި އޭނާއާއި ހަމަޔަށް ދިޔައިރު އޭނާ ކުރާކަމަކީ ލައްގާފައިވާ ފަސްފައި (ސްޓާރ ފިޝް) ބިމުން ހޮވައި މޫދަށް އުކަނީއެވެ. ވަރަށް އަޖާއިބުކުރުވަނިވި މިތަކެއްޗަށް ރަޙުމްހުރި ޒުވާނެއްތާއެވެ!

އަހުރެން އޭނާކުރެން ތިޔަ ކުރަނީ ކީތްތޯ އަހާލީމެވެ. އޭނާ ޖަވާބުގައި ނުފެނޭހެއްޔޭ ކިޔާ ސުވާލުކުރިއެވެ. އަހަރެން އަނެއްކާވެސް ތަފްސީލު ކޮށްދެމުން އެހީމެވެ: ތިޔަ ކުރާކަމަކުން އެއްވެސް ފައިދާއެއް ވާނެހެއްޔެވެ؟ މުޅި މިސަރަޙައްދުގައި ވަނީ ލައްގާފައިވާ ފަސްފައިން ފުރި ބާރުވެފައެވެ. ހާހުން ޢަދަދުކުރެވޭ ވަރަށްވުރެވެސް ގިނައެވެ. އެހިނދު އޭނާގެ އަތުގައި ފަސްފައިގެ މުށެއް ވެއެވެ. ހިނިތުންވެލާފައި އަހަރެންނަށް ބަލައިލާފައި އެމުށްވަރު މޫދަށް ހޫރާލަމުން ބުންޏެވެ. ހަމަގައިމުވެސް މިއެއްލައިލި އެއްޗެއްސަށް ތަފާތުވާނެއެވެ.

Tuesday, December 24, 2013


އެކަލޭގެފާނުންނީ ހޫދު ބިން ޝާލިޙް ބިން އަރްފަޒާދް ބިން ސާމް ބިން ނޫޙު ޢަލައިހިއްސަލާމްއެވެ. އެކަލޭގެފާނުންގެ ދަރިކޮޅަކީ ޢާދުގެ ދަރިކޮޅެވެ. އެއީ ޢަރަބިންނެވެ. އަދި އެބައިމީހުން ދިރިއުޅުނީ ޔަމަނުގެ ސަހަރާތެރޭގައިވާ އޮމާނާއި ޙަދްރަމައުތުގެ ފަރުބަދަތައް ދެމެދުގައިވާ މޫދެއްގެ ކައިރީގައެވެ. އެމީހުން ދިރިއުޅޭ ތަނަކީ އައް ޝަހްރު އެވެ ކިޔުނު ތަނެކެވެ. ދިރިއުޅުނު ވާދީ އައް ކިޔެނީ މުޣީތުއެވެ. އެމީހުން ދިރިއުޅެނީ ބޮޑެތި ތަނބުތަކުން ހަދާފައިވާ ފޭލިގެ ތަކުގައެވެ. ﷲ ވަޙީ ކުރެއްވިއެވެ:

أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ
إِرَمَ ذَاتِ الْعِمَادِ
الَّتِي لَمْ يُخْلَقْ مِثْلُهَا فِي الْبِلَادِ

"ކަލޭގެފާނުންގެ ވެރިރަސްކަލާންގެ، ޢާދު ބާގައިގެ މީހުންނާމެދު ކަންތައްކުރެއްވިގޮތް ކަލޭގެފާނަށް އެނގިވަޑައި ނުގަންނަވާތޯއެވެ؟ އެއީ ތަނބުތަކުގެވެރި، އިރަމް އޭކިޔުނު ރަށުގެ އަހުލުވެރިންނެވެ. އެ ބިނާތަކަކީ، ރައްތަކުގައި އެފަދަ ބިނާތަކެއް ހެދިފައިނުވާފަދަ ބިނާތަކެކެވެ." (ސޫރަތުލް ފަޖްރް: 6 – 8)



އެކަލޭގެފާނުންނީ ލާވީ ބިން ޔައުޤޫބުގެފާނުންގެ ދަރިކޮޅުގެ ބެއިކަލެކެވެ.

އިބްން އަސާކިރު ވިދާޅުވިއެވެ: ޒަކަރިއްޔާގެފާނުންގެ ދަރިކަލުން ޔަޙްޔާގެފާނުން ޝަހީދުކޮށްލެވުމުން އަރުމިޔާއު ނަބީކަލޭގެފާނުން އެކަލޭގެފާނުންގެ ލެއި ދިމިޝްޤުން އޮހޮރިގެން އައިރު އެތާންގައި ހުންނެވިއެވެ. އަދި ވިދާޅުވިއެވެ: "އޭ ލެޔާއެވެ! ކަލޭ މީސްތަކުން އިމްތިޙާނުކުރުވައިފީމުއެވެ. ދެން އޮހޮރުން ހުއްޓޭށެވެ." ދެން ލެއި އޮހޮރުން ހުއްޓިގެންދިޔައެވެ.

އަބޫ ބަކްރު ބިން އަބުއް ދުންޔާ، ޢަބްދުﷲ ބިން ޢަބްދުއް ރަޙްމާންގެ އަރިހުން ރިވާކުރެއްވިއެވެ: ވިދާޅުވިއެވެ: އަރުމިޔާ ނަބީކަލޭގެފާނުން ދެންނެވިއެވެ: "އޭ (އަޅުގެ) ވެރިރަސްކަލާއްކޮއެވެ! އިބައިލާހުގެ އަޅުތަކުންކުރެ އިބައިލާހުގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑީ ކޮން އަޅެއްހެއްޔެވެ؟" ﷲ ވަޙީ ކުރެއްވިއެވެ: "އެއީ ތިމަން އިލާހުގެ މަތިން ޛިކުރުކުރުން އެންމެ ގިނަ އަޅުންނެވެ. އެއަޅުންނަކީ އެހެން ޚަލްޤުތަކުން ހަނދުމަކުރުމަށްވުރެ ބުރަކޮށް ތިމަން އިލާހުގެ މަތިން ހަނދުމަކުރާ އަޅުންނެވެ. އެފަދަ އަޅުންނަކީ މަރުދެކި ބިރުނުގަންނަ، އަބަދަށް ދުނިޔޭގައި އުޅުމަށް ނޭދޭ އަޅުންނެވެ. އެބައެއްގެ ގާތަށް ދުނިޔޭގެ ޒީނަތްތެރިކަން އަތުވެއްޖެހިނދު އެއެއްޗެހިން ބަރީޢަވެގަންނަ އަޅުންނެވެ. އަދި އެތަކެތި އެބައިމީހުންނާއި ދުރަށް ދިޔުމުން އުފާކުރާ އަޅުންނެވެ. އެފަދަ އަޅުންނަކީ އެބައެއްގެ މައްޗަށް ތިމަން އިލާހުގެ ލޯބި އޮހިގެންދާ އަޅުންނެވެ. އަދި އެބައިމީހުން އެދޭ މަޤާމަށްވުރެ ބޮޑު މަޤާމެއް ދެއްވާހުށީމެވެ." 

ރެފަރެންސް: އަލް އިމާމް އިބްން ކަޡީރުގެ ޤަޞަޞުލް އަންބިޔާ


ކިރިތި ޤުރުއާނުގެ މަރްޔަމް ސޫރަތުގެ ފުރަތަމަ އާޔަތުން ފެށިގެން 15 ވަނައާޔަތާއި ހަމަޔަށް ﷲ ވަނީ ވަރަށް ތަފްސީލުކޮށް މިވާހަކަށް ބަޔާންކުރައްވާފައެވެ. އަދި އާލް ޢިމްރާން ސޫރަތުގެ 37 ވަނައާޔަތުން ފެށިގެން 41 ވަނައާޔަތާއި ދެމެދުވެސް މިވާހަކަތައް ވަނީ ބަޔާންކުރައްވާފައެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
"އަދި ޒަކަރިއްޔާގެފާނުންނާއި، އަދި ޔަޙްޔާގެފާނުންނާއި، އަދި ޢީސާގެފާނުންނާއި އަދި އިލްޔަސަޢުގެފާނުންނެވެ. މިއެންމެ ބެއިކަލުން ވަނީ ޞާލިޙުންގެ ތެރެއިންނެވެ." (އަންޢާމް: 85)

އިބްން އަސާކިރު އެކަލޭގެފާނުންގެ ތާރީޚް ފޮތުގައި ބަޔާންކުރައްވާފައިވެއެވެ. އެކަލޭގެފާނުންނީ ޒަކަރިއްޔާ ބިން ބަރްޚިޔާއެވެ. އަދި ބުނެވޭގޮތުގައި އެއީ ޒަކަރިއްޔާ ބިން ދާން އެވެ.


އިބްން އަސާކިރު، ސުލައިމާންގެފާނުންގެ ބަފައިކަލުންގެ ފަތިފުއް ސަލާމްލެއްވި އިބްރާހީމްގެފާނާއި ހަމަޔަށް އުފުލަތެވެ.
ﷲ ވަޙީ ބަސްފުޅުގައި ވެއެވެ: "އަދި ސުލައިމާން ގެފާނުންނީ ދާއޫދުގެފާނުންގެ ވާރިޘެވެ. އަދި ވިދާޅުވިއެވެ: އޭ މީސްތަކުންނޭވެ! އަހަރެމެންނަށް ދޫނީގެ ބަސްމަގު ވަނީ ދަސްކޮށްދެއްވާފައެވެ. އަދި ހުރިހާއެއްޗަކުން އަހުރެމެންނަށް ދެއްވިއެވެ. ހަމަކަށަވަރުން މިއީ ބޮޑުވެގެންވާ ނިޢުމަތެކެވެ." (ނަމްލް: 16)

ސުލައިމާންގެފާނުންނަށް ވާރުތަ ކުރީ ދާއޫދުގެފާނުންގެ ނަބީކަމާއި ރަސްކަމެވެ. އެއީކީ އަޅުގަނޑުމެން މިވިސްނާފަދައަކުން ވާރުތަކުރި ވާރުތަކުރުމެއްނޫނެވެ. އެހެނީ ދާއޫދުގެފާނުންގެ އެހެން ދަރިންވެސް ތިއްބެވިއެވެ. އެހެންކަމުން ސުލައިމާންގެފާނުންނަށް އެކަނިން އެމުދާތައް ވާރުތައެއް ނުކުރާނެއެވެ. އަދި ރަސޫލުﷲ ގެފާނުން ޙަދީޘްކުރެއްވިކަމަށް އެކަލޭގެފާނުންގެ ޞަޙާބިންގެ އަރިހުން ރިވާވެގެންވެއެވެ:

Monday, December 23, 2013


އިބްން އަބިއް ދުންޔާ، ޢަބްދުﷲ ބިން އަބޫ ހުޛައިލްގެ އަރިހުން ރިވާކުރެއްވިއެވެ. ވިދާޅުވިއެވެ: ބުޚްތު ނަޞްރު ބިޔަ ދެ ސިންގާ ހިފައި ވަޅަކަށްލައި އެދެ އެއްޗަށް ކާންނުދީ ބާއްވައި ބަނޑުހައި ކުރުވުމަށްފަހު އެވަޅަށް ދާނިޔާލް ޢަލައިހިއްސަލާމް އެއްލައިލިއެވެ. އެކަމަކު އެދެސިންގާ އެކަލޭގެފާނުންނާއި ގާތެއް ނުވިއެވެ. އެތާންގައި އެކަލޭގެފާނުން އިރުކޮޅަކު އިންނަވައި ކާނާއަށް ބޭނުންވެ ވަޑައިގަތެވެ. 

ދެން ﷲ ތަޢާލާ ސީރިޔާގައިވާ އަރުމިޔާއު ނަބީކަލޭގެފާނުންނަށް ވަޙީކުރެއްވިއެވެ: "ދާނިޔާލް ގެފާނުންނަށް ފެނާއި ކާނާ ތައްޔާރުކުރައްވާށެވެ". އަރުމިޔާއު ނަބީ ކަލޭގެފާނުން ވިދާޅުވިއެވެ: ޔާ ﷲއެވެ! ތިމަންކަލޭގެފާނުން މިވަނީ ސީރިޔާގައެވެ. ދާނިޔާލް ވަނީ ބާބިލް (ޢިރާޤު) ގައެވެ. ﷲ ވަޙީކުރެއްވިއެވެ. "ކަލޭގެފާނުންނަށް އަމުރުކުރެވުނު ކަންތައް ކަލޭގެފާނުން ފުރިހަމަ ކުރައްވާށެވެ. ތިމަންރަސްކަލާންގެ ކަލޭގެފާނާއި ކަލޭގެފާނުން ތައްޔާރު ކުރެއްވި ކާނާ ގެންގޮސްދޭނޭ މީހަކު ފޮނުއްވާހުށީމެވެ." ދެން އެކަލޭގެފާނުންނަށް އަމުރުކުރެވުނު ކަންތައް އެކަލޭގެފާނުން ކުރެއްވުމުން ﷲ ތަޢާލާ ފޮނުއްވި ފަރާތަކާއެކު އެކަލޭގެފާނުން ދާނިޔާލްގެފާނުންނާއި ހަމަޔަށް އެވަޅުގެ ތުންފަތް މައްޗަށް ވަޑައިގަތެވެ. ދާނިޔާލް ގެފާނުންނަށް އެކަލޭގެފާނުން ފެނިވަޑައިގަތުމުން ވިދާޅުވިއެވެ: ތީ ކޮން ބެއިކަލެއްހެއްޔެވެ؟ ޖަވާބުގައި ދެންނެވިއެވެ: ތިމަންކަލޭގެފާނުންނީ އަރުމިޔާއުއެވެ. ދާނިޔާލް ވިދާޅުވިއެވެ: ކަލޭގެފާނުން މިތަނަށް ވަޑައިގަތީ ކޮންކަމަކުހެއްޔެވެ؟ އެކަލޭގެފާނުން ވިދާޅުވިއެވެ: ކަލޭގެފާނުންގެ ވެރިރަސްކަލާންގެ ތިމަން ކަލޭގެފާނުން މިތަނަށް ފޮނުއްވެވީއެވެ. ދާނިޔާލްގެފާނުން ދެންނެވިއެވެ: ޙަމްދު ހުރީ އެކަލާންގެ ހަނދުމަކުރާ މީސްތަކުން މަތިން ހަނދުމަކުރައްވާ ﷲ އަށެވެ. އަދި ޙަމްދު ހުރީ އެކަލާންގެ އާއިމެދު އުއްމީދުހުރި މީސްތަކުންގެ ދުޢާ ޢިޖާބަކުރައްވާ ﷲ އަށެވެ. ޙަމްދު ހުރީ އެކަލާންގެ އަޅުތަކުންކުރެ އެކަލާންގެއަށް އިތުބާރުކުރާ މީސްތަކުން ނާކާމިޔާބު ނުކުރައްވާ ﷲ އަށެވެ. އަދި ކެތްތެރިކަމަށް އަޖުރު ދެއްވާ، ހެޔޮކަމަކަށް ހެޔޮކަމެއްދެއްވާ، މީސްތަކުންގެ ޢަމަލުތަކުގެ ސަބަބުން ހިތްދަތިކަން މެދުވެރިވާ ވަގުތު ސަލާމަތްކުރައްވަވާ، އަދި ހުރިހާ އުއްމީދެއް ކެނޑުމުން އުއްމީދު އަހަރެމެންނަށް ދެއްވާ ވެރިރަސްކަލާންގެއަށެވެ"


ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 246 ވަނަ އާޔަތުން ފެށިގެން 251 ވަނައާޔަތާއި ހަމަޔަށް މިނަބިއްޔާގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ.

"އަދި އެއުރެންނަށް އެއުރެންގެ ނަބިއްޔާ ވިދާޅުވިއެވެ. ހަމަކަށަވަރުން، އޭނާގެ ވެރިކަމުގެ ހެއްކަކީ، ތިޔަބައިމިހުންނާއިހަމަޔަށް ތާބޫތު (Ark of Covenant) އައުމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާންގެ ޙަޟްރަތުން ދެއްވާ ހިތްހަމަޖެހުމަކާއި. އީމާންކަމަކާއި، އަދި މޫސާގެފާނުންގެ އާލުވެރިންނާއި ހާރޫނުގެފާނުންގެ އާލުވެރިން، ދޫކުރެއްވި ތަކެތީގެތެރެއިން ބައެއް ތަކެތިވެސް، އެތާބޫތުގައި ވެއެވެ. (އެތަކެއްޗާއެކު) އެތާބޫތު، މަލާއިކަތުން އުފުއްލަވައިގެން ގެންނަވާނެތެވެ. ތިޔަބައިމީހުންނީ، މުއުމިނުންކަމުގައިވާނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެކަމުގައި ހެތްކެއް ވާކަން ކަށަވަރެވެ." (ބަޤަރާ: 248)

"ދެން ލަޝްކަރާއިގެން ތާލޫތު ނުކުމެ ވަޑައިގަތްހިނދު އޭނާ ވިދާޅުވިއެވެ: ހަމަކަށަވަރުން، ﷲ، ފެންކޯރަކުން ތިޔަބައިމީހުންގެ (ކިޔަމަންތެރިކަންހުރި) ގޮތް ބައްލަވާނެއެވެ. ފަހެ، އެކޯރުން ފެންބޮއިފިމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ތިމަންގެ މީހުންގެ ތެރެޔަކުން ނުވެތެވެ. އަދި އޭގެ ރަހަ ލިބިނުގަތް މީހާއީ، ހަމަކަށަވަރުންވެސް، ތިމަންގެ މީހުންގެ ތެރެއިންވާ މީހެކެވެ. އެމީހެއްގެ އަތުން އަތްގޮއްޓެއްގެ ފެން ލިބިގަތްމީހާ މެނުވީއެވެ." (ބަޤަރާ: 249)

Sunday, December 22, 2013



وَإِسْمَاعِيلَ وَالْيَسَعَ وَيُونُسَ وَلُوطًا ۚ وَكُلًّا فَضَّلْنَا عَلَى الْعَالَمِينَ
މާނައީ: (އަދި ތިމަންރަސްކަލާންގެ ހިދާޔަތުގެ އަލިމަގު) އިސްމާޢީލް ގެފާނަށާއި، އިލްޔަސަޢު ގެފާނަށާއި، އަދި ޔޫސުފު ގެފާނަށާއި އަދި ލޫތުގެފާނުންނަށް ދެއްކެވީމެވެ. އަދި އުއްމަތްތަކުގެ މައްޗަށް އެއެންމެހާ ބެއިކަލުން މަތިވެރިކުރެއްވެވީމެވެ." (ސޫރަތުލް އަންޢާމް: 86)
وَاذْكُرْ إِسْمَاعِيلَ وَالْيَسَعَ وَذَا الْكِفْلِ ۖ وَكُلٌّ مِنَ الْأَخْيَارِ
މާނައީ: އަދި އިސްމާޢީލްގެފާނުންގެ ވާހަކައާއި އިލްޔަސަޢުގެފާނުންގެ ވާހަކައާއި ޛުލް ކިފްލްގެފާނުންގެ ވާހަކަ ހަނދުމަކޮށްދެއްވާށެވެ. އެއެންމެ ބެއިކަލުންނީ އެންމެ ހެޔޮ ބެއިކަލުންނެވެ." (ސޫރަތުއް ޞާދު: 48)
އިބްން އިސްޙާޤް ވިދާޅުވިއެވެ. ޙަސަން ބަޞަރީގެ އަރިހުން ޤަތާދާ ރަޙިމަހުﷲ ރިވާކުރެއްވިއެވެ: އިލްޔަސަޢު ވަޑައިގެންނެވީ އިލްޔާސްގެ ފަހުންނެވެ. އެކަލޭގެފާނުންވެސް އެކަލޭގެފާނުންގެ ޤައުމުގެ މީސްތަކުންނަށް ދީނަށް ގޮވައިލެއްވިއެވެ. އަދި އިލްޔާސް ގެފާނުންނަށް ބާއްވައިލެއްވި ޝަރީޢަތާއި ޤާނޫނުތަކަށް ތަބާވުމަށް ގޮވައިލެއްވުމުގައި އެކަލޭގެފާނުން އަވަހާރަވެއްޖައުމަށް ދާންދެން ދެމިހުންނެވިއެވެ.


                    މާތް ﷲ ކީރިތި ޤުރުއާނުގައި އަންގަވާފައިވެއެވެ.
وَإِنَّ إِلْيَاسَ لَمِنَ الْمُرْسَلِينَ
إِذْ قَالَ لِقَوْمِهِ أَلَا تَتَّقُونَ
أَتَدْعُونَ بَعْلًا وَتَذَرُونَ أَحْسَنَ الْخَالِقِينَ
اللَّهَ رَبَّكُمْ وَرَبَّ آبَائِكُمُ الْأَوَّلِينَ
فَكَذَّبُوهُ فَإِنَّهُمْ لَمُحْضَرُونَ
إِلَّا عِبَادَ اللَّهِ الْمُخْلَصِينَ
وَتَرَكْنَا عَلَيْهِ فِي الْآخِرِينَ
سَلَامٌ عَلَىٰ إِلْ يَاسِينَ
إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ
إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ
 

މާތް ﷲ ކީރިތި ޤުރުއާނުގެ އަލް އަޢުރާފް ސޫރަތުގެ 85 ވަނަ އާޔަތުން 93 ވަނަ އާޔަތަށް ޝުޢައިބުގެފާނުންނާއި އެކަލޭގެފާނުންގެ ޤައުމުގެ މީހުންގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. އަދި ހޫދު ސޫރަތުގެ 84 ވަނަ އާޔަތުން 95 ވަނަ އާޔަތާއި ހަމަޔަށްވެސް މިވާހަކަ ބަޔާންކުރައްވާފައި ވެއެވެ. އަދި ޝުޢަރާ ސޫރަތުގެ 176 ވަނަ އާޔަތުން ފެށިގެން 191 ވަނަ އާޔަތުގެ ނިޔަލަށްވެސް ހަމަ މިވާހަކަ ބަޔާންކުރައްވާފައިވެއެވެ.

މަދްޔަނުގެ އަހުލުވެރިންނަކީ ޢަރަބީންނެވެ. އެމީހުން ދިރިއުޅޭ މަދްޔަނަކީ ސީރިޔާ ބޯޑަރު ކައިރީގައިވާ ޑެޑް – ސީ އާއި ދުރުނޫން ހިސާބެއްގައިވާ ރަށެކެވެ. އެރަށުގެ އަހުލުވެރިން ނިސްބަތްވަނީ އެމީހުންގެ ބަފައިކަލުން މަދްޔަން ބިން މާދިޔާން ބިން އިބްރާހީމް އަށެވެ.
ރަސޫލުﷲ ގެފާނުން ޝުޢައިބު ޢަލައިހިއްސަލާމާއި މެދު ޙަދީޘްކުރައްވާފައިވެއެވެ: އެކަލޭގެފާނުންނީ ނަބީބެއިކަލުންގެ ޚަޠީބެވެ (ފަށުވި ޢިބާރާތުން ޚުތުބާ ވިދާޅުވާ ނަބީއެވެ). = އަލް ޙާކިމް  2:568 =

މަދްޔަނުގެ އަހުލުވެރިންނަކީ މަގުފޭރޭ، މުދާވެރިން ބިރުގަންނަވާ އަދި އަލް އައިކަތެވެ ކިޔުނު ގަހަކަށް އަޅުކަންކުރާ ބައެކެވެ. އަދި އެބައިމީހުންނަކީ އެބައިމީހުންގެ މިނެކިރުމުގައި މަކަރުހަދާ ބައެކެވެ. ﷲ ޠަޢާލާ ޝުޢައިބުގެފާނުންނަށް މުޢުޖިޒާތް ދެއްކެވިއެވެ. ނަމަވެސް އެއިގެ ތަފްސީލެއް (އެއީ ކޮންކަހަލަ މުޢުޖިޒާތެއްކަމެއްވެސް) އިނގޭ ކަށެއްނެތެވެ.
Friday, December 20, 2013

އަންނަނިވި ވަޤުތުތަކަކީ ދުޢާ އިޖާބަ ކުރައްވާ ޚާއްޞަ ވަޤުތުތަކެވެ. މިނޫން ވަޤުތުތަކުގައި ކުރާ ދުޢާ ވެސް އިޖާބަކުރައްވާ ހުއްޓެވެ. ނަމަވެސް މީހަކު ވަރަށް ބޮޑަށް ތިމަންނާގެ ދުޢާ އެއް އިޖާބަވެ ނުވަތަ ފުރިހަމަވާން އެދޭ މީހާއަށްޓަކައި ދުޢާ އިޖާބަކުރައްވާ ޚާއްޞަ ވަޤުތުތައް ލިޔެލަމެވެ:

1.     ލައިލަތުލް ޤަދްރި ވިލޭރެއި: ޢާއިޝަތުގެފާނުން ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ގެފާނުންގެ އަރިހުން އެއްސެވިއެވެ: ތިމަންކަމަނާއަށް ލައިލަތުލް ޤަދްރި ވިލޭރެއަކީ ކޮބައިކަން އިނގިވަޑައިގެންފިނަމަ، އެރެއި ކުރައްވާނީ ކޮން ދުޢާއެއްތޯއެވެ؟" ރަސޫލުﷲ ގެފާނުން ޙަދީޘް ކުރެއްވިއެވެ: "ކިޔާށެވެ: ﷲހުމްމަ އިންނަކަ ޢަފުއްވުން ތުޙިއްބުލް ޢަފްވަ ފަޢުފު ޢަންނީ" (ޔާ ﷲ! ހަމަކަށަވަރުން އިބަރަސްކަލާންގެއީ ފާފަ ފުއްސަވާ އަދި ފާފަފުއްސަވަން ލޮބުވެތިވެ ވޮޑިގެންވާ އިލާހެވެ. ވީމާ މިއަޅާއަށް ފުއްސަވާންދޭވެއެވެ).
2.     ރޭގަނޑުގެ މެންދަމުގެ ހަމަހިމޭންކަމުގެތެރެ: ﷲ ތަޢާލާ ދުނިޔޭގެ އުޑަށް ތަޖައްލީވެ ވޮޑިގެން އައްސަވާނެތެވެ: "ތިމަން ރަސްކަލާންގެ އަށް ގޮވާލައްވަނީ ކާކުހެއްޔެވެ؟ އެމީހަކަށް އެއިރުން ތިމަން އިލާހު ޖަވާބުދެއްވާ ހުށީމެވެ. ތިމަން އިލާހުގެ ޙަޟްރަތުން އެދެނީ ކާކުހެއްޔެވެ؟ އެއީ އެމީހަކަށް ދެއްވާ ހުށީމެވެ. ތިމަން އިލާހުގެ ޙަޟްރަތުން ޢަފޫއަށް އެދެނީ ކާކުހެއްޔެވެ؟ އެމީހަކަށް ތިމަން ރަސްކަލާންގެ ފުއްސަވާ ހުށީމެވެ." = ބުޚާރީ : 1145 =

Wednesday, December 18, 2013



ސުކޫލެއްގައި ޤުރުއާން އުނގެނި ދަސްކުރާ ކުޑަ ފިރިހެންކުއްޖަކު އެއްދުވެސްވަރު އުޅެނެވެ. އެއްދުވަހަކު އޭނާ ފެންވަރަން ބޭނުންވެގެން ފެންވަރާ ކޮޓަރިއެއް ދޮށަށް ދިޔައެވެ. އޭނާގެ އަތަކު ފައިސާއެއް ނުވެއެވެ. އެހެންކަމުން އޭނާ އެތާންގެ ވެރިމީހާގެ ގާތުގައި ބުންޏެވެ: އަހަރެންގެ އަތަކު ދެރުފިޔާއެއް (ދެ ޤިރާން އެއް) ނެތެވެ. އެކަމަކު އެއިގެ ބަދަލުގައި އަހުރެން ޤުރުއާނުން ބައެއް ކަލެޔަށް ކިޔައިދޭނަމެވެ." އެކަމަކު އެތާންގެ ބޮޑުމީހާ އެކަމާއި ދެކޮޅު ހެދިއެވެ. އެކުއްޖާ އެގޮތް މިގޮތަށް އުޅެއުޅެވެސް އެކަމެއް ވާގޮތެއް ނުވިއެވެ.

އެހެންކަމުން އެކުއްޖާ އަމިއްލަ ނަފްސާއި އެންމެ ފަހުން ސުވާލުކޮށްލިއެވެ: ޤުރުއާނުގެ 10 އާޔަތް ކިޔައިދުނުމަށްވުރެ 2 ރުފިޔާގެ އަގު ބޮޑުވީމާ ދެން އެއިގެ މާނައަކީ އަހުރެން ޤުރުއާން ކިޔަވަން ގޮސްގޮސްފައި މިއުޅެނީ މިއީ ބޭކާރު ކަމެކެވެ.
މިހެން ހިތައި އެކުއްޖާ ސުކޫލަށް ދިޔުން ހުއްޓާލައިފިއެވެ.

އެއްދުވަހަކު އެކުދިންގެ އެދުރުބޭ އެކުދިންކުރެ އެއްކަލަ ކުއްޖާ ކޮބައިތޯ އެހިއެވެ. ދެން އެކުދިން އެކުއްޖާ ސުކޫލަށް އައުން ހުއްޓާލި ވާހަކަ ސަބަބާއެކު އެކީ ކިޔައިދީފިއެވެ.

އެއްދުވަހަކު މީހަކު ބޯ ކޮށާ ފިހާރަޔަކަށް ދިޔައެވެ. ބޯކޮށާ މީހާޔާއި ކޮށަން ދިޔަމީހާ ވާހަކަދައްކަމުން މަސަތްކަތްވެސް ކުރިޔަށް ގެންދެ އެވެ. ވާހަކައިގެ ތެރެއިން މި ބޯކޮށާ މީހާ ސުވާލު ކޮށްލި އެވެ.
ބޯކޮށާ މީހާ: “ކަލަކު ވޮޑިގެން ވޭތަ؟ މަ ޤަބޫލެއް ނުކުރާނަން
ބޯ ކޮށަން ގޮސް ހުރިމީހާ: “ކީއްވެ ތިހެން ތިބުނީ؟ ކަލޭ ޤަބޫލެއް ނުކުރަންތަ ކަލަކު ވޮޑިގެން ވާކަމެއް؟

ބޯކޮށާ މީހާ: “ވޮޑިގެން ވޭ! ދެން ކޮންހާ ފަޤީރުން ނެތް މިއުޅެނީ؟ ކޮންހާ ޙާލުގައި އުޅޭ މީހުން ނެތް މި އުޅެނީ؟ އެމީހުން ގެ ކޮން ކުށަކުން އެމީހުން އެހާ ޙާލުގައި އެއުޅެނީ؟” އިތުރު ކުރަމުން ބުނެލި އެވެ “ކަލާނގެ ހާދަ ފޭކޭ. އޭނަ ކުޅެނީ ޑްރާމަ ދޯ؟
ބޯ ކޮށަން ގޮސް ހުރިމީހާ ބަހުސް ކުރުމަށް ބޭނުން ނުވާތީ އެހަށް މަޑުކޮށްލައިގެން އޮތެވެ. މުޅިޔަކުން ދޭނެ ޖަވާބެއްވެސް ނޭންގެ އެވެ. ސަބަބަކީ ފަޤީރުން އުޅެއެވެ. އެއީ ހަމަ ތެދެކެވެ.
.
Monday, December 16, 2013



"ރަށެއްގެ އަހުލުވެރިންގެ ވާހަކަ މިސާލެއްގެ ގޮތުގައި، ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! (އެއީ) އެއުރެންގެ ގާތަށް ރަސޫލުން ވަޑައިގަތްހިނދުގައެވެ. ތިމަންރަސްކަލާންގެ އެއުރެންގެ ގާތަށް ދެރަސޫލުން ފޮނުއްވިހިނދެވެ. ފަހެ، އެއުރެން އެދެބޭކަލުން ދޮގުކުޅައޫއެވެ. ދެން ތިންވަނަ ބެއިކަލަކު ފޮނުއްވުމުން، އެދެބެއިކަލުންނަށް ގަދަކަން ދެއްވީމެވެ. ފަހެ، އެބޭކަލުން ވިދާޅުވޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ ރަސޫލުންނެވެ. އެއުރެން ބުނޫއެވެ. ތިމަންމެންފަދަ އާދަމްގެ ދަރިން ކަމުގައި މެނުވީ ތިޔަބެއިކަލުން ނުވަމުއެވެ. އަދި ރަޙުމާން ވަންތަ ރަސްކަލާންގެ އެއްވެސް އެއްޗެއް ބާވައެއް ނުލައްވައެވެ. ދޮގުހަދާ ބަޔަކުކަމުގައި މެނުވީ ތިޔަބެއިކަލުން ނުވަމުއެވެ. އެބޭކަލުން ވިދާޅުވޫއެވެ. ހަމަކަށަވަރުން، ތިމަންމެންނީ ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ ރަސޫލުންކަން، ތިމަންމެންގެ ވެރިރަސްކަލާންގެ ދެނެވޮޑިގެންވެތެވެ. އަދި ބަޔާންވެގެންވާ އިއްވުން މެނުވީ، ތިމަންމެންގެ މައްޗަކަށް ނުވެއެވެ. އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިޔަބެއިކަލުންގެ ސަބަބުން، ތިމަންމެންނަށް ސުންޕާކަން ލިބިއްޖެއެވެ. ތިޔަބެއިކަލުން ތިޔަކަން ހުއްޓައިނުލެއްވިނަމަ ތިމަންމެން ތިޔަބެއިކަލުން ރަޖަމް ކުރާހުށީމުއެވެ. ހަމަކަށަވަރުން، ތިމަންމެންގެ ކިބައިން ތިޔަބޭކަލުންނަށް ވޭންދެނިވި ޢުޤޫބާތް ލިބިދާހުށިކަން ކަށަވަރެވެ." (ޔާސީން: 13 – 18)



މީހަކު ރާބިޢާ ބިންތި އިސްމާޢީލް އަލް ޢަދަވިއްޔާ، މަޝްހޫރު ލަޤަބުންނަމަ "ހެޔޮކަންތައްތަކުގެ މަންމަ" ނުވަތަ "މަޝްހޫރު އަޅުވެރިޔާ" ގެ އަރިހަށް ދިޔައެވެ. އަދި ބުންޏެވެ: 'ހަމަ ކަށަވަރުން އަހަރެންނަކީ ފާފަތަކަށް އަރައިގަތުން ގިނަ މީހެކެވެ. އަހުރެން ތައުބާވެއްޖެނަމަ، އަހަރެންގެ ތައުބާ ޤަބޫލު ކުރައްވާނޭކަމާއިމެދު ކަމަނާ އަށް ވިސްނެނީ ކިހިނެއްހެއްޔެވެ؟'
އެކަމަނާ ވިދާޅުވިއެވެ: 'ހަލާކު ހުއްޓެވެ! އެކަލާންގެއީ އެކަލާންގެއަށް ފުރަގަސްދީ އެނބުރިދާ މީސްތަކުންނަށް ދަޢުވަތު ދެއްވާ ކަލާންގެއެވެ. އެހެންވީމާ އަމުދުން މީހަކު އެކަލާންގެ ޙަޟްރަތަށް އެނބުރި އައިސް ތައުބާވުމުން އެތައުބާ ޤަބޫލު ނުކުރައްވާނެހެއްވެ؟"
 
ރެފަރެންސް: ސްޓޯރީސް އޮފް ރިޕެންޓެންސް (މުޙައްމަދު ޢަބްދު މުޣާވިރީގެ) / ދާރުއްސަލާމް ޕަބްލިކޭޝަނެއް



ސާޢިދު ބިން ޖުބައިރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ: ތިމަންކަލޭގެފާނުން އިބްން ޢައްބާސްގެ އަރިހުގައި ދެންނެވީމެވެ. "ނައުފުލް ބިކާލީ ބުނާގޮތުންނަމަ މޫސާ ޢަލައިހިއްސަލާމް، ޚިދުރުގެފާނުންގެ އެކުވެރިޔާ މޫސާ އަކީ ބަނީއިސްރާއީލުންގެ މީސްތަކުންގެ މައްޗަށް ފޮނުއްވި ރަސޫލާ މޫސާ ގެފާނުންނެއްނޫނެވެ." އިބްން ޢައްބާސް ވިދާޅުވިއެވެ. "ﷲ ގެ ޢަދުއްވު ނައުފު އެހަދަނީ ދޮގެވެ. "އުބައްޔު ބިން ކަޢުބުގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނުން ރަސޫލުﷲ ގެފާނުން ހަދީޘް ކުރައްވާ އަޑުއެއްސެވިއެވެ: "މޫސާގެފާނުން އެއްދުވަހަކު ބަނީ އިސްރާއީލުންގެ މީސްތަކުންނަށް އެއްދުވަހަކު ޚުތުބާއެއް ދެއްވިއެވެ. އެޚުތުބާގައި ވިދާޅުވިއެވެ: ތިޔަބައިމީހުންގެ ތެރޭގައި އެންމެ ޢިލްމީ މީހަކީ ކާކުހެއްޔެވެ؟ ދެން މޫސާގެފާނުން ޖަވާބުދެއްވިއެވެ. "(އެމީހަކީ) ތިމަންކަލޭގެފާނުންނެވެ" ﷲ ޠަޢާލާ އެކަލޭގެފާނުންނަށް (އަދަބު ވެރިވުމަށް) ނަޞޭޙަތްތެރިވެވަޑައިގަތެވެ. އަދި ވަޙީކުރެއްވެވިއެވެ: ދެކަނޑު ގުޅޭ ހިސާބުގައި ތިމަންރަސްކަލާންގެ އަޅުތަކުންކުރެ ކަލޭގެފާނުންނަށްވުރެ ޢިލްމުވެރިކަންބޮޑު ބެއިކަލަކު ވެއެވެ. މޫސާގެފާނުން ވިދާޅުވިއެވެ: ތިމަންކަލޭގެފާނުން އިބަ ﷲ ގެ އެއަޅާއާއި ބައްދަލު ކުރާނީ ކިހިނެތްހެއްޔެވެ؟ ﷲ ވަޚީކުރެއްވެވިއެވެ: ބާސްކެޓަކަށް މަހެއް ލައިގެން ހިންގަވައިގަންނާށެވެ. ދެން މޫސާގެފާނުން އެގޮތުގެ މަތީން އެކަލޭގެފާނުންގެ ފިރިހެން ނޯކިރީ ކުއްޖެއްކަމުގައިވާ ޔޫޝަޢުބިން ނޫން އާއި އެކު ވަޑައިގަތެވެ.
Friday, December 13, 2013


ފުރިހަމަ ނަން: އަބޫ ޢަބްދުﷲ ޝަމްސުއްދީން އައް ޛަހަބީ
އުޅުއްވި ދުވަސްވަރު: 673 – 748 ހިޖްރީ / 1274 – 1348 މީލާދީ / (މިއީ އައްބާސީ ޚިލާފަތުގެ ފަހެވެ)
މަޝްހޫރުވެވަޑައިގެންނެވި ދާއިރާ: ޙަދީޘް / ތާރީޚް
ގިނައިން ދިރިއުޅުއްވި ތަން: ދިމިޝްޤް

ބައެއް އުއްތާޛުން: އެކަލޭގެފާނުން މަޝްހޫރު 100 އެއްހާ އަންހެން ޢިލްމުވެރިންގެ އަރިހުން ކިޔަވައި ވިދާޅުވިކަމުގައި ވެއެވެ.
ޒައިނަބް ބިންތި ޢުމަރު އަލް ޚިންދީ
ޝައިޚުލް އިސްލާމް އިމާމް އިބްން ތައިމިއްޔާ
ޝަރަފުއްދީން އަލް ދިމްޔަތީ، ޢަބްދުލް މުއުމިން ބިން ޚަލަފް، މިސްރުގެ އެއިރުގެ އެންމެ ޙަދީޘް އަށް ބޮޑު ޢިލްމުވެރިން



ތާރީޚް ޢިލްމުވެރިން ވިދާޅުވާގޮތުގައި އައްޔޫބު ގެފާނުންނަކީ ވަރަށް ތިޔާގި މުއްސަނދި ބެއިކަލެކެވެ. އެކަލޭގެފާނުންގެ ބައިވަރު ދަރިން ވެއެވެ. އެކަލޭގެފާނުންނަށް ހުރިހާ ވައްތަރެއްގެ މުދަލާއި ނާމް ސޫފީގެ ތެރެއިން ބައިވަރެއް ލިބިގެން ވެއެވެ.
ދެން ﷲ ތަޢާލާ އެހުރިހާ އެއްޗެއް ނަންގަވާ އެކަލޭގެފާނުން އިމްތިޙާން ކުރެއްވިއެވެ. އެކަލޭގެފާނުންގެ ބަލި ބޮޑުވާންފެށުމުން އެކަލޭގެފާނުންގެ ރަޙުމަތްތެރިން އެކަލޭގެފާނުން ދޫކޮށްލިއެވެ. އަހުލުންވެސް އެކަލޭގެފާނުން ދޫކޮށްލިއެވެ. އަދި އެކަލޭގެފާނުން ނަގައިގެން ގެންގޮސް ކުނިގޮނޑަކަށްވެސް އެއްލާލީއެވެ. އެކަލޭގެފާނުންގެ އަނބިކަނބަލުން ފިޔަވ އެކަލޭގެފާނުންނަށް ލޯބި ހުރި އެކަކުވެސް ނެތެވެ. އެކަމަނާ އެކަމަނާގެ ފިރިކަލުންނާއި އެކަމަނާ ކެއުމައްޓަކައި މަސައްކަތްކުރެއްވިއެވެ. އަދި އެދެމަފިރިކަނބަލުންނަށް ޖެހިފައިވާ މުސީބާތައް ކެތްތެރިވެވަޑައިގެންނެވިއެވެ.
ރަސޫލުﷲ ގެފާނުން ޙަދީޘްކުރެއްވިއެވެ:

"މީސްތަކުންކުރެ އެންމެ އިމްތިޙާނުގައި ގަދަފަދައީ ރަސޫލުންނަށް ކުރިމަތިވާ އިމްތިޙާނުތަކުގައެވެ. އެއަށްފަހު ޞާލިޙުންގެ އިމްތިޙާނުގައެވެ. ދެން އެއާއި އެއްފަދަ މީސްތަކުންގެ އިމްތިޙާނުގައެވެ." އެކަލޭގެފާނުން ޙަދީޘްކުރެއްވިއެވެ: "މީހާ އިމްތިޙާނު ކުރެވޭ ހުށީ އޭނާ ދީނުގައި ސާބިތުވީ މިންވަރެއްގެ މައްޗަށެވެ. އެމީހަކީ ދީނުގައި ވަރުގަދަ މީހަކުކަމުގައި ވަނީނަމަ، އޭނާގެ އިމްތިޙާނު ގަދަފަދަވާނެއެވެ." އައް ތިރުމިޛީ: 2398، އިބްން މާޖާ: 4023

Thursday, December 12, 2013



ޢުޘްމާން ރަޟިޔަﷲ ޢަންހް ގެ ގެކޮޅު 40 ދުވަސް ވާންދެން ބަންދުކުރެވިފައިވިއެވެ. އެ 40 ދުވަހުގައި ދުވާލު އެކަލޭގެފާނުން ހުންނެވީ ރޯދައަށެވެ. ރެއިގަނޑު ހުންނަވަނީ ނަމާދަށެވެ. 40 ވަނަ ރެއި ހުވަފެންފުޅެއްގައި ޢުޘްމާންގެފާނުންނަށް ކީރިތި މާތް ރަސޫލާ އާއި ބައްދަލުވެވަޑައިގަތެވެ. އަދި އެކަލޭގެފާނުން ޙާދީޘްކުރެއްވިއެވެ: އޭ ޢުޘްމާންއެވެ! މާދަން ކަލޭގެފާނުން ރޯދަ ހުންނަވާނީ ތިމަންކަލޭގެފާނުންނާއި އެކުގައެވެ. ޢުޘްމާންގެފާނުން ތެދުވެވަޑައިގަތުމުން އެކަލޭގެފާނުންގެ މޫނުފުޅުމަތި އުޖާލާކަމުން ފުރިގެންވާތަން ނާއިލާ ރަޟިޔަﷲ ޢަންހާއަށްފެނިވަޑައިގަތެވެ. އަދި ތެދުވެވަޑައިގެން އެންމެ ފުރަތަމަ ކުރެއްވެވި ކަމަކީ ނިކުމެ ވަޑައިގެން ދޮރުވާނުގެ ގާތުގައި ދެންނެވިއެވެ. ﷲ އަށްޓަކައި ތިމަންކަލޭގެފާނުންގެ ފަރާތުން މީހެއްގެ ލެއި އޮހޮރުވާނުލައްޗެވެ. (މާނައީ ތިމަންކަލޭގެފާނުން ސަލާމަތްކުރުމުގެ ގޮތުން).

ދެން އެކަލޭގެފާނުން ޤުރުއާން ފޮތް ނަންގަވައި ކިޔަވާ ވިދާޅުވާން ފެއްޓެވިއެވެ. އެއިރުގެ އެފިތުނަގަނޑުގެތެރެއިން ބާޣީއަކު އުޘްމާންގެފާނުންގެ ގެކޮޅު މަތިން ފުންމައިގެން އެކަލޭގެފާނުންގެ އަރިހަށް އައިސް އެކަލޭގެފާނުންގެ ތުނބުޅިފުޅުގައި ހިފިއެވެ. ނަމަވެސް ޢުޘްމާންގެފާނުން ދެންނެވި އެއްޗަކުން އެމީހަކު ބިރުގަނެ އެތަނުން ފިލައިގެން ދިޔައެވެ. ބުނެވޭގޮތުން ދެން އައީ މިސްރުގެ ދެމީހެކެވެ. އެދެމީހުންނަށް ޢުޘްމާނެއް އެހެންމީހެއް ވައްކެތްނުވެއެވެ. އެދެމީހުން އަންނަތަން ފެނުމުން އެކަލޭގެފާނުން އެންމެ ފުރަތަމަވެސް ކުރެއްވެވި ކަމަކީ އެކަލޭގެފާނުންގެ ހެދުންކޮޅު (ފަސޭހައިން) ނުބޭލޭ ފަދައަކުން ގޮށްޖަހައިލުމެވެ. މިފަދަ ގަޑިއެއްގައިތޯއެވެ؟ އާއެކެވެ. އެކަލޭގެފާނުންނަކީ ޙަޔާތްހުރި ބެއިކަލެކެވެ. އެކަލޭގެފާނުންގެ އައުރަ ކަޝްފުވާކަށެއް އެކަލޭގެފާނުން ނޭދެއެވެ.

Wednesday, December 11, 2013



ﷲ ޠަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރެއްވިއެވެ:

وَعَادًا وَثَمُودَ وَأَصْحَابَ الرَّسِّ وَقُرُونًا بَيْنَ ذَٰلِكَ كَثِيرًا
وَكُلًّا ضَرَبْنَا لَهُ الْأَمْثَالَ ۖ وَكُلًّا تَبَّرْنَا تَتْبِيرًا
ޢާދު އާއި ޘަމޫދު ބާގައިގެ މީހުން ހަލާކުކުރެއްވީމެވެ. އަދި އެފަދައިން ރައްސުގެ އަހުލުވެރިންނާއި އެދެމެދުގައިވާ ގިނަ އަހުލުވެރިންވެސް ހަލާކުކުރެއްވީމެވެ. އެއިން ކޮންމެ ބަޔަކަށް ތިމަން ރަސްކަލާންގެ ނަޞޭޙަތްތެރިވުމުގެ ގޮތުން ކުރީގެ މީސްތަކުން ހަލާކުކުރެއްވުނުކަމުގެ ވާހަކައިން އިންޒާރުކުރެއްވީމެވެ. އެބައިމީހުން ތިމަން ރަސްކަލާންގެ ވަޙީބަސްފުޅު ދޮގުކޮށް ބާކީކުރިއެވެ. އެހެންކަމުން އެއިގެ އެންމެހާ މީސްތަކުން ތިމަން ރަސްކަލާންގެ ހަލާކުކުރެއްވީމެވެ. (އަލް ފުރުޤާން: 38، 39)

އިބްން އަސާކިރު އެކަލޭގެފާނުންގެ ތާރީޚް ފޮތް ފައްޓަވަމުން ދިމިޝްޤްގެ ޢިމާރާތްތަކާއިމެދު ޢަބްދުﷲ ބިން ޖަރްދާދް އާއި އެހެނިހެން ބެއިކަލުންގެ އަރިހުން ރިވާކުރައްވާފައިވެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ހަންޟަލާ ބިން ސަފްވާން އޭކިޔުނު ރަސޫލަކު އައް ރައްސްގެ މީހުންގެ ގާތަށް ފޮނުއްވުނެވެ. ނަމަވެސް އެމީހުން އެކަލޭގެފާނުން ބާކީކޮށް ޤަތުލުކުރިއެވެ. އެހެންވެ ޢާދު ބިން އައުސް ބިން އެރާމް ބިން ސާމް ބިން ނޫޙް އާއި އެކަލޭގެފާނުންގެ ދަރިކަލުން އައް ރަސް ދޫކޮށް އަޙްޤާފް ގައި ކޭމްޕް ޖެއްސެވިއެވެ. ދެން ﷲ ތަޢާލާ ރައްސުގެ މީހުން ހަލާކު ކުރެއްވިއެވެ.